ޔާމީން ޖަލަށް ވަޑައިގަތުމަށް ލޯންޗްގައި: ފުއްގިރި މައްސަލާގެ ތަހުގީގު ފައިލްތައް ހާމަކުރަން ކޯޓުން ވަނީ އަންގާފައި --- ފޮޓޯ/މިހާރު
25 މެއި 2023 - 14:22
ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތުގައި، ތަހުގީގު ފައިލްތައް ދިފާއީ ވަކީލުންނަށް ބެލުމުގެ ފުރުސަތު ދޭން ދައުލަތަށް ކްރިމިނަލް ކޯޓުން މިއަދު އަންގައިފި އެވެ.
ވ. އާރަށް މައްސަލައާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުވާކުރަނީ އެރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ.
ޔާމީންގެ އިތުރުން ސަން އިންވެސްޓްމަންޓް ކުންފުންޏާއި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ އިތުރުން އަހުމަދު ކްރިކް ރިޒާގެ މައްޗަށް ވެސް އެ މައްސަލާގައި ދައުވާ ކުރެ އެވެ.
އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދިފާއީ ވަކީލުން އެދިވަޑައިގަތީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އިތުރުން ރިޔާސީ ކޮމިޝަންގައި މައްސަލާގެ ތަހުގީގު ފައިލްތައް ހޯދުމަށެވެ. އަދި އެތަކެތި އެދިއްޖެނަމަ ދޭންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާކަން ވަކީލުން ފާހަގަ ކުރެއްވި އެވެ.
އެހެން ނަމަވެސް ދައުލަތުން ބުނިގޮތުގައި އެކަމަށް އެދެން ޖެހޭނީ ޝަރީއަތުގެ ކުރީގެ މަރުހަލާގަ އެވެ.
އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވީ ޝަރީއަތުގެ މަރުހަލާ ފެށުމަށްފަހު ވެސް އެ ލިޔުންތައް ބެލުމުގެ ފުރުސަތު ދެވިދާނެ ކަމަށެވެ. އަދި ފަސް ދުވަސް ތެރޭގައި އެ ފައިލްތައް ދައުލަތުން ހޯދުމަށްފަހު ފައިލްތަކުގެ އަސްލު ހިފައިގެން ކޯޓަށް ހާޒިރުވާން ގާޒީ އެންގެވި އެވެ.
މިއަދުގެ އަޑުއެހުމުގައި ޔާމީނާއި ކްރިކް ރިޒާގެ ފަރާތުން ހުށަހެޅުންތަކެއް ހުށަހެޅި އެވެ. އެއީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލާގެ ތަހުގީގު ހިންގާފައިވާނީ ރިޔާސީ ކޮމިޝަންގެ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ ތަހުގީގުން ހޯދި ހުރިހާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ކަނޑައެޅުމަށެވެ.
ދައުލަތުން ބުނީ ކޮރަޕްޝަނާއި ނުފޫޒު ބޭނުންކުރުމުގެ މައްސަލަ ރިޔާސީ ކޮމިޝަނަށް ބެލުނަސް، އެ މައްްސަލާގައި ދައުވާކުރާ މަނީ ލޯންޑްރިންގެ ކުށްތައް ބެލުމުގެ ބާރު ރިޔާސީ ކޮމިޝަނަށް ނޯންނަ ކަމަށެވެ. އަދި ރިޝްވަތުގެ ކުށް ތަހުގީގު ކުރުމުގެ ބާރު އޮންނަނީ އޭސީސީއަށް ކަމަށް ދައުލަތުން ބުންޏެވެ.
ޖަލުގައި ހުންނަވައިގެން ކުރީގެ އަޑުއެހުމެއްގައި ޔާމީން ބައިވެރިވަޑައިގަންނަވަނީ
ދައުލަތުން ބުނިގޮތުގައި އޭސީސީ އާއި ފުލުހުން ގުޅިގެން އެ މައްސަލަ ތަހުގީގުކުރީ ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބުނާ ޖޮއިންޓް ތަހުގީގެއް ހިންގުމަށެވެ.
އަމިއްލަފުޅަށް ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އެ މައްސަލާގެ ތަހުގީގު ހިންގާފައިވަނީ ތަހުގީގީ އިދާރާއަކީ ކޮބައިކަން ނޭނގޭ ގޮތަށް އޮޅުންބޮޅުންތަކެއްގެ ތެރެއިން ކަމަށެވެ. އެހެންވެ، ތަހުގީގު ހިންގާފައިވަނީ ފުރިހަމައަށް ހައްގުތައް ނުލިބޭ ގޮތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޔާމީނާއި ކްރިކް ރިޒާގެ ފަރާތުން ދެން ހުށަހެޅީ ބޭންކް ސްޓޭޓްމަންޓްތައް ކޯޓު އަމުރެއް ނެތި ހޯދީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށެވެ. އެ ދެ ބޭފުޅުންގެ ވަކީލުން ވިދާޅުވީ ބޭންކިން ގާނޫނު އޮތްގޮތުން ކޯޓު އަމުރެއް ނެތި ހޯދޭނީ އެކައުންޓްތަކުގެ ބާވަތްތަކުގެ މައުލޫމާތު އެކަނި ކަމަށާއި އަދި އެކައުންޓްތަކުގެ މުއާމަލާތްތައް ބެލޭނީ ކޯޓު އަމުރެއް އޮވެގެން ކަމަށް ވަކީލުން ވިދާޅުވި އެވެ. އަދި ކޯޓު އަމުރެއް ނެތި މީހުންގެ މުއާމަލާތްތައް ބެލޭނަމަ އެތައް ބައެއްގެ ހައްގުތަކަށް އަސަރު ކުރާނެ ކަމަށް ވަކީލުން ވިދާޅުވި އެވެ.
ދައުލަތުން ބުނީ ބޭންކްތަކުގެ ކަސްޓަމަރުންގެ މައުލޫމާތު ލިޔުމުން އެދިގެން ތަހުގީގީ އިދާރާތަކާއި ޕްރޮސެކިއުޓާ ޖެނެރަލަށް ހޯދޭނެ ކަމަށް ގާނޫނުގައި ބުނާއިރު އެ މާނައިގެ ތެރޭގައި އެކައުންޓުން ކޮށްފައިވާ މުއާމަލާތްތައް ބެލުން ވެސް ހިމެނޭ ކަމަށެވެ.
ދައުލަތުން ބުނިގޮތުގައި އެކައުންޓް ސްޓޭޓްމަންޓްތައް ހޯދީ ގާނޫނާ ހިލާފަށް ހޯދި ކަމަށް ބަހުސްގެ ބޭނުމަށް ބެލިޔަސް، ހެޔޮ ނިޔަތުގައި ހޯދާ ހެއްކެއް ސައްހަވާނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާތީ އެ ހެކިތައް ސައްހަވާނެ އެވެ.
އެކަމާ ގުޅިގެން ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ކުރިން ތުހުމަތު ކުރެވުނު ގއ. ވޮޑަމުލާ ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅޭ މައްސަލާގައި އެމަނިކުފާނުގެ ބޭންކް ސްޓޭޓްމަންޓް ހޯދުމަށްފަހު އެކައުންޓްގައި ހުރި ފައިސާގެ އަދަދު ނޫސް ބަޔާނެއް މެދުވެރިކޮށް އާންމުންނަށް ފުލުހުން ހާމަކުރި ކަމަށެވެ.
އެއީ ހެޔޮ ނިޔަތުގައި ކުރި ކަމެއް ގަބޫލު ނުކުރައްވާ ކަމަށާއި އެކަމަށް އަދިވެސް އެމަނިކުފާނަށް ގާނޫނީ ހައްލެއް ލިބިވަޑައިނުގަންނަވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި މީހުންގެ އެކައުންޓްތަކުން ކުރާ މުއާމަލާތްތަކުގެ ސްޓޭޓްމަންޓްތައް ކޯޓު އަމުރެއް ނެތި ނުހޯދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެ މައްސަލާގައި ހެކިބަސް ނެގުން ކުރިއަށް ގެންދަން މިއަދު ތާވަލް ކުރިޔަސް، ދިފާއުން އިތުރު ހުށަހެޅުންތަކެއް ހުށަހެޅުމުން އެކަމާ މެދު ވާހަކަ ދެއްކުމަށާއި ގޮތެއް ނިންމުމަށްޓަކައި ހެކިބަސް ނެގުން މިހާރު ވަނީ ފަސްކޮށްފަ އެވެ.
އެ މައްސަލާގެ އިތުރު އަޑުއެހުމެއް އަންނަ ހަފުތާގައި ވެސް ބާއްވާނެ އެވެ.
ޔާމީންގެ ޖަލު ހުކުމުގެ މައްސަލަ އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އޮތީ އިސްތިއުނާފް ކުރައްވައިފަ އެވެ. އެ މައްސަލާގެ އަޑުއެހުންތައް އެ ކޯޓުން އަދި ނުފަށަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށ.އސ
25 May 2023
ފައިލްތައްވެސް ގެންދެވިދާނެ. އެހެން ތަކެތިވެސް ގެންދެވިދާނެ. އެކަމަކު ފުށް ނުގިރާކަމަކަށް ނުވާނެ.
އ
25 May 2023
މުޅިންވެސް ފައިސާގެ މައްސަލަ މީނަގެ އުޅެނީ... ފައިސާ ނުދައްކާ މީނަ ގެންގުޅުނީމައި ރަނގަޅުވާނެ..
ހިބައިންދިނުން
25 May 2023
ދިނުމާ ދެއްކުމަކީ ތަފާތު މާނައެއް އެކެވޭ ދެބަހެއްކަން ނޫސްވެރިންނަށް އެނގެންޖެވޭ.
އަންޑޭ
25 May 2023
ބޮޑެތި ވައްކަންކުރާ މީހުންގެ މުދާ ދައުލަތަށް ނަގަންޖެހޭ! ވައްކަމުން ނެގި ފައިސާ އާއި އެއިން ހޯދި ހުރިހާ ފައިދާ އާއި އެއްވަރަށް ދައުލަތަށް ނަގާފައި ވައްކަމުގެ އަދަބު ވެސް ދޭންޖެހޭ. އެހެން ނޫނީ ނުހުއްޓާނެ!
ބަރުބާދު
25 May 2023
ތިހެންވިއްޔާ މިދައުލަތުން ބަދަލުގެގޮތުގަ ބެހިބިލުއަނަކައްވުރެ ގިނަރުފިޔާ އަދި ފައިސާ ހިމެނޭގޮތައްހެދުނު ކޮންމެ އެގްރީމެންޓަކީ ބޮޑުސިއްރަކައްވެ މުޅިމާލިއްޔަތުކާލީމަ މިދައުލަތް ނަގަންޖެހެނީ ކޮންދައުލަތަކުންތޯ؟ e
އަންދަލޫސިޔާ
25 May 2023
ޕޯޑިއަމްތަކުގައި ފަޚުރުވެރިވެފާ ތިމަން މަނިކުފާނު ވައްކަންކުރަން މޮޅުވާނެ ކަމަށާއި "ސާބިތެއް ނުކުރެވޭނެ" ކަމަށް ބުނީ ޢުމުރު ދުވަހަށް މަނިކުފާނު ވެރިކަމުުގައި ހުރެގެން އެންމެނަށް ބިރުދައްކައި ނައްތާލެވޭނެ ކަމަށް ބަލައިގެން. މިއަދު އެގޮތަށް ބިރުގަންނަކަމަށް ހެދޭނީ ވެސް ކޮންމެ ރެއަކު މުޒާހަރާއަށް ނުކުންނަ ވިއްސަކަށް މީހުން. 11 އަހަރު ވަންދެން މަނިކުފާނު ޖެހޭނީ ޖަލުގެ ތޭރިގުނަން. ވައްކަން ކޮށްގެން ހޯދިހާ ޑޮލަރުތައް ގުނާކަށް ދެން ނޫޅެވޭނެ.
ސޯމޯޓޯ
25 May 2023
މިވެސް ކުރާކަމެއްތަ؟