ޝަވަން ޕްލާސްޓިކް ފަޔާ އެކު.
13 މެއި 2023 - 15:24
އެންމެ ފަޔަކާ އެކު ފުޓްބޯޅަ ކުޅޭތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ އެކު، އެތައް ބައެއްގެ ސަމާލުކަމާއި ލޯބި ލިބުނު އުމުރުން ހަތް އަހަރުގެ ކުއްޖާ އާޓިފިޝަލް ފައެއް ޖަހައިފި އެވެ.
ހދ. މަކުނުދު އަށް އުފަން އަހުމަދު ޝަވަން މުހައްމަދު އުފަންވި އިރު ވެސް ހުރީ އެންމެ ފައެކެވެ. ޝަވަންގެ ކަނާތު ފައި އިންނަނީ ކަކުލުހުޅާ ހިސާބަށެވެ. އެ ކުއްޖާ އަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނީ މަކުނުދޫ ސްކޫލްގެ އިންޓަހައުސް މުބާރާތެއްގައި ފުޓްބޯޅަކުޅޭ މަންޒަރު ފެނިފަ އެވެ.
ޝަވަންގެ ޕްލާސްޓިކް ފައެއް ޖަހާފައިވާ ފޮޓޯއެއް މިއަދު ސޯޝަލް މީޑިއާގައި އާންމުކުރުމާ އެކު މިހާރު ވެސް ގިނަ ބަޔަކު އަންނަނީ އެ ކުއްޖާ އަށް ތައުރީފު ކުރަމުންނެވެ.
ޝަވަންގެ މަންމަ އާއިޝަތު ވިޝާހު "މިހާރު" އަށް މިއަދު ބުނީ ދަރިފުޅުގެ ޕްލާސްޓިކް ފައި ޖެހީ މަހެއްހާ ދުވަސް ކުރިން އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލަކުން ކަމަށެވެ.
"ވަރަށް އުފާވެފައި ދަރިފުޅު ހުރީ. ބުނީ ކޮއްކޮ އަށް ވެސް މިހާރު އެހެން ކުދިންނެކޭ އެއްގޮތަށް ހިނގޭނެ ނޫންހޭ،" ވަރަށް އުފާވެފައި ހުރެ ޝަވަންގެ މަންމަ ވިޝާހު ބުންޏެވެ.
މި ވަގުތު ޝަވަން ޕްލާސްޓިކް ފައި ޖަހައިގެން އާންމުކޮށް ނުހިނގަ އެވެ. ޑޮކްޓަރުގެ ލަފާގެ މަތިން މިހާރު ޕްލާސްޓިކް ފައި ބޭނުންކުރަނީ ކޮންމެ ދުވަހެއްގެ އެއް ގަޑިއިރަށެވެ.
"އަންނަ މަހުގެ 12 އިގައި ޗެކަޕަކަށް އިންޑިއާ އަށް އެބަ ފުރަން. އޭގެ ފަހުން އެނގޭނީ. އެއް މަސް ފަހުން ޑޮކްޓަރަށް ދައްކަން އަންގާފައި އޮތީ. އަނެއްހެން ދަރިފުޅު އޯކޭ މިހާރު،" މަންމަ ބުންޏެވެ.
އާޓިފިޝަލް ފައެއް ޖެހުމަށް ޝަވަން ކުރިން ވެސް އިންޑިއާ އަށް ދިޔަ އެވެ. ހޮސްޕިޓަލުން ބުނީ ފައިގައި އެއް ސެންޓި މީޓަރު ބޭރަށް އިންނަ ކަށި ކޮޅު ނެގުމަށް ފަހު ފައެއް ޖަހައިދޭނެ ކަމަށެވެ. ނަމަވެސް ދަރިފުޅަށް އިތުރު ތަކްލީފެއް ދޭން ބޭނުން ނުވާތީ އޮޕަރޭޝަން ނުކޮށް އެ ފަހަރު އިންޑިއާ އިން އައީ ކަމަށް ޝަވަންގެ މަންމަ ވިޝާހު މީގެ ކުރިން "މިހާރު" އަށް ކިޔައިދީފައި ވެ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޝަވަން ފުޓްބޯޅަ ކުޅޭ މަންޒަރު ދައްކުވައިދޭ ވީޑިއޯ އެއް އާއްމު ވުމާއެކު، ޝަވަންއަށް ޕްރޮސްތެޓިކް ފައެއް ޖަހަން އެންސްޕާއިން އެހީވާން ވެސް ނިންމި އެވެ.
ޝަވަންގެ ޕްލާސްޓިކް ފައި މި ޖެހީ އޭގެ ފަހުން އެތައް ބައެއްގެ އެހީތެރިކަމާއި ސަރުކާރުގެ އެއްބާރުލުމާ އެކު ކަމަށް މަންމަ ބުންޏެވެ.
"ވަރަށް ގިނަ ބަޔަކު އެހީވި. ސަރުކާރުން ވެސް އެހީވެގެން މިކަން މިވީ،" މަންމަ ބުންޏެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފާހަގަކުރި ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވަނީ ޝަވަން އަށް ރަނިން ބްލޭޑެއް (މަސްނޫއީ ފައެއް) ހަދިޔާ ކުރައްވައިފަ އެވެ. އަދި ޝަވަން އަކީ ރާއްޖޭގެ ފުރަތަމަ ރަނިން ބްލޭޑް އެތުލީޓަށް ހެދުމުގެ އުންމީދުގައި އިންޑިއާ އަށް ފަރިތަކުރުމަށް ފޮނުވަން ނިންމާފައިވާކަން ހާމަ ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޑަހަންޖާ
14 May 2023
ތިކަމާއިމެދު އަހަރެމެން އުފާވެއްޖެ. އެހެންނަމަވެސް ރާއްޖޭގެ ސިޔާސީކަންކަމުގައި މިއުޅޭ ގުރޫޕުގެ ނުކުޅެދުންތެރިކަން ބޮޑުވެ ރައްޔިތުންނަށް އެގޮތްމިގޮތަށް ނުހޮރޮއްޕާން ބޮޑުވުމުގެ ސަބަބުން ގައުމު މިވަނީ ޑޮކްޓަރަށް ދައްކަން އިންޑިއާއަށް ގެންދަން ޖެހިފައި ކަމުގައިވާތީ ސިޔާސީމީހުނަށް އަހަރެމެންގެ މާބޮޑު ތާއީދެއްނެތް.
އަލީރާޖާ
14 May 2023
ޕްރޮސްތެޓިކް ލެގް އަށް ދިވެހިން ކިޔަނީ ޕްލާސްޓިކް ފައި؟!؟!؟!؟
ބުރާގުލް ދޮގުވާހަކަ!
14 May 2023
ކުޑަކުއްޖާއާ މެދު ހަމްދަރުދީވަން. ދެރަވެއްޖެ! އިމްތިހާނެއްކަމަކު މިއީ ބޮޑުވަރު. އެކަކައްވެސް ނުކެރޭ ކީއްވެތޯ މިހެންމިވީކީ އަހާކައް!! ކާކު ކުރިކަމެއްތޯ އަހާކައް! ކޮންމެ މީހަކުވެސް ޝުކުރުގެ އަރަބިން ބަހެއް ބުނަނީ!!
ކޮމެންޓޭ1
14 May 2023
ވޯކް ބޭފުޅެއް ދޯ. ފުރިހަމަ މުއުމިނުން ކޮންމެ ހާލެއްގަ ވިއަސް ޝުކުރުވެރިވާނެ ސުވާލު ކުރާކަށް ނުޖެހޭ ކޮންމެ ކަމަކީވެސް ﷲ ގެ މިންވަރު ފުޅު. އެއްވެސް ނަފްސަކަށް ނޫފުއްލޭނެ ބުރައެއް ނުޖައްސަވާނެ ކެތްތެރީންނަށް ދާ އަބަދު ދެމިހުންނަ ސުވަރުގެ އޮތީ. ތިމާގެ ޖިންސު ވެކިނުވާ ހާލުގަ ތިބި ރޯނުއެދުރުން ނަށް އޮތީ ދެމިގެންވާ ނަރަކަ
LaamuonlineDOTcom
13 May 2023
ކޮންމެ ދުވަހަކު 1 ގަޑިއިރަށް ހިނގާއިރު މިޚަބަރާއެކު ވީޑިއޯ ކޮޅެއްވެސް ޖަހާލިނަމަ ޚަބަރު ފުރިހަމަވީސް، ޝޯސަލް މީޑިއާގައި ނުޖެހިއެއްކަމަކު އެއިރެއްގައި އޮންނަ ސަރުކާރެއްގެ އެހީ މިފަދަ ކުދިންނަށް ލިބެންވާނެ، ސަރުކާރޭ ކިޔާފަ ބަޔަކު ހިތުހުރިގޮތަކަށް ބިޒުނަސްކުރަން ރާއްޖޭގެ ހުރިހާ ރިސޯސްސެއް 5 އަހަރަށް އެބަލިބޭ، އެވަރުން ނުފުދިގެން ޖީއެސްޓީގެނަމުގައި ރައްޔިތުންގެ އަތުން ފައިސާ އެބައަތުލާ
ނަރީޝް
13 May 2023
ކުއްޖާ ބޮޑުވާވަރަކަށް ތިފައި އެޖަސްޓް ކުރަން ޖެހޭނެބާ. ނޫނީ ބަދަލުކުރަން ޖެހޭނެބާ. އެހެން ވެއްޖެއްޔާ އަދި ތި ނިމުމެއް ނެތް ކަމެއް.
ާަްއަހޫ
13 May 2023
ތަންކޮޅެއް ޕޮޒިޓިވްކޮށް ކަންކަމާ ވިސްނަން ދަސްކުރަމާ. އެކަން އޮތީ އެހެންނޭ ކިޔާފަ އެކުއްޖާ އެއުފަލުން މަހުރޫމު ވާންވީތޯ؟
ޕޮޒިޓިވް
14 May 2023
ޕްރޮސްތެޓިކް ލެގް ނުވަތަ ޕްލާސްޓިކް ފަޔަކީ ބޮޑު މީހަކުޖެހިޔަސް ކޮންމެ 3 އަހަރަކުން 5 އަހަރު ބަދަލްކުރަންޖެހޭ ފަޔެއް. ކޮންމެ އިންސާނަކުވެސް ދުނިޔޭގައި އުޅެން މިލިބޭ ކުޑަ ދުވަސްކޮޅުގައި އުފަލާއެކީ އުޅެންޖެހޭނީ. ޢެކުއްޖާއަށް ކުޑަދުވަސް ކޮޅަކަށް ނަމަވެސް އެލިބުނު ހިތްހަމަޖެހުމަކީ ވަރަށް ބޮޑުއެއްޗެއް. ނެގަޓިވިޓީ އާ ދުރުވެ ޕޮޒިޓިވް ވާންއެބަޖެހޭ
އެފް
13 May 2023
އަލްޙަމްދުލިﷲ. ޝަވަންކޮއްކޮއަށް އުފާވެރިކަމާ ކާމިޔާބު އިތުރުކުރައްވާށި. އެކޮއިފުޅަށް އެހީތެރިވެދެއްވާ އެންމެހާ ފަރާތްތަކަށް ޝުކުރު.
އައިމިނާ
13 May 2023
الحمدﷲ. ވ.އުފާވޭ. أنشاﷲ. ޝަވަން އަށް އިތުރު ކުރިއެރުމާއި ކާމިޔާބީ އަށް އެދެން.
އޮނަރަބްލް އަފީފު ދީދީ
13 May 2023
އުފާވެރި ޙަބަރެއް. ޝަވަން އަށް ކާމިޔާބަށް އެދެން. އުފެދުމުގައި ޖިސްމާނީ އުނިކަމެއްނެތި ދުނިޔެއަށް އުފަންވެ މޮޅަށް ކިޔަވައި ސްކޫލް ނިންމި އަދި ޒިންމާދާރު އެތައް ވަޒީފާއެއްގައި އުޅުނު ދިވެހިންގެ އެތައްބަޔަކު މިއަދު ތިބީ "ނުކުޅެދުންތެރިންނަށް" ބަދަލުވެ އެމީހުންގެ އުދަޤޫ ޤައުމަށް ކުރިމަތިވެފައި. އެފަދަ ބަލިކުދިންގެ އުދަޤޫ މިހާރު އަވައްޓެރި ޤައުމުތަކުންވެސް ތަހައްމަލް ކުރަންޖެހިއްޖެ. އެއީ ޤާނޫނު ތަންފީޒު ނުކުރާތީ ދިމާވާ ބަލިމަޑުކަމެއް.
ޅޮލް
13 May 2023
ގޮނޑި ދުއްވާ ކޮއްކޮދޯ؟