ރިޕޯޓް / ނުކުޅެދުންތެރިކަން ހުންނަ މީހުން

ނުކުޅެދުންތެރިކަން ހުރީ އެ ކުދިންގެއެއް ނޫން، މުޖްތަމައުގައި

މާލެ: ޖެނުއަރީ 30، 2017: ނުކުޅެދުންތެރިކަން ހުންނަ އިތުރު 157 މީހަކަށް 18 ސަރުކާރުގެ ކުންފުންޏަކުން ވަޒީފާ ދިންކަމުގެ ލިޔުން ހަވާލުކުރަން ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޔާމީންގެ ދެކަނބަލުން ވަޒީފާ ލިބުނު މީހުންނާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ރައީސް އޮފީސް

ޖިސްމާނީ އައިބެއް ނުވަތަ ނުކުޅެދުންތެރިކަމެއް ހުރުމުގެ ސަބަބުން، އެތައް ކަމަކުން މަހުރޫމްވެފައިވާ ކިތަންމެ ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އެބަ ތިއްބެވެ. އާދައިގެ ކުދިންނާ އެއް ކްލާހެއްގައި ކިޔެވުން ދަތިވެ އެވެ. އެތައް ތަކުލީފެއް އުފުލައިގެން ކިޔެވުނަސް، ވަޒީފާއެއް ލިބުމަކީ ވެސް ގިނަ ފަހަރު ނާދިރު ކަމެކެވެ. ނުވި ތާކަށް، އެފަދަ ކުއްޖަކު ނުވަތަ މީހަކު އާންމު މުޖްތަމައަށް ނުކުމެ އުޅުން ވެސް ވަނީ ހިތްދަތި ކަމަކަށެވެ. އެހެން މީހުންގެ ލޯތަކުން ނުސީދާ ކޮށް ކުރެވޭ މަލާމާތާއި ފުރައްސާރައިގެ ސަބަބުންނެވެ.

ސުވާލަކީ އެ ކުދިންގެ ކިބައިގައި ހުރި އުނިކަމަކީ، އެ ކުދިން ބާކީ ކުރަން ޖެހޭ ސަބަބެއް ހެއްޔެވެ؟ އެ ކުދިންނަށް އަދާ ކުރެވޭނެ ވަޒީފާއެއް ނެތީ ހެއްޔެވެ؟ އެއީ އެއްވެސް ހުނަރެއް، ގާބިލުކަމެއް ނެތް ބަޔަކީ ހެއްޔެވެ؟ މުޖްތަމައުގައި އެ ކުދިންގެ ޖާގައަކީ ހަމައެކަނި އެކުދިންގެ ގޭގެ ހަތަރު ފާރުން އެތެރެ ހެއްޔެވެ؟

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ވަޒީފާ ދިނުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން ސަރުކާރުގެ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ ކުދިންނާ ބައްދަލު ކޮށްލުމުން މި ސުވާލުތަކުގެ ޖަވާބު ވަރަށް ސާފެވެ.

އަލީ ހުސައިން، ހދ. ނޮޅިވަރަން

ހދ. ނޮޅިވަރަން، ގުލްހަޒާރުގޭ އަލީ، 36، ވެސް އުމުރުން 11 އަހަރަށް އަޅައިގެން އައި އިރު، ސްކޫލަށް ގޮސް އެ ފުރައިގެ ކުދިންނާ އެކު ފުޓްބޯޅަ ކުޅެ އުޅުނެވެ. ލިބޭ ހުސް ވަގުތުތަކުގައި ނަށައި އުޅުމަކީ އޭނާ އެންމެ ކުރާ ހިތުން ކުރި އެއް ކަންތަކެވެ. ނަމަވެސް އެއް ދުވަހަކު ބަނޑުގައި ރިއްސަން ފެށި ގޮތަށް ތަދު ނުކެނޑިގެން ކުޅުދުއްފުއްޓަށް ގޮސް ޑޮކްޓަރަށް ދެއްކުމުން "މާ ބޮޑު ކަމެއް ނެތް" ކަމަށް ބުނެ ދިން ބޭހެއްގެ ސަބަބުން މުޅި ހަޔާތް ބަދަލުވެގެން ދިޔަ އެވެ.

އަލީ ހުސައިން އޭނާގެ ކޮއްކޮމެެން ގޮވައިގެން ހަވީރު ފިންޏަށް ދުއްވާލަނީ. ފޮޓޯ: އަލީގެ ފޭސްބުކް ޕޭޖް

މާލެ އައިސް ޑޮކްޓަރަށް ދެއްކުމުން އެނގުނީ ހައެއްކަ ތަނުން ގޮހޮރު ފޫގޮސްފައި ހުރި ކަމެވެ. ސެންޓްރަލް ހޮސްޕިޓަލުގައި އޮޕަރޭޝަން ކުރުމުން އެ މައްސަލަ ހައްލުވި ނަމަވެސް، އަލީގެ ދެ ފައިން އެކުގައި ވާގި ނެތުނެވެ. ދޫ ހަރަކާތެއް ނުކުރެވުނެވެ. ދާއިމީ ނުކުޅެދުންތެރިކަމަކާ ކުރިމަތިލާން ޖެހުނީ އެ ހިސާބުންނެވެ.

ސްރީ ލަންކާ އާއި އިންޑިއާ އަށް ގޮސް ފަރުވާ ކޮށްގެން ދެ މަސް ފަހުން، އުނދަގުލަކާ އެކުގައި ނަމަވެސް ވާހަކަ ދެކެވެން ފެށި އެވެ. ނަމަވެސް އަމިއްލަ ފައިމައްޗަށް ތެދުވެ އުޅުން މުސްތަހީލު ކަމަކަށްވި އެވެ.

"މިހާރު ވެސް އަމިއްލައަކަށް ނުހިނގޭ. ވަރަށް ލޯބިން އުޅުނު އަންހެން ކުއްޖަކު ވެސް ކައިވެންޏެއް ފަށަން ތައްޔާރުވެފައި، އޭނާގެ އާއިލާ އިން ނުގަބޫލުވީ، އަޅުގަނޑުގެ މި ހާލަތުގެ ސަބަބުން ވަޒީފާއެއް އަދާ ނުކުރެވި އާމްދަނީ ވެސް ނުލިބޭނެތީ،" އަލީ ހުސައިން ބުންޏެވެ.

އޭނާއަކީ ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުރި މީހެއް ނަމަވެސް، ރައީސް ޔާމީންގެ ސަރުކާރުން މިހާރު ވަނީ އޭނާއަކީ ވަޒީފާގެ ގޮތުން ކުޅެދޭ މީހަކަށް ހަދައިދީފަ އެވެ. އޭނާ އަށް ދީފައިވަނީ އެ ރަށުގައި ހުންނަ ފެނަކަ ކުންފުނީގެ ޓެކްނީޝަނެއްގެ ވަޒީފާ އެވެ.

"ކުރިން އުޅުނިން ދުވަސްކޮޅަކު ފިހާރައެއްގަ އާއި ހޮޓަލެއްގައި ވެސް. އަދި ބެޓެރި ޕިކަޕެއް ވެސް މީހަކު ދިނީމަ ދުއްވައިގެން އާމްދަނީ ހޯދަން އުޅުނިން. ރަސްމީ ވަޒީފާއެއް ނެތީމާ ހަޔާތުގެ ވަރަށް ގިނަ ކަންތައް ނުކުރެވި ހުއްޓާ މި ވަޒީފާ ލިބުނީމާ ވަރަށް އުފާވެއްޖެ،" މިދިޔަ ޑިސެމްބަރު 31ގައި ވަޒީފާ އަށް ނުކުންނަން ފެށި އަލީ އޭނާގެ ޝުއޫރު ފާޅުކުރި އެވެ.

"އިންޖީނުގޭގެ އޮފީސް ބައިގައި މަސައްކަތް މި ކުރަނީ. ކުރަން ޖެހޭ ކަމަކީ އިންޖީނުތަކުގެ ލޮގް ޝީޓް ނަގައި ފައިލް ކުރުމާއި ސޭވް ކުރުން. ހަގީގަތުގައި ނޭނގެ ބުނާނެ އެއްޗެއް. ހިޔެއް ނުކުރަން މިހާ ރަނގަޅު ފުރުސަތެއް ސަރުކާރުން ދޭނެ ކަމަކަށް ވެސް،"

އަލީގެ ބައްޕަ ހުސައިން މުހައްމަދު ބުނި ގޮތުގައި އޭނާގެ ހަތަރު ދަރިންގެ ތެރެއިން އެންމެ ދޮށީ ދަރިފުޅުގެ ހަޔާތުގެ އެންމެ އުފާވެރި ދުވަސްވަރުން ފެށިގެން ނުކުޅެދޭ ހާލަތަށް ދިޔުމުން އޭނާގެ ދެމަފިރިންނަށް ލިބުނީ ތަހައްމަލް ނުކުރެވޭ ވަރުގެ ހިތްދަތިކަމެކެވެ. ނަމަވެސް ދަރިފުޅަށް ފެނަކަ އިން ލިބުނު ވަޒީފާގެ ސަބަބުން އާއިލާ އަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.

މައިސޫން (ކ)، އެމްޓީސީސީގެ "ކަށަވަރު" އޮފީހުގައި ސެކްޝަންގެ އެހެން މުވައްޒަފަކާ އެކު އިއްޔެ މަސައްކަތުގައި. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

މައިސޫން ސައީދު، ގދ. ފަރެސްމާތޮޑާ

މައިސޫން، 26، އަކީ ވެސް އެހެން ކުދިންނެކޭ އެއްފަދައިން ހުރިހާ ހިއްސުތަކާ އެކު މި ދުނިޔެ އަށް ނޭވާލާން ފެށި ކުއްޖެކެވެ. ނަމަވެސް ޕޯލިއޯ ވެކްސިން ދިނުމާ އެކު އައި ގަދަ ހުމެއްގައި ފިޓް ޖެހުމުގެ ސަބަބުން އަޑުއިވުމުގެ ނިއުމަތުން މަހުރޫމްވި އިރު އުމުރުން އަހަރު ވެސް ނުވެ އެވެ. ނަމަވެސް މާލޭގެ ހިރިޔާ ސްކޫލުން 2011 ވަނަ އަހަރު އޯލެވެލް އިމްތިހާން ހެދި އިރު، މައިސޫންއަކީ އެކައުންޓަށް މޮޅު ކުއްޖެކެވެ. ހިއްސުތައް ފުރިހަމަ އެހެން ކުދިންނަށް ދުލެއް ނުކުރެ އެވެ.

އެހެންކަމުން ސަރުކާރުން ފަހިކޮށްދިން ފުރުސަތުގައި މައިސޫން މިހާރު ހުރީ އެމްޓީސީސީގެ އެސިސްޓެންޓް އެޑްމިން އޮފިސަރެއްގެ މަގާމުގަ އެވެ.

"ވަރަށް އުފާވި މި ވަޒީފާ ލިބުނީމާ. ކުރިން ހިޔެއް ނުކުރަން މި ކަހަލަ ފުރުސަތެއް ލިބިދާނެ ކަމަކަށް،" އެއްބަނޑުއެއްބަފާ ދައްތަ ސައުސަންގެ އެހީގައި މައިސޫން އޭނާގެ އިހްސާސްތައް ބުނެދިނެވެ.

ސައުސަން ބުނި ގޮތުގައި މައިސޫން އަކީ އާއިލާގެ މެމްބަރުންނާ އެކު ގޭތެރޭގައި ވަރަށް މަޖާކޮށް އެކުވެރިކޮށް އުޅޭ ކުއްޖެކެވެ. އަދި ގޭތެރެ އަބަދު ވެސް ތަރުތީބުކޮށް ބެހެއްޓުމަކީ މައިސޫން އެންމެ އިސްކަން ދޭ ކަންތަކެވެ. އަދި ކޮއްކޮގެ ހާލަތަށް ރިއާޔަތްކޮށް ސަރުކާރުން ވަޒީފާގެ ފުރުސަތެއް ހޯދައި ދިނުމުން މުޅި އާއިލާއަށް އުފާވެރިކަން ވެރިވި ކަމަށް ބުންޏެވެ.

އެމްޓީސީސީގެ އިސް ވެރިޔަކު ވިދާޅުވި ގޮތުގައި ވަޒީފާގެ މާހައުލުގައި މައިސޫންގެ ފަރާތުން އެއްވެސް ކަހަލަ އުނިކަމެއް ނުފެނެ އެވެ. އޭގެ ބަދަލުގައި މައިސޫން ފާހަގަކުރެވެނީ މަސައްކަތް ކުރަން ދަންނަ، އަދި މަސައްކަތަށް ކަމޭ ހިތާ މުވައްޒަފެއްގެ ގޮތުގަ އެވެ. އެހެންކަމުން މައިސޫންގެ މަސައްކަތާ މެދު ހިތްހަމަޖެހެ އެވެ.

މުހައްމަދު އައްވާމް، ސ. މީދޫ

އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމުގެ އަޒުމް އަބަދު ވެސް ހިތުގައި އޮންނަ އައްވާމް، 25، އަކީ ވެސް އެންމެ ޅަފަތުގައި އިވުމުގެ ހިއްސު ގެއްލިފައިވާ ޒުވާނެކެވެ. ނަމަވެސް ޖަމާލުއްދީން ސްކޫލްގައި ބިޒިނަސް ސްޓްރީމުން އޯލެވެލް ހެދުމަށް ފަހު، ހަޔާތާ ކުރިމަތިލުން އޭނާ ނެގީ ގޮންޖެހުމެއްގެ ގޮތުގަ އެވެ.

އެމްޓީސީސީގެ ޓްރާންސް؛ޕޯޓް ސެކްޝަންގައި އައްވާމް (ކ)،ު އިއްޔެ މަސައްކަތުގައި. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

"އައްވާމްގެ އެންމެ ބޮޑު އުންމީދަކީ އޮފީހެއްގައި ވަޒީފާ އަދާ ކުރުން. ސްކޫލްގައި ކިޔަވައިދެއްވި ޓީޗަރުން ވަރަށް ބޮޑަށް ހިތްވަރު ދެއްވި އެކަމުގައި. ރަށަށް ބަދަލުވެގެން ވެސް ވަޒީފާއެއް ނުލިބިގެން ވަޑާންގެއަކަށް ދިޔައީ ވެސް. އެކަމަކު އާއިލާގެ އެންމެން މާލޭގައި ތިބީމަ އަނެއްކާ ވެސް މާލެ އަށް ބަދަލުވީ. އައްވާމް ވަރަށް ރީތިކޮށް ފޮޓޯ ނަގަން ވެސް ދަންނާނެ. ކެމެރާއެއް ވެސް ހޯދައިދީފައި އޮންނާނެ. އެ ދާއިރާ އިން ވެސް ވަޒީފާއެއް ލިބޭތޯ ވަރަށް މަސައްކަތް ކުރިން. ދެން އެމްޓީސީސީން ވަޒީފާގެ ފުރުސަތެއް އޮތްކަން ރައްޓެއްސެއްގެ ފަރާތުން އައްވާމަށް އެނގިގެން ވަޒީފާ އަށް ހުށަހެޅީ. މި ފުރުސަތު ލިބުނީމާ އާއިލާ އަށް ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ،" އައްވާމްގެ އެއްބަނޑުއެއްބަފާ ދައްތަ މަރިޔަމް ޝަހުމާ ވިދާޅުވި އެވެ.

އައްވާމް ވިދާޅުވި ގޮތުގައި އެމްޓީސީސީން ވަޒީފާ ލިބުނީމާ ވަރަށް އުފާވި އެވެ. އަދި އޭނާ އަދާކުރާ ޓްރާންސްޕޯޓް ސެކްޝަންގެ އެސިސްޓެންޓް އެކައުންޓް އޮފިސަރެއްގެ ވަޒީފާއާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެތައް އަހަރެއް ވަންދެން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުމުން، ބުނަން ނޭނގޭ ފަދަ އުފަލެއް އިހްސާސްވާ ކަމަށް ވިދާޅުވި އެވެ.

ޓްރާންސްޕޯޓް ސެކްޝަން ހިންގުމާ ހަވާލުވެ ހުންނެވި އަލީ ފާތިހް ވިދާޅުވި ގޮތުގައި އައްވާމަކީ އިވުމުގެ ހިއްސު ނެތް ކުއްޖަކަށް ވިޔަސް، ވަޒީފާގެ މާހައުލުގައި އައްވާމަކީ "އެންމެ އެފިޝެންޓް" އެކަކެވެ. އަދި އައްވާމަކީ އެކައުންޓަށް މޮޅު ޒުވާނަކަށްވެފައި ބޭނުންކުރާ ސިސްޓަމަށް ވެސް ފަރިތަކަމުން، އޭނާގެ މަސައްކަތާ މެދު ވަރަށް ބޮޑު އިތުބާރެއް އޮންނަ ކަމަށް ވެސް ފާތިހް ވިދާޅުވި އެވެ.

އާޝިޔަތު އަބްދުލްއަޒީޒް، ހދ. ނޮޅިވަރަން

އެއްބަނޑުއެއްބަފާ ހަތް އަންހެން ކުދިންގެ ތެރެއިން، 23 އަހަރުގެ އާޝިޔަތަކީ ދޮށްޓަށް ދެ ވަނަ ދަރިފުޅެވެ. އާޝިޔަތުގެ މަންމަ އައިމިނަތު ބުނި ގޮތުގައި ކުދިން ބަލައި ބޮޑުކުރަމުން އައީ ފިރިމީހާ އަށް ލިބޭ އާމްދަނީންނެވެ. އާޝިޔަތަކީ އިވުމާއި ވާހަކަ ދެއްކުމުގައި އުނިކަން ހުންނަ ކުއްޖަކަށް ވާތީ، ޖަމާލުއްދީން ސްކޫލްގައި އެކައުންޓުން އޯލެވެލް ހަދާފައި ހުއްޓަސް، ވަޒީފާއެއް ލިބޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތެވެ.

އާޝިޔަތު، އެމްޓީސީސީގެ މައި އޮފީހުގައި އިއްޔެ މަސައްކަތުގައި. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

"އެކަމަކު މިއަދު އަޅުގަނޑުމެންނަށް މި ތިބީ ބުނަން ވެސް ނޭނގޭހާ ބޮޑު އުފަލެއް ލިބިފައި. ވަޒީފާއެއް ހޯދަން ދާނީ ވެސް ކޮންތާކަށް؟ ކާކު ވަޒީފާއެއް ދޭނީ ވެސް؟ ސަރުކާރުން މި ކޮށްދިން ކަންތަކަކީ ދުވަހަކު ވެސް ހަނދާން ނެތޭނެ ކަމެއް ނޫން. މިވަރުގެ އުފަލެއް ދުވަހަކު ވެސް އަދި ނުލިބޭ،" އާޝިޔަތުގެ މަންމަ ބުންޏެވެ.

އާޝިޔަތުގެ ވެރިއެއްގެ ގޮތުގައި އެމްޓީސީސީގެ މައި އޮފީހުގައި މަސައްކަތް ކުރައްވާ އެޗްއާރު އޮފިސަރު އައިޝަތު ނާދިޔާ ވިދާޅުވި ގޮތުގައި އާޝިޔަތަކީ ވެސް މަސައްކަތަށް ކަމޭ ހިތާ އަދި މަސައްކަތަށް ހީވާގި ކުއްޖެކެވެ. އަދި ހަވާލުކުރާ މަސައްކަތް ފަރުވާތެރިކަމާ އެކު ނިންމާ ކުއްޖެއް ކަން ވެސް ފާހަގަކުރި އެވެ.

މިރްޒާ މުނީރު، ގދ. ގައްދޫ

އުމުރުން 23 އަހަރުވާ އިރު، 18 ފަހަރު އޮޕަރޭޝަން ކުރަން ޖެހުމަކީ ކުޑަ ކަމެއް ނޫނެވެ. މިވަރުން މިރްޒާގެ ހާލަތު ތަސައްވުރު ކުރަން އުނދަގުލެއް ނުވާނެ އެވެ. އުފަންވި އިރު ވެސް މައިބަދަ އާއި ދެ ފައިގައި ވަރު ނެތަސް، އޭނާގެ އަޒުމް އެކަތަހާ ގަދަފަދަ އެވެ. ވިލިނގިލީ ފެރީ ޓާމިނަލްގައި، އިއްޔެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ފުރޮޅުލީ ގޮނޑިއެއްގައި އިނދެ، ދަތުރުކުރާ މީހުންގެ ޓިކެޓްތައް ކަނޑަމުން ދިޔަ އިރު، އޭނާ މަސައްކަތަށް ޝައުގުވެރިވެފައި އިން ގޮތް ފާހަގަ ކުރެވުނެވެ. މިރްޒާގެ ބައްޕަ މުހައްމަދު މުނީރު ވިދާޅުވި ގޮތުގައި ދަރިފުޅުގެ ބަލިހާލަތު ކިތަންމެ ބޮޑަސް، އޭނާއަކީ އަބަދު ވެސް އަމިއްލަ ވަޒީފާއެއް އަދާކުރާ ހިތްވާ ކުއްޖެކެވެ.

މިރްޒާ (ކ)، ވިލިމާލޭ ފެރީ ޓާމިނަލްގައި އިއްޔެ މަސައްކަތް ކުރަނީ. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

"ފުރަތަމަ ވަޒީފާ އަށް ދިޔަ ދުވަހު ގެއަށް އައިސްފަ ބުނި، އެންމެ އުފާވީ އޮފީހުގެ ކާޑު ކަރުގައި އަޅުވައިލެވުނީމައޭ. މިއީ ރައީސް ޔާމީން ކުރެއްވި ވަރަށް އޯގާތެރި ކަމެއް. ހަމަ ކުޑަކޮށް ވެސް ހިތަށް ވެސް ނާރާ މިފަދަ ފުރުސަތެއް ލިބިދާނެ ކަމަށް. މިއީ މިފަދަ ކުދިންނާ މެދު ސަރުކާރުން ވަރަށް ބޮޑަށް ވިސްނާތީ ދެއްވި ފުރުސަތެއް. އަޅުގަނޑު ހަމަ ޝުކުރުވެރިވަން ރައީސް ޔާމީން މި ކޮށްދެއްވި ހެޔޮކަމަށްޓަކައި،" މިރްޒާގެ ބައްޕަ މުނީރު ވިދާޅުވި އެވެ.

މަރިޔަމް ރަމީޒާ، ސ. މީދޫ

އެމްޕީއެލް އިން ވަޒީފާ ދިން 20 ކުދިންގެ ތެރޭގައި ހިމެނޭ ރަމީޒާ، 28، އަކީ ވެސް އެހެން މީހުންގެ ލޯތްބާއި މުޖްތަމައުގެ އެހީތެރިކަން ބޭނުންވާ ޒުވާނެކެވެ. ރަމީޒާގެ މަންމަ ފާއިޒާ ހުސައިން ބުނި ގޮތުގައި ރަމީޒާގެ ހާލަތު ގޯސްވީ ދޮޅު އަހަރުގައި ގަދަ ހުމެއް އައިސްފައި ފިޓް ޖެހުނު ފަހުންނެވެ. ރަށު ސްކޫލުން ގްރޭޑް ހަތެއް ނިންމާފައި ހުއްޓެއް ކަމަކު، ދަރިފުޅުގެ ހާލަތުގެ ގޮތުން ވަޒީފާއެއް ހޯދުން ވަނީ ދަތިވެފަ އެވެ.

"އަޅުގަނޑުމެން ވަޒީފާއަކަށް އެދިގެނެއް ވެސް ނޫން، އެމްޕީއެލް އޮފީހުން ގުޅާފައި ބުނީ ދަރިފުޅަށް ވަޒީފާއެއް ދިނިއްޔާ ބޭނުން ކުރާނަން ހެއްޔޭ. ދެން ދަރިފުޅު ކައިރީ އެހީމާ ބުނީ ބޭނުމޭ ދާން. މިހާރު މި ތިބީ ވަރަށް އުފަލުން. އެއީ އެ ދަރިފުޅަށް ލިބޭ ކޮންމެ އުފަލަކީ އަޅުގަނޑަށް ވެސް ލިބޭ އުފަލެއް. ހަމަ އެއްގޮތަކަށް ވެސް ހިޔެއް ނުކުރަން މި ކަހަލަ ފުރުސަތެއް ލިބޭނެ ކަމަކަށް. ވަރަށް އުފާވި ލިބުނީމާ. ވަޒީފާގެ ކަންތައް މިހާރު އޮތީ ހަމަޖެހިފައި. މިހާރު މި ތިބީ މަސައްކަތަށް ނުކުންނަން އަންގާލާނެ ދުވަހަކަށް އިންތިޒާރު ކޮށްގެން،" ރަމީޒާގެ މަންމަ ބުންޏެވެ.

ފަހަރެއްގައި މި ކުދިންގެ ކިބައިގައި އުނިކަމެއް ނުވަތަ އައިބެއް ހުރީ ކަމަށް ވެދާނެ އެވެ. ނަމަވެސް ނުކުޅެދުންތެރީ އެ ކުދިންނެއް ނޫނެވެ. އެ ކުދިންގެ ކިބައިގައި ހުރި ހުނަރާއި ގާބިލްކަމުގެ ބޭނުން ހިފުމުގައި ނުކުޅެދިފައިވަނީ މުޖްތަމައުގައި ތިބި ކުޅެދޭ މީހުންނެވެ. ނުވަތަ މުޅި މުޖްތަމައެވެ. ނުކުޅެދުންތެރިކަން ހުރި ކުދިން ކަމަށް ނުވަތަ ޚާއްސަ އެހީއަށް ބޭނުންވާ ކުދިން ކަމަށް ބުނެ، އިހުމާލު ކޮށްލެވިފައިވާ މިފަދަ ކިތަންމެ ކުދިންނަކާއި ޒުވާނުންނެއް އަޅުގަނޑުމެންނާ އެކު މި މުޖްތަމައުގައި އުޅެމުން އެބަ ދެ އެވެ. ބޭނުންވަނީ އެ ކުދިންގެ ކިބައިގައި ހުރި ހުނަރާއި ގާބިލްކަން ދެނެގަނެ، އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި ބައިވެރި ކުރުމެވެ. އޭރުން މުޅި މުޖްތަމައުގެ ކުޅެދުންތެރިކަން އިތުރުވާނެ އެވެ.

12 ކޮމެންޓް, 52 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޞައްދާމު

12 May 2018

ނުކުޅެދޭ ކުދީންނެއް ނޫނެވެ. ޚާއްޞަ އެހީއަށް ބޭނުންވާ ކުދީންނެވެ!

The name is already taken The name is available. Register?

އެނޮނީމާ

02 February 2017

މީގަ މަގޭ ހިޔާލު މުޅިން އެހެންމީހުނާ އެއްގޮތެއްނޫން. މަވެސް ތާއީދު ނުކުޅެދޭ މީހުނަށްވެސް ވަޒިފާދޭން. އެކަމް މިލިޔަނީ އެކަން ކުރަން މަށަށްފެންނަގޮތް. ހަގީގަތުގަ ވަކިމީހަކު ނުވަތަ ބަޔެއްގައިގަ ހުންނަ ނުކުޅެދޭ ކަމެއް އެއީ އެމީހުނަށް ވަޒީފާ ހާއްސަކޮށް ދޭންޖެހޭކަމެއްނޫން. މިހާރު މިކުރެވުނީ ވަޒިފާދިނުމުގަ ތަފާތު. އަސްލު ވާންވީ ގޮތަކީ ވަޒީފާޔަށް އެދޭމީހުންގެ ތެރޭން ސަރުތުހަމަވާކަމަށް ބަލާ ހޮވާއިރު އެމީހާގެ ނުކުލެދުންތެރިކަމެއް ހުއްޓަސް އެމަގާމަކީ އެފަދަމީހަކސްވެސް ކުރެވިދާނެކަމެއްކަމަށްވަންޏާ އޭނާގެ ނުކުޅެދުންތެރިކަމަށް ނުބަލާ ވަޒީފާދޭންވީ. މިހާރު މިހެދި ގޮތުންވެސް އަސްލު މައްސަލަޔަށް ހައްލެއްނާދޭ. މީމަގޭހިޔާލު

The name is already taken The name is available. Register?

ސަރަފިއްޔާ

02 February 2017

ބުނާތި އަޑުއިވޭ މިނިއުމަތް މަތީ ދެމިތިބޭތާ މިތައް ސަތޭކަ އަހަރު ވެއްޖޭ! ދެއް މިހެން ވީއިރު އެބުނާ ނިއުމަތަކީ ކޮބައި ކަމެއް ނޭގުނު!

The name is already taken The name is available. Register?

ވޮޗްޑޯގް

02 February 2017

މި އޮތީ މީހުނަށް ކުދިން ބޭނުންކޮށްފައެއް ނޫންތޯ؟ ކުރީގެ އާޓިކަލްއެއްގައި ދެއްކީ 18 އަހަރުން މަތީގެ މީހުންނަށް ކުދިންނޭ ކިޔާ ވާހަކަ.

The name is already taken The name is available. Register?

އަލީ

02 February 2017

ހެހެހެ.. 10 ގަރުނު ވަންދެން މުޅި ދުވަހު ހެޔޮއެއްޗެހި ކިޔަވާލަ ކިޔަވާލަ ތިބޭ މުޖްތަމާއު އަކައް މިހެން ވުމުން ވަރައް ބޮޑެތި ސުވާލު އުފެދޭ! އެ ކިޔޭ ނުކިޔޭ އެއްޗެއް އެގެޔޭ ބާއޭ ހިތައް އަރާ!

The name is already taken The name is available. Register?

މުޙައްމަދު

02 February 2017

ސަރުކާރުގެ ނިޔަތާއިމެދު ބުނާނެ އެއްޗެއް ނޭނގެ! އެހެން ނަމަވެސް ކޮންމެ ބަޔަކު ކުރި ނަމަވެސް ރަނގަޅު ކަންތައް ވާނީ ރަނގަޅު ކަންތަކަށް! މި ބަދަލުވެގެން ދިޔައީ އެތަކެއް ބައެއްގެ ދިރިއުޅުން! އަޅުގަނޑު މިކަންތައް ޝުކުރުވެރިކަމާއިއެކު ބަލައިގަންނަށް! މިކަންތައް މަގުފަހި ކުރެއްވި އެެންމެހާ ފަރާތްތަކަށް ޝުކުރިއްޔާ!

The name is already taken The name is available. Register?

ބުނެދީބަލަ

02 February 2017

ނުކުޅެދުންތެރިކަން ހުރީ އެ ކުދިންގެއެއް ނޫން، މުޖްތަމައުގައި ހިމެނޭ އިރު މީޑިއާ ވެސް މިކަމުގައި ނިދާފައި އޮތުން އެއީ ފާހަގަ ކުރަން ޖެހޭ ކަމެކެވެ. މީޑިއާ އިން ވަރަށް ވަރުދައްކާފައި ރާއްޖޭން ބޭރު ކުޅި ވަރު ތަކާއި އަދި ބޮލީވުޑްގެ ޚަބަރު ތައް ގެނެސްދެނީ އެ ގެނެސްދިނުމުން ދިވެހިންނަށް ކެއްކޭނެ ޑޮންޑޮނެއް އޮންނަނީތޭ. ނުދަންނަން މަމެން. އޭގެ ބަދަލުގައި ރާއްޖޭގެ އެކި ރަށްރަށުގައި ހުރި އެކި އިޝޫސް ތަކާއި ގުޅޭ ގޮތުން ޑޮމެސްޓިކް އެފެއާރޒް އަށް ބޭސްކޮށް ގެން ޚަބަރު ތައް ގެނެސްދޭނަމަ މީހުން ހޭލުން ތެރިވެ މުޖުތަމައުަގައި ރިވެތި އާދަ އަށަގަންނާނެއެވެ. އެކަން ނުފެނޭ ރާއްޖޭގެ ރަޖިސްޓާރޑް މީޑިއާ ތަކުން އެއްގޮތަކަށް ވެސް. މީޑިއާ މިކަން ކަން ހައްލު ކުރަން ކުރަނީ ކޮން ކަމެއްތޭ އަޅެ މީޑިއާ ހިންގާ މީހުން ބުނެދީބަލަ.

The name is already taken The name is available. Register?

މާ

02 February 2017

ވޯޓު ލުމަށް ސަރުތު ކޮއްފަ މުޅި އާއިލާ އަށް

The name is already taken The name is available. Register?

ވައި

02 February 2017

އަޅުގަނޑުގެ ކޮއްކޮއަށްވެސް ވަޒީފާ ލިބުނު. ވަޒީފާދިން ފަރާތުންވެސް އަދި ސަރުކާރުންވެސް ވޯޓްލާން ޝަރުޠުކޮށްފައެއް ނުވޭ

The name is already taken The name is available. Register?

ކަދުރަޕްޝަން

02 February 2017

ކުރާނެ ޝަރުތު ގަޑިޖެހޭއިރަށް..އޭރުން މަޖްބޫރު ވާނެ ވަޒީފާގެ ބިރަށް...

The name is already taken The name is available. Register?

ޝިހާބު

02 February 2017

ނޫނެކެވެ. އެއްސް ޝަރުތެއް ކޮށްފައެއް ނޫނެވެ. މިދަންނަވަނީ ވަރަށް ކެރިހުރެގެންނެވެ.

The name is already taken The name is available. Register?

ރަހުމަތު ފަވާޒު

02 February 2017

ޝުކުރިއްޔާ ރައީސް ޔާމީން. ވަރަށް އުފާވެއްޖެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454