ރޫޓް ފިހާރައިން ބޭންކް އޮފް ސިލޯން (ބީއޯސީ) އަށް ޖަމާކުރަން ގެންދިޔަ ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ގްރޫޕަކުން ގޮސް ފޭރެން އުޅުނު މައްސަލާގައި، އެކަމުގައި ބައިވެރިވި މީހަކު 49،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އޮކްޓޫބަރު 25، 2020 ގައި ބޭންކަށް ޖަމާކުރަން ގެންދިޔަ 4.2 މިލިއަން ރުފިޔާ ފޭރެން އުޅުނީ ހެލްމެޓް އަޅައިގެން ދެ ސައިކަލެއްގައި ދިޔަ ހަތަރު މީހެކެވެ. އެކަމަކު އެ ބޮޑު ފޭރުން ނާކާމިޔާބުވީ އެތަނުގައި ބޭންކްގެ ސެކިއުރިޓީއަކަށް ހުރި ސެކިއުރިޓީ ގާޑެއްގެ މަސައްކަތުންނެވެ.
އެ މައްސަލާގައި ހައްޔަރުކޮށް، ދައުލަތުން މީހުންގެ ތެރެއިން ރ. ރަސްމާދޫ، މުހައްމަދު އަޒްމީންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އޭނާގެ މައްޗަށް އެ ދައުވާކުރީ ފޭރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ތިބުމަށް މާލޭގެ ގެސްޓްހައުސްއަކުން އޭނާ ކޮޓަރިއެއް ކުއްޔަށް ހިފުމާއި އެ އަމަލުގައި ބައިވެރިވި މީހުން ބޭނުންކުރި ސައިކަލުތައް ތައްޔާރު ކުރުމާއި އަދި ފައިސާ ހިފައިގެން ދިޔަ ވެހިކަލަށް ފާރަލި ކަމަށް ބުނެ އެވެ.
ފޭރުމުގައި ބޭނުންކުރި ދެ ސައިކަލެއްގެ ނަމްބަރު ބޯޑުގައި ސްޓިކާއެއް ހަރުކޮށް އެހެން ނަމްބަރެއް ޖަހާފައި ހުރިއިރު، އޭގެ ތެރެއިން އެއް ސައިކަލުގެ ފަހަތު ނަންބަރު ޕްލޭޓުން ނެގުނު ފިންގާޕްރިންޓް އަޒްމީންގެ ޕިންގާޕްރިންޓާ ދިމާވެފައިވާ ކަމަށް ދައުލަތުން ބުނެފައިވެ އެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމުގައިވަނީ ދައުލަތުން އަޒްމީންގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުކުރަން ހުށަހެޅި ހެއްކާއި ގަރީނާތަކުން ކުށުގެ ރުކުންތައް ސާބިތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާތީ އެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.
އެ ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް އެ މައްސަލާގައި އަޒްމީން 11 މަސް ދުވަހު ބަންދުގައި ހޭދަކޮށްފައިވާތީ އެ މުއްދަތު އުނިކޮށްފައިވެ އެވެ. އަދި ބާކީ އޮތް މުއްދަތު ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާއެއް ކަނޑައެޅުމަށް އޭނާގެ ފަރާތުން އެދިފައިވެ އެވެ. އެހެންވެ، ބާކީ އޮތް މުއްދަތު ޖޫރިމަނާއަކަށް ބަދަލު ކުރުމުން 49،000ރ. އިން ޖޫރިމަނާކޮށް، ތިން މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައުލަތަށް ދައްކަން އަންގާ ކަމަށް ގާޒީ އައިމިނަތު އަޒްލިފާ ކުރެއްވި އެ ހުކުމުގައިވެ އެވެ.
ރޫޓު ފިހާރައިގެ ފޭރުމުގައި ބައިވެރިވި މައްސަލާގައި އޭރު ހަތް މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ހަތަރު މީހަކު ދައުލަތާއެކު އިއުތިރާފްގެ އެއްބަސްވުމެއް ހަދައި، ކުށަށް އިއުތިރާފްވުމުން އެ މީހުން ދެ އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރިން ހުކުމް ކޮށްފައިވެ އެވެ.