ރިޕޯޓް

ޕީޕީއެމް ރޫޅި ހައްގު ގެއްލުނަސް ގޮތް ދޫކުރުމެއް ނެތް!

ޔާމީނަށް ރިޔާސީ ޓިކެޓް ހަވާލުކުރުމުގެ ޖަލްސާގައި އެމަނިކުފާނު ޓިކެޓާ ހަވާލުވެވަޑައިގަންނަވާއިރު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަރިހުގައި. -- ފޮޓޯ | މިހާރު

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެ ޕާޓީން ހަގީގަތާ ކުރިމަތިލާންވެއްޖެ އެވެ. ޔާމީން ނޫން ކެންޑިޑޭޓެއް އަދި ޕްލޭން ބީއެއް ވެސް ނެތް ކަމަށް ދައްކައިގެން ތިބޭކަށް މިހާރަކު ވަގުތެއް ނެތެވެ. ފަސް އަހަރުގެ އާ ދައުރަކަށް، ރައީސަކު އިންތިހާބު ކުރަން، ވަގުތު ކުޑަތަންވެއްޖެ އެވެ.

އެންމެ މީހަކަށް ވުރެ މުޅި ޕާޓީގެ ހައްގު ބޮޑެވެ. އެ ފިކުރަށް ތާއީދުކުރާ އެތައް ބައެއްގެ އުއްމީދާ ގުޅިފައިވާ ރާއްޖޭގެ އެންމެ މެމްބަރުން ގިނަ އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީއަށް އިންތިހާބު ގެއްލިދާނެ ކަމުގެ މިސްރާބަކީ އެ ޕާޓީ ތެރެއިން ފެންނަން ބޭނުންވާނެ ކަމެއް ނޫނެވެ. އެހެންވިޔަސް އިންތިހާބާ ކުރިމަތިލާއިރު ޕީޕީއެމް ފެންނަނީ އަމާޒެއް, ރޭވުންތެރިކަމެއް ނެތް ޕާޓީއެއްގެ ގޮތުގަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އިއްވި މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ޖަލު ހުކުމާ ހެދި ޔާމީން އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ޝަރުތެއް ވަނީ އުނިވެފަ އެވެ. އެ މަނިކުފާނުގެ 11 އަހަރުގެ މި ހުކުމުގެ އިސްތިއުނާފް ހައި ކޯޓުން ވެސް ނުނިމޭނެކަން މިހާރު އޮތީ ކަށަވަރު ވެފަ އެވެ. މި ހާލަތުގައި, ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޔާމީންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިޔަސް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ރައީސްކަމަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަލައި ކެންޑިޑެސީ ބަލައިނުގަތުމަކީ, ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި ގާތް ކަމެކެވެ.

ހުކުމް ތަންފީޒުކުރަން މާފުށި ޖަލަށް ގެންދިއުމަށް ޔާމީން ލޯންޗަށް އަރުވާފައި.-- ފޮޓޯ: ނިޝާން އަލީ \ މިހާރު

ކުރިމަތީގައި މި ހާލަތު އޮތް ކަން އެނގި ތިބެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމްގެ ލީޑަޝިޕް ފެންނަނީ ކުރިމަގާ މެދު ގޮތް ނިންމަން އުނދަގޫވެ, ހާސްކަން ކުރިމަތިވެފައިވާ ތަނެވެ.

ޕީޕީއެމްގެ ކެންޑިޑޭޓަކު ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން ކަށަވަރުކުރަން ހަފުތާއަކަށް ވި އިރު ވެސް ކެމްޕޭނެއް ނުފެށި މުޅި ޕާޓީ ވަށައި އެނބުރެނީ އާއްމު މެމްބަރުންގެ ސުވާލުތަކެވެ.

ޔާމީނަށް ވާދަނުކުރެވިއްޖެ ނަމަ ޕީޕީއެމުން އިންތިހާބުގައި ވާދަކުރައްވާނީ ކޮން ބޭފުޅެއް ހެއްޔެވެ؟ އެ ހާލަތުގައި އެ މަނިކުފާނުގެ ޗޮއިސްއަކީ ކޮބައި ހެއްޔެވެ؟ ޕާޓީގެ ލީޑަޝިޕްގައި ތިއްބެވި ޔާމީނާއި ޕާޓީއަށް ވަފާތެރި ބޭފުޅުންގެ ތެރެއިން ވާދަކުރަން ޝައުގުވެރިވާ އިންތިހާބު ކާމިޔާބު ކުރެއްވިދާނެ ފަދަ ބޭފުޅަކަށް ފުރުސަތު ދެއްވާނެ ހެއްޔެވެ؟ ނޫން ނަމަ ކުރިމަތިކުރުވާނީ އެމަނިކުފާނަށް ވާދަނުކުރެވުމުގެ އަގު މުޅި ޕާޓީން އަދާކުރަން ޖެހޭ ފަދަ ހާލަތެއް ހެއްޔެވެ؟ ޕާޓީގައި އޮތް އެމަނިކުފާނުގެ ބާރު ގެއްލިދާނެ ކަމުގެ ބިރަށް ބައިބައިވެ ރޫޅެން ދޫކޮށްލާނީ ހެއްޔެވެ؟

ޕީޕީއެމްގެ ލީޑަޝިޕް ބޭފުޅުން މުޒާހަރާއެއްގައި -- ފޮޓޯ | މިހާރު

މިއިން އެއްވެސް ސުވާލަކަށް އާއްމު މެމްބަރުންގެ ހިތަށް ތަސައްލީއެއް ލިބޭނެ ފަދަ ޖަވާބެއް ދެއްވަން ޕީޕީއެމާއި ޕީއެންސީގެ ކުރީގައި ސަފުގައި ތިއްބެވި އެއްވެސް ބޭފުޅަކަށް އަދި ކެރިވަޑައެއް ނުގަންނަވަ އެވެ. ހުރިހާ ކަމެއް އޮތީ ޔާމީންއާ ހިސާބުގަ އެވެ.

އިންތިހާބުގައި ޕީޕީއެމް ވާދަނުކުރުމަކީ ރޫހެއް ނޫން!

އިދިކޮޅު މެމްބަރުންގެ ޝުއޫރުތަކަށް ބަލާއިރު އެއް ކަމެއް ޔަގީނެވެ; ޔާމީނަށް ވާދަނުކުރެވިއްޖެ ހާލަތެއްގައި އެއްވެސް ކެންޑިޑޭޓަކު ނުދެއްކުން ނުވަތަ އިންތިހާބުގައި ވާދަނުކުރުމަކީ 40،000 އެއްހާ މެމްބަރުން ތިބި ތިބި ޕީޕީއެމާއި ޕީއެންސީގެ އާއްމު މެމްބަރުން ބޭނުންވާ ގޮތެއް ނޫނެވެ. ޔާމީން މިނިވަންކުރަން ގޮވާލައި ހިތްވަރާ އެކު މަގުމަތީގައި ފަސް އަހަރު އެ މީހުން ހޭދަކުރީ ޕީޕީއެމްގެ ވެރިކަމެއް ހޯދުމަށެވެ. މާޔޫސްކަމާއި ނާއުއްމީދާ އެކު ވެސް ހިތްވަރު އެލުވާނުލައި ޔާމީނާއި ޕާޓީގެ ހައްގުގައި މަސައްކަތްތަކެއްކޮށްފި އެވެ. ފަހު ވަގުތާ ހަމައަށް ކުރަން ވެސް އެ ތިބީ ސާބިތުކަމުގަ އެވެ.

ރައީސް ޔާމީން މިނިވަންކުރަން ގޮވާލައި، ޕީޕީއެމުން މުޒާހަރާކުރަނީ.-- ފޮޓޯ: ޕީޕީއެމް

މި މެމްބަރުން އެކަންޏެއް ނޫނެވެ. ސިޔާސީ ގޮތުން ޕީޕީއެމަށް އެންމެ އުނދަގޫ ކަންކަން ކުރިމަތިވިއިރު މެމްބަރުން ގޮވައިގެން ޕާޓީގެ އެކަތިގަނޑަކަށް ހަދައި ހިންގުމުގައި ތިއްބެވި ޕީޕީއެމްގެ ލީޑަޝިޕް ވެސް އެ މަނިކުފާނަށް އިހްލާސްތެރި އެވެ. ފަހު ވަގުތާ ހަމައަށް ވެސް އެ ތިއްބެވީ އަމިއްލަ އެދުން އިސްނުކުރައްވާނެ ކަމުގެ ޔަގީންކަން ޔާމީނަށް އަރުވަމުން ވަފާތެރިކަމުގަ އެވެ.

މިހާ ހިސާބުން ޔާމީން އަބަދުވެސް ވިދާޅުވަމުން ގެންދަވާ ގޮތަށް މުޅި ޕާޓީ އާއި ގައުމުގެ ހައްގުގައި އެ މަނިކުފާނު ގޮތް ނިންމެވުމުގެ ވަގުތު މިއޮތީ ޖެހިފަ އެވެ. ޔާމީންގެ ވެރިކަމުގައި އޭރު އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީއަށް ވެސް މި ހާލަތު މެދުވެރިވި އެވެ. ގޮތް ދޫކޮށް އެ ޕާޓީން ކެންޑިޑޭޓަކު ދެއްކީ އާއްމު މެމްބަރުންގެ މަސްލަހަތު ބޮޑުކަމުންނެވެ.

ޕީޕީއެމާއި ޕީއެންސީގެ ޖަލްސާތަކުގައި ޔާމީން ވާހަކަ ދައްކަވަމުން ކުރީ ގޮނޑިބަރިއަށް އިޝާރާތް ކުރައްވައި ޒުވާން ލީޑަރުންނަށް ވަރަށް ތައުރީފް ކުރައްވަ އެވެ. ރައީސްކަން ކުރެއްވޭ ވަރުގެ ގާބިލް ބޭފުޅުން ޕާޓީގައި ތިބި ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވެ އެވެ.

މި ރިޕޯޓަށް ވާހަކަ ދެއްކެވި ޕީޕީއެމްގެ ސެނެޓުގެ މެމްބަރުންތަކެއް ވިދާޅުވީ ޔާމީނަށް ވާދަނުކުރެވިއްޖެ ނަމަ އެހެން ޕާޓީއެއްގެ ފަހަތަށް އަރައި އެ ޕާޓީގެ ކެންޑިޑޭޓަކު ރައީސްކަމަށް ގެންނަން ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ބޭނުން ނުވާނެ ކަމަށެވެ. ޕީޕީއެމުގައި ތިއްބެވި ޒުވާން, ތައުލީމީ, ގާބިލް, ވިސްނުން ތޫނު ބޭފުޅުންގެ ތެރެއިން އެކަކު ނުކުންނަވައި ޕާޓީއަށް އިންތިހާބު ކާމިޔާބުކޮށްދިނުން އެ މީހުންނަށް މާ މުހިއްމު ކަމަށް ވިދާޅުވި އެވެ.

"މައްސަލައަކަށް މިވަނީ އެ މަންޒަރު ޕާޓީ ތެރެއިން ނުފެނުން, މިނިވަންކަމާ އެކު އެންމެ ކުޑަމިނުން އެ ހިޔާލުފާޅުކުރަން ވެސް ޖާގަ ނުލިބުން," އެއް ބޭފުޅަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާޓީގެ މި ހާލަތާ ގުޅޭ ވާހަކަ ރައީސް ޔާމީނާ ދައްކަވަން ސެނެޓުގެ ބައެއް މެމްބަރުން ވަރަށް ހިތްވަރު ކުރެއްވި އެވެ. މާދުރުން ފަށައިގެން ނަމަވެސް އެ ވާހަކައާ ހިސާބަށް ދާން ތައްޔާރުވެ ބޭއްވި ބައްދަލުވުންތަކުގައި ވެސް ކުރިއެރުމެއް ނުލިބުނެވެ.

އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، ޕީޕީއެމަށް މި އިންތިހާބު ކާމިޔާބުވުން އެމަނިކުފާނަށް މާ މުހިއްމެއް ނޫން ކަން އަމަލުކުރައްވާ ގޮތުން ވިދާޅުވެވެން އެބައޮތެވެ. ވެރިކަމުގެ ބާރުވެރިކަމުގައި ހުންނަވައި ވާދަކުރައްވައި 2018 ގެއްލުނު އިރު، މި އިންތިހާބު ކާމިޔާބުކުރުމަށް ވުރެން މައުސޫމްކަން ސާބިތުވުން މާ މުހިއްމު ކަމަށް އެއް ބޭފުޅަކު ވިދާޅުވި އެވެ.

"ވާދަނުކުރެވިއްޖެ ހާލަތެއްގައި ވެސް ޕީޕީއެމް އޮންނާނެ އެމަނިކުފާނުގެ ބާރުވެރިކަމުގެ ދަށުގައި. އޭރަށް ނިމުނީ. އެ ބާރު ގެއްލޭކަށް ރައީސް ޔާމީން ބޭނުން ނުވާ ކަން އެނގެނީ އިންތިހާބުގައި ވާދަކޮށް ކާމިޔާބު ކުރެވޭނެ ގާބިލް ބޭފުޅުން ތިއްބަވަނިކޮށް އެ ފުރުސަތު ނުދެއްވުން," އޭނާ ވިދާޅުވި އެވެ.

"ޕާޓީއަށް ވެރިކަން ހޯދައިދޭން ހަރަދެއް ވެސް ނުކުރައްވާނެ. ކެންޑިޑޭޓަކު ދައްކާ ނަމަ ވެސް ދައްކަވާނީ އެމަނިކުފާނުގެ ބާރުވެރިކަން އޮންނަ ގޮތަށް މާދުރުގައި ތިއްބެވި ބޭފުޅުން ކަމަށް މިހާރު ބެލެވެނީ."

މި ވާހަކަތައް އޭނާ ގުޅުވީ ރަނިން މޭޓަކަށް ޔާމީންގެ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު ހަމަޖެއްސެވުމާ އެވެ. ޔާމީންގެ ފުރަތަމަ ނައިބަކަށް ހަމަޖެއްސެވި ޖަމީލް ދައުރުގެ މެދުތެރެއިން މަގާމުން ވަކިކުރީ ސިޔާސީ ބާރުވެރިކަން ހޯދަން ޕާޓީތެރެއިން ދިޔަ ހަނގުރާމައެއްގެ ތެރޭގައި ޔާމީނަށް އެމަނިކުފާނަށް އިތުބާރު ނުކުރެއްވިގެންނެވެ.

އަނެއްކާވެސް ޖަމީލް ދެއްކެވުމަކީ ޕީޕީއެމް ލީޑަޝިޕްގައި ތިއްބެވި ބައެއް ބޭފުޅުން ރުހިވަޑައިގެންނެވި ކަމެއް ނޫނެވެ.

"ނުހިފެހެއްޓޭނެ, ފަޅައިގެންދާނެ"

ކުރިން ވާހަކަ ދެއްކެވި މެމްބަރު ވިދާޅުވި ގޮތުގައި ޕީޕީއެމަށް ވަމުންދާ ގޮތާ މެދު ލީޑަޝިޕްގެ ބައެއް ބޭފުޅުންގެ ހިތްހަމަނުޖެހުންތަކެއް އެބަހުއްޓެވެ. ޕީޕީއެމުން ކެންޑިޑޭޓަކު ޔާމީން ނުދައްކަވާނެ ކަން ޔަގީނާ ގާތަށް ހިސާބު ޖެހުމުން އަމާޒު މިހާރު ހިފާފައި ހުރީ ކޮންމެވެސް ގޮތަކުން ނަމަވެސް ޕާޓީގެ ލީޑަޝިޕަށް ގޮތް ނިންމުމުގެ ބާރު ހޯދުމަށެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގެ ރިޔާސީ ޓިކެޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހަވާލުކުރަން އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އިދިކޮޅުގެ ކޯލިޝަންގެ އިސްވެރިންނާއި ބައިވެރިވަނީ... ފޮޓޯ: ޕީޕީއެމް

މާނައަކީ ޔާމީން ދެކެ ޖެހިލުންވާތީ, ސިއްރިއްޔާތުގައި ލީޑަޝިޕުން ގެންގުޅުނު ޕްލޭން ބީ ތަންފީޒުކުރުމެވެ. ޔާމީނަށް ވާދަނުކުރެވޭނެ ކަން ކަށަވަރުވުމާ އެކު ދެން ހުށަހަޅާނީ ސެނެޓް ބާއްވައިގެން ސެނެޓުން ގޮތް ނިންމަން ކަން "މިހާރު"އަށް ވާހަކަ ދެއްކެވި މެމްބަރަކު ވިދާޅުވި އެވެ.

މި ހިސާބުން ޕާޓީ ތެރޭގައި އޮތް ބައިބައިވުން ރީއްޗަށް ފެންނާނެ އެވެ. ފެކްޝަންތައް ވަރަށް ސާފުކޮށް ފާޅުވާނެ އެވެ. ކެންޑިޑޭޓަކު ނުދައްކައި މިހާލަތު ކުރިމަތިކުރުމަކީ ޕީޕީއެމް އެތައް މެމްބަރުންނެއްގެ ކުރިމަގު އެންމެ މީހެއްގެ ހައްގަށްޓަކައި ގުރުބާންކޮށްލުން ކަމަށް ސެނެޓުގެ ބައެއް މެމްބަރުން ވިދާޅުވެ އެވެ.

ޔާމީނަށް ވުރެން މުޅި ޕާޓީގެ ހައްގު ބޮޑު އިރު ޕާޓީ ތެރެއިން ފެންނަން ޖެހެނީ އެ މިސްރާބެވެ. ޔާމީނަށް ވާދަނުކުރެވޭކަން ކަށަވަރުވާ ހާލަތުގައި ވެސް ކެންޑިޑޭޓަކު ނުދައްކައި އެންމެ ބޮޑު އިދިކޮޅު ޕާޓީ ރޫޅެން ދޫކޮށްލުމަކީ އެތައް ބައެއްގެ ހައްގު ނިގުޅައިގަނެވުމެވެ.

10 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 15%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 8%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝޮކްތެރަޕީ.

02 August 2023

މި ސަރުކާރު ވެރިކަން ކުރަނީ އިންޑިޔާގެ އެމްބަސީން. މި ހެންވީމަ އިންޑިޔާ އައުޓް ކިޔަނީ.

The name is already taken The name is available. Register?

އަންދަލޫސިޔާ

15 August 2023

އިންޑިއާ ސިފައިން ގެނައީ ޔާމީން. އޭނާ 2015 ގައި ސޮއިކުރި 6 އެއްބަސްވުމުގެ ދަށުން. އޭރު ލ. ކައްދޫ އެއަރޕޯރޓްގައި އެމީހުންގެ މަރުކަޒެއް އެހުރީ. އެކޮމަޑޭޝަން ބްލޮކްގައި އަޅުގަނޑުމެން ތިބި ބަޔާ ޖެހިގެން 2015، 2016، 2017 އަދި 2018 ވެސް އެމީިހުން ތިބި. މިހާރު ވެސް އެމީހުން އެބަތިބި! އިންޑިއާއަށް ވެރިކަމުގައި ސަނާކީ. ހުރިހާ ފއިދާ އަކާއި ކޮރަޕްޝަނުގެ ފައިސާ ނެގި. އެއީ ޔާމީނުގެ މިޒާޖު. މީހުން ވިޔަސް ޤައުމުތައް ވިޔަސް ފައިސާ ލިބުނީމައި ނިމުނީ!

The name is already taken The name is available. Register?

ޙާއްގުބަސް

02 August 2023

އެމްޑިޕީ އިސް ސަފުގަ ތިބީ ގައްދާރުން.

The name is already taken The name is available. Register?

ޢެމެރިކާ

02 August 2023

އެމްމެ ހަވަހަ ރޫޅޭނީ އެންޑިޕީ. ރިޔާސީ އިންތިހާބު ނިމުމާއެކީ މީހުންމަދުވާނީ އެމްޑިޕީން.

The name is already taken The name is available. Register?

މުހައްމަދ

02 August 2023

އެހެން ކެންޑިޑޭތަކީ ޔާމީންގެ ޑިކްޝަނަރީގަ އޮތް އެއްޗެއް ނޫން އަދި އެކަން ކޮށްފިނަ މައުމޫން އާއި ނަޝީދު ބުއި ބޮޑި ޔާމީން ވެސް ބޯނެކަން އެމަނިކުފާނަށް ކަށަވަރުވޭ. މިވަގުތު ޖަލުގައި ހުންނެވިޔަސް ޕާޓީގެ އާރާއި ބާރު އޮތީ އެމަނިކުފާނުގެ މުށުގެ ތެރޭގައިކަން އެމަނިކްފާނަށް އެގޭ އަދި ތިކިޔާ ފަދައިން އެހެން ކެންޑިޑޭޓަކަށް ފުރުސަތު ދީފިނަމަ އެމަނިކުފާނު މަންޒަރުން ގެއްލިގެން ދާނެއެވެ. މި ހާލަތުގައި ކަންކުރެވޭނެ އެންމެ ރަގަޅު ގޮތަކީ ކޮބާތޯ؟

The name is already taken The name is available. Register?

މީމް

01 August 2023

ރާއްޖޭގެ ހެޔޮ ވިސްނޭ ގިނަ ރައްޔިތުން ބޭނުން ވަނީވެސް އަދި ދެކެން ބޭނުންވާ ދުވަހަކީވެސް މަނިކުފާނުގެ ސިޔާސީ ހަޔާތް ކަފުން ކުރެވިގެން ދާނެ ދުވަހެއް!

The name is already taken The name is available. Register?

ޕީޕީއެމް ކޫދު

01 August 2023

ޕީޕީއެމްގެ މެންބަރުންގެ ހައްގު ގެއްލުނީމާ އެގޭނީ އަހަރުމެންނަށް. އެޔަކީ ތިޔަ ބޭފުޅުން ކަންބޮޑޫވާން ޖެހޭ ކަމެއްނޫން. ވަރަށް ވެދުން

The name is already taken The name is available. Register?

ކަދުރު ފާތިމާ

01 August 2023

ޔާމީން އެންމެ ފަހުވަގުތު އަންގާނީ އިލްޔާސްގެ ފަހަތަށް އަރަން.. މީ އަންނި އާއި ޔާމީން ގުޅިގެން ނިންމާފައި ހުރި ކަންތައްތައް.. މިކަމާ ހިތްހަމަ ނުޖެހޭ މީހުން ޕީއެންސީ މުއިއްޒް ނެރޭނީ.. މީ ގޭމެއް.. އިބޫއަކަށް އެއްބުރަކުން ނުނެގޭނެ..

The name is already taken The name is available. Register?

ގައުމީ ދޫ

01 August 2023

އެމްޑީޕީއިން ނަޝީދު ނިކުތީމަ ގިނަ މެމްބަރުންތަކެއް ނަޝީދުގެ ޑިމޮކްރާޓްސް އާއި ގުޅުނުހެން ، ޕީޕީއެމްގެ އިސް ސަފުން ބަޔަކު ނިކުތަސް މާގިނަ އާއްމު މެމްބަރުންތަކެއް ޕީޕީއެމް އިން ވަކިވެގެން ހިނގައިދާނެކަމަށް ބައެއް ނޫސްވެރިން ވިސްނާތީ މަހަމަ އަޖައިބުވޭ. ޕީޕީއެމް އާއްމު މެމްބަރުންނަކީ ވަކި މީހެއްގެ ވަށާ އެނބުރޭ ބައެއް ނޫންކަން ، ރައީސް މައުމޫނު ވަކިވެގެން ދިއުމުން ކަންކަންވެގެން ދިއަ ގޮތުން ސާފުވާނެ !

The name is already taken The name is available. Register?

އަބުދުލް ޤާދިރު

01 August 2023

ވަރަށް އަސަރުކުރޭދޯ ކިތައްމެ ވަރަކަށް ބައިބައިކުރަން އުޅުނަސް ތިކަމެއް ނުވާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454