ފުލުހުންގެ މައި އިދާރާ: ފުލުހުންނަށް ނަން އޮޅުވާލައިގެން މައުލޫމާތު ދިން މީހަކު ގޭގައި ބަންދުކުރަން ވަނީ ހުކުމް ކޮށްފައި --- ފޮޓޯ/މިހާރު
25 ސެޕްޓެމްބަރ 2023 - 14:34
ނަން އޮޅުވާލައިގެން ފުލުހުންނަށް މައުލޫމާތު ދިން މީހަކު ހަ މަހަށް ގޭ ބަންދުކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ދިވެހި ފިރިހެނެއްގެ މައްޗަށް އެ ހުކުމް އައީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދެ މައްސަލައެއްގެ ތުހުމަތުގައި ދެ ފަހަރެއްގެ މަތިން ފުލުހުން އޭނާއާ ސުވާލު ކުރުމުން ނުބައި ނަމެއް ބުނެފައިވާތީ އެވެ. އޭނާގެ މައްޗަށް ކުރި ޝަހްސު އޮޅުވާލުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ޝަހްސު އޮޅުވާލި ކަމަށް އޭނާ އެއްބަސްވެފައިވާތީ އޭނާގެ އިއުތިރާފުން އެ ދައުވާ ސާބިތުވާ ކަމަށެވެ. އަދި ގާނޫނުލް އުގޫބާތުގެ ދަށުން އެ ކުށުގެ އަސާސީ އަދަބަކީ ތިން މަހާއި 18 ދުވަހަށް ޖަލަށްލުން ކަމަށް ވިޔަސް، އޭނާ ތަހުގީގު މަރުހަލާގައި ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށް ފަހު އަދި އަދަބުގެ ބާވަތް ބަދަލުކޮށްދޭން އޭނާ އެދިފައިވާތީ ގޭ ބަންދުގެ އަދަބަކަށް ބަދަލުކުރީ ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، ހަ މަހާއި 4 ދުވަހަށް އޭނާ ގޭ ބަންދުކުރަން ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.
ގާނޫނުލް އުގޫބާތު ބުނާގޮތުން ތިމާއަކީ އެހެން މީހެއްގެ ގޮތުގައި އެއްވެސް ފަރާތަކަށް ދެއްކުމަކީ ޝަހްސު އޮޅުވާލުމުގެ ކުށުން ކުށްވެރިވާނެ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުނީރު1
25 September 2023
ތިވާނީ އިންޑިއާ ކަމަކަށް
ކީތް
25 September 2023
ސުވާލަކީ ޝަޚްސު އޮޅުވާލި ކަމުގެ ދައުވާ އުފުލީ އަސްލު ޝަޚްސުގެ ވެރިޔާހޭ ނޫނީ ފުލުހުން އިސްވެ ހުރެހޭ؟ އެހެން ކަންތައްތަކުގަ ފުލުހުންނަށް އެނގޭކަމަކަށް ނުވޭ ނުވަތަ ދަޢުވާ ނުކުރެވޭ ފުލުހުންނަކަށް އަމިއްލައަށް؟