ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ޗެލްސީގެ ފެށުން ގޯހުން ގޯހަށް، އާސެނަލް ހުއްޓުވީ ސޮން

ޗެލްސީ އާއި އެސްޓަން ވިލާ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (ސެޕްޓެމްބަރު 25) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އަމިއްލަ ދަނޑުގައި 1-0 އިން އެސްޓަން ވިލާއާ އެއްވަރު ވިއިރު، ސޮން ހެއުން މިންގެ ގޯލުތަކާ އެކު ޓޮޓެންހަމް ހޮޓްސްޕާ 2-2 އިން އާސެނަލް އާ އެއްވަރު ކޮށްފި އެވެ.

ޗެލްސީ އާއި އެސްޓަން ވިލާގެ ފަރާތުން ވެސް ގިނަ ހަމަލާތަކެއް ފެނުނު މި މެޗުގައި ދެ ޓީމުގެ ގޯލްކީޕަރުން ވެސް ވަނީ މުހިއްމު ސޭވްތަކެއް ކޮށްފަ އެވެ. ނިކޮލަސް ޖެކްސަން އާއި ރަހީމް ސްޓާލިން އަދި ބެން ޗިލްވެލް ފޮނުވާލި ވަން އޮން ވަން ހަމަލާތައް ވިލާގެ އެމީ މާޓިނޭޒް ހުށިޔާރު ކަމާ އެކު ދިފާއު ކުރި އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 32 މިނިޓަށް ވެފައި ވަނިކޮށް ޗެލްސީގެ ޑިފެންޑަރު މާލޯ ގުސްތޯ އަށް ރެފްރީ ސީދާ ރަތް ކާޑު ދައްކާފައި ވަނިކޮށް، އޭގެ 15 މިނިޓް ފަހުން ވިލާ މޮޅު ކޮށްދިން ގޯލު ޖެހީ އޮލީ ވަޓްކިންސް އެވެ. އޭގެ ކުރިން ޗެލްސީގެ ކީޕަރު ރޮބާޓް ސަންޗޭޒް ވެސް ވަނީ ވިލާގެ ނުރައްކާތެރި ގިނަ ހަމަލާތަކެއް މަތަކޮށްފަ އެވެ.

ޗެލްސީގެ ކޯޗު ޕޮޗެޓީނޯ، ރޭގެ މެޗުގައި ސްޓާލިން އަށް އިރުޝާދު ދެނީ.-- ފޮޓޯ: އޭއެފްޕީ

މި ނަތީޖާއާ އެކު ޗެލްސީ އަދިވެސް އޮތީ، ފަސް ޕޮއިންޓާ އެކު ޓޭބަލްގެ 14 ވަނައިގަ އެވެ. މިހާތަނަށް ލީގުގައި ކުޅުނު ހަ މެޗުން އެޓީމު މޮޅުވީ ހަމައެކަނި އަލަށް ޕްރޮމޯޓްވި ލޫޓަން ޓައުން އަތުންނެވެ. ދެ މެޗު އެއްވަރު ވިއިރު ތިން މެޗުން ވަނީ ބަލިވެފަ އެވެ.

މެޗަށް ފަހު ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ، ޓީމުގެ ކުޅުމަށް ބަލާއިރު ކުރިއަށް އޮތް ތަނުގައި ނަތީޖާ މާ ބޮޑަށް ވެސް ރަނގަޅު ވާނެ ކަމަށް އުންމީދު ކުރާ ކަމަށާއި، ހަމައެކަނި ދިމާވާ މައްސަލައަކީ ފުރުސަތުތައް ނިންމާ ނުލެވުން ކަމަށެވެ.

"މާ ބޮޑަށް މާޔޫސް ވާވަރެއް ނޫން، [ބަލިވީމަ] ދެރަވަނީ. އަހަރެންނަށް ހީވަނީ ރަތް ކާޑު ދައްކަން ދެން މޮޅަށް ކުޅުނީ އަހަރެމެން ހެން،" މި ސީޒަނުގައި ޗެލްސީ އާ ހަވާލުވި ޕޮޗެޓީނޯ ބުންޏެވެ.

އާސެނަލްގެ ދަނޑުގައި ރޭ ޓޮޓެންހަމް ކުޅުނު މެޗުގައި، އާސެނަލް ވަނީ ދެފަހަރު ލީޑު ނަގައިފަ އެވެ. އެންމެ ފުރަތަމަ 26 ވަނަ މިނިޓުގައި ޓޮޓެންހަމްގެ ކްރިސްޓިއަން ރޮމޭރޯ އަތުން ބައިކޮޅަށް ވަން ގޯލަކުން ލީޑު ހޯދާފައި ވަނިކޮށް ސޮން، ނަތީޖާ އެއްވަރު ކޮށްދިނީ ހާފު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށެވެ.

ދެވަނަ ހާފު ފެށިގެން ނުވަ މިނެޓު ތެރޭ އާސެނަލް ދެވަނަ ފަހަރަށް ލީޑު ނެގީ ބުކަޔޯ ސަކާ ކާމިޔާބު ކޮށްދިން ޕެނަލްޓީންނެވެ. ޕެނަލްޓީ ޖެހިތާ މިނިޓެއް ނުވަނީސް ސޮން ވަނީ ދެވަނަ ފަހަރަށް ޓޮޓެންހަމަށް އެއްވަރު ކޮށްދީފަ އެވެ.

ސޮން، އާސެނަލް ކޮޅަށް ރޭގެ މެޗުގައި ފުރަތަމަ ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

މި ނަތީޖާއާ އެކު ފަސްވަނައިގައި އޮތް އާސެނަލް އާއި ހަތަރު ވަނައިގައި އޮތް ޓޮޓެންހަމަށް ވެސް ވަނީ ހަ މެޗުން 14 ޕޮއިންޓް ލިބިފަ އެވެ. ދެ ޕޮއިންޓް މަދުން ހޯދައިގެން ހަވަނައިގައި އޮތީ ޗެލްސީ ބަލިކުރި އެސްޓަން ވިލާ އެވެ. ޓޭބަލްގެ ތިންވަނައިގައި އޮތީ ރޭ 3-1 އިން ބޯންމަތު ބަލިކޮށްގެން 15 ޕޮއިންޓް ހަމަކުރި ބްރައިޓަން އެވެ.

ލިވަޕޫލް ވަނީ ރޭ 3-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް 16 ޕޮއިންޓް ހަމަކޮށްގެން ޓޭބަލްގެ ދެވަނައަށް ޖެހިލައިފަ އެވެ. މެޗުގެ ވަރަށް ކުރީކޮޅު މުހައްމަދު ސަލާހު ޕެނަލްޓީއަކުން ލީޑު ނަގައިދީފައި ވަނިކޮށް ފުރަތަމަ ހާފު ނިމެނިކޮށް ވެސްޓް ހޭމަށް އެއްވަރު ކޮށްދިނީ ޖެރެޑް ބޯވެން އެވެ. ފަހު ހާފުގައި ލިވަޕޫލް މޮޅުވީ ޑާވިން ނޫނޭޒް އާއި ޑިއޯގޯ ޖޮޓާ ކާމިޔާބު ކުރި ގޯލުތަކުންނެވެ.

ނިއުކާސަލް ޔުނައިޓެޑް ރޭ ރަށުން ބޭރުގައި ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ 8-0 އިންނެވެ. މެޗުގައި ނިއުކާސަލްގެ ގޯލުތައް ވެސް ޖަހައިދިނީ ތަފާތު އަށް ކުޅުންތެރިންނެވެ. މިއީ ޕްރިމިއާ ލީގުގައި ރެކޯޑެކެވެ.

ނިއުކާސަލްގެ ގޯލުތައް ޖަހައިދިނީ ޝޯން ލޯންގްސްޓާފް، ޑޭން ބާން، ސްވެން ބޮޓްމަން، ކެލަމް ވިލްސަން، އެންތަނީ ގޯޑަން، މިގޭލް އަލްމިރޯން، ބްރޫނޯ ގިމަރޭސް އަދި އެލެކްސެންޑަ އީސާކް އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454