ދުނިޔެ / އަގްސާ ތޫފާން

އަގްސާ ތޫފާން: ސީރިޔާ އާއި ލެބަނާނަށް ހަނގުރާމަ ފުޅާވަނީ

ލެބަނާން ސިފައިން: ސީރިޔާ އާއި ލެބަނާނަށް ހަނގުރާމަ ދަނީ ފުޅާވަމުން

11 އޮކްޓޯބަރ 2023 - 13:07

20 comments

ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލާ ދެކޮޅަށް މި ދިޔަ ހޮނިހިރު ދުވަހު ފަށާފައިވާ ހަނގުރާމަ، ފަލަސްތީނުން ބޭރަށް ފުޅާވެ، އަވައްޓެރި ލެބަނާން އާއި ސީރިޔާގެ ތެރެއަށް ފެތުރިގެން ދިއުމުގެ ބިރު ހީވާން ފަށައިފި އެވެ.

ފަލަސްތީނުގެ ބިން މިނިވަންކުރުމަށް، އަގްސާ ތޫފާންގެ ނަމުގައި ހަމާސްގެ އަސްކަރީ ގޮފި، އަލް ގައްސާމް ބްރިގޭޑުން ފެށި މި ހަނގުރާމައިގައި ހުރިހާ އަރަބިން ބައިވެރިވުމަށް ހަމާސް އިން ގޮވައިލުމާ ގުޅިގެން، ލެބަނާންގައި ތިބި ހިޒްބުﷲގެ ހަނގުރާމަވެރިން ވަނީ އިޒްރޭލަށް ހަމަލާ ދޭން ފަށައިފަ އެވެ. އެއާއެކު، ސީރިޔާގެ ތެރެއިން ވެސް ރޭގެ ވަގުތެއްގައި އިޒްރޭލަށް މޯޓަރު ބަޑީގެ ހަމަލާތަކެއް ވަނީ ދީފަ އެވެ.

ހިޒްބުﷲގެ ހަނގުރާމަވެރިން ރޮކެޓް ހަމަލާތައް ދެނީ، ލެބަނާންގެ އިރުދެކުނުގައި އޮންނަ ޝިބްއާ ދަނޑުބިންތަކަށް ވެރިވެގެން ތިބި އިޒްރޭލު ސިފައިންގެ މަގާމުތަކަށެވެ. ޝިބްއާގެ ދަނޑުބިންތަކަކީ ވެސް، 1967 ވަނަ އަހަރު އަރަބިންނާއި އިޒްރޭލާ ދެމެދު ކުރި ހަނގުރާމައިގައި އިޒްރޭލުން ފޭރިގެންފައިވާ، ލެބްނާންގެ ބިމެކެވެ.

ސީރިޔާގެ ތެރެއިން މޯޓަރު ބަޑީގެ ހަމަލާތަކެއް ދީފައިވަނީ، ގޯލާންގެ އުސް ބިންތަކަށް ވެރިވެގަނެގެން ތިބި އިޒްރޭލު ސިފައިންގެ މަގާމުތަކަށެވެ. ގޯލާންގެ އުސް ބިންތަކަކީ، 1967 ވަނަ އަހަރު އަރަބިންނާއި އިޒްރޭލާ ދެމެދު ކުރި ހަނގުރާމައިގައި އިޒްރޭލުން ފޭރިގެންފައިވާ، ސީރިޔާގެ ބިމެކެވެ.

ޝިބްއާގެ ދަނޑު ބިންތަކާއި ގޯލާންގެ އުސް ބިންތަކުގައި ތިބި އިޒްރޭލު ސިފައިންގެ މަގާމުތަކަށް ހަމަލާ ދިނުމާ ގުޅިގެން އިޒްރޭލުން މިހާރު ވަނީ އެ ދެ ގައުމުގެ ތެރެއަށް ހަމަލާ ދޭން ފަށައިފަ އެވެ. އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި ގޯލާންގެ އުސް ބިންތަކަށް ސީރިޔާގެ ތެރެއިން ހަމަލާތަކެއް ދިނުމާ ގުޅިގެން، ރައްދުގައި އިޒްރޭލުން ވަނީ، ސީރިޔާގެ ތެރޭގައި ހަނގުރާމަވެރިން ތިބި ތަންތަނަށް މޯޓަރު ބަޑި އާއި ބޮޑުބަޑިން ހަމަލާ ދީފަ އެވެ.

ފަލަސްތީނުގެ އިސްލާމިކް ޖިހާދު ޖަމާއަތުގެ ހަނގުރާމަވެރިންތަކެއް ލެބަނާންގެ ތެރެއިން ޝިބްއާގެ ދަނޑުބިންތަކަށް ވަނުމަށް މިދިޔަ ހޯމަ ދުވަހު މަސައްކަތް ކުރުމާ ވިދިގެން، އިޒްރޭލުން ވަނީ އެ ސަރަހައްދުގެ ސަލާމަތީ ކަންތައް ވަރުގަދަ ކޮށްފަ އެވެ. އިޒްރޭލުން ބުނި ގޮތުގައި ހޯމަ ދުވަހު، ޝިބްއާ އަށް ވަންނަން އުޅުނު ދެ ހަނގުރާމަވެރިއަކަށް ހަމަލާ ދީ މަރާލައި، އިތުރު ހަނގުރާމަވެރިން އެ ސަރަހައްދަށް ވަނުން ވަނީ ހުއްޓުވައިފަ އެވެ.

ޝިބްއާގެ ދަނޑުބިންތަކަށް ވަންނަން އުޅުނު ހަނގުރާމަވެރިންނާއި އިޒްރޭލު ސިފައިންނާ ދެމެދު ހޯމަ ދުވަހު ހިނގި ކުރިމަތިލުންތަކުގައި، އިޒްރޭލު ސިފައިންގެ އިސް އޮފިސަރަކު މަރުވެ އިތުރު ސިފައިންތަކެއް ވަނީ ޒަޚަމްވެފައި ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނެ އެވެ. އޭގެ އިތުރުން ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިންތަކެއް ވެސް، ޝިބްއާގެ ދަނޑުބިންތަކުގައި ތިބި އިޒްރޭލު ސިފައިންނަށް މިދިޔަ ހޯމަ ދުވަހު ހަމަލާތަކެއް ދިނެވެ.

ހިޒްބުﷲ އިން ބުނި ގޮތުގައި އެ ހަމަލާތަކުގައި އެ ޖަމާއަތުގެ ހަނގުރާމަވެރިން ބޭނުންކުރީ، ޓޭންކަށް ހަމަލާ ދޭ ޒާތުގެ މިސައިލެވެ. އިޒްރޭލުން ބުނީ ހިޒްބުﷲގެ އެ ހަމަލާތަކުގައި އިޒްރޭލު ސިފައިންގެ މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.

ހަމާސް ޖަމާއަތުން ބުނި ގޮތުގައި ދެކުނު ލެބަނާންގައި ތިބި އެ ޖަމާއަތުގެ ހަނގުރާމަވެރިން އިއްޔެ ވެސް، އިޒްރޭލުގެ ހުޅަނގުގައި އޮންނަ ގަލީލީ ސަރަހައްދަށް ރޮކެޓް ހަމަލާތަކެއް ދިނެވެ. ލެބަނާންގެ ތެރެއިން އިޒްރޭލަށް ދޭ ހަމަލާތައް ތިން ވަނަ ދުވަހަށް ދެމިގެން ދިޔައިރު، އިޒްރޭލުން މިހާރު ގެންދަނީ، ލެބްނާން އާއި އިޒްރޭލު ގުޅޭ ސަރަހައްދީ ރޮނގު ކައިރިއަށް އިތުރު ސިފައިންނާއި ބަރު ހަތިޔާރު ޖަމާކުރަމުންނެވެ.

ހަމާސް އަށް ރައްދު ދިނުމުގެ ގޮތުން ގާޒާގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ފަށާފައިވާ ހަނގުރާމަ އަށް އެހީތެރިވުމަށް، އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް އޭގެ ހަނގުރާމަމަތީ ލަޝްކަރާ އެކުގައި މިހާރު ވަނީ މެދުއިރުމައްޗަށް ދަތުރު ފަށައިފަ އެވެ.

އެމެރިކާގެ މި ނިންމުމާ ގުޅިގެން، ޔަމަންގެ ހޫތީ ހަނގުރާމަވެރިން ވަނީ ހަމާސް އާއި އިޒްރޭލާ ދެމެދު ކުރާ ހަނގުރާމައިގެ ތެރެއަށް ނުވަނުމަށް އެމެރިކާ އަށް އިންޒާރުކޮށްފަ އެވެ. އެ ޖަމާއަތުން ބުނި ގޮތުގައި އެމެރިކާ ސިފައިން ގާޒާގެ ހަނގުރާމައިގައި ބައިވެރިވެއްޖެއްޔާ، ހޫތީ ހަނގުރާމަވެރިން ގާޒާ އަށް ވަދެ އިޒްރޭލާ ދެކޮޅަށް ހަނގުރާމައިގައި ބައިވެރިވާނެ އެވެ.

އަގްސާ ތޫފާންގައި ހަމާސްގެ ހަނގުރާމަވެރިން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް އިޒްރޭލުގެ 1200 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ ކަމަށް، އިޒްރޭލު ސަރުކާރުން ބުނެ އެވެ. އޭގެ ތެރޭގައި ސިފައިން 170 އަށް ވުރެ ގިނަ މީހުން ހިމެނެ އެވެ. މީގެ އިތުރުން އިޒްރޭލުގެ 3500 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.

ހަމާސްގެ ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ފެށި ހަނގުރާމައިގެ ހަމަލާތައް ގަސްދުގައި އަމާޒުކުރަމުން ދަނީ ގާޒާގެ އާންމު ރައްޔިތުންނަށެވެ. ގާޒާގައި އާންމުން ދިރިއުޅޭ އިމާރާތްތަކަށް ދެމުންދާ މިސައިލާއި ބޮމުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާތަނަށް 950 އަށް އަރާފައިވާ ކަމަށް ގާޒާގެ ރަސްމީ އިދާރާތަކުން ބުނެ އެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އިތުރުން ޒަޚަމްވެގެން ހޮސްޕިޓަލުތަކަށް ގެނައި މީހުންގެ އަދަދު 5000 އަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނެ އެވެ. އިޒްރޭލުގެ ހަމަލާތައް ވަރުގަދަވެފައި ހަމަލާތަކަށް މެދުކެނޑުމެއް ނާންނާތީ، ޝަހީދުވި މީހުންގެ ޖަނާޒާގެ ކަންތައް ނުކުރެވި މޯޗަރީތައް ވެސް ފުރިފައިވާ ކަމަށް ފަލަސްތީނުން ބުނެ އެވެ.

20 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 43%
icon sad icon sad 48%
icon angry icon angry 4%
icon wow icon wow 4%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނޫސްވެރިޔާއަށް

12 October 2023

އިޒްރޭލަށް ސަޕޯޓްކޮއްފަ އޮތް ޓްވީޓް މި ޚަބަރުން ނަގަން ޖެހޭ،

The name is already taken The name is available. Register?

1206

12 October 2023

އެފްރިކާ ބެޓާ ގެ ނަމުގައި އެކްސް ގައި ކޮށްފައި އޮތް ޕޯސްޓު އޭނާގެ ޕްރޮފައިލް ފޮޓޯއާއެކު ޖަހައިދީފައި އޮތް އޮތުން ނޫސްވެރިކަމުގެ އާންމު އިޖުތިމާއީ މިންގަނޑަށް ނުފެތޭ ކަމުގައި ދަންނަވަން.

The name is already taken The name is available. Register?

ހަގުރާމަ ކޮއްގެން ފަތަހަ ކުރީމަ އަމިއްލަ ވީތަ؟

12 October 2023

ނަސީބެއްތާ މި ރާއްޖޭގައި މީގެ ކުރިން ދިރި އުޅުން ބުދުދީނުގެ މީހުން އައިސް މިއީ އަހަރުމެންގެ ބިމޭ ކިޔާފަ ހިސޯރު ކުރަން ނާންނަކަން!

The name is already taken The name is available. Register?

މުއައްލިމު33

12 October 2023

ކޮބައިތަ މިއުޅޭ ހުރިހާ ޢިލްމުވެރިންތަކާ ޢިލްމުވެރިންގެ ގުޅުންތަކާ ޖަމިއްޔާތަކާ އޯއައިސީތަކާ މަހާސިންތާތަކާ، ގައިމު ތިޔަ ހުރިހާ ޢިލްމުވެރިންތައް ވެގެން ގޮސް މިހިރަ މިހިރަ ޢަރަބި އިސްލާމީ ގައުމުތައް ގާތު ރަސްމީކޮށް ބުނެލަން އެބަޖެހޭ ދެއްތޯ ހުރިހާ އެންމެން ގުޅިގެން މިކަމުގައި އެދެވޭ ޙައްލެއް ހޯދުމަށް. އަބަދު އިޒްރޭލު އެމެރިކާ ޔޫރަޕް ޔޫއެންއަށް ބަވަބަވާ ނުތިބެ، އިސްލާމީ ގައުމުތަކުގެ ވެރިންނަށް ރަސްމީކޮށް ގޮވާލާ ޓްވީޓްކޮށް ބަޔާންނެރެ ހަދާބަލަ.

The name is already taken The name is available. Register?

5789

13 October 2023

ޔޫރަޕް، އެމެރިކާ ޔޫއެންއާ ދެކޮޅަށް ހުރިހާ މުސްލިމުން ނުކުންނަން ވާޖިބު. އެމީހުންނަކީ އިންސާނީ ދަރިފަސްކޮޅު ދުވަހަކު ނުދެކޭވަރުގެ އަނިޔާވެެިކަން އިންސާނިއްޔަތަށް ކުރަމުންދާމީހުން. އެމީހުންގެ ބަހަށް ދެކޮޅުހަދާ ކޮންމެ ބަޔަކު މަރަނީ ބަނޑަށް ޖައްސައިގެންނާ ބަލިމަޑުކަން ފަތުރަން ކާނާއާ ބޭސް ނުދީ ދަތިކޮށްގެންނާ ސަރުކާރާ ދެކޮޅަށް ބަޔަކު ނެރެ އެތެރޭގައި އެއްބަޔަކު އަނެއްބަޔަކާ ތަޅާފޮޅުވާ ލޭއޮހޮރުވައިގެން

The name is already taken The name is available. Register?

ޣަނީމާ22

12 October 2023

ހަނގުރާމައިގާ ލިބޭ ތަކެއްޗަކީ ޣަނީމާ މުދާ. އެއީ ފޭރޭ ތަކެއްޗެއް ނޫން. ގައިމު ސިޔަރަތުގައި ކިޔަނީ އެހެން. އެއީ ބަލިވެއްޖެނަމަ، ގެއްލޭނެ ތަކެތި. މޮޅުވާ ބަޔަކަށް ޣަނީމާ. ވީމާ ހަނގުރާމަކުރުމުގެ ކުރިން ވަރަށް ވިސްނަންވާނެ.

The name is already taken The name is available. Register?

ބޮޑުމީހާ

11 October 2023

އިޒްރޭލު ވަށައިގެން ތިބި އަރަބި މުސްލިމް ގައުމުތަކުން ޓްވީޓްކުރުން ހުއްޓާލައި ހަނގުރާމައިގެ މައިދާނަށް ނުކުމެގެން ނޫނީ ތިކަމަށް ހައްލެއް ނެތް.

The name is already taken The name is available. Register?

ނޯޓިސް

11 October 2023

މިޒަމާނަކީ ހަނގުރާމަ އިސްކުރަންވީ ޒަމާނެއްނޫން. އިތުރު އެތައް ހައްލެއް ހޯދޭނެ. މިޒަމާނުގައި ބޭނުން ކުރާ ހަނގުރާމަ މަތީ އެއްޗިއްސްކީ އޭގެ ސަބަބުން އެތައް ހާސް ބައެއްގެ ފުރާނަ ސިކުންތު ކޮޅެއްގަ ދާނެ ތަކެތި. އާންމުންގރ އެތައް ބަޔެއް ހާލުގަ ޖެހޭނެ. ހަމާސް އަކުން އެމީހުނަކަށް އަޅައެއް ނުލެވޭނެ. އިސްރޭލަކީ އަސްކަރީ ގޮތުން މާ ބާރުގަދަ ގައުމެއް.

The name is already taken The name is available. Register?

ސަލީމް މުހައްމަދު

11 October 2023

މޮޔަ ނުގޮވާށެވެ. ޤިޔާމަތާއި ޖެހެންދެން ﷲ މަގުގައި ހަނގުރާމަ ކުރެވޭނެއެވެ.

The name is already taken The name is available. Register?

ބޮޑުމީހާ

11 October 2023

މީ މިޒަމާނުގައި ހިނގައިގެން އުޅޭ މައްސަލައެއް ނޫން. 75 އަހަރުވީ ކޮޅެއްގައި ނުޖެހުނު މައްސަލައެއް. 75 އަހަރުތެރޭގައި ފަލަސްތީނުގެ އެތަކެއް ބަޔަކު މަރުވެ، 90 އިންސައްތަ ބިން އިޒްރޭލުން ހިސޯރުކޮށްފައިއޮތީ. މިކަމަށް އިތުރަށް ދައްކާނެ ވާހަކައެއް ނެތް.

The name is already taken The name is available. Register?

އަފްރާސިޔާބު

11 October 2023

75 އަހަރުގެ ތެރޭގައި ހަމަނުޖެހުނު ކަންކަން މަކަރުވެރި ގޮތުގައި ފަލަސްތީނު ބިންތައް ފޭރިގަތުމުގެ ރޭވުން ދިޔައީ ރާވަމުން. އެއީ އޮސްލޯ އެއްބަސްވުމުގެ ދަށުން ދެސަރުކާރެއް މަކަރުވެރި ގޮތުގައި ގޮތުގައި ލިއުމުން ގަބޫލުކޮށްގެން.

The name is already taken The name is available. Register?

1206

11 October 2023

ހާދަ ބޭއަދަބީ އަންހެނަކު ކޮށްފައި އޮތް އެކްސްގެ ޕޯސްޓެއް. ކޮންމެ ވަރަކަށް އިޖްތިމާއީ އާންމު މިންގަނޑަށް ވިސްނާލަބަލަ!

The name is already taken The name is available. Register?

ކެނެރީ

11 October 2023

ފަލަސްތީނުގެ ރައްޔިތުންނަށް ލިބޭ އަނިޔާއަކީ ޒާރާ އާ މީރާއާ ދެންވެސް އެގިންތީގެ މީހުންނަށް ނޫނީ ކަންބޮޑުވާކަމެއް

The name is already taken The name is available. Register?

ސަންތިމަރިޔަބު.

11 October 2023

ތިއަ ހަނގުރާމައިގެ ތެރެއަށް ސަޢުދީ އީރާން މިސްރު އަދި ގަތަރުން ވެސް ވަންނަންވީ. ތުރުކީއަށް ވެސް ބައިވެރިވެވެން ޖެހޭނެ. އޭރުން ފަލަސްތީނު މިނިވަންވެ ޔަހޫދީން ބަލިވެދާނެ. ޔޫރަޕުގަ މިހާރު ނެތް ހަނގުރާމައެއް ކުރެވޭވަރުގެ ހަކަތައެއް.

The name is already taken The name is available. Register?

ބަޝީރު23

11 October 2023

އެނގި ތިބެ ހަނގުރާމައެއްގެ ތެރެއަށް ވަންނާނީ މިޒަމާނުގައި މޮޔައިން. ހާލުގަ މިހާރުވެސް ޖެހޭ މީހުނަށް އަޅާ ނުލެވި އެތިބީ. ޒިންމާ ނަގާނެ ބަޔަކު ނެތް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454