ކުޅިވަރު / ދިވެހި ކުޅިވަރު

މަހިބަދޫގައި ޕެލޭ ސްޓޭޑިއަމް ހުޅުވައިފި، ފުރަތަމަ މެޗު ކާމިޔާބު ކުރީ ގައުމީ ޓީމް

ޕެލޭ ސްޓޭޑިއަމް މަހުބަދޫ ގައި މިއަދު ކުޅުނު މެޗުގައި ގައުމީ ޓީމުން ގޯލެއް ޖެހުމަށް ފަހު.-- ފޮޓޯ: އެފްއޭއެމް

ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށްވާ ބްރެޒިލްގެ ޕެލޭގެ ހަނދާނުގައި، މަހިބަދޫގެ ފުޓްބޯޅަ ދަނޑަށް "ޕެލޭ ސްޓޭޑިއަމް"ގެ ނަމުން ނަން ދީ، ރަސްމީކޮށް ހުޅުވައިފި އެވެ.

ޕެލޭ ސްޓޭޑިއަމްގެ ނަން ދިނުމުގެ ގޮތުން މިއަދު އެ ދަނޑުގައި މިއަދު ކުޅުނީ މަހިބަދޫން ހޮވާލެވުނު ޓީމަކާއި ރާއްޖޭގެ ގައުމީ ޓީމެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ޝަރަފްވެރި ކޮށްދެއްވި މި މެޗު 5-0 އިން ކާމިޔާބު ކުރީ ގައުމީ ޓީމެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 29 ވަނަ ދުވަހުގެ ރޭ ޕެލޭ މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ކެންސަރު ބައްޔާ ހަނގުރާމަ ކުރުމަށްފަހު އެވެ. އޭނާގެ ބޮޑު ގޮހޮރަށް ޖެހުނު ކެންސަރާ ގުޅިގެން ހާލަތު ގޯސް ވެގެން ހޮސްޕިޓަލުގައި މަހެއްހާ ދުވަހު ފަރުވާދެމުން ދަނިކޮށް، ފުޓްބޯޅަ އާއިލާ ރޮއްވާލާފައި ދުނިޔެ ދޫކުރީ އުމުރުން 82 އަހަރުގަ އެވެ.

ޕެލޭ އަކީ ބްރެޒިލް އަށް ފުރަތަމަ ފަހަރަށް ފީފާ ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ކުޅުންތެރިޔާ އެވެ. އަދި މިހާތަނަށް ވޯލްޑް ކަޕް މުބާރާޓް ތިން ފަހަރު ކާމިޔާބު ކޮށްފައިވާ ހަމައެކަނި ކުޅުންތެރިއަކީ ވެސް ޕެލޭ އެވެ. ޕެލޭގެ ޖަނާޒާގައި ފީފާގެ ރައީސް ޖިއާނި އިންފަންޓީނޯ ވަނީ ކޮންމެ ގައުމެއްގައި ވެސް ޕެލޭގެ ހަނދާނުގައި، އެއް ސްޓޭޑިއަމަށް އޭނާގެ ނަން ދިނުމަށް އެދިފަ އެވެ. އެގޮތުން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އިން ދިން ފުރުސަތެއްގައި، ރާއްޖޭގައި ޕެލޭގެ ނަން ދީފައި މިވަނީ އދ. މަހިބަދޫގެ ޓާފް ދަނޑަށެވެ.

މި ދަނޑަކީ ނޮވެމްބަރު 16، 2018 ގައި ހުޅުވި ދަނޑެކެވެ. އެ އަހަރު ދަނޑު ހުޅުވުމުގެ ގޮތުން ވެސް އެކުވެރިކަމުގެ މެޗެއް ވަނީ ކުޅެފަ އެވެ. މަހިބަދޫން ހޮވާލެވުނު ޓީމަކާ ދެކޮޅަށް އެފަހަރު ކުޅުނީ، އެ އަހަރުގެ ދިވެހި ޕްރިމިއާ ލީގު ކާމިޔާބު ކުރި ޓީސީ ސްޕޯޓްސް ކްލަބެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުރިން ކުޅުނު ލެޖެންޑަރީ ކުޅުންތެރިން ކަމަށްވާ ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ) އާއި ފޯވާޑް އަހުމަދު ތޯރިގް (ޓޮމް)، މަހިބަދޫ ޓީމުގައި ކުޅެފައެއް ނުވެ އެވެ. އަދި ނުކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ނަމަކީ މާޒިޔާގެ ލެޖެންޑް އަސަދުﷲ އަބްދުﷲ (އަސައްކޮ) އެވެ.

މަހިބަދޫ ޓީމުގައި ހިމެނުނު އެއްވަނަ ޑިވިޝަންގެ ކުޅުންތެރިންގެ ތެރޭގައި، އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް)، މުހައްމަދު ސާމިރު، އަލީ އިޝްފާގު ހަސަން މަޖީދު (އިސްޕަ)، މުހައްމަދު އައިހަމް އިބްރާހިމް، އަލީ ނަސޫހު ރަޝީދު (ޕިލާ)، ކުރިން ގައުމީ ސްކޮޑުގައި ވެސް ހިމެނުނު ގާސިމް ސައްމާމް (ސަންމޭ) އަދި ގައުމީ ޓީމަށް ކުރިން ކުޅުނު ހުނަރުވެރި ވިންގާ ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ހިމެނެ އެވެ.

ގައުމީ ޓީމުގެ ކެޕްޓަން، މަހިބަދޫގެ ސަމޫހު އަލީ (ސަމުއްޓެ) އަނިޔާގެ ސަބަބުން މި މެޗުގައި ކުޅެފައެއް ނުވެ އެވެ. ނަމަވެސް މުޅިން އަލަށް ގައުމީ ސްކޮޑުގައި މިފަހަރު ހިމެނުނު މަހުބަދޫގެ ކުޅުންތެރިޔާ، އިބްރާހިމް އުސާމާ ހަސަން މަޖީދު ވަނީ މެޗުގެ ފަހު ހާފުގައި ކުޅެން އަރައިފަ އެވެ. މުހައްމަދު ނާއިމް އަށް ގޯލު ޖަހަން އުސާމާ ރަނގަޅު ހުރަހެއް ނަގައިދިން ނަމަވެސް ނާއިމް އަށް ބޯޅައިގައި ޖެހޭގޮތެއް ނުވި އެވެ. އަދި އުސާމާ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ދިޔައީ ގޯލު ހުރަސް ދަނޑީގެ ކުޑަ ތަންކޮޅެއް މަތިން ބޭރަށެވެ.

ހާފަކު 40 މިނިޓު ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިންމާލީ ތިން ގޯލު ޖަހައިގެން ގައުމީ ޓީމު ކުރީގައި އޮވެ އެވެ. ފުރަތަމަ ގޯލު ހަމްޒާ މުހައްމަދު (ހަމްޕު) ޖަހައިދިން އިރު ދެވަނަ ގޯލު ޖަހައިދިނީ އައިސަމް އިބްރާހިމް އެވެ. އަދި އެންމެ ފަހު މިނިޓުގައި ތިންވަނަ ގޯލު ޖަހައިދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.

ދެވަނަ ހާފު ފެށިގެން ހަވަނަ މިނިޓުގައި ގައުމީ ޓީމުގެ ހަތަރުވަނަ ގޯލު ޖަހައިދިނީ ހައިޝަމް ހަސަން (ބިޑި) އެވެ. މެޗު ނިމެނިކޮށް ފަސްވަނަ ގޯލު ޖަހައިދިނީ މުހައްމަދު ޝަހާއު (ބޭލް) އެވެ.

މި މެޗުގައި ކުޅުނު ގައުމީ ޓީމުގައި ހިމެނެނީ އަންނަ މަހު އިންޑިއާގެ ބެންގަލޫރުގައި ފަށާ މިއަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރު ވުމުގެ ގޮތުން ފަރިތަ ކުރަމުންދާ ޕްރިލިމިނަރީ ސްކޮޑްގެ 30 ކުޅުންތެރިންނެވެ.

ގައުމީ ޓީމު ސާފް ޗެމްޕިއަންޝިޕަށް ތައްޔާރު ވަމުން އަންނައިރު، ސްކޮޑް 23 ކުޅުންތެރިންނަށް ކުޑަކޮށް، އިތުރު ތަމްރީނުތަކަށް އަންނަ މަހު 5 ގައި ޖަޕާނަށް ފުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި ސާފް ޗެމްޕިއަންޝިޕަށް އިންޑިއާއަށް ދިޔުން ހަމަޖެހިފައި ވަނީ ޖަޕާނުންނެވެ.

3 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތީމް

29 May 2023

ޖޫލޭ ގެ ނަމުން ނަން ދިންނަމަ ކިހާ ރަނގަޅުވީސް

The name is already taken The name is available. Register?

ތޯރިގު

29 May 2023

ކުޑަމޫސާކީމަމަމާ ރނގަޅުވީސް

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

28 May 2023

ތިހިރަ ވަނަންތަކެއް ދޯ.ސާބަސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454