ދުނިޔެ

ދެކުނު އެފްރިކާގެ ރައީސް ރާމަފޯސާ، ޕުޓިން އަށް: ހަނގުރާމަ ހުއްޓާލާ

18 ޖޫން 2023 - 12:44

3 comments

މޮސްކޯ (ޖޫން 18) - ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރައި މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓައިލަންޖެހޭ ކަމަށް، ދެކުނު އެފްރިކާގެ ރައީސް ސީރިލް ރާމަފޯސާ، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އަށް އިއްޔެ ދަންނަވައިފި އެވެ.

ރައީސް ރާމަފޯސާ މި މޭރުމުން ރައީސް ޕުޓިން އަށް ލަފާ އެރުވީ، ހަނގުރާމަ ހުއްޓާލައި ސުލްހަ ގާއިމުކުރުމުގެ ހުށަހެޅުއްވުމަކާއިގެން ރަޝިޔާ އަށް މިހާރު ޒިޔާރަތް ކުރައްވަމުން އަންނަ އެފްރިކާގެ ވެރިންގެ ވަފްދުގެ ފަރާތުން ޕުޓިންއާ އެކުގައި އިއްޔެ ބޭއްވި ބައްދަލުވުމުގަ އެވެ. އެފްރިކާގެ ހަތް ގައުމެއްގެ ވެރިން ހިމެނޭ މި ވަފްދުގެ ބޭފުޅުންނާ އެކުގައި ރައީސް ޕުޓިން އިއްޔެ ބައްދަލުކުރެއްވީ ސެންޓް ޕީޓަސްބާގްގައި ހުންނަ ކޮންސްޓަންޓިނޮވްސްކީ ގަނޑުވަރުގަ އެވެ.

ރާމާފޯސާގެ އިތުރުން އެފްރިކާގެ ވެރިންގެ މި ވަފްދުގައި ހިމެނެނީ، މިސްރުގެ ބޮޑުވަޒީރު މުސްތަފާ މަދްބޯލީ އާއި ކޮންގޯގެ ކެބިނެޓް މެމްބަރު ފްލޮރެންޓް ޓިސީބިއާ އާއި ސެނެގާލްގެ ރައީސް މެކީ ސާލް އާއި ޒެމްބިއާގެ ރައީސް ހަކައިންޑޭ ހިޝިލޭމާ އާއި ޔުގެންޑާގެ ޚާރިޖީ ވަޒީރު އޮޑޮންގޯ ޖޭޖޭ އަބޫބަކުރު އާއި ކޮމޮރޯސްގެ ރައީސް އަޒާލީ އުސްމާނީ އެވެ.

ރައީސް ޕުޓިންއާ އެކު ބޭއްވި ބައްދަލުވުމުގައި މިވަފުދުން ހުށަހެޅުއްވީ 10 ނުކުތާގެ މައްޗަށް އެކުލެވޭ ސުލްހައިގެ ހުށަހެޅުއްވުމެކެވެ. އެ ހުށަހެޅުއްވުމުގައި އޮތީ ދެ ފަރާތުގެ މެދުގައި ސުލްހަ ގާއިމުކުރުމުގެ ގޮތުން އެއްބަސްވުމަކަށް އައުމުގެ ކުރިން، ދެ ފަރާތުގެ މެދުގައި އިތުބާރު އުފެއްދުމަށްޓަކައި ކުރެވިދާނެ ކަންކަމެވެ.

"މި ހަނގުރާމަ އަށް ނިމުމެއް އަންނަންޖެހޭ. މި މައްސަލަ ހައްލުކުރަން ޖެހޭނީ، މަޝްވަރާތަކުންނާއި ޑިޕްލޮމެޓިކް ގޮތްތައް ބޭނުންކޮށްގެން. އަޅުގަނޑުމެން މިތަނަށް އައިސް މިތިބީ ވަރަށް ސާފު މެސެޖަކާއިގެން. އެއީ މި ހަނގުރާމަ ހުއްޓުމަކަށް އަންނަންޖެހޭ ކަން،" ރައީސް ޕުޓިންއާ އެކު ބޭއްވި ބައްދަލުވުމުގައި ދެކުނު އެފްރިކާގެ ރައީސް ރާމަފޯސާ ވިދާޅުވި އެވެ.

"މި ހަނގުރާމައިގެ ސަބަބުން އެފްރިކާ ބައްރަށް ވަރަށް ނުބައި އަސަރުތަކެއް އެބަ ފޯރާ. އަދި ހަގީގަތުގައި ދުނިޔޭގެ އެހެން ހުރިހާ ގައުމަކަށް ވެސް އެ ކަމުގެ ގެއްލުންތައް އެދަނީ ލިބެމުން."

އެފްރިކާގެ ވެރިންގެ ހުށަހެޅުން ވަކި ހިސާބަކަށް ދިޔަ ތަނުން، ރައީސް ޕުޓިން ވަނީ އެ ބޭފުޅުންގެ ވާހަކަ މެދުކަނޑުއްވާލައްވައި، އެ ހުށަހެޅުން ބަލައިނުގަނެވޭނެ ސަބަބުތައް ވިދާޅުވެދެއްވައިފަ އެވެ. ޕުޓިން ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރަޝިޔާ ސިފައިން ޔޫކްރޭންގެ ބޯޑަރު ކައިރިއަށް ފޮނުވުމުގެ މާ ކުރިން ހުޅަނގުގެ ގައުމުތަކާއި ޔޫކްރޭނުން ވަނީ މި މައްސަލަ އުފަންކޮށްފަ އެވެ.

އެހެން ނަމަވެސް، ޔޫކްރޭން މައްސަލަ ހައްލު ކުރާނެ ވަޒަން ހަމަ ހުށަހެޅުމަކާއިގެން މަޝްވަރާއަށް ވަޑައިގެންނެވީތީ، ރައީސް ޕުޓިން ވަނީ އެފްރިކާގެ ވެރިންނަށް ޝުކުރު ދަންނަވައިފަ އެވެ. ޕުޓިން ވިދާޅުވީ އެއްބަޔަކު އަނެއް ބައެއްގެ މަސްލަހަތަށް ހުރުމަތްތެރިކޮށް ހިތާ، އަދި އިންސާފުގެ މައްޗަށް ބިނާވެގެންވާ ސުލްހައެއް ގާއިމުކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ރަޝިޔާ އަބަދުވެސް އޮންނާނީ ތައްޔާރަށެވެ.

ނަމަވެސް ކަން ހިނގަނީ އެ ގޮތަށް ނޫން ކަމަށް ޕުޓިން ވިދާޅުވި އެވެ. އެ ކަމުގެ މިސާލެއްގެ ގޮތުން ޕުޓިން ފާހަކުރެއްވީ، އެފްރިކާގެ ގައުމުތަކަށް ދިމާވެފައިވާ ކާބޯތަކެތީގެ ދަތިކަން ފިލުވައިދިނުމުގެ ގޮތުން، ޔޫކްރޭންގެ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓްކުރުމަށް ރަޝިޔާއާ އެކުގައި ވެފައިވާ އެއްބަސްވުން ތަންފީޒު ކުރަމުންދާ ގޮތެވެ.

ޕުޓިން ވިދާޅުވި ގޮތުގައި އެފްރިކާގެ ގައުމުތަކަށް އެހީވުމަށް އެއްބަސްވެގެން ޔޫކްރޭންގެ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ކުރި ނަމަވެސް، އެ އެއްބަސްވުމުގެ ދަށުން އެކްސްޕޯޓްކުރާ ގޮވާމުގެ ތެރެއިން އެފްރިކާގެ ގައުމުތަކަށް ގެންދަނީ އެންމެ ތިން ޕަސެންޓުގެ ގޮވާމެވެ. އަދި ކާނާގެ މައްސަލަ އުފެދުނީ ރަޝިޔާއިން ކުރި ކަމަކުން ނޫން ކަމަށާއި، އެ މައްސަލަ އުފެދުނީ ހުޅަނގުގެ ގައުމުތަކުން އެޅި ފިޔަވަޅުތަކެއްގެ ސަބަބުން ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.

ޕުޓިން ވިދާޅުވި ގޮތުގައި ޔޫކްރޭނާ އެކުގައި މަޝްވަރާ ކުރުމަށް ރަޝިޔާ އެއްވެސް އިރެއްގައި ދެކޮޅެއް ނުހަދަ އެވެ. ނަމަވެސް ޔޫކްރޭނުން ވަނީ އެކަމަށް ފުރަގަސް ދީފައި ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.

ރައީސް ޕުޓިންއާ މަޝްވަރާ ކުރުމުގެ ކުރިން، އެފްރިކާ ވަފްދުގެ ބޭފުޅުން މިދިޔަ ހުކުރު ދުވަހު، ޔޫކްރޭނަށް ވަޑައިގެން އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ ވެސް ބައްދަލުކުރެއްވި އެވެ. ޒެލެންސްކީ ވިދާޅުވި ގޮތުގައި ހަނގުރާމަ ހުއްޓުމާ ބެހޭ ގޮތުން ރަޝިޔާއާ އެކުގައި އެއްވެސް މަޝްވަރާއެއް ކުރާނީ، ރަޝިޔާ ސިފައިން ހިފާފައިވާ ޔޫކްރޭންގެ ހުރިހާ ބިންތަކެއް މިނިވަންކޮށް، އެ ބިންތަކުން ރަޝިޔާ ސިފައިން ފޭބުމުންނެވެ.

3 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނުރަބޯ

20 July 2023

ހަނގުރާމަ ހުއްޓުމުގެ ބާރުއޮތީ ޒެލެންސްކީގެ އަތުގައި. އޭނާ މިހާރު ގެންގުޅޭ ކިބުރުވެރި ބޮޑާ ސިޔާސަތު ބަދަލުކޮށް ރަޝިޔާއަށް ނޭޓޯ ފާކުރަން އުޅޭއުޅުން ހުއްޓާލުމުން ހަނގުރާމަ ހުއްޓޭނެ. މިހަނގުރާމަ ރަޝިޔާއިން ފެށީ ނޭޓޯގެ ސަބަބުން ރަޝިޔާގެ ގައުމީ ސަލާމަތަށް ނުރައްކައު ވުމުން އެހެން ގޮތެއް ނެތިގެން……!!!

The name is already taken The name is available. Register?

އެފްރިކާ

20 June 2023

އެފްރިކާ ގެ ރައީސޭ؟ އެފްރިކާގެ ރައިސެއް ހުރޭ ތަ؟

The name is already taken The name is available. Register?

ވިކިލީކުސް.

18 June 2023

( ޒެލެންސްކީ ވިދާޅުވި ގޮތުގައި ހަނގުރާމަ ހުއްޓުމާ ބެހޭ ގޮތުން ރަޝިޔާއާ އެކުގައި އެއްވެސް މަޝްވަރާއެއް ކުރާނީ، ރަޝިޔާ ސިފައިން ހިފާފައިވާ ޔޫކްރޭންގެ ހުރިހާ ބިންތަކެއް މިނިވަންކޮށް، އެ ބިންތަކުން ރަޝިޔާ ސިފައިން ފޭބުމުންނެވެ) މިޕެރެގުރާފުންވެސް ސާފުކޮށް އެނގޭނެ މިހަނގުރާމަ ނުނިމޭނެކަން. ރަސިއާގެ އެތައްހާސް ސިފައިންގެ ފުރާނައިން ގުރުބާންވެގެންހިފި ބިންތަކެއް ދޫކުރާނެ އެއްވެސްގޮތެއް ނޯންނާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454