ޝިއާއު މަރާލި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ: އެ މައްސަލާގެ ދައުވާލިބޭ ސާހިލްގެ ވަކީލު މައްސަލަ ދޫކޮށްލުމުން އާ ވަކީލަކު ހަމަޖައްސަން ދަނީ މަސައްކަތް ކުރަމުން --- ފޮޓޯ/މިހާރު
15 އޯގަސްޓް 2023 - 12:59
މިދިޔަ އަހަރު މާލޭގެ ގެއެއްގެ ތެރޭގައި ޒުވާން އަންހެނަކު އަނިޔާވެރިކޮށް މަރާލި މައްސަލާގައި ދައުވާލިބޭ ސާހިލް އަލީ އަށް ދައުލަތުން ހަމަޖައްސައިދިން ވަކީލު އެ މައްސަލަ ދޫކޮށްލުމުން އެހެން ވަކީލަކު ހަމަޖައްސަން މަސައްކަތް ފަށައިފި އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު މާލޭގެ ގެއެއްގެ ތެރޭގައި، ޏ. ފުވައްމުލަކަށް ނިސްބަތްވާ ޝިއާއު މުހައްމަދު ސައީދު މަރާލުމަށް ފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދިން މައްސަލާގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ.
އެޓާނީ ޖެނެރަލްގެ އޮފީހާ ހަވާލާދީ، ކްރިމިނަލް ކޯޓުން ބުނީ ސާހިލް އަށް ދައުލަތުގެ ހަރަދުގައި ހަމަޖައްސައިދިން ވަކީލު އެ މައްސަލައިން ތަނާޒުލްވުމުން އެހެން ވަކީލަކު ހަމަޖައްސަން އިތުރު ފަސް ދުވަސް ހޭދަވާނެ ކަމަށެވެ.
ސާހިލް ބޭނުންވަނީ ވަކީލަކާ އެކު މައްސަލަ ކުރިއަށް ގެންދަން ކަމަށާއި އެހެންވެ، ވަކީލަކު ހަމަޖެހުމުން ހެކި ރައްކާތެރިކުރުމުގެ އަމުރާ މެދު ގޮތެއް ނިންމާނެ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
ގާނޫނުއަސާސީ ބުނާގޮތުން، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ދައުވާ ލިބޭ މީހުންގެ ތެރެއިން މާލީ ތަނަވަސްކަން ނެތް މީހުންނަށް ދައުލަތުގެ ހަރަދުގައި ވަކީލުން ހަމަޖައްސައިދޭން ޖެހޭނެ އެވެ.
ސާހިލްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާގެ އިތުރުން އިތުރު ދައުވާތަކެއް ވެސް ކުރެ އެވެ. ނަމަވެސް ދެން ހުރި ދައުވާތަކުގެ މައުލޫމާތު ދައުލަތުން އެދިގެން ވަނީ ސިއްރު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy