ފްރާންސުގެ އަންހެން ކުދިންތަކެއް އަބާޔާގައި.
28 އޯގަސްޓް 2023 - 15:05
ފަރަންސޭސި ވިލާތުގެ ސްކޫލްތަކުގައި ކިޔަވާ މުސްލިމް އަންހެން ދަރިވަރުން ސްކޫލްތަކަށް ހާޒިރުވާ އިރު، އަބާޔާ (ގަޔަށް ދޫ ދިގު ހެދުން) ލައިގެން ސްކޫލަށް ދިއުން މަނާކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
ފަރަންސޭސި ވިލާތުގެ މިނިސްޓަ އޮފް ނޭޝަނަލް އެޑިޔުކޭޝަން އެންޑް ޔޫތު ގެބްރިއަލް އަޓާލް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދިރާސީ އަހަރު ފެށޭއިރު، ސަރުކާރު އެއްވެސް ސްކޫލެއްގެ ތެރޭގައި އަބާޔާ ލައިގެން ދަރިވަރުން އުޅުން މަނާވާނެ އެވެ.
މުސްލިމް ދަރިވަރުން އަބާޔާ ލައިގެން ސްކޫލަށް ހާޒިރުވުން މި މަނާކުރީ، އެ ގައުމުގެ ސްކޫލްތަކުގައި ދީނީ ޝިއާރުތައް ފާޅުކުރުން، 19 ވަނަ އަހަރުން ފެށިގެން މަނާކޮށްފައި އޮންނަ އުސޫލުގެ ތެރެއިންނެވެ. ކްރިސްޓިއަނުން ބޭނުންކުރާ ސޮލީބު އެޅުމާއި ޔަހޫދީން ބޭނުންކުރާ ކިއްޕާ (ތާކިހާ) ބޮލުގައި އަޅައިގެން ސަރުކާރު ސްކޫލްތަކަށް ހާޒިރުވުމަކީ މާ ކުރިއްސުރެ މަނާކޮށްފައި އޮންނަ ކަމެކެވެ.
އެހެންކަމުން، މުސްލިމް ދަރިވަރުންނަށް ވެސް، އެމީހުންގެ ދީނީ ޝިއާރުތައް ފާޅުކުރެވޭ ފަދަ ހެދުންތައް އެޅުން މަނާވާނެ ކަމަށް ފަރަންސޭސި ތައުލީމާ ބެހޭ ވަޒީރު ވިދާޅުވި އެވެ. އެ ގައުމުގެ ސަރުކާރު ސްކޫލްތަކަށް ހާޒިރުވާ މުސްލިމް ދަރިވަރުން ބުރުގާ އެޅުން މަނާކުރީ 2004 ވަނަ އަހަރުގެ ތެރޭގަ އެވެ.
އޭގެ ފަހުން 2014 ވަނަ އަހަރު ފަރަންސޭސި ސަރުކާރުން ވަނީ، އާންމު ތަންތަނުގައި މޫނުބުރުގާ އަޅައިގެން އުޅުން ވެސް މަނާކޮށްފަ އެވެ. އާބާދީގައި ފަސް މިލިއަނެއްހާ މުސްލިމުން ދިރިއުޅޭ ފަރަންސޭސި ވިލާތުގައި މުސްލިމުންނާ ދެކޮޅަށް އަޅާ މިފަދަ ފިޔަވަޅުތަކާ ގުޅިގެން، އެ ގައުމުގެ މުސްލިމުންގެ ނުރުހުން ވަނީ ވަރަށް ބޮޑަށް ސަރުކާރަށް އަމާޒުވެފަ އެވެ.
"އަހަރެން މިހާރު މި ނިންމީ ސަރުކާރުގެ ސްކޫލުތަކުގައި އަބާޔާ އަޅައިގެން ނުއުޅެވޭނެ ކަމަށް. އެއްވެސް ދަރިވަރަކު ކްލާހަށް ވަދެގެން ދާއިރު، އެ ދަރިވަރަކު ފެންނަ ގޮތަކުން އޭނާއަކީ ކޮން ދީނެއްގެ މީހެއްކަން އެނގޭކަށް ނުޖެހޭނެ،" ޓީވީ ޗެނަލް ޓީއެފް-1 އަށް ދެއްވި އިންޓަވިއުއެއްގައި އެޑިޔުކޭޝަން މިނިސްޓަރު ގެބްރިއަލް އަޓާލް ވިދާޅުވި އެވެ.
ފަރަންސޭސި ވިލާތުގެ ސަރުކާރު ސްކޫލްތަކުގެ ދަރިވަރުން އަބާޔާ ލައިގެން އުޅުން މި މަނާކުރީ، ސަރުކާރު ސްކޫލުތަކުގެ ޓީޗަރުންނާއި މުވައްޒަފުންނާއި ދަރިވަރުން ވެސް ބުރުގާ އަޅައިގެން ސްކޫލަށް ހާޒިރުވުން މަނާކޮށްފައި އޮންނަތާ އަހަރުތަކެއް ފަހުންނެވެ.
މުސްލިމް އަންހެނުން ބުރުގާ އާއި މޫނުބުރުގާ އެޅުން މަނާކުރުމަށް ހިތްވަރުދީ އެކަމަށް ބާރުއަޅަމުން ދަނީ އެ ގައުމުގެ ކަނާތު ފިޔައިގެ ސިޔާސީ ޕާޓީތަކުންނެވެ. ވާތު ފިޔައިގެ ސިޔާސީ ޕާޓީތައް ދެކޭ ގޮތުގައި ދީނާ ގުޅިފައިވާ ހެދުންތައް އެޅުމަކީ، ކޮންމެ ބަޔަކަށް ވެސް ލިބިގެންދާ މަދަނީ ހައްގެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުރޭތަ
30 August 2023
ބުރުގާއަށް ދެން ކޮންމެވެސް ގޮތަކުން އެއްޗެކޭ ކިއިދާނެ. އެކަމަކު ގަޔަށް ދޫ ހެދުން އެއީ ދީނެއްތަ؟ ދީނީ ރަމްޒެއްތަ؟ އަޖައިބު ހީވޭ! ދެން މިމީހުން ކޮށްފިއްޔާ ކޮންމެ ކަމެއްވެސް އެއީ އިންސާފު. ދެން އުނުބަރަހަނާވުން ދޯ މި މީހުންނަށް ސިވިލައިޒްޑް ގޮތަކީ؟ އެހެންވިއްޔާ އެންމެ ސިވިލައިޒްޑް މީހުން އުޅުނީ ސްޓޯން އޭޖްގަ.
ކަންއޮނަގޮތް
29 August 2023
މިގައުމުގަ އަހަރެމެންގެ ދީނާ ސަގާފަތާ ދެކޮޅުކަންކަން ކުރަން އަހަރެމެން ދެކޮޅުހަދާ ފަދައިން އެހެން މީހުންވެސް އެކަން ކުރާނެ
ހސއ8
29 August 2023
ރަނގަޅުގޮތަކީ މުސްލިމުން ތިތަނަށް ހިޖުރަނުކުރުން.
ޖުހާ..
29 August 2023
އިސްލާމީ ގައުމުތަކަށްވުރެ އަދުވެސް ރައްކާތެރިވެފަ އުޅެން ފަސޭހައީ ޔޫރަޕު. އެހެންވެ ހިޖުރަކުރަނީ. ބޮމެއް ނުގޮއްވާނެ. ހިޔާލު ފާޅުކޮށްގެން އަނދަގޮނޑިއެއް ނުޖަހާނެ.
ޖުހާ އެވެ
29 August 2023
ތީ ހަމަ އަސްލިުވެސް ޖުހާ އެވެ. ތިޔަ ފަރަންސޭސިން ގޮސް އިސްލާމީ ޤައުމުތައް ގޮއްވަނީ. ޚިޔާލު ފާޅުކުމުގެ މިނިވަންކަން ކޮބަިއތޯ. ހެދުންވެސް ނޭޅޭ
ކަރުނަ
29 August 2023
ރާއްޖޭގަ ހުރި ފަރަންސޭސި އެންބަސީ ބަނދުކޮށް ވަޤްތުން ވަޤްތަށް އެމީހުން ރާއްޖޭން ފޮނުވާލަން ގޮވާލަން. މިކަން މިހެން ނުކޮށްފި ނަމަ އެންބަސީ އިން ފެނާ' ކަރަންޓާ ކަނޑާލަންވެސް ފެނަކަ އަށް ގޮވާލަން.