ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މީގެ ކުރިން މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. -ފައިލް ފޮޓޯ: މަޖިލީހުގެ އިދާރާ
24 މެއި 2023 - 09:57
މިފްކޯ މެދުވެރިކޮށް ރާއްޖޭން ތައިލެންޑަށް ވިއްކާ ގަނޑުކުރި ކަޅުބިލަމަހާއި ކުދި ކަންނެލިމަހުގެ ރިޖެކްޝަން ލެވެލްއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ކުރެއްވި ސުވާލަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ދެއްވި ޖަވާބާ މެދު ހިތްހަމަނުޖެހި، ވަޒީރުގެ ސީދާ ޒިންމާތައް ސާފުކުރުމަށް މަޖިލީހުގެ ރިޔާސަތުން ނިންމައިފި އެވެ.
ރާއްޖޭން ތައިލެންޑަށް ވިއްކާ ގަނޑުކުރި ކަޅުބިލަމަހާއި ކުދި ކަންނެލިމަހުގެ ރިޖެކްޝަން ލެވެލްއާ ގުޅޭ ތަފާތު ތިން ސުވާލަކަށް ލިޔުމުން ޖަވާބު ހޯދުމަށް ހުށަހަޅުއްވާފައި ވަނީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) އެވެ.
އެ ތިން ސުވާލަށް ވެސް ފިޝަރީޒް މިނިސްޓަރު ލިޔުމުން ފޮނުއްވި ޖަވާބުގައި ވިދާޅުވެފައި ވަނީ އެ މައުލޫމާތަކީ ފިޝަރީޒް މިނިސްޓްރީން ބަލަހައްޓަމުން ގެންދާ މައުލޫމާތެއް ނޫން ކަމަށާއި އެ މައުލޫމާތު ސާފުކުރެވޭނީ މިފްކޯއިން ކަމަށެވެ.
އެ ޖަވާބާމެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ވަޒީރެއްގެ ޒިންމާތަކަކީ އެ ވަޒީރަކު އަމިއްލަ އަށް ކަނޑައަޅާ ޒިންމާތަކެއް ނޫން ކަމަށެވެ.
"...އަޅުގަނޑު މިހާރު ބަލަމުން މިދަނީ އެ ބޭފުޅާއާ މި މަޖިލީހުން ހަވާލުކޮށްފައި އޮތީ ކޮން މަސައްކަތެއްތޯ. އެ ބޭފުޅާއާ ބެހޭ ކަންތަކާއި ނުބެހޭ ކަންތައް ކަނޑައަޅުއްވާނީކީ އެ ބޭފުޅާއެއް ނޫން. ވަޒީރު އަމިއްލަފުޅަށް ކުރައްވާ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ދައުލަތުގެ ވުޒާރާއަކާ ހަވާލުކުރެވޭ މަސައްކަތްތައް މަޖިލީހުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި ތަފާސްހިސާބުތައް ބެލެހެއްޓުން އެ ވުޒާރާގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ނަމަ، ފިޝަރީޒް މިނިސްޓަރަށް އެ ހުންނެވެނީ "ނުބައި މަގެއްގައި" ކަމަށް ނަޝީދު ވިދާޅުވި އެވެ.
މެމްބަރު އިބްރާހިމް މުހައްމަދު ރަޝީދު ކުރެއްވި އިތުރު ސުވާލުތަކަށް ވެސް ވަޒީރު އެއް ޖަވާބެއް ދެއްވާފައިވާއިރު، ނަޝީދު ވިދާޅުވީ އެ ސުވާލުތައް ކުރައްވަންޖެހުނު ސަބަބު އެނގިވަޑައިގަންނަވާ ކަމަށާއި، ރިޖެކްޓުވާ މަހަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިނގާ ކަމެއްގެ ގޮތުގައި މަޖިލީހުން މީގެ ކުރިން ބެލި ބެލުމުން ސާފުވެފައިވާ ކަމަށެވެ.
މިގޮތުން، ރިޖެކްޓުވީ ކަމަށް ބުނެ އެކަމުގެ ނާޖާއިޒު ފައިދާ މީގެ ކުރިން ވެސް ނަގާފައިވާކަން ހާމަވެފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އަދި ރާއްޖޭން ބޭރުކުރާ މަހުގެ ރިޖެކްޓުވާ މިންވަރުގެ ތަފާސްހިސާބަކީ އިލްމީ އަދި ދިރާސީ ގޮތުން ވެސް ފިޝަރީޒް މިނިސްޓްރީން ބަލަހައްޓަމުން ގެންދަންޖެހޭނެ މައުލޫމާތެއް ކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވި އެވެ.
"މިނިސްޓަރު އެ ގެންދަވަނީ މަޖިލީހުގެ މަސައްކަތަށް ހުރަސްއަޅުއްވަމުން،" ނަޝީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުޒައިނާ
24 May 2023
ދެން މަޖިލިސް ރައީސްގެ ޒިންމާ ކަނޑައަޅައިގެން ތިހުރީ އަމިއްލައަށްތަ؟ މަޖިލިސް ކުރިއަށްވުރެ ޚަރާބުކޮށްފި. މުޅި މަޖިލީހަކީ އެންމެ 10% މެމްބަރުން ހިތުހުރި ގޮތަކަށް ކުޅެން އޮތް ތަނެއް ކަމަށް ހަދައިގެން ތިޔަ އުޅެނީ އަމިއްލައަކަށް ނޫންތަ؟ ފެންވަރެއް ހުރިއްޔާ މަޖިލިސް މެމްބަރުކަމުން އިސްތިއުފާދީފަ އަމިއްލަ ޕާރޓީގެ ނަމުގަ ކުރިމަތިލައިގެން ހޮވޭތޯ ބަލާބަލަ ނިކަން.
ރިޔާޒު ރަށީދު
24 May 2023
މީ ބަރުޒަމާނީތަ؟ މިނިސްޓަރަށް މަސައްކަތް ހަވާލުކުރަނީ މަޖިލީހުންތަ؟
ބަހުސެއް
24 May 2023
އެ ޖަވާބާމެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ވަޒީރެއްގެ ޒިންމާތަކަކީ އެ ވަޒީރަކު އަމިއްލަ އަށް ކަނޑައަޅާ ޒިންމާތަކެއް ނޫން ކަމަށެވެ. &&& މަށެއްވެސް ހިޔެއް ނުކުރަން މިފްކޯއާއި އެސްޓީއޯގެ ވިޔަފާރިން ފައިދާ ވާވަރާ ގެއްލުންވާވަރު ބަލަނީ ފިޝަރިޒް މިނިސްޓަރ ކަމަކަށް. މަޖިލީހުގެ ރައީސްގެ ޒިންމާތައް މިނިސްޓަރަށް އެގިއްޖެއްޔާވެސް ރަނގަޅުތާ. މަވެސް ގަމާރީތަ؟ ނޫނީ ހަސަދަ ވަރުލަނީތަ.
ޕޫރުބެ
24 May 2023
ހަމައެކަނި ނަޝީދަކީއެއް ނޫން! ޣައުމުގަ ކރަޕްޝަނާއި ފަށާދައާއި އަމިއްލަ އެދުން ބޮޑީ! ޢެކަން ނެތް ދިމާލެއް އަޅެ ދައްލަބަލަ. ނަޝީދަށްވެސް އެއުޅެނީ ދެމުށާރައާއި ބައޮތެލްމާލު ހުސްކުރާއޮރުވެސް މަދުވެގެން.
ބޮޑުރިޔާ
24 May 2023
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދަށުންދަމާކަން މަޖިލީހުގެ ރައީސަށް އެގިލައްވާތޯ އަދި އެގޮތަށް ދަމާފައިހުރީ ކިހާމިންވަރެއްކަން އެގިލައްވާތޯ ނޭގޭނަމަ މަޖިލީހުގެ ރައީސްކަމަށް ނުހުރެ އިސްތިއުފާ ދެއްވާ ތިޔައީ ރައީސްކަމަށް ކުފޫ ހަމަވާމީހެއްނޫން އެހެންވީމާ މިހެންވެސް ކިއިދާނެ އަނގައޮތިއްޔާ ފަކުރުބޭ ޕާޓީއާ ގުޅެނިކޮން އެއޮންނާނީ ހުރިހާކަމެއް ފުރިހަމަވެފާ އެހެންނޫނީ ވަރަށް ގޯސްވާނެ
ޖިލް
24 May 2023
އަސްލު ނަށީދު ހުރިހާ އެންމެންނާ ވެސް ދެކޮޅުވާންވީ. އޭރުން މިކަން ރަނގަޅުވާނީ. ނަށީދު މީހަކާ ރުހިއްޖެޔާ އޭނާގެ ގޯހެއް ހުންނަ ކަމަކަށް ނުވޭ. އެހެންވީމަ މަޖުލިސް ރައީސްގެ ހައިސިއްޔަތު ފުރިހަމަ ކުރުމަށް ހުރިހާ އެންމެންނާ ދެކޮޅުވޭ. އޭރުން ކަންކަން ރަނގަޅު ވާނީ
ހިމާރުލްގައުމު
24 May 2023
މިހާރު ހުރީ ގައުމުގެ ރައްޔިތުންނާ ދެކޮޅުވެ ރައްޔިތުން ނިންމި ވެރިކަމުގެ ނިޒާމާވެސް ދެކޮޅުވެފައި. ދެން ކޮށްދޭންވީ ކަމަކީ ގައުމާވެސް ދެކޮޅުވެފައި ގައުމު ދޫކޮށްފައި ދާންވީ. އަދި މި ޤައުމުން އެއްވެސް އެއްޗެއް ބޭނުންވެސް ނުކުރަންވީ. އެއީ ރައްޔިތުންނަށްވެސް އަދި ގައުމަށްވެސް އެންމެ ފައިދާ ހުރި ގޮތަކީ.
ރައްޒާގު
24 May 2023
ތިބުނީ ތެދެއް މިހާރު އެއްކަލަ ދިވެހިންގެ ނޭވާހޮޅިން ވައްކަންކުރި މިހާވެސް ރަގަޅު. ޕީޕީއެމަށް ހެއްދެވި ނުހެއްދެވިޔަށް ގޮވާތަ މިހާރު އެވަރެއްނެތް.
މިމް
24 May 2023
މީދެން ކިހާވަރުގަދަ ކަމެއް. ވެރިކަމާހެދި މީހަކު މޮޔަވިޔަސް މީ ބޮޑުވަރު
ޖަމީލުބެ
24 May 2023
ހއ. އަތޮޅު އޮފީސް ތެރެއަށް އުކާލި މަހުގެ އަދަދާއި އެކަން ކުރުވި މީހާގެ ނަން މިނިސްޓްރީގެ ތަފާސް ހިސާބުގެ އެބައޮތްތޯ؟
ފިކުރޭ......
24 May 2023
ޏަޝީދު ހިތްހަމަޖެހޭކަހަލަ ޖަވާބެއްއެއްވެސް ވަޒީރު ބޭފުޅަކަށް ނުދެވޭނެ ޕާޓީ އަށް ޣައްދާރު ވަމުންދާބޭފުޅަކަށް ވީމަ ޕާޓީގެ ވަޒީރަކު ދައްކަވާވާހަކަ ކަމަކުނުދާނެ،....
ޝާމި
24 May 2023
މި ނަޝީދަކީ މިހާރު މި ގައުމަށް ޖެހިފައި ވާ ބޮޑު މުސީބާތަކަށް ވެއްޖެ. މީހުން މީނާ ދެކެ އެހާ ރުޅިއަންނަނީވެސް މި ވައްތަރަށް އުޅޭތީ. ރިޔާސަތުން ބަހުސްގައި ބައިވެރި ނުވެވޭނެކަމަށް ގަވާއިދުގައި އޮންނައިރުވެސް ކޮންމެ ކަމަކާ އަނގަ ބާނަންޖެހޭ.