އިސްލާމިކް މިނިސްޓްރީން ޒަކާތް ބަލައިގަންނަނީ: ފަގީރުންގެ ގޮތުގައި ރަޖިސްޓަރީވާން އިސްލާމިކް މިނިސްޓްރީން އަލުން ވަނީ ހުޅުވާލައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
12 ޖޫން 2023 - 10:51
މާލެ ސަރަހައްދުން ފަގީރުންގެ ގޮތުގައި ރަޖިސްޓަރީ ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ފަގީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓަރީވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 22 ގެ ނިޔަލަށް ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އާ ދެމެދު މިނިސްޓްރީ އަށް ފޯމު ހުށަހެޅޭނެ ކަމަށް އިއުލާނުގައި ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން އެ ފުރުސަތު ހުޅުވާލީ ހަމައެކަނި މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ އިން ފަގީރުންގެ ގޮތުގައި ރަޖިސްޓަރީ ވާން އެދޭ މީހުންނަށެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި، މި އަހަރު ފިތުރު ޒަކާތުގެ ފައިސާ ލިބިފައިވާ މީހުންގެ ތެރެއިން ހާލަތު ބަދަލުވުމުގެ ސަބަބުން ދަފުތަރުން އުނިވެފައިވާކަން އަންގާފައި ނެތް މީހުންނަކީ މި ވަގުތު ވެސް ފަގީރުންގެ ދަފްތަރުގައި ތިބި މީހުންނެވެ. އެހެންވެ، އެ މީހުން އަލުން ރަޖިސްޓަރީ ވާން ނުޖެހޭނެ އެވެ. އެކަމަކު އެ އާއިލާތަކުގައި ވެސް މި މަހުގެ 22 އަށް 18 އަހަރު ފުރޭ ކުއްޖަކު ހުރި ނަމަ ނުވަތަ 65 އަހަރު ފުރޭ މީހަކު ހުރި ނަމަ އަލުން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ވެ އެވެ.
ފަގީރުންގެ ދަފުތަރުގައި ރަޖިސްޓަރީވާން އެންމެފަހުން ހުޅުވާލީ މިދިޔަ އަހަރުގެ ޑިސެމްބަރުގަ އެވެ.
އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރު އަލަށް އެކުލަވާލައި އާންމުކުރި ފަގީރުންގެ ލިސްޓުގައި ހިމެނެނީ 9،041 މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުވޭ
12 June 2023
ހަމައެކަނި މާލެސަރަހައްދަށޭ. މިކޮންމެ 3 މަހުން މާލެސަރަހައްދު ފަގީރުންނަށް ފައިސާ ބަހާން މިޖެހުނީ ކީއްވެޔޯ މިއަހަރު އެކަނި. ބޯމަތީކުރިއަށްއޮތް ވިލާގަނޑު ވަޔާދަންދެންތަ.