07 ޖޫން 2023 - 16:03
ދެ ގައުމުގެ މެދުގައި ސިޔާސީ ގުޅުން މެދުކެނޑިފައި އޮންނަތާ ހަތް އަހަރު ފަހުން، އަލުން އެ ގުޅުން ގާއިމުކޮށް، ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒްގައި އީރާންގެ އެމްބަސީއެއް އިއްޔެ އަލުން ހުޅުވައިފި އެވެ.
"މިއަދަކީ އީރާނާއި ސައޫދީ އަރަބިއްޔާއާ ދެމެދުގައި އޮތް ގުޅުމުގެ ވަރަށް މުހިންމު ދުވަހެއް. ދެ ގައުމުގެ ގުޅުން މިހާރު މިވަނީ މުޅިން އާ ޒަމާނަކަށް ވަދެފައި،" ރިޔާޒްގައި ހުޅުވި އީރާން އެމްބަސީގައި ދިދަ ނަންގަވައިދެއްވުމަށް ފަހު، އީރާންގެ ޚާރިޖީ ވަޒީރުގެ ނައިބު އަލީ ރިޒާ ބިކްދަލީ ވިދާޅުވި އެވެ.
އިއްޔެ އެމްބަސީ ހުޅުވުމަށް ފަހު، ޖިއްދާގައި ހުންނަ އީރާންގެ ކޮންސުލޭޓް ޖެނެރަލް އާއި ޖިއްދާގައި ހުންނަ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގައި ހުންނަ އީރާންގެ އޮފީސް ވަނީ މިއަދު ހުޅުވައިފަ އެވެ.
ސައޫދީގައި އީރާންގެ ޑިޕްލޮމެޓިކް އޮފީސްތައް ހުޅުވުމާއެކު، ދެ ގައުމުގެ ދެމެދުގައި ކުރާ ވައިގެ ދަތުރުތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަ އިރު، އެ ދަތުރުތައް ފެށުމުން ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އިތުރުވާނެ އެވެ.
އިއްޔެ ހުޅުވި ޑިޕްލޮމެޓިކް އޮފީސްތަކުގެ ފުރަތަމަ މަސައްކަތަކަށް ވާނީ، މިއަހަރުގެ ހައްޖުގައި ބައިވެރިވުމަށް އީރާނުން ސައޫދީ އަށް އަންނަ މީހުންނަށް ޚިދުމަތް ދިނުމެވެ. މިއަހަރުގެ ހައްޖު ދުވަސް ދިމާވާނީ މި ހިނގާ ޖޫން މަހުގެ 27 ވަނަ ދުވަހާ އެވެ.
އީރާނާ އެކުގައި އޮތް ޑިޕްލޮމެޓިން ގުޅުން، ޖެނުއަރީ 3، 2016ގައި ސައޫދީ އަރަބިއްޔާ އިން ކަނޑައިލީ، އީރާންގެ ވެރިރަށް ތެހެރާންގައި ހުރި ސައޫދީ އެމްބަސީ އަށް އީރާންގެ އާންމުންތަކެއް ވަދެގަނެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ. ސައޫދީއާ ދެކޮޅަށް އެދުވަހު ކުރި މުޒާހަރާގެ ބައިވެރިން އެމްބަސީ އަށް ވަދެގަތީ، ސައޫދީގެ މަޝްހޫރު ޝީއީ އިލްމުވެރިއެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅިގެން އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.
ޑިޕްލޮމެޓިކް ގުޅުން ކަނޑައިލިތާ ހަތް އަހަރަށް ފަހު، އެ ގުޅުން އަލުން ގާއިމުކުރީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގް މެދުވެރިވެވަޑައިގެން ދެ ގައުމު ސުލްހަކުރުމަށް ކުރި މަސައްކަތުން، މި ދިޔަ މާޗް މަހުގެ 10 ވަނަ ދުވަހު އެވެ. ދެ ގައުމުން ސިޔާސީ ގުޅުން އަލުން ގާއިމުކުރުމަށް ފަހު، ސަލާމަތީ ކަންކަމުގަ އާއި އިގްތިސާދީ ގޮތުން އެއްބާރުލުމާ ބެހޭ ގޮތުން، މީގެ 20 އަހަރު ކުރިން ދެ ގައުމުން ސޮއިކޮށްފައިވާ އެއްބަސްވުމަށް އަލުން އަމަލުކުރުމަށް ވެސް ދެ ގައުމުން ވަނީ އެއްބަސްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިމްސާކު ކަނޑުމަހަﷲ.
18 June 2023
މިއީ ވަރައް ދެރަކޮން ވީކަމެއް. ހުޅަނގުގެ އެންމެން ބޭނުންވާނީ، އެމީހުން ނޫން އެންމެން އެއްބަޔަކު އަނެއްބަޔަކާ އަބަދުވެސް ކޯޅުންގަޑެއްގައި ތިބުން. އެކަތި ގަޑަކައްވެ ވިސްނަން ފަށައިފިއްޔާ މޮޔަހައްދައިގެން ފައިދާ ނަގަން އުދަގޫވާނެތީވެ. މިރާއްޖޭގައިވެސް ކަންކުރަނީ އެހެން. އިސްދޫކަލައިދޫ، ހުޅުދޫ މީދޫ، އަބަދުވެސް ތަޅަފޮޅަނީ ބޮޑު އެކަން އެގޮތައްް ބާއްވަން ރައިވައިގެން އުޅޭތީވެ!