މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން، މިސްކިތްތައް ބަންދުކުރަން ނިންމި ނަމަވެސް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ 40 މިސްކިތުގެ ތެރެއިން 37 މިސްކިތެއްގައި ވަކިން ނަމާދުކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން މިރޭ ބުނެފި އެވެ.
އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް މިސްކިތްތަކުގައި މީހުން އަމަލުނުކުރާ ކަމަށް ބުނެ، މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ ހުރިހާ މިސްކިތްތަކެއް އިސްލާމިކް މިނިސްޓްރީން ބަންދުކުރީ މިދިޔަ މަހުގެ 26 ގަ އެވެ. އެކަމަކު، އާންމުންގެ ފާޑުކިޔުންތަކާ ގުޅިގެން އެ އުސޫލަށް އެ މިނިސްޓްރީން ބަދަލު މި ގެނައީ އެ ނިންމުމަށް މާދަމާ ހަފުތާއެއް ވާން އުޅެނިކޮށެވެ.
"މިސްކިތްތައް ބަންދުކުރަން ނިންމި ކަމުގައި ވިޔަސް، ބައެއް އާންމު ފަރާތްތަކުން ޚާއްސަ ހާލަތްތަކުގައި މިސްކިތްތައް ބޭނުންކުރަމުންދާތީ، މާލެ ސަރަހައްދުގައި ހިމެނޭ 40 މިސްކިތުގެ ތެރެއިން 37 މިސްކިތުގައި ނަމާދުކުރުމާއި ފާހާނަކުރުމާއި ވުޟޫއުކުރެވޭނެ އިންތިޒާމު މިހާރު ވެސް ހުރިކަން ފާހަގަކުރަމެވެ،" އެ ނޫސްބަޔާނުގައި ވެ އެވެ.
މިސްކިތްތައް ބަންދުކުރުމުން މިނިސްޓްރީ އާއި ސަރުކާރަށް ވަރަށް ގިނަ ބައެއް ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. އަދި މިސްކިތްތައް ބަންދުކޮށްފައި ހުއްޓާ ބައެއް މީހުން އެ ތަންތަނަށް ދިއުމުން ޖޫރިމަނާ ކުރި ކަމަށް ބުނާ މައްސަލަތަކެއް ވެސް ފެންމަތިވި އެވެ. އެކަމަކު، އެ ވާހަކަ ދޮގުކޮށް، ފުލުހުން ބުނީ މީހުން ޖޫރިމަނާކޮށްފައި ވާނީ ހުއްދަނެތި މަގުމާތީގައި އުޅުމުން ކަމަށެވެ.
މާލެ ސަރަހައްދުގައި އެންމެ ފުރަތަމަ ކޮވިޑްގެ ހާލަތު ގޯސްވި ދުވަސްވަރު ނުވަތަ ފުރަތަމަ ލޮކްޑައުންގައި ވެސް މިސްކިތްތައް ބަންދުކުރި އެވެ. އެއީ މާޗު 18، 2020 ގަ އެވެ. އަދި އެ ލޮކްޑައުން އަށް ފަހު ދިން ލުއިތަކާއެކު މިސްކިތްތައް އަލުން ހުޅުވީ ތިން މަސް ފަހު ޖުލައި 1، 2020 ގަ އެވެ.