ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ފާހަގަ ކުރުމުގެ ގޮތުން 2018 ވަނަ އަހަރު ގަލޮޅު ދަނޑުގައި ކުޅުނު މެޗުގެ ކުރިން ކުރިން އިމްރާން އޭނާގެ އާއިލާ މެމްބަރުންނާ އެކު.--- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
23 މެއި 2023 - 11:53
މިދިޔަ މަހު ފީފާ އިން ނެރުނު ލިސްޓުގައި، ރާއްޖޭގެ ކުރީގެ އެއްވަނަ ގޯލްކީޕަރު އިމްރާން މުހައްމަދު ކުޅުނު މެޗުގެ އަދަދަށް އިސްލާހު ގެނެސް، އިތުރު އެއް މެޗާއެކު ޖުމްލަ 110 އަށް މައްޗަށް ޖައްސާލައިފަ އެވެ.
ރާއްޖޭގެ ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމަށް 100 އަށް ވުރެ ގިނަ މެޗު ކުޅެގެން ފީފާ ސެންޗަރީ ކްލަބުގައި ހިމެނިފައިވާ ހަމައެކަނި ކުޅުންތެރިއަކީ އިމްރާނެވެ.
ފީފާ އިން ވަނީ ޖޫން 2020 ގައި ނެރުނު ސެންޗަރީ ކްލަބް ކުޅުންތެރިންގެ ލިސްޓުގައި އިމްރާން ހިމަނައިފަ އެވެ. އެ ޝަރަފު އޭނާ އަށް ލިބުނީ ގައުމީ ޓީމަށް 'އޭ" ފެންވަރުގެ ބައިނަލްއަގްވާމީ 109 މެޗު ކުޅެފައި ވާތީ އެވެ.
ކުރިން ނެރުނު ލިސްޓުގައި، ސެޕްޓެމްބަރު 6، 2016 ގައި ގަލޮޅު ދަނޑުގައި ގައުމީ ޓީމުން ލާއޯސް އާ ދެކޮޅަށް ކުޅުނު އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން މެޗު ނުހިމަނަ އެވެ.
އެއީ ކޮލިފައިންގެ ދެވަނަ ބުރުގައި ލާއޯސްއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގު މެޗެވެ. އިމްރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލީ އެ އަހަރުގެ އޮކްޓޫބަރު 11 ގައި ލާއޯސްއާ ދެކޮޅަށް ކުޅުނު ދެވަނަ ލެގް މެޗަށް ފަހު އެވެ.
އިމްރާން ވަނީ 17 އަހަރު ވަންދެން ގައުމީ ޓީމުގެ ގޯލް ބަލަހައްޓައިފަ އެވެ. އޭނާ ގައުމީ ޖޯޒީގައި އެންމެ ފުރަތަމަ ކުޅުނީ ފެބްރުއަރީ 15، 2000 ގައި މެލޭޝިއާގެ ކުއަލަލަމްޕޫރުގައި އެ ގައުމުގެ ގައުމީ ޓީމާ ދެކޮޅަށް ބޭއްވި ރަހުމަތްތެރިކަމުގެ މެޗުގަ އެވެ.
އިމްރާނުގެ ފަހަތުން، ފީފާ ސެންޗަރީ ކްލަބަށް އެރުމާ އެންމެ ގާތުގައި އޮތީ އަލީ އަޝްފާގް (ދަގަނޑޭ) 37، އެވެ. އަޝްފާގު، ސެންޗަރީ ކްލަބަށް އަރަން މަދުވަނީ ދެ މެޗެވެ. ރާއްޖޭގެ ގައުމީ ޓީމުން އަންނަ މަހުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރު ވަމުން އަންނައިރު އަޝްފާގު ހުރީ، މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕް މުބާރާތުގެ މެޗެއްގައި ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަމޫނާ
24 May 2023
އިންމައަކީ އާދަޔާ ޚިލާފު ތަފާތު ހުނަރުވެރި ގައުމީ ލީޑަރެކެވެ. ފުޓުބޯޅައަށާއި ކުޅިވަރަށްކޮށްދޭ ޚިދުމަތަށް ޝުކުރިއްޔާ!