ސީދާ ގޭންގުތަކުން ސިޔާސީ ބައެއް ކަންކަން ކޮންޓްރޯލްކުރާތީ އާއި އެއަށްވުރެ ވެސް މައްޗަށް ދާން ރޭވުންތެރިކަމާ އެކު މަސައްކަތްކުރާތީ ފެނޭ
ދެ މީހަކު ހިނގާފައި ދާއިރު އެ މީހުން ފަހަތުން ހިޔަނި ފެންނަން: ސިޔާސީ މީހުންގެ ހިޔަނީގައި ފިލައި ތިބި ގޭންގު މެންބަރުން ސިޔާސީ ކަންކަމަށް ނުކުމެ ބާރުވެރިކަން ހޯދަން އުޅޭ މަންޒަރު މިހާރު ފެނޭ.
14 މެއި 2023 - 07:56
ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި ހުރިހާ ކަމެއް ސިޔާސީވެ ނިމެން ނެގީ ހިނދުކޮޅެކެވެ. ކުށުގެ ވެށި ވެސް އެކަމުން އިސްތިސްނާއެއް ނުވި އެވެ. އޭރުން ފެށިގެން ބައެއް ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ މީހުން އެ ބައެެއްގެ ސިޔާސީ ފިކުރު ފަތުރައި މީހުންގެ ސިކުނޑިއާ ކުޅޭ ހަތިޔާރެއްގެ ގޮތުގައި ގޭންގުތައް ބޭނުންކުރި އެވެ.
އޭރު ސިޔާސީ ޕާޓީތަކުން ފައިސާ ދީގެންނާއި އެހެން ކަންކަން ކޮށްދީގެން މުޒާހަރާކޮށް ހަމަނުޖެހުން ހިންގައި ތަންތަނުގެ ބިއްލޫރި ތަޅައި ހުޅުޖަހަން ގެންގުޅުނު ގޭންގު މެންބަރުންގެ ބާރު މިހާރު ގަދަވެއްޖެ އެވެ. ފައިސާ ކޮޅަކަށް ނުވަތަ ރާ ފުޅިއަކަށްޓަކައި އެހެން މީހުންގެ މުދަލާއި ފުރާނައަށް ނުރައްކާކުރަން އޭރު އުޅުނު އެތައް ބަޔަކު ސިޔާސީ ކޮންމެވެސް ކުލަޔަކުން ސިފަ ބަދަލުކޮށްގެން ނުކުމެއްޖެ އެވެ.
ގޭންގުތަކުގެ މިސްރާބު ހުރި ދިމާލާ ބެހޭ ގޮތުން ވާހަކަ ދެއްކެވި ސަލާމަތީ ހިދުމަތްތަކުގެ އިސް ބޭފުޅަކު ވިދާޅުވީ އެކި ސަރުކާރުތަކުން ގޭންގުތަކުގެ ބޭނުން ހިފަމުން އައިސް މިހާރު އޮތީ ވަރަށް ނުރައްކާ ހިސާބެއްގައި ކަމަށެވެ.
"ކުރިން އާންމުކޮށް އެންމެން ވެސް ބުނެ އުޅެނީ ގޭންގުތަކަށް ފައިސާ ދީގެން ސިޔާސީ މީހުން ކަންކަން ކުރުވާ ވާހަކަ. މިހާރު އިވޭނެ ސިޔާސީ މިވެނި މީހަކީ ގޭންގުތަކުން ކޮންޓްރޯލްކުރާ މީހެކޭ ބުނާ އަޑު. އެވެނި މީހަކު މަޖިލީހަށް ހޮވަން ކޮންމެވެސް ގޭންގަކުން ފަންޑުކުރިއޭ، ކެމްޕޭންކުރިއޭ ބުނާ އަޑު،" ހާލަތު ބަދަލުވަމުންދާ ގޮތުގެ ފަސޭހަ މިސާލެއްގެ ގޮތުން އޭނާ ވިދާޅުވި އެވެ.
މާލޭގެ އެކި ހިސާބުތަކުން އެކި ގޭންގުތަކުން ކޮންޓްރޯލްކޮށް ފުލުހުންނަށް ވެސް އެ ތަންތަނާ ގާތްވުން އެއީ ނުރައްކަލަކަށްވާ ހިސާބަށް މިހާރު ގޮސް އޮތީ ގޭންގުތައް ބާރުވެރިކުރުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު ސީދާ ގޭންގުތަކުން ސިޔާސީ ބައެއް ކަންކަން ކޮންޓްރޯލްކުރާތީ އާއި އެއަށް ވުރެ ވެސް މައްޗަށް ދާން ރޭވުންތެރިކަމާ އެކު މަސައްކަތްކުރާތީ ފެންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ފުލުހުންގެ ވެހިކަލަކަށް އަރުވަނީ: ސިޔާސީ ބޭނުމަށް ގޭންގުތައް ބާރުވެރިކޮށް އެ މީހުންގެ މައްޗަށް ގާނޫނު ނުހިންގޭ ދަރަޖައަށް ވަނީ ކަންކަން ގޯސްވެފައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު
"ސިޔާސީ ޕާޓީތަކުގެ އެކި މަޖިލިސްތަކުގެ މެންބަރުންގެ ގޮތުގައި އެ މީހުން އެބަ ފެނޭ. ސިޔާސީ މީހުން ގޭންގު މެންބަރުން ކޮންޓްރޯލްކުރި ދުވަސްވަރަށް ފަހު އެ މީހުން ސިޔާސީ މީހުންނާ އެއް ސަފަށް މި އަންނަނީ. ދެން ފެންނަން ފަށާނީ ރައްޔިތުންގެ މަޖިލީސް ފަދަ ތަންތަނަށް އެ މީހުން ނުކުންނަ މަންޒަރު،" ސިޔާސީ ޕާޓީތަކަށް ވެސް މިކަން ވަރިހަމަ ވެފައިވާ ކަމަށް ސިފަކުރައްވަމުން އޭނާ ވިދާޅުވި އެވެ.
އެއީ ތެދެކެވެ. މީގެ ކުރިން ކިޔަމުން އައީ މުޒާހަރާ ލީޑުކުރީ ގޭންގު މީހުން ކަމަށެވެ. ހަމަނުޖެހުން ހިންގީ ވެސް ގޭންގު ނެރެގެން ކަމަށެވެ. އެ މަންޒަރު ވެސް އޭރު ފެނުނެވެ. އެކަމަކު އޭރު ލަޓިގަނޑު ހިފައިގެން ނުކުމެ ތަންތަން ތަޅައި ސުންނާފަތިކުރަން އުޅުނު މީހާ ޕާޓީގެ ލީޑަރާ އެއް ސަފެއްގައި ޕާޓީގެ ޖަލްސާގައި ވެސް އިނދެފާނެ އެވެ. ސިޔާސީ ވަކި ޕާޓީއަކަށް މިކަން ހާއްސައެއް ނޫނެވެ.
ސިޔާސީ ޕާޓީއެއްގެ އިސް ބޭފުޅަކު ވިދާޅުވީ ޕާޓީތަކުގެ އަސާސީ ގަވައިދާ އެއްގޮތަށް މީހަކު ޕާޓީއެއްގެ މަގާމަކަށް ކުރިމަތިލުމަށް ހުރަހެއް ނެތް ކަމަށާއި އެހެންވެ އެއީ ވަކި ގޭންގެއްގެ މީހެކޭ، ކުރިން މިވެނި ކަމެއް ކުރި މީހެކޭ ބުނެ ހުއްޓުވެން ނޯންނަނީ ކަމަށެވެ.
"ކޮންމެ މީހަކަށް ވެސް ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށް ވެވޭ. ޝަރުތު ހަމަވާ ނަމަ ޕާޓީގެ މަގާމުތަކަށް ކުރިމަތިލެވޭ. ދެން އެ މީހަކު ހިމެނޭ ދާއިރާއެއްގެ މެންބަރުން ވޯޓު ދީގެން މި އިންތިހާބުވަނީ. އެހެންވެ ކޮންމެ މީހަކަށް ވެސް ޕާޓީގެ އިސް ސަފާ ހިސާބަށް ވެސް ފުރުސަތު އޮވޭ،" އޭނާ ވިދާޅުވި އެވެ.
އެހެން ބުންޏަސް ޕާޓީތަކުގެ ބާރު ރާއްޖޭގެ އެކި ހިސާބުތަކުގައި ގަދަކުރުމަށް ޕާޓީތަކުގެ ގޮފިތައް ހެދުން ފަދަ ކަންކަން ފަސޭހަކޮށްލަން ފަންސާހަކަށް މީހުން ވެސް ގޮފި ހަދަންވީ އެވެ. ކުދިންކޮޅެއް އެއްކޮށްލައިގެން ޕާޓީއަށް ފޯމު ފުރާލާފައި އެ މީހުންގެ ތާއީދާ އެކު ޕާޓީތެރެއަށް ދެމިގަންނަންވީ އެވެ. ގުޅިފައި ހުންނާނީ ޕާޓީތެރެއިން ވަރުގަދަ މީހަކާ އެވެ.
ރާއްޖޭގެ ފަހުގެ ސިޔާސީ ކޯޅުންތައް ފެށިގެން އައި އިރު ސިޔާސީ ކަންކަމާއި ގޭންގުތަކާ އޮތް ގުޅުން 2012 ވަނަ އަހަރު އޭޝިއާ ފައުންޑޭޝަނުން ޝާއިއުކުރި ދިރާސާ "ރެޕިޑް ސިޗުއޭޝަން އެސެސްމަންޓް އޮފް ގޭންގްސް އިން މާލެ" ގައި ކިޔައިދީފައިވެ އެވެ. އެ ދިރާސާއަށް މިހާރު ބަލައިލުމުން ސިޔާސީ މީހުން އެ ވަގުތުގެ މަންފާ އަށް ހޯދީ އަމިއްލަ ހަލާކުކަން ސިފަކުރެވެ އެވެ.
ގޭންގުތަކުގެ މީހުންނާ ވާހަކަ ދައްކައިގެން ހެދި އެ ދިރާސާގައި ބުނެފައިވާ ގޮތުގައި އެ ދުވަސްވަރު މާލޭގައި 20-30 ގޭންގު އުޅެ އެވެ. އޭރު ގޭންގެއްގައި 50-400 އާ ދެމެދުގެ އަދަދަކަށް މީހުން އުޅެ އެވެ. ތަފާތު އެކި ސަބަބުތަކާ ހެދި މަގު ގެއްލިފައި ތިބި ޒުވާނުންގެ މައްޗަށް އުފެދުނު ގޭންގުތަކުގެ ނަހަމަ ބޭނުން ސިޔާސީ މީހުން ހިފައި އެ ޒުވާނުން އިތުރަށް ހަލާކުކޮށް އެ ތިބި އަނިޔާވެރި، ކުށްވެރި ވިސްނުމުގައި ބާރުވެރިކުރުވީ ސިޔާސީ ގޮތުން މޮޅުތަކެއް ލިބޭނެ ކަމަށެވެ. އެކަމަކު ގޭންގު މެންބަރުން ސިޔާސީ މީހުންނަށް އެއްވެސް އިތުބާރެއް ނުކުރެ އެވެ. އެހެންވެ އެ ދުވަސްވަރުން ފެށިގެން ވެސް އެ މީހުންގެ ވިސްނުން ހުރީ ސިޔާސީ މީހުން އެ މީހުންގެ އަތްދަށުލުމަށެވެ.
"ސިޔާސީ މީހުންނާއި ގޭންގު މެންބަރުން ތިބެނީ އެއްބަޔަކު އަނެއް ބަޔަކަށް ބަރޯސާވެގެންނެވެ. ގޭންގު މެންބަރުންގެ މައްޗަށް ތަންފީޒީ އިދާރާތަކުގެ ބާރު ހިންގިޔަ ނުދިނުމަށް ސިޔާސީ މީހުންގެ ބޭނުން ހިފާއިރު ސިޔާސީ މީހުން އެ މީހުންގެ ސިޔާސީ ބޭނުންވާ އެކި ކަންކަން ގޭންގުތައް ލައްވާ ކުރުވަ އެވެ. އަދި ސިޔާސީ މީހުންގެ ޣައިރު ގާނޫނީ އަމަލުތައް ގޭންގުތަކަށް އެނގުމުން އެ ހިސާބުން ސިޔާސީ މީހުން ބްލެކްމެއިލް ވެސް ވެ އެވެ." ދިރާސާގައި ބުނެފައިވެ އެވެ.
ގޭންގު މެންބަރުން ސިޔާސީ މީހުންނަށް އިތުބާރެއް ވެސް އިހުތިރާމެއް ވެސް ނުކުރެ އެވެ. މިއީ ޒުވާން ޖީލު ޑިމޮކްރަސީ ބަލައިގަންނާނެ ގޮތާ މެދު ކަންބޮޑުވާންޖެހޭ ކަމުގެ ނިޝާނެއް ގޮތުގައި މި ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
ފެބްރުއަރީ 7، 2012 ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ހަމަނުޖެހުންތައް ކޮންޓްރޯލްކުރަން ސިފައިންނާއި ފުލުހުން މަސައްކަތްކުރަނީ: ސިޔާސީ ކޮންމެ ހަލަބޮލިކަމަކާ އެކު ގޭންގު ކުށްތައް ވެސް އިތުރުވޭ. -- ފައިލް ފޮޓޯ
އެ ދިރާސާގައި ވެސް ފެންނަން އޮތީ މާލޭގައި ގޭންގު ހަރަކާތްތައް އިތުރުވީ ވެސް ސިޔާސީ ކަންކަމާ ގުޅިގެން ކަމަށެވެ.
ދިރާސާއަށް ވާހަކަ ދެއްކި ގޭންގު މެންބަރުން ބުނެފައިވާ ގޮތުގައި 2003 ވަނަ އަހަރު މާފުށީ ޖަލުގައި އަނިޔާގެ ސަބަބުން ގައިދީއަކު މަރުވުމާއި އެކަމާ ގުޅިގެން އުފެދުނު ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން ކުއްލިއަކަށް ގޭންގުތައް ގިނަވި އެވެ. އަދި ސިޔާސީ ޕާޓީތައް އުފައްދައި ސިޔާސީ ބާރުވެރިކަން ދެމެހެއްޓުމަށް އެކި ޕާޓީތަކުން އެކި ގޭންގުތަކާ ގުޅިގެން މަސައްކަތްކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.
ސިޔާސީ ދާއިރާގެ ބައެއް މީހުންނާއި ބައެއް ވިޔަފާރިވެރިން އެ މީހުން ބޭނުންވާ ކަންކަން ގޭންގުތައް ބޭނުންކޮށްގެން ކުރުމަށް ފަހު ބަދަލުގައި ފައިސާ ދޭ ކަމަށް ގޭންގު މީހުން ބުނެފައި ވެ އެވެ. އޭގައި ބުނެފައިވާ ގޮތުގައި، މުޒާހަރާއެއްގައި ބައިވެރިވުމުން ނުވަތަ ވަކި ކަމަކާ ގުޅުވައިގެން ހަމަނުޖެހުން އުފައްދައި ތަންތަނަށް ގެއްލުން ދިނުން ފަދަ ކަންކަން ކޮށްދިނުމުން ބަދަލުގައި ފައިސާ ދިނުމުން އޭގައި ނުހިފާ ގޭންގެއް ވަރަށް މަދުވާނެ އެވެ. ފައިސާ ނުވަތަ ރަލަށް ވެސް މިފަދަ ކަންކަން ކޮށްދެ އެވެ. ނުވަތަ ގޭންގު މެންބަރުން ޕާޓީކުރަން ސަފާރީއެއް ހަމަޖައްސައިދެނިކޮށް ވެސް އެ މީހުން ބުނާ ކަންކަން ކުރެ އެވެ.
މި ދިރާސާއިން އެނގުނު ގޮތުގައި ސިޔާސީ މީހުން ބުނާ ކަންކަން ކޮށްގެން ގޭންގުތަކުގެ ލީޑަރުންނަށް އޭރު މަހަކު މިލިއަނެއްހާ ރުފިޔާ ލިބުނެވެ. މި ފައިސާ މަސްތުވާތަކެތީގެ ވިޔަފާރި އާއި އެކި ކަންކަމަށް އިންވެސްޓުކޮށް މުއްސަނދިކަން ހޯދައި، އެންމެ ފަހުން ސިޔާސީ މީހުންނާއި ސިޔާސީ ހަރަކާތްތަކަށް ފަންޑުކުރާ ބަޔަކަށް އޭރުގެ ގޭންގު ލީޑަރުން ވީ އެވެ. އެ މަރުހަލާ ނިމި ދެން އޮތީ ސިޔާސީ މީހުންގެ ނިވަލުން ނުކުމެ އެ މީހުން ސިޔާސީ ބާރުވެރިކަން ފާޅުގައި ހޯދުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެލުންތެރިޔާ
16 May 2023
މިހާރު ހުޅުމާލޭ ބީޗް ގައި ހުންނަ ބައެއް ވޯޓރ ސްޕޯޓްސް ތަކަކީ ސަރުކާރުގެ ( އާބަންކޯގެ) ބާރު ނުހިންގޭ ގޭންގް ތަންތަން. ކެފޭ ތަކަށް ބަދަލުކޮށް ވިޔަފާރި ފުޅާކޮށްފި. ދެން ލަލަލާ؟؟؟؟؟؟؟؟؟ ބަލަންތިއްބާ ހިނގާ ކަންކަން.
ބުރާގުގެ ގޯސްކަމާއޭ!
15 May 2023
މިއީ މައްސަލަ އެއް ނޫން. ގަމާރުން އަތުން ތޫނު ފިލި މީހުން ފޭރޭނެ. މިއީ ހަގީގަތް. ދެން ކޮންމެ އަހަރަކު ހައްޖައް ގޮއްސަ، ދެ އުމްރާ އެއް ކޮއްލީމަ އަމިއްލަ ނަފްސް ސާފުވީ. ވަރައް ފުރިހަމަ އައް ބައެއްމީހުންނައް އުޅެން ދަސްވެފަ މިއޮތީ!
ގައުމު ދަވާލާ!
15 May 2023
ގޭންގް ތައް ދެނެއް ކޮންޓްރޯލް އެއް ނުވާނެ. އެއައްވުރެ ފައިސާ އާއި ހާއިނުން ގިނަ. އާންމުންދެން ޖެހޭނީ މަހައްދާން! ދެން ލަލަލާ! ރިސޯޓު ތަކަކީ ވެސް ވަކި ބައެއްގެ އެއްޗެއް. ސިޔާސީ ބައިގަޑަކީވެސް ހަމަ އެގޭމުގެ ބައެއް. ޑްރަގްސް ގޭންގް ތަކަކީ ވެސް ތިންވަނަ ތަނބު!
ޙައްބޭ
14 May 2023
އެމްޕީއެސް އެއީ މިނިވަން ބަޔެކޭ ބުނާ އަޑުއަހަން. މާގިނަ ވާހަކަ ނުދައްކައި ހުރިހާ ގޭންގެއް ގެނެސް ޖަލަށް ލާބަލަ. ދޫކޮށްލަން ބުނާ މީހެއްގެ މައުލޫމާތު ރައްޔަތުންނަށް ދީބަލަ.
ނަންނ
15 May 2023
ގާނޫނުގަ އޮތީ ކީކޭތޯ ކިޔާލަބަލަ. ގޭންގު ތަކުން ފަންޑުކޮށްގެން ހެދި ގާނޫނެއްގަ އެމީހުންގައިގަ ފަސޭހައިން އަތްލެވޭނެ ގޮތަށް ކަމެއް އޮންނާނެތަ.
ވަރަށްސާފު
14 May 2023
މިހާރު ގޭންގްތައް އެހާ ބާރުގަދަވާނީ މިހާރުގެ ސަރުކާރު އެމީހުންގެ މުށުތެރޭ އޮތީމަ. ޔާމީނުގެ ގޭންގުކަން މިސަރުކާރަށްވުރެ ބޮޑުނަމަ ހުރިހާ ގޭންގުމީހުން މިހާރު ތިބެންވާނީ ހައްޔަރުވެފައި. ޔާމީނޭ ކިޔައި ހުރިހާ ވާހަކައެއް މަތިޖަހަން އުޅޭ މީހުންނަކަށް ނުކެރޭނެ ތިމާމެން ވޯޓްލައިގެން ތާއީދުކޮށްގެން މިހާރު ގެނެއްސަ މިއޮތް ސަރުކާރަކީ ހަގީގަތުގަ އެންމެކުރިން މިގައުމުގަ ގޭންގުތައް ބާރުވެރިކުރުވި ޕާޓީގެ ވެރިކަން ކަމަށް ގަބޫލުކުރާކަށް. ޔާމީނަކީ މާ ފަހުގެ މީހެއް
ބޮޑުމީހާ
14 May 2023
ވޯޓަކާއިޖެހުނީމާ ތިކަންބާލާނެ ރައްޔިތުންނެއް ނޫޅޭ! ރައްޔިތުންވެސް އުޅެނީ ޖެހުނުތަނުން ކެވޭތޯ ބަލަން. ގޭންގަކަސް، ބިދޭސީއަކަސް، މަސްތުވާތަކެއްޗަކަސް، ކޮރަޕްޝަނަކަސް، ބޯހިޔާވެހިކަންވެސް މިހިރީ ހައްލުނުވާނެ މައްސަލަތަކެއް ނޫން. މިތާގަ މިތިބީ އެންމެ 4 ލައްކައެއްހާ މީހުން.
ފެރީނިޒާމް
14 May 2023
މިހާރުން މިހާރަށް ބަދަލު ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ދާއިރާއަކަށް 5000 މީހުން ވާ ގޮތަށް އޮތް ބައި. މިހެން އޮތުމުން ވޯޓު ކޮޅެއް ގަނެލައިގެން އިންތިހާބު ވުމަކީ ވަރަށް ފަސޭހަ ކަމަކަށް ވެފަ މިއޮތީ. އަދި އެހާމެ ޚަރަދު ބޮޑު. ދާއިރާއަކަށް 15000 މީހުން ތިބޭ ގޮތަށް ހެދީމަ ތަންކޮޅެއް އުނދަގޫ ވާމެ. މިހާ މަދު މީހުން ދާއިރާ އަކަށް ވާ ގޮތަށް ހަދާފަ މިއޮތީވެސް ބައެއްގެ އަމިއްލަ އެދުމުގައި.
ގަސްކަންޑާ
14 May 2023
އިއްޔެގެމުޖިރުމުނަ މާދަމާއެއްނޫން މިއަދުގެވެރިން މީ މީއަދު ބުންންޖިހޭގޮތަކި
ތަކުރުފާންދޮންބެ
14 May 2023
މިމީހުން އަޅެ ލަދެއްގެ ކަންފުޅެއްވެސްނެތީއެވެ މުޅިގައުމުގެ ބާރު އެކެއްގެ މުށުތެރޭއައްލައި ވެރިކަމައް ބަގުޑިބައްދައި ގަދަހިފުމަކައް ދިއުމައް ދަމާއެއްނަރައް ހިމަ ފޫގަޅިން ފޫގަޅައި މޮޅެތިބައިސާތައް ލައިވްޓީވީ ތަކައް އަރައި ހިތައްއައިހާދޮގެއްހަދާއިރު މިގައުމުގަ އަދި ގިނައީ ހަމަހޭގަތިބި ބުއްދިސަލާމަތުންތިބި ތަންދޮރު އިންގޭ މީހުން ގައުމުމިވަނީ ހަލާކުގެ ތެރެއައްވެއްޓި އިހްލާސްތެރިބަޔަކު އެތައްޒަމަނެއްގަ މަސައްކަތް ކުރިއަސް ސަލާމަތްނުވެވޭހިސާއްގޮސް
ސަލީމް1
14 May 2023
ކޮންޓްރެކްޓާ އެއްގޮތަށް އެޕާޓްމަންޓް ކުލި ނުދެއްކުމުން އެ ފައިސާ ބަލާ މިއަންނަނީ ގޭންގު ކުދިން ކޮޅެއް.. އެ ކުދިން ގާތުން ސަލާމަތް ވާން ދެންދާން މިޖެހެނީ އަނެއް ގެންގު ގާތަށް. ފުލުހުން ބަލަމުން ދާ މައްސަލަ، ގޭންގަކާ ގުޅުމުން އެ ތަހުގީގުގެ އަމާޒު އެބަ ބަދަލުވޭ.. ސަރުކާރުގެ ކޮންޓްރެކްޓް އެވޯޑު ކުމުގެ ކުރިން ގޭންގުން އެބަ ގުޅާ އެމީހުންނަށް ދޭންޖެހޭ ހިއްސާ ކަނޑައަޅަން.. މީ ހާލަތަކީ.. ޒީރޯ ޓޮލަރަންސަށް އައި މީހުންވެސް މިއަދު އޮޕަރޭޓު ކުރަނީ އެހެން..