އެމްއެންޕީގެ ނައިބު ރައީސް އުޝާމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: މިހާރު
08 ޖޫން 2023 - 11:36
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަކީ އެމްޑީޕީން ޖަހާ "ސިޔާސީ ސަކަރާތެއް" ގެ ގޮތުގައި ސިފަކުރައްވައި، އެކަމުގައި އެމްއެންޕީން ބައިވެރި ނުވާނެ ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން އިއްޔެ ވަނީ 54 މެންބަރުންގެ ސޮޔާ އެކު މަޖިލިހަށް ހުށަހަޅައިފަ އެވެ.
މަޖިލިހުގެ ރައީސް ނަޝީދު މަގާމުން ވަކިކުރަން ކުރާ މަސައްކަތާ މެދު އެމްއެންޕީގެ ފަރާތުން އުޝާމް އުފެއްދެވީ ސުވާލެކެވެ.
މީގެ ހަތަރު ކުރިން ނަޝީދު ނުކުރައްވާ ކަމެއް ކުރައްވައިގެންތޯ މިހާރު ވަކި ކުރަން އެ އުޅެނީ؟
އޭނާ ވިދާޅުވީ، ރިޔާސަތުގައި އިންނަވައިގެން ނަޝީދު ގޯސްކޮށް ކުރެއްވި ކަންކަމުގެ ޝަކުވާ އެތައް ފަހަރެއްގެ މަތިން އެމްއެންޕީން އުފުލި ކަމަށާއި އެކަމަކު މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު އޮތް ދުވަސްވަރު އެމްޑީޕީން އޭރު އަޑު ނޭހި ކަމަށެވެ.
"ދެން މިހާރު ސިޔާސީ ގޮތުން ކަންތައްތައް ބަދަލުވެގެން އެކަން ކުރަން އުޅުނީމާ އެކަމުގައި އެމްއެންޕީން އިންވޯލްވްވާކަށް ބޭނުމެއް ނޫން. ސިޔާސީ ގޮތުން މިހާރު ޖަހަން މި އުޅޭ ސަކަރާތުގެ ތެރެއަށް އަޅުގަނޑުމެން ވަންނަން ބޭނުމެއް ނުވޭ،" ޗާގޯސްގެ މައްސަލާގައި ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ ކޯލިޝަންގައި އެމްއެންޕީ ތަމްސީލް ކުރައްވާ އުޝާމް ވިދާޅުވި އެވެ.
އެމްއެންޕީގެ އިތުރުން، ނަޝީދު ވަކިކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވެސް ތާއީދުނުކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.
ނަޝީދު މަގާމުން ވަކިކުރަން ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ މަޖިލިހުގެ ރައީސްގެ މަގާމަށް ނަޝީދު އިންތިހާބު ކޮށްފައި ވަނީ ގިނަ މެންބަރުންތަކެއްގެ ވޯޓާއެކުގައި ކަމަށާއި ވޯޓު ދީފައި ވަނީ ދިވެހިން އެދޭ ކަންކަން ހާސިލް ކޮށްދިނުމަށް ކަމަށެވެ.
ނަމަވެސް އެ މަގާމުގައި ނަޝީދު އިތުރަށް ހުންނަވައިފި ނަމަ މަޖިލީހުން އަދާކުރަން ޖެހޭ ގާނޫނީ ޒިންމާ އަދާ ކުރުމުގެ ފުރުސަތު ގެއްލި މަޖިލީހުގެ ގަދަރު ދިވެހިންގެ ކުރިމަތީ ކުޑަވެގެން ދާނެ ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.
"...އިސްވެ ބަޔާން ކުރެވުނު ކަންކަމާއި ސަބަބުތައް އެހެން ހުރުމުން ރައީސް މުހައްމަދު ނަޝީދަށް ކުރަމުން އައި އިތުބާރު ގެއްލިއްޖެ ކަމަށް އަހަރުމެންނަށް ފެނުނު ހިނދު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކި ކުރެއްވުމަށް އަހަރުމެން ސޮއި ކޮށް ހުށަހަޅަމެވެ،" އެ މައްސަލާގައި ބުނެފައިވެ އެވެ.
ނަޝީދު ވަކި ކުރަން ތާއީދު ކޮށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ސޮއި ކުރީ 51 މެމްބަރެކެވެ. އެ ޕާޓީގެ ފަރާތުން ސޮއި ކުރަން އެއްބަސް ނުވީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދާއި ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެއް) އާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ޗެކްމާކް) އާއި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދެވެ.
ނަޝީދު މައްސަލާގައި އެމްޑީޕީގެ ބޭރުން ސޮއި ކުރެއްވީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އަދި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލި
10 June 2023
"މަޖިލީހުގެ ގަދަރު ދިވެހިންގެ ކުރިމަތީ ކުޑަވެގެން ދާނެ ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ." ހަ ހަ ހާ. ތިޔަ "އިއްޒަތްތެރި" މަޖިލީހަށް ދިވެހިން ދޭ ގަދަރަކީ ތިޔަ ތާނގައި މީގެ ފަސްދޮޅަހަކަށް އަހަރު ކުރީން ތިޔަ ބިމުގައި ހުރި ތަނަށް ދިން ގަދަރު. ނޭނގޭ ކުދިން ތާރީޚު ބަލާލާ.
ދެރަ
09 June 2023
ދެރަވަރުގެ ވިސްނުން. ކަމެއް ރަގަޅުކުރަން ލިބޭ ފުރުޞަތުގެ ބޭނުން ހިފަންޖެހޭ! އެއްކޮޅުގައި ބަިއވެރިނުވުމަކީ އަނެއްކޮޅުގައި ބައިވެރިވުން.
ރަންދެލި
09 June 2023
މިހާރުގެ މެމްބަރުންގެ ނިސްބަތަށް ބަލާއިރު 3 މެމްބަރަކު ހިމެނޭ ޕާޓީ އަކުން ވަކި އަތަކަށް ދިޔުމަކުން ނަތީޖާ އަށް ބަދަލެއް އަންނާނެ ކަމަކަށް ނުބެލެވޭ!. އަދި މިވަގުތު ތިޔަ 3 މެމްބަރުންގެ މާ ބޮޑު ބުރަދަނެއް ނެތް ކަމަށް ފެންނަނީ!!
އައްޔަ ބޮޑޭ
09 June 2023
ނަޝީދު ބޭރުކުރަންޖަހާ ސިޔާސީ ސަކަރާތުގަ ތިޕާޓީބައިވެރި ނުވުމަކުން އެސަކަރާތަކަށް އަންނާނެ އެއްވެސް އުނިކަމެއް ނޯންނާނެކަން އެނގޭނުން. މިހާރުވެސް އެއޮތީ ބޭނުންވާވަރަށް ވުރެވެސް އިތުރުވެފަ .
ޑިދި
09 June 2023
އުޝާމް. ކަލޭ ޖެހޭނީ ދެން ވިލިމާލޭ ގޮނޑި މަތިން ހަނދާން ނައްތާލަން. އޭރު އުޝާމް ހޮވަން ކެމްޕޭނުގަ އުޅެވުނު މޮޔަ މިހާރު ހިތަށް އަރާ. ތިޔަ ވަތް ޕާޓީގައި ދެން އޮންނަ ދައުރު މަޖިލީހާ ހަމައަށް ކިރިޔާވެސް އަންނާނީ އަބްދުﷲ ރިޔާޒް.
ައަހުމަދު، ވިލިމާލެ
09 June 2023
އަސްލުގައިވެސް، ކޮންމެ މީހަކުވެސް މެމްބަރކަމަށް ހޮވުނީމަހީވަނީ މީ ދެން އެމީހުންގެ އަމިއްލަކަމެއްކަމަށް، ދާއިރާގެ ރައްވެހިން އުޅޭހާލެއް ނުބެލޭތަނުގައި، އެއިންމީހަކާއި ބައްދަލުވެވެނީއެއްނޫން.
ކުރުސީބެ
08 June 2023
ޢުޝާމު ތިޔައީ ކަލޭމެން އެންމެން ގުޅިގެން އިއްޒަތް ތެރިކަމުގެ ލަގަބު ހޯދައިގެންތިބެ މަޖިލިސް ތެރޭ ކުޅޭ ކުޅިގަޑެއް!
އެދުރުބޭބެ
08 June 2023
ތިޔަ ޕާޓީގެ ސައިޒް އެންމެފަހުން ބޭއްވުނު ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުން އެއޮތީ ފެންނަން. ސައިޒު އޮޅިގެން ތިޔައުޅެނީ. ތިޔަޖަހާ ސަކަރާތްޖަހަން އިހަށް ދަނޑުންބޭރުގަ ކުޅިބަލަން މަޑުކޮށްލިއްޔާ ރަނގަޅުވާނީ.
ދަފްތަރު ސުޖާއު
08 June 2023
މީ މަގޭވޯޓުން ހޮވިފަ ހުރި މެމްބަރެއް ، ރައްޔިތުންގެސުއޫރުތަކާދެކޮޅަށް ތިޔަ މަސައްކަތްކުރަނީ އަމިއްލަ މަސްލަހަތެއްއޮވެގެންތޯ؟ ނަސީދުގެ ބޮޑު ސަކަރާތުގެ ޗަރުކޭސް ހިމާޔަތްކުރަން ހުރޭ، ނާންނާތި ވޯޓުހޯދަން .
ދެރިޔާ
08 June 2023
ތިޔަ ހުރިހާ މީހުން އެސިޔާސަތް ގަނޑުގައި ރަނގަޅަށް ބައިވެރިވާނެ. އެކަމަކު ނަޝީދު ކޮޅުން. ދެން ބައިވެރި ވެދާނެތެއްނު؟ އިރާދަ ކުރެއްވިއްޔާ މޮކްރެޓްސްއެއް ރާއްޖޭގެ ޢިއްޒަތްތެރި ރައްޔިތުންގެ މަޖިލިސްގެ ރައީސްކަން ކުރިޔަކަ އަހަރެމެން ނުދޭނަމު. އެކަން ކުރުވައިފި ބައެއްގެ މުނާފިޤު ސިޔާސަތަކަށް ވެސް ތާއީދު ނުކުރާނަމު. އިރާދަކުރެއްވިޔާ މި ރައްޔިތުންގެ ސިޔާދަތު ދާއިމަށް އަތުލާގަންނާނެ ނިޒާމަކަށް މަގުފަހި ވިޔަކަ ނުދޭނަމު!
ފިކުރޭ......
08 June 2023
އެހާދުވަސްވީއިރުވެސް އިސްލާނުވެ ކުރިއަށްދާތީ އަދި މަޖިލީސް ހުއްޓުވީމަ ދެން ފިއަވަޅުއަޅުއްވަން ނިންމެވީ، 54 މެމްބަރުންގެ ސޮއި ލިބިގެން ވަކިކުރަނީ، ހީނުކުރައްވާތި ރައީސްކަން ތިޕާޓިއަށް ލިބިދާނެކަމަށް...