ޒިޔަތު ކޯޓަށް ވައްދަނީ: ޚިޔާނާތުގެ މައްސަލައެއްގައި އޭނާ އަންނަނީ މިހާރު ވެސް އަށް އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުން --ފޮޓޯ/މިހާރު
25 ޖެނުއަރީ 2017 - 19:36
ދައުލަތުގެ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލާގައި އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ޚިޔާނާތުގެ އިތުރު ދައުވާއެއް ކޮށް، ކޯޓަށް ފޮނުވައިފި އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިނގިއިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުރި ޒިޔަތުގެ މައްޗަށް އަށް އަހަރު ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް، މި މަހުގެ 10 ވަނަ ދުވަހު އޭނާގެ މައްޗަށް އިތުރު ދައުވާއެއް ކޮށް ކޯޓަށް ފޮނުވީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ސާފެއް ނުވެ އެވެ. ޒިޔަތުގެ އިތުރުން ރ. ކިނޮޅަހު ނިޔާމަ، ޝާހިދު ހުސައިންގެ މައްޗަށް ވެސް އެ މައްސަލާގައި ދައުވާ ކުރެ އެވެ.
މި މައްސަލައިގެ ޝަރީއަތް މާދަމާ ފަށަން ވަނީ ހަމަޖައްސައިފަ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން މިދޔަ މަހު ވަނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާއިން ހުޅުމާލެ އިން ޒިޔަތު ބިމެއް ގަތް ކަމަށް ބުނެ އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކުރުމަށާއި ގަނެފައިވާ ބިން ދައުލަތަށް ނަގަން ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ. އެކަމަކު މާދަމާ ފަށަނީ މި މައްސަލައިގެ ޝަރީއަތް ކަމެއް އަދި ސާފެއް ނުވެ އެވެ.
ޒިޔަތު ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފް ކޮށްފައިވާއިރު، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅޭ ތަހުގީގެއް އޭސީސީން އަންނަނީ ހިންގަމުންނެވެ. އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އެ ކުންފުނި މެދުވެރިކޮށް ލިބެންޖެހޭ 1.22 ބިލިއަން ރުފިޔާ އަށް ވަނީ ޚިޔާނާތްތެރިވެފަ އެވެ.
ޒިޔަތު މިހާރު ޖަލު ހުކުމް ތަންފީޒު ކުރަނީ ޅ. މާބިންހުރާ ކިޔާ ރަށުގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރުގެ ޗެކާ ޒިޔަތު ހަވާލުވުމަށް ފަހު، އެ އަށް ޚިޔާނާތްތެރިވި މައްސަލައިގަ އެވެ. އެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަދީބަށް ވެސް އަށް އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާއިރު، ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލަށް ވެސް ދެ އަހަރުގެ ހުކުމެއް ވަނީ ކޮށްފަ އެވެ.
މި މައްސަލައިގެ އިތުރުން އެހެން މައްސަލަތަކާ އެކު ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް އަދީބަށް އޮތީ އައިސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮނާ /މާލެ
26 January 2017
ބަލަ ޒިޔަތުމެން އެދަވު އުދުހުނީ. އެކަމަކު މިއަދު ވަނީ ފިޔަތައް ބުރިކޮއްފަ. މަަދަމާ ވާނެ ގޮތެއްނޭގެ. ބުނަން ކުދިންނޭ އެފަދަ މީހުނާ ގުޅިގެން އުޅޭ މީހުން މިހާރުން މިހާރަށް ދުރުވޭ. އެ އީ އަނބިން ކަމުގައިވިޔަސް...
މެންޓަލިސްޓް
26 January 2017
1.2 ބިލިއަން ރުފިޔާގެ މައްސަލާގައި ދައުވާކުރާނީ ކާކާބާ ؟ މިހާތަނަށް އެދައުވާ ނުކޮށްއޮތި ކީއްވެބާ ؟؟ މިސުވާލުގެ ޖަވާބު ފުލުހުންނާޢި ޕްރޮސިކިއުޓަރ ޖެނެރަލް ކައިރުން އަހާލުމަކީ ރިޕޯޓަރުންގެ ވާޖިބެއްކަމަށް އަޅުގަނޑުދެކެން ،، ވަރަށްޗެދުން
އުމަރު
25 January 2017
ތިޔަދަލުގައި އަދިޖެހޭނެ ސަރުކާރުގެ އެހެން ވެރިންތަށްވެސް، ބައެއް ކުންފުނިތަކުގެ ވެރިންވެސް އަދި ތިޔަދަލުގައި ޖެހޭނެ، އެމީހުން މިހާރު އެތިބީ ސަލާމަތްނުވެވިފައި
ސޯބު
25 January 2017
ތިހުރީކީ އެއްދުވަހުން އެކަކު ދެމީހަކު ވެ ކޮށްފަ ހުރި ކަންތަކެއް ނޫން ބާރުން ބާރު ލިބިގެން ހިނގާފހުރި ކަންތައް ތަކެއްގެ މައި މުލެއް ހުންނާނެ
ޔަގީން
25 January 2017
ތިސޮރު މެން ލައްވާ ތިޔަ ކަން ކުރުވި މީހާވެސް ދާދި އަވަހައް ހިފާ ހައްޔަރު ކުރެވޭނެ އެވެ.
ސަންޓޯސް އެންޑް ބުލްބުލާ
25 January 2017
މިހާރު ބަލަންވީ ޖަލުގާ އޮތްމީހަކަަށް އިތުރު ހުކުމެއް ކުރެވޭތޯއެއް ނޫން. ބަލަންވީ ޖަލުގާ ނެތް މީހަކަށް ހުކުމެއްކޮށް ޖަލަށް ވެއްދޭތޯ.
ރަންރީދޫ ޓުވިޓަރޭ
25 January 2017
ޒިޔަތާ ހަމައިން ތިކަމެއް ނުނިމޭނެ.