ފުލުހުން އަތުލައިގެންފައިވާ މަސްތުވާއެއްޗެހިތަކެއް: ދެ ކިލޯއަށް ވުރެ ގިނަ ޑްރަގް ގެންގުޅުނު ބިދޭސީއަކު އުމުރަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފައި --- ފޮޓޯ/މިހާރު
14 އޯގަސްޓް 2023 - 15:38
ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ގެންގުޅުނު ބިދޭސީއަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ނޮވެމްބަރު، 2017 ގައި ބަންގްލަދޭޝް މީހެއް ކަމަށްވާ މޮހިން އުއްދީން ސައިކަލެއްގައި ގެންދިޔަ ފޮށިގަނޑެއްގެ ތެރެއިން 2.6 ކިލޯއަށް ވުރެ ގިނަ ކެނަބިސް ފެނުނެވެ. އެ މައްސަލާގައި އޭނާ އާއި އެ ސައިކަލު ދުއްވަން އިން ދިވެއްސެއްގެ މައްޗަށް ދައުލަތުން ދައުވާކުރި އެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވަނީ އެ މަސްތުވާތަކެއްޗަކީ ސައިކަލު ދުއްވި ދިވެހި މީހާގެ އެއްޗެއް ކަމަށް ބިދޭސީ މީހާ ބުންޏަސް، އެކަން ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް އޭނާއަށް ނުދެއްކޭ ކަމަށެވެ. އަދި މަސްތުވާތަކެތި ފެނުނީ އޭނާގެ އަތުގައި ހުރި ފޮށިގަނޑަކުން ކަމަށްވާތީ މަސްތުވާތަކެތި ފެނިފައިވަނީ އޭނާގެ ހިޔާޒަތުގެ ދަށުން ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެ މަސްތުވާތަކެއްޗާ އޭނާއާ ގުޅުމެއް ނެތްކަމުގެ ހެއްކެއް ދެއްކިފައި ނުވާތީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.
ނަމަވެސް ހުކުމުގައިވާ ގޮތުން އެ މައްސަލާގައި ދައުވާ ލިބުނު ދިވެހި މީހާގެ މައްޗަށް ކުށް ސާބިތެއް ނުވެ އެވެ. ސަބަބެއްގެ ގޮތުގައި ހުކުމުގައިވަނީ އެ ބިދޭސީ މީހާ އާއި ދިވެހި މީހާއާ ދިމާވީ ޖެޓީމަތިން ކަމަށް ހެކިން ބުނެފައިވާތީ އާއި އެ ދެ މީހުންގެ ދެމެދުގައި ކުރިން އެއްވެސް ގުޅުމެއް އޮތްކަމުގެ ހެއްކެއް ނެތުމުން ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.
ބިދޭސީ މީހާ އުމުރަށް ޖަލަށްލުމާ އެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރަން ހުކުމްކޮށް، ޖޫރިމަނާ ފައިސާ ތިން މަސް ތެރޭގައި ދައުލަތަށް ދައްކަން އަންގާ ކަމަށް ގާޒީ އަލީ އާދަމް އިއްވެވި އެ ހުކުމުގައިވެ އެވެ.
އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ 19 އަހަރުގެ ޖަލު ހުކުމެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރުކޮށް
14 August 2023
ބިދޭސީ މީހާއަކީ ނިކަމެތި މީހެއް
ވަހީދުބެ
15 August 2023
2 ކިލޯ 600 ގުރާމު މަސްތުވާ ތަކެތިން ދިވެހިންގެ ކިތައް އާއިލާ ނިކަމެތި ކޮށްލެވޭނެކަން އެނގޭބާ؟ ބޭރު ގައުމެއްގައި މަސްތުވާ ތަކެތި ވިއްކަން ހިތައް އެރުވުމަކީ ވެސް ނިކަމެތި ވެގަތުންދޯ.
ފޮނިޓައްޕު ހަސަނު
14 August 2023
ތިމީހަކު އުމުރަށް ޖަލަށް ލީމަ ތިމީހާ ޖަލުގައި ގެންގުޅެން ދައުލަތުން ޚަރަދު ކުރަންޖޭހޭނެ މަހެއްގެ މައްޗަށް 15000ރ (އަހަރަކަށް 180000ރ. ތިކަމަށް އޮތް ހައްލަކީ ގާނޫނަށް ބަދަލު ގެނެސްގެން މަސްތުވާތަކެތީގެ ވިޔަފާރިކޮށް ގެންގުޅޭ މީހުންނަށް މަރުގެ އަދަބު ދޭންވީ، ނުވަތަ 6 މަހަށް ވުރެން ދިގު މުއްދަތަށް ޖަލަށް ލެވޭ މީހުން ލައްވައި މަސައްކަތް ކުރުވަން ލޭބާ ކޭމްޕެއް ޖަލުގައި ހިންގަންވީ.
ޕަވިޔަނި
14 August 2023
އެހެންވީމަ ހަ އަހަރު ފަހުން މި ހުކުމް ކުރެވުނީ. ސާބަސް