ޗައިނާގެ އަސްކަރީ އުޅަނދު: ޗައިނާއިން ކުރެހި ކަނޑުގެ އާ ޗާޓާ މެލޭޝިއާ ދެކޮޅު
31 އޯގަސްޓް 2023 - 13:35
ދެކުނު ޗައިނާ ކަނޑުން ޗައިނާ އަށް ލިބިގެންވާ ސަރަހައްދު ފާހަގަކޮށް ޗައިނާ އިން އަލަށް ކުރެހި ޗާޓު ގަބޫލުނުކުރާ ކަމަށް ބުނެ މެލޭޝިޔާ އިން ޗައިނާގެ ހުށަހެޅުމަށް ދެކޮޅު ހަދައިފި އެވެ.
ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދު އަލުން ކުރަހައި ޗައިނާ އިން ހުށަހެޅި ޗާޓަށް މެލޭޝިޔާ އިން ދެކޮޅު ހެދީ، ކަނޑުގެ ސަރަހައްދުން ޗައިނާ އަށް މިލްކުވާ ބައި ކަމަށް ފާހަގަކޮށްފައިވާ ސަރަހައްދަކީ، އެންމެ ކުރިން ފެށިގެން ވެސް މެލޭޝިޔާގެ ކަނޑުގެ ސަރަހައްދުގެ ގޮތުގައި ބަލަމުން އަންނަ ސަރަހައްދަކަށް ވާތީ އެވެ. މެލޭޝިޔާގެ ބޯނިއޯ ޖަޒީރާގެ އައްސޭރިފަށުގެ ބޮޑު ބައެއް ވެސް، ޗައިނާ އިން އަލަށް ކުރެހި ޗާޓުގައި ފާހަގަކޮށްފައި އޮތީ ޗައިނާގެ ކަނޑުގެ ސަރަހައްދުގެ ގޮތުގަ އެވެ.
ދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ އަސްކަރީ ބާރު ގަދަކޮށް އަސްކަރީ ހަރަކާތްތައް ހިންގާތީ، އެ ސަރަހައްދުގެ ގައުމުތަކުގެ އިތުރުން އެމެރިކާ އިން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެ ސަރަހައްދުގައި ޗައިނާގެ ނުފޫޒު ކުޑަކުރުމުގެ ގޮތުން، އެމެރިކާ އާއި ޖަޕާން ގުޅިގެން އެ ސަރަހައްދުގެ ކަނޑުމަތީގައި އަސްކަރީ ތަމްރީންތައް ބޭއްވުން ވެސް ވަނީ އިތުރުކޮށްފަ އެވެ.
އެމެރިކާގެ އިންޒާރުތަކަށް ބެލުމެއް ނެތި ޗައިނާ އިން ވަނީ ދެކުނު ޗައިނާ ކަނޑުގެ ތެރޭގައި އޮތް ފަޅެއް ހިއްކައި ޗައިނާގެ އަސްކަރީ މަރުކަޒެއް ވެސް ގާއިމުކޮށްފަ އެވެ. އެ ސަރަހައްދަކީ ޗައިނާގެ ސަރަހައްދެއް ކަމަށް ޗައިނާ އިން ބުނި ނަމަވެސް، އެ ސަރަހައްދުގެ ގައުމުތަކާއި އެމެރިކާއިން ބުނާ ގޮތުގައި ޗައިނާ އިން ހިއްކައިގެން އަސްކަރީ މަރުކަޒެއް ތަރައްގީކުރި ފަޅަކީ ވެސް ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި އޮތް ފަޅެކެވެ.
ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށް ޗައިނާ އިން އަތް ގަދަކުރަމުން ދާތީ، މެލޭޝިޔާ އާއި ފިލިޕީންސް އަދި ވިއެޓްނާމާއި ބުރުނާއީ އާއި ތައިވާނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ޗައިނާ ސަރުކާރުން އެކުލަވައިލި އާ ޗާޓު ކުރަހާފައި އޮތް ގޮތުން، މެލޭޝިޔާގެ ސަބާހް އާއި ސަރަވަކް ސަރަހައްދުގެ ސިޔާދަތީ މިނިވަންކަމަށް ބުރޫއަރާ ކަމަށް ވެސް މެލޭޝިޔާ އިން ބުނެ އެވެ. އަދި މެލޭޝިޔާގެ އިމުގެ ބައެއް މެލޭޝިޔާއަށް ގެއްލިގެންދާ ގޮތަށް ޗައިނާ އިން ކުރެހި ޗާޓު ގަބޫލުނުކުރާ ކަމަށް ވެސް މެލޭޝިޔާ ސަރުކާރުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީމަން
02 September 2023
ތި ކަނޑަށް ކިޔަނީ "ދެކުނު ޗައިނާ ކަނޑު" . އެމެރިކާ، މެލޭޝިޔާ އަދި ބައިނައްލަގްވާމީ މުޖުތަމައު އިން ކިތަންމެ އިދިކޮޅެއް ހެދިޔަސް ތި ކަނޑުގެ ނަމުން އިގެން ތިޔޮރީ ކޮންބަޔަކަށް ނިސްބަތް ވާ ކަނޑެއް ކަން .
ބޯގޯސްކަލޯ
03 September 2023
ތި ވިސްނުމުން ބަލަންޏާ އިންޑިއާ ކަނޑުގައި ހިމެނޭ ހުރިހާ ޤައުމުތަކަކީ އިންޑިއާގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ގައުމުތަކަށްތާ ވާނީ ދޯ!
ސަންތިމަރިޔަބު.
31 August 2023
އަހަރުމެންވެސް ޗާގޯސް އެއީ އިނގިރޭސުންގެ ނުވަތަ އެފްރިކާގެ ބައްރަށް ވާރުތަ އަރާ ރައްތަކެއްކަމަށް ގަބޫލެއް ނުކުރަން. މަލިކުވެސް އެއީ ދިވެހިންގެ ރަށެއް. އެކަމަކު ބާރެއް ނެތީމަ ހައްޕު ކިއައިގެން މިތިބީ. މެލޭސިއާއަށްވެސް ތިއަކަމުގަ ހައްޕުކިއައިގެން ތިބުން ނޫންގޮތެއް ނެތް. ދުނިޔެއަކީ ބޮޑެތި ބާރުތަކުން ބޭނުންވާ ގޮތަކަށް ފޮތިކުރާ ކޭކެއްކަން ދަނެގެން އުޅެންޖެހޭނީ.
ޕޮލިސް
31 August 2023
ބަލަގަ އެމެރިކާ އަށް ކޮން ބެހޭކަމެއް.
ދޮންވެލި
31 August 2023
މިއީތަ އެބުނާ ބައިނަލް އަގުވާމީ އިކުއި ޑިސްޓަންސް އުސޫލަކީ. ނަސީބެއް ދިވެހިރާއްޖެ ތަންކޮޅެއް ދުރުގަ އޮތްކަން. މުނައްވަރު ގެންގޮސްގެން ތިކަން ހައްލުކުރުމަށް އަންވަރު އިބްރާހިމް އަށް ގޮވާލަން.
އިބިރަހިމާ
31 August 2023
މުއިޒުގެ ވެރިކަމުގަ އެކަން ހައްލުކުރާނެ. އޭނަ އަށް ވަރިހަމަ ދެމަފިރިންގެ މައްސަލައަކަސް. ހައްލު ނުކޮށް ދޫނުކޮށްލާނެ.