ބަންޑާރަނައިބު އިބްރާހިމް ރިފްއަތު: އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަށް ވޯޓް ދޭ އެމްޑީޕީގެ މެންބަރުން އެ ޕާޓީން ވަކި ކުރާނެ ކަމަށް އެމްޑީޕީން ބުނޭ --- ފޮޓޯ/މިހާރު
13 މެއި 2023 - 13:46
ބަންޑާރަނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ މައްސަލަ އަށް ތާއީދުކޮށް ވޯޓް ދޭ އެމްޑީޕީގެ މެންބަރުން ޕާޓީން ވަކިކުރާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
ޗާގޮސްގެ މައްސަލަ ކުރިއަށް ގެންދިޔަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ބަންޑާރަ ނައިބުގެ ހައިސިއްޔަތުން ރިފްއަތު ލީޑް ކުރެއްވި ގާނޫނީ ޓީމުން ވަކާލާތު ކުރީ ރާއްޖޭގެ ހިމާޔަތުގައި ނޫން ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ އޭނާ އާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ހުށަހަޅައިފަ އެވެ. އަދި ވަރަށް އަވަހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަވްދުﷲ ޝާހިދުގެ މައްސަލަ ވެސް ހުށަހަޅާނެ ކަަމަށް ވަނީ ބުނެފަ އެވެ.
އެމްޑީޕީގައި ތިއްބެވި ނަމަވެސް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުގެ ފެކްޝަންގެ މެންބަރުން ވެސް ގެންދަވަނީ ރިފްއަތާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި ބައިވެރިވަމުންނެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި ރައީސް އޮފީހުގެ މިިނިސްޓަރު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ އެމްޑީޕީއާ ދެކޮޅަށް އެހެން ޕާޓީއެއްގެ ހަރަކާތުގައި ބައިވެރިވުމަކީ ޕާޓީގެ މެންބަރުކަން ގެއްލޭ ކަމެއް ކަމަށެވެ.
އެ މެންބަރުންގެ މައްސަލަ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީ އަށް ފޮނުވީތޯ ސުވާލު ކުރުމުން އިބުރޭ ވިދާޅުވީ މައްސަލަ ކޮމިޓީ އަށް ފޮނުވާފައި ނުވާ ކަމަށާއި ނަމަވެސް ޕާޓީ އާ ދެކޮޅަށް މަސައްކަތް ކުރާ މެންބަރުން ޕާޓީން ވަކިވާނެ ކަމަށް އަސާސީ ގަވާއިދުގައި ބުނެފައިވާ ކަމަށެވެ.
"އަސާސީ ގަވާއިދުގައި އެބައޮތް ޕާޓީ އަށް ގެއްލުންވާ ގޮތަށް އެހެން ޕާޓީ އަކުން ކުރާ ކަމެއްގައި ބައިވެރިވުމަކީ މެންބަރުކަން ގެއްލޭނެ ކަމެއް ކަމަށް. އަސާސީ ގަވާއިދު ތަންފީޒު ކުރަން ޖެހޭނެއޭ އަޅުގަނޑު މި ދަންނަވަނީ،" އިބުރޭ ވިދާޅުވިި އެވެ.
ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްވިޔަ ނުދޭނެ ކަމަށެވެ.
މަޖިލީހުގައި، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވާނީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ. އިދިކޮޅު ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި މަޖިލީހުގައި ތިއްބެވީ 13 މެންބަރުންނެވެ. އެއީ ޕީޕީއެމް 6 ޕީއެންސީ 2 ޖުމްހޫރީ ޕާޓީ 2 އެމްއެންޕީ 3 އެވެ. ނަޝީދާ އެކު ތިއްބެވި އެމްޑީޕީ މެމްބަރުން 13 އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ތިބި އެމްޑީޕީ މެންބަރުންގެ އަދަދަކީ 54 އެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޑު
14 May 2023
ތިޔައީ މާ ރަނގަޅު ގޮތެކެވެ.
އީވާ
14 May 2023
ތިގޮތަށް ބިރުދައްކާ ފޮނުނާރުވާ! ތިއީކީ ކަމެއްވާ ބައެއްނޫން!
ވިސްނާލުމަށް އެދެމޭ
14 May 2023
މޑޕއިން ވަކިކުރަން ނުކެރޭނެ 40ކަށް މެމްބަރުން ވޯޓާއެއްކޮޅުވެބަލަ އޭރުންނުކެރޭނެ ވަކިކުރާކަށް...ފައިފަހިފާ އާދޭސްކުރާނެ ޕާޓީގަތިބެދޭން.އަދި ސަރުކާރަށް ނުކެރޭނެ ސިއްރުން ވެރިކަންކުރަން..އަދިރައްޔިތުން ލޯބިވާނެ ސަރުކާރާދެކޮޅަށްތެދުވި މެމްބަރުންދެކެ. ފައިސާބަހަމުން ވޯޓުހޯދަން ދުވަންނުޖެހޭނެ.ސަރުކާރުން މޑޕ މެމްބަރުންނަ ވެސް ބިރުދައްކަނީ ޑިމޮކުރަސީފީވީތަ..ތިއީކޮންތާކުއޮތް ޑިކޮރަސީގެވައްތަރެ ރއިބޫގެ ސިޓީހާމަކޮއްލަން ނުކެރޭ ސިއްރުސަރުކާރެއް.
ސިލްމާ ޒާހިރު
14 May 2023
ތިއްތިކޮށް އެ ބޭފުޅަކު ބޭނުންފުޅުވާ ޕާރޓީއެއްގައި އިޚްލާޞްތެރިކޮށް އުޅުއްވާ. މުނާފިޤް ކަމަކީ އެކަމަށް ވޭންދެނިވި ޢަޛާބު ކީރިތި ﷲ ދެއްވާނޭ ކަމެއްކަން ދެނެހުރެގެން ޢަމަލްތައް ބައްޓަންކޮށް އާޚިރަތް ސަލާމަތްކުރޭ. ދުނިޔެއަށްޓަކާ ކޮންމެ ކޮންމެ ގޮތަކަށް އުޅުން ހުއްޓާލައްވާ.
މުސްތާޤް އަޙްމަދު
14 May 2023
އައްދޭ އެމް.ޑީ.ޕީން ވަކިކޮށްފިއްޔާ އެއީ ވަރަށް ދެރަކަމެއްތަ؟ ވަންނާނެ ޕާޓީތައް ބައިވަރު. ކޮން އެމްޑީޕީ އެއްތަ؟ މިޤައުމު ހިންގޭނީ ކިޔަވައިގެން ތިބި ތަންދޮރު ދަންނަ މޮޅު މީހުންނަށް، ހިންނަވަރު އިބްރާހީމަކީ މިފަދަ ތަރައްޤީ މޮޅު މީހުންތިބި ޒަމާނެއްގަ ޤައުމެއްގެ ވެރިކަމާ އެކަށީގެންވާ ،މީހެއްނޫން. މިރާއްޖޭގެ ވެރިކަމަށް މީގެ ކުރީގަ އެރީ ވަރަށް ކޮލިޓީ މީހުން، އަމީން، ނާޞިރު، މައުމޫން، ވަޙީދު، ޔާމީން، ދެން އަންނިއަކީ ތާއީދުބޮޑު މީހެއް. ކޮހެއް.
އަންދަލޫސިޔާ
14 May 2023
އެމީހަކު ބޭނުން ފިކުރަކަށް އުޅުމުގެ ފުރިހަމަ މިނިވަންކަން އޮންނަންވާނެ. ނަމަވެސް ޕާރޓީއެއްގެ އަސާސީ ޤަވާޢިދާ ޚިލާފަށް އެ ޕާރޓީއަކަށް ގެއްލުންދޭ މަސައްކަތްކުރަން ބޭނުންވަންޏާ އެހެން ޕާރޓީއަކާ ގުޅިގެން ނޫނީ އެއްވެސް ޕާރޓީއަކާ ނުގުޅި ހުރުމުގެ ޙައްޤުވެސް އޮންނާނެ. އަދި ހަމަ ޕާރޓީއެއްގެ އަސާސީ ޤަވާޢިދުގައި ކަނޑައެޅޭގޮތެއްގެ މަތީން އެ ޕާރޓީ އަކުން މެންބަރުން ވަކިކުރުމަކީ ޕާރޓީގެ ޙައްޤެއް. އަދި މެންބަރުން ބޭނުންވަންޏާ ފިކުރު ދިމާވިޔަސް ވަކިވެވޭ!
އަންދަލޫސިޔާ
14 May 2023
އިދިކޮޅު 13 ފިކުރެއްގެ ދިރުން 13 ރައީސް ޞާލިޙް 54 ބާކީ 7 މެންބަރުން ތިބީ ކިހިނެތް؟ ސާފު އަޣުލަބިއްޔަތު ރައީސް ޞާލިޙްއަށް އެބައޮތް. ޗާގޯސޭމެން އުޅެނީ ވިއްކާނެ ޕްލޭނެތްނެތިގެން. ފިތުނަކުރުމާ ނުޙައްޤުން ކަންކުރުމުގެ ޘަޤާފަތެއް އޮތް ބަޔަކަށް ޢަދުލް އިންސާފެއް ކަމަކުނުދާނެ. ބޮޑުބައި، މަނީލޯންޑަރިންގ ޝެއަރ، ޑްރަގް ފައިސާ ޝެއަރ ނުލިބޭތީ މައްސަލައަކީ!
މަންނާނު
14 May 2023
ސޯލިހް އަކައްނު ބޮޑުފަޅި މިއޮތީ ތިޔަކު ހާސްކަމެއް ނެތެއްނު
ހތމ
14 May 2023
އިމުންބޭރުވެފަތިބިނަމަ، ވަގުތުން ފިޔަވަޅުއަޅަންޖެހޭނެ. ޕާޓީއުފެއްދުމުގައި އިސްވެތިބެ މަސައްކަތްކުރި މެންބަރުންކަމުގައިވީނަމަވެސް، އިމުންބޭރުވެއްޖެނަމަ މީގެކުރީގައި އެހެނިހެން މެންބަރުންނާއިމެދު ޢަމަލުކުރިގޮތަށް ތިލަފަތް ހަމަވާގޮތަށް ޢަމަލުކުރަންޖެހޭނެ. ފަނި އަޅުވައިގެން ތަންތަނާއި ކަންކަން ފަސާދަކުރިއިރު އައިފަހަށްޖަހައި ތިމާމެނާއިދިމާލަށް ފަސާދަ ފުރޮޅިގެންއައިއްސާނެކަން ދެނެތިބިނަމަ، މިތަންނެއް ނުފެނުނީސް. ފަޚުރުވެރިކަމާއިއެކު މިއަދުބުނާނީ ....؟
ސޯބު
14 May 2023
މަޖިލީހުގައި ދޭ ވޯޓެއްގެ ސަބަބުން އެމެމްބަރަކާމެދު އެއްވެސް ފިޔަވަޅެއް ނޭޅެއެވެ. މި ދެން ކޮންވާހަކައެއްތޯ؟