އެސްޓީއޯގެ ހެޑް އޮފީސް: ޖޫރިމަނާގެ ގޮތުގައި 1.9 މިލިއަން ރުފިޔާ އެރީ އެސްޓީއޯ އިން ދައްކަންޖެހޭ ފައިސާއެއް ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި --ފޮޓޯ/މިހާރު
31 ޖެނުއަރީ 2017 - 13:49
އެސްޓީއޯ އިން އަމިއްލަ ކުންފުންޏަކަށް ފައިސާތަކެއް ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި ދެ މިލިއަނެއްހާ ރުފިޔާ ދައްކަން އެސްޓީއޯގެ މައްޗަށް ކޮށްފައިވާ ހުކުމެއް ބާތިލްކޮށް، އެ ފައިސާ އެސްޓީއޯ އިން ދައްކަން ނުޖެހޭ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ވައިޓް ލައިން ކުންފުންޏަށް 1.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދައްކަން އެސްޓީއޯގެ މައްޗަށް ސިވިލް ކޯޓުން ޑިސެމްބަރު، 2014 ގައި ހުކުމްކުރީ އައިޖީއެމްއެޗްގައި ހުންނަ އެސްޓީއޯގެ ބޭސް ގުދަނާއި އެސްޓީއޯގެ އޮފީހެއް ހެދުމަށް ކުރި މަސައްކަތަށް ވައިޓް ލައިން ކުންފުނިން ދެއްކި ރިޓެންޝަން ފައިސާ އެސްޓީއޯ އިން އަނބުރާ ނުދިން މައްސަލައެއްގަ އެވެ.
ރިޓެންޝަން ފައިސާގެ ގޮތުގައި ދެއްކި ފައިސާގެ ތެރެއިން ވައިޓް ލައިނަށް އަނބުރާ ލިބެންޖެހޭ 45،000ރ. އަނބުރާ ނުދީ ހޭދަވި 966 ދުވަހަށް، ކޮންމެ ދުވަހަކަށް 2،050ރ. ގެ ރޭޓުން 1.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވައިޓް ލައިނަށް ދައްކަން އެސްޓީއޯގެ މައްޗަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އެ މައްސަލަ އެސްޓީއޯ އިން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ނިންމީ 1.9 މިލިއަން ރުފިޔާއަކީ އެސްޓީއޯ އިން ދައްކަން ޖެހޭ ފައިސާއެއް ނޫން ކަމަށާއި އެ ފައިސާ ދައްކަން އަންގައި، ކުރި ހުކުމް ބާތިލު ކަމަށެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ 1.9 މިލިއަން ރުފިޔާ ދަށު ކޯޓުން ނަގައިދިނީ ރިޓެންޝަން ފައިސާ ނުލިބުމުން ވައިޓް ލައިނަށް އެ މިންވަރަށް ގެއްލުން ލިބުނުކަން ސާބިތުވާ ހެއްކެއް ހުށަހަޅާފައި ނެތީސް ކަމަށެވެ. ފައިސާ ދައްކަން އަންގައި، ފޮނުވި ބިލް އެސްޓީއޯ އަށް ރައްދުވެފައި ވިޔަސް އެއީ ބިލުގައި ބުނާ ޖޫރިމަނާއަކީ ލިބުނު ގެއްލުމާ އެކަށީގެންވާ މިންވަރުގެ ބަދަލެއް ކަން ވެސް ސާބިތުނުވާ ކަމަށް ހުކުމުގައިވެ އެވެ.
އެ ހުކުމުގައިވާ ގޮތުން އެއްބަސްވުމެއްގެ ދަށުން ކުރަންޖެހޭ ކަމެއް ނުކުރުމުން ނުވަތަ ކުރުން ލަސްކުރުމުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދޭން ޖެހޭނީ އެކަމުން ލިބުނު ގެއްލުމާ އެކަށީގެންވާ މިންވަރަކަށް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކުރިން ކަނޑައަޅައިފަ އެވެ.
ލިބުނު ނުވަތަ ލިބޭނެ ކަމަށް ބެލެވޭ ގެއްލުމަށް ވުރެ ބޮޑު ބަދަލު ނަގައި ދިނުމަކީ އިސްލާމީ ޝަރީއަތާ ޚިލާފް ކަމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށާއި އެސްޓީއޯ އިން ފައިސާ ދެއްކުން ލަސް ކުރުމުން ވައިޓް ލައިނަށް ގެއްލުމެއް ލިބުނުކަން ނުވަތަ ލިބުނީ ކިހާ ގެއްލުމެއްކަން އަދި ގެއްލުންވީ ކިހިނެއްކަން ސާބިތުވާ ފަދަ ހެއްކެއް ވައިޓް ލައިނަށް ނުދެއްކޭ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
ޖޫރިމަނާގެ ގޮތުގައި އެރި 1.9 މިލިއަން ރުފިޔާ ދައްކަން ކުރި ހުކުމް ބާތިލް ކުރިޔަސް އެ ހުކުމުގައި، ރިޓެންޝަން ފައިސާގެ ގޮތުގައި އެސްޓީއޯ އިން ވައިޓް ލައިނަށް ދޭންޖެހޭ 45،000ރ. ދައްކަން އަންގާފައިވާ ބަޔަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. ރިޓެންޝަން ފައިސާ ދައްކަން ޖެހޭނެ ކަމަށް އެސްޓީއޯ އިން ވެސް އެއްބަސްވެ އެވެ.
ފަނޑިޔާރު އަލީ ސަމީރު ރިއާސަތު ބެލެހެއްޓެވި އެ މައްސަލަ ބެލި ބެންޗުގައި ދެން ތިއްބެވީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލަމް
31 January 2017
ތިއީ ސިޔާސީ ކުޅިގނަޑެއް، ތިކަމުގެ ހަގީގަތް ބެލީމައި އެނގޭނެ
ސުއްލޭ
31 January 2017
އަޅުގަނޑު މެންގެ އަތުންނަގާ ޓްރެފިކް ވައިލޭޝަން ސްޓިކާއަށް ޖޫރިމަނާ ގޮތުގައި އެ ނަގަނީ އެންމެ އެކަށޭނެ ވަރުބާ؟؟
އަލީ
31 January 2017
ތީ ސަލާމަތްވީއެއްނޫން. އިންސާފު މިގަައުމުގައި އޮންނަ ވައްތަރު. އަބަދުވެސް ބޮޑުމީހާއަށް ބޮޑުގޮތް.
ހުގަަ
31 January 2017
ސަރުކާރު މުވައްޒަފުންގު މި މަހުގެ މުސާރަ އަންނަ ހަފުތާގަވެސް ނުލިބޭނެކަމުގައި ދަންނަން
ހާސަރު
31 January 2017
ތިޔަވީގޮތުން އެމްޕީއެލްގެ މައްޗައްކުރި ހުކުމް ދެން އިސްތިއުނާފް ކުރާނެހެނެއް ހިޔެއްނުވޭ! އޭރުން ދައްކަންނުޖެހޭގޮތަށް ހުކުމް ކޮށްފިނަމަ ކަޑަވާނެތީދޯ!
ބަދަލު
31 January 2017
މިބަދަލު ބޮޑުވެފައި އެމްޕީއެލްގެ ބަދަލު ކުޑަވީ ކޮންކަހަލަ ހިސާބެއް ޖަހައިގެންބާ؟ މިކުންފުންޏަކީ ނުރުއްސަވާ ކުންފުންޏަކީ ތޯއްޗެއް. ޓަގްބޯޓް ކުންފުންޏަކީ މާރެއްސަވާ ބައެއް.
ގާގެ ޒަކީ
31 January 2017
އެސްޓީއޯއަށް މާފު . ދެން އެމްޕީއެލްގެ160 މިލިއަން ރުފިޔާއޯ.
ޕިންކީ
31 January 2017
ޕިންކު ލައިން ނަމަ އިތުރަށްވެސް ލިބުނީސް، ދޮންކަލޯ އަވަހަށް ނަން ބަދަލުކޮށްލާ
ބޯގޯސް
31 January 2017
ބަލަ އެއީ ގެއްލުމުގެ ލާރިއެއް ނޫން. އެއީ ޖޫރިމަނާ. ސަރުކާރުން އަހަރުމެންގެ އަތުން ކަންކަމަށް ޖޫރިމަނާ ނަގަނީ ކޮން ގެއްލުމެއް ސާބިތު ކޮށްފަ؟
މަމެން
31 January 2017
ވަރަށް އިންސާފްވެރި ހުކުމެއް