ދުނިޔެ / މޫސުން

ސިއްކިމްގައި ފެންބޮޑުވެ 100 އަށް ވުރެ ގިނަ މީހުން ގެއްލިއްޖެ

ސިއްކިމްސްގެ ސަރަހައްދެއްގައި ފެންބޮޑުވެފައި

05 އޮކްޓޯބަރ 2023 - 12:09

އިންޑިޔާގެ އިރު އުތުރުން ހިމާލިޔާ ފަރުބަދަ މަތީގައި އަންނަ ސިއްކިމް ސްޓޭޓަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެގެން 14 މީހަކު މަރުވެ އިތުރު 100 އަށް ވުރެ ގިނަ މީހުން ގެއްލިއްޖެ އެވެ.

އެ ސްޓޭޓްގެ ސަރުކާރުން ބުނި ގޮތުގައި ސިއްކިމްގައި ފެން ބޮޑުވުމާ ގުޅިގެން ގިނަ މަގުތަކެއް ވަނީ ހަލާކުވެފަ އެވެ. އަދި ފަރުބަދަމަތިން ފައިބައިގެން އައި ފެންތައް ސްޓޭޓްގެ މަގުތަކުން ލާފައި ތިރިއަށް ފައިބައިގެން ދިޔައިރު އުފެދުނު ބާރު އޮއިވަރުގެ ސަބަބުން، ބައެއް ބްރިޖްތައް ވެސް ވަނީ ހަލާކުވެފަ އެވެ.

ކަނޑުގެ ސަތަހައިން ފެށިގެން 5000 މީޓަރު އުހުގައި އޮންނަ ސިއްކިމްއަކީ ވަށައިގެން ފަރުބަދަތައް އޮންނަ ވާދީއެއްގެ ތެރޭގައި އޮންނަ ސްޓޭޓެކެވެ. އެ ސްޓޭޓް އޮންނަ ތަނުގެ ގޮތުން ބޯކޮށް ވާރޭ ވެހުމާއި ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމަކީ އާންމުކޮށް ކުރިމަތިވާ ހާދިސާތަކެވެ.

ނަމަވެސް، މިފަހަރު ކުރި ވިއްސާރައަކީ އާދަޔާ ޚިލާފު ކަމެއް ކަމަށް އެ ސަރަހައްދުގެ މީހުން ބުނެ އެވެ. ސަބަބަކީ އެހެން އަހަރުތަކުގެ މި މޫސުމުގައި ކުރާ ވިއްސާރަ އަށް ވުރެ މިހާރު ކުރަމުންދާ ވިއްސާރައިގެ ބާރު ގަދަވެފައި، ވާރޭ ވެހޭ މިންވަރު ވެސް އިތުރުވެފައިވާތީ އެވެ. އަދި ވައިގެ ބާރުމިން ވެސް އާދަޔާ ޚިލާފަށް ގަދަކަމަށް ފާހަގަކުރެވޭތީ އެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާ އިން ބުނި ގޮތުގައި ސިއްކިމްގައި މިފަހަރު ފެންބޮޑުވީ، އެ ސްޓޭޓްގެ އުތުރުގައި އޮންނަ ލޯނަކް ލޭކް (ލޯނަކް ކުޅި) ސަރަހައްދުގައި ކުއްލި ގޮތަކަށް އުފެދުނު ބޯ ވިލާތަކެއްގެ ސަބަބުންނެވެ. އެ ވިލާތަކުގެ ސަބަބުން ބޯކޮށް ވާރޭ ވެހި، ސިއްކިމް ސްޓޭޓްގެ ލާޗެން ވާދީއާ ގުޅިފައި އޮންނަ ޓީސްޓާ ކޯރުގެ ފެންގަނޑު ފުރިގެން ބަންޑުން ދިޔަ އެވެ.

އިންޑިއާ ސިފައިންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، ޓީސްޓާ ކޯރުގެ ފެންގަނޑު އެވްރެޖްކޮށް ހުންނަ މިންވަރަށް ވުރެ 15-20 ފޫޓަށް އުފުލިގެން ދިޔަ އެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ސިއްކިމް ސްޓޭޓްގެ މަގުތަކުން ތިރިއަށް ފެންގަނޑު ފައިބައިގެން ދަނީ ވަރަށް ބާރު އޮއިވަރަކާ އެކުގަ އެވެ.

ބާރު އޮއިވަރުގައި ފެންގަނޑު ފައިބައިގެން ދާއިރު، މަގުގެ ދެ ފަރާތުގައި ހުންނަ ގެތަކުގެ އަޑިން ވެލިގަނޑު ދަމައިގަތުމުގެ ސަބަބުން ގިނަ ގެތަކެއް ވެއްޓި، އެތައް ހާސް ބަޔަކު ވަނީ ގެދޮރު ނެތި ހާލުގައި ޖެހިފަ އެވެ.

ސިއްކިމް ސަރުކާރުން ބުނި ގޮތުގައި އެ ސްޓޭޓުން އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ޕަކްޔޮންގް ސަހަރުންނެވެ. އެ ސަހަރުން ހަތް މީހަކު މަރުވެ 59 މީހަކު ގެއްލިފައިވާ އިރު، އެތައް ސަތޭކަ ގެއެއް ވަނީ ހަލާކުވެފަ އެވެ. ގެއްލުނު މީހުންގެ ތެރޭގައި، އެހީގެ މަސައްކަތުގައި އުޅުނު އިންޑިއާ ސިފައިންގެ 23 މީހުން ހިމެނެ އެވެ.

ގެއްލިފައިވާ ސިފައިންނާއި އާންމުން ހޯދުމަށް ގިނަ ބަޔަކު ނުކުމެ މަސައްކަތް ކުރި ނަމަވެސް، ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ މަގުތައް ހަލާކުވެފައިވާތީ، މީހުން ހޯދުމުގެ މަސައްކަތުން މާ އެދެވޭ ނަތީޖާއެއް ނުފެނެ އެވެ. ސިފައިން ބުނި ގޮތުގައި ފެންބޮޑުވުމުގެ ސަބަބުން. 11 ބްރިޖެއް ވަނީ ވެއްޓިފަ އެވެ.

އެހެންކަމުން، ކުދި އަވަށްތަކަށް ދެވޭނެ ގޮތެއް ނެތުމުން، އެ އަވަށްތަކުގައި ދިރިއުޅޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ސިފައިން ބުނެ އެވެ. އިންޑިއާގެ މޫސުމާ ބެހޭ އިދާރާ އިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދެ ދުވަހު ވެސް ސިއްކިމް ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454