03 އޮކްޓޯބަރ 2023 - 12:26
ޕޯޓް-އޯ-ޕްރިންސް (އޮކްޓޯބަރު 3) - ކެރީބިއަން ގައުމެއް ކަމަށްވާ ހެއިޓީގައި ގާނޫނީ ސަރުކާރެއް ނެތުމުގެ ސަބަބުން ގޭންގުތަކުގެ ނުފޫޒި ފެތުރި އާންމު ސުލްހަ މަސަލަސްކަން ގެއްލިފައިވާތީ، އެ ގައުމުގެ ސުލްހަ ބެލެހެއްޓުމަށް ބައިނަލްއަގުވާމީ ލަޝްކަރެއް ފޮނުވުމަށް އދ.ގެ ސަލާމަތީ މަޖިލީހުން އިއްޔެ ނިންމައިފި އެވެ.
ސަލާމަތީ މަޖިލީހުގެ 15 މެމްބަރުންގެ ތެރެއިން 13 މެމްބަރު ގައުމުން ތާއީދުކުރި ނިންމުމުގައި ވަނީ، ތަފާތު ގައުމުތަކުގެ ސިފައިން ހިމެނޭ ގޮތަށް އެކުލަވައިލާ ބައިނަލްއަގުވާމީ ލަޝްކަރެއް ހެއިޓީ އަށް ފޮނުވުމަށެވެ. އަދި މި ލަޝްކަރުގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި އޮންނާނީ ކެންޔާ އެވެ.
ހެއިޓީ އަށް ބޭރުގެ ސިފައިން ފޮނުވުމަށް ހުށަހެޅި ގަރާރަށް، ސަލާމަތީ މަޖިލީހުގައި ދެކޮޅު ހެދީ ރަޝިޔާ އާއި ޗައިނާ އެވެ. އެ ފަދަ ލަޝްކަރެއް ހައިޓީ އަށް ފޮނުވުމަކީ އެ ގައުމުގެ ދާޚިލީ ހަމަނުޖެހުން އިތުރުވާނެ ކަމެއް ކަމަށް ބުނެ، އެ ގަރާރު ފާސްކުރުމަށް ނެގި ވޯޓުގައި ރަޝިޔާ އާއި ޗައިނާ ބައިވެރިއެއް ނުވެ އެވެ.
ސުލްހަ ބަލަހައްޓާ ލަޝްކަރެއް ހެއިޓީ އަށް ފޮނުވުމަށް ސަލާމަތީ މަޖިލީހުން މި ނިންމީ، އެ ފަދަ ލަޝްކަރެއް ފޮނުވައިދިނުމަށް އެދި ހައިޓީގެ ވަގުތީ ސަރުކާރުން ގޮވާލަމުން އަންނަތާ އަހަރެއްހާ ދުވަސް ފަހުންނެވެ.
ގޭންގެއްގެ ބަޔަކު ދިން ހަމަލާއެއްގައި، ޖުލައި 7، 2021 ގައި ހެއިޓީގެ ރައީސް ޖޮވެނެލް މޮއިސް އަވަހާރަކޮށްލި ފަހުން، މިއަދާ ހަމައަށް ވެސް އެ މަގާމަށް ބޭފުޅަކު އިންތިޚާބެއް ނުކުރެ އެވެ. އޭގެ ބަދަލުގައި ވަގުތީ ރައީސްގެ ގޮތުގައި މިހާރު ވެރިކަން ކުރައްވަނީ، ގާނޫނު ހަދާ މަޖިލީހުގެ ރައީސް އެރިއަލް ހެންރީ އެވެ.
އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވަން ޖެހޭ އާންމު އިންތިޚާބު ނުބާއްވާތާ ވެސް މިހާރު އަހަރުތަކެއް ވެފައިވާ އިރު، އެ މަޖިލީހަށް އެންމެ ފަހުން އިންތިޚާބު ކުރި މެމްބަރުންގެ ދައުރު ވެސް މިދިޔަ ޖެނުއަރީގައި ވަނީ ނިމިފަ އެވެ.
ހެއިޓީގައި ވެރިކަން ކުރާނެ ޒިންމާދާރު ސަރުކާރެއް ނެތުމުގެ ސަބަބުން، ގޭންގުތަކުގެ ބާރު ގަދަވަމުން ގޮސް، ވެރިރަށް ޕޯޓް-އޯ-ޕްރިންސްގެ ގާތްގަނޑަކަށް 60 ޕަސެންޓަށް ވުރެ ބޮޑު ސަރަހައްދެއް މިހާރު އޮތީ ގޭންގުތަކުގެ ބާރުގެ ދަށުގަ އެވެ. އޭގެ ސަބަބުން ގޭންގު ކުށްތަކާއި މީހުން މެރުމާއި ފޭރުމާއި ލޫޓުވުމުގެ އިތުރުން، މީހުން ވަގަށް ނަގައި ރަހީނު ކުރުމުގެ އަމަލުތައް ވަނީ އިންތިހާ އަށް އިތުރުވެފަ އެވެ.
އދ.ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ހިންގި ގޭންގު ކުށްތަކުގައި ގާތްގަނޑަކަށް 3000 މީހުން މަރާލައިފި އެވެ. އޭގެ އިތުރުން 900 އަށް ވުރެ ގިނަ މީހުން ޒަޚަމް ކޮށްލައި 950 އަށް ވުރެ ގިނަ މީހުން ވަނީ ރަހީނުކޮށްފަ އެވެ.
ހެއިޓީގައި ގޭންގު ކުށްތައް އިތުރުވަމުން ދާ މައިގަނޑު ސަބަބުތަކަކީ ސިޔާސީ ހަމަޖެހުން ނެތުމުގެ އިތުރުން، އިގްތިސާދީ ގޮތުން އެ ގައުމުގެ ހާލަތު ދަށްވުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy