13 އޮކްޓޯބަރ 2023 - 11:16
ބަންގްލަދޭޝް ޓީމު އަތުން އިއްޔެ ރާއްޖޭގެ ޓީމަށް ލިބުނު ނަތީޖާއާ މެދު ހިތްހަމަނުޖެހުނަސް، މެޗުގައި ކުޅުންތެރިން ކުރި މަސައްކަތުގައި މުޅިން ވެސް ފެނުނީ ޕޮޒިޓިވް ކަންތައްތަކެއް ކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޮފްގައި، ގައުމީ ފުޓްބޯޅަ ދަނޑުގައި އިއްޔެ ކުޅުނު މެޗުގެ ފަހުވަގުތު ރާއްޖޭން ލީޑް ނަގާފައިވަނިކޮށް މެޗުގެ އިތުރުވަގުތުގައި ބަންގްލަދޭޝްއިން ނަތީޖާ 1-1 ން ހަމަހަމަ ކުރި އެވެ. އެއީ 2000 ވަނަ އަހަރުގެ ފަހުން ރާއްޖޭގެ ދަނޑުގައި ބަންގްލަދޭޝްއިން ރާއްޖެ މޮޅުވިޔަ ނުދީ ހިފެހެއްޓި ފުރަތަމަ ފަހަރެވެ. އެ އަހަރު ރާއްޖޭގައި ބޭއްވި ގޯލްޑަން ޖުބްލީ ފުޓްބޯޅަ މުބާރާތުގައި މި ދެ ގައުމު ބައްދަލު ކުރި މެޗު ވެސް އެއްވަރުވީ 1-1 ންނެވެ.
އޮކްޓޯބަރު 2021 ގައި ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން ބަންގްލަދޭޝް ބަލި ކުރި އިރު ވެސް ކޯޗަކަށް ހުރި ސުޒޭން ބުނީ، މެޗުގެ ލީޑް ރާއްޖޭގެ އަތްމަތީގައި ނުހިފެހެއްޓުމުގެ ޒިންމާ އޭނާ ނަގާ ކަމަށެވެ.
"އަހަރެން ހިތައްއެރި އެވެނި ކަމެއް މިވެނި ކަމެއް އަހަންނަށް ބަދަލު ގެނެވުނުނަމައޭ. އެކަހަލަގޮތަކަށް އަހަންނަށް ހީކުރެވުނު،" ޕްރެސް ކޮންފަރެންސްގެ ފުރަތަމަ ވާހަކަ އަކަށް ވެސް ސުޒޭން ބުންޏެވެ.
މެޗުގެ ކުރިން ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި އޭނާ ބުނީ ޖޫން، ޖުލައިގައި އިންޑިއާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗަށް ވުރެ ޕޮޒިޓިވް ކަންކަން ރާއްޖޭގެ ޓީމުގެ ފަރާތުން ފެންނާނެ ކަމަށެވެ.
އިއްޔެގެ ހަވީރު މެޗަށް ފަހު ސުޒޭން ބުނީ މެޗުގެ ނަތީޖާ ޕޮޒިޓިވް ނުވިއަސް ދިވެހި ކުޅުންތެރިންގެ މަސައްކަތުގައި މުޅިން ވެސް ފެނުނީ ޕޮޒިޓިވް ކަންތައްތަކެއް ކަމަށެވެ.
"ރިޒަލްޓް ޕޮޒިޓިވްއެއް ނޫން. އެކަމަކު ދިވެހި ޓީމު ކުރި މަސައްކަތް، ކުޅުންތެރިން އެ ދެއްކި ކުޅުން، އެމީހުން އެލީ އެފަޓް. އޭގަ ހުރީ ހުސް ޕޮޒިޓިވް ކަންތައްތައް،" މެޗަށް ފަހު ސުޒޭން ބުންޏެވެ.
އޭނާ ބުނީ ޓީމުގައި ތިބި ކުޅުންތެރިންނަށް ބަލާއިރު މިދިޔަ ހައެއްކަ މަސް ތެރޭގައި 90 މިނެޓް ފުލުކޮށް ކުޅުނު ކުޅުންތެރިން ވަރަށް މަދުވާނެ ކަމަށެވެ.
"އެކަމަކު ކުޅުންތެރިން ޓައިމް މެނޭޖްކޮށްގެން އެލީ އެފަޓަށް ތައުރީފް ހައްގު ހަމަ،" އޭނާ ބުންޏެވެ.
މާލޭގައި 1-1 އެއްވަރު ވިޔަސް ރާއްޖެ އަށް ފުރުސަތު ގެއްލޭނެ ކަމުގެ އެއް ވެސް އިހްސާސެއް ނުކުރެވޭ ކަމަށް ސުޒޭން ބުންޏެވެ. ދެވަނަ ލެގް މެޗު އަންނަ އަންގާރަ ދުވަހު ކުޅޭނީ ބަންގްލަދޭޝްގެ ޑާކާގަ އެވެ. ސުޒޭން ބުނީ ފުޓްބޯޅަ ކުޅެވޭ ފެންވަރުގެ ދަނޑެއް އޮވެއްޖެނަމަ، ރާއްޖެ އަށް ވެސް ފުރުސަތު އެއްވަރަށް އެބައޮތްކަމަށެވެ.
"ފުޓްބޯޅަ ކުޅެވޭ ކަހަލަ ހާލަތެއް ނެތް ތަނެއް [ދަނޑެއް] ވެއްޖެއްޔާ އަޅުގަނޑަށް އެއްޗެއް ބުނާކަށް ނޭނގޭނެ. އެހެންނަމަވެސް ރަނގަޅު ދަނޑެއްގައި ކުޅެފިއްޔާ ރާއްޖެ އަށް ޑިސްއެޑްވާންޓޭޖެއް އަންނާނެ އެއްވެސް ކަމެއް އަޅުގަނޑަކަށް އިހްސާސް ނުވޭ އިރާދަކުރެއްވިއްޔާ،" ސުޒޭން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަމުންކަމެއް
17 October 2023
ފުޓްސެލް އާ ހެދި ފުޓުބޯޅަ ހަލާކުވީ...ބައްސާމޭ ނުކިޔާ....ބައްސާމު އައުމުގެ ކުރިންވެސް ފުޓުބޯޅައިގެ ފޯރިއާ ފެންވަރު އައީ ދަށްވަމުން...ބައްސާމު އައިމަ ދަށްވީ އެފްއޭއެމް....
ހަމަ އެއްވެސް ޕޮޒިޓިވް އެއްނޫން
14 October 2023
ކޯޗު ވަކިކޮށް އެފްއޭއެމް ރިފޯމް ކުރަންޖެހޭ.
ހޭބަލިވެގެން ދުވާ ސޮރުން އަދިވެސް ގިނަކުރޭ ޓީމްގަ
13 October 2023
ރަނގަޅު ވާނީ ދެން އެހާކަންހާވަރަށް، ހުސް 3 ގޯލް ޖަހަން ލިބި ވީ ބޭކާރު. ސްވީޕަރަކަށް ކުޅުނު ސޮރު ކުޑަ ގޯލްގެ ފަހަތަށް ލާންވެސް ކަމު ނުދޭ. ތެޅި ތެޅި ހުސްވެފަ.
ކޮރަލް
13 October 2023
އެޓޭކިންގް ގޭމް އެއް ނުކުޅެ ރަނގަޅު ނަތީޖާ އެއް ނުނެރެވޭނެ އެވެ. 1980 ގަ ވެސް ކުޅުނީ ޑިފެންސިވް ގޭމް އެކެވެ. މިހާރުވެސް ކުޅެނީ ޑިފެންސިވް ގޭމް އެކެވެ. އެޓޭކް އަށް ކުޅެން ދަސްކޮށްދޭނެ ރަނގަޅު ކޯޗް އެއް ހޯދަން ވީ އެވެ.
ޝޯމޭން
13 October 2023
ސޭވްއެފްއޭއެމް އަދި މިހާރުގެ އިންތިހާބީ ސަރުކާރުން މިކަމަށް ހާއްސަ ސަމާލުކަމެއްދީ، މިމައްސަލައިގެ ރޫޓްކޯސް އަށް ބަލާ، ދިވެހިފުޓުބޯޅަ ދިވެހިރާއްޖޭގެ ހުރިހާ ދާއިރާއަކަށް ހަމަހަމައަށް ބެހިގެންދާގޮތަކަށް އޮންނަ ފެޑެރޭޝަނަކަށް ރިފޯމުކުރުމަށް ގޮވާލަން. ކުޅިވަރު އެކަންނިވީމައެއްނޫން، ފުޓުބޯޅައަކީ ދިވެހިންގެ ލެޔާ ގުޅިފައޮތް ކުޅިވަރެއް. މުޅިގައުމު އެއްބައިވަންތަ ކުރުމުގެ މަގުސަދުގަ ބަޔަކު ނުކުންނަންޏާ ސޭވް މޯލްޑިވްސް ފުޓްބޯލް. ގައުމުއޮޓޯއިން އެއްބައިވާނެ.
ބާބޫ
13 October 2023
ބަލަ ތިޔަބުނާ ޗަކަ ދަނޑުގަ ދޯ ރާއްޖެ ދެވަނަ ފަހަރައް ތަށި އުފުލާލީ ދެން ކޮން ރަނގަޅު ނުރަނގަޅު ދަނޑެކޭ ތިޔަކިޔަނީ
ބަހަނާއެއް ދައްކަނީ މިހާރުއްސުރެ
14 October 2023
ބަލިވާނެކަން ޔަޤީން ވީމަ.
އަވަސީ
13 October 2023
މިޖީލުގެ ދިވެހި ފުޓްބޯޅަ އަމިއްލަ މަސްލަހަތައްޓަކައި ހަލާކު ކުރި މީހަކީ ބައްސާމް . ބައްސާމް އައުޓް ބައްސާމް އައުޓް ބައްސަމް އައުޓް ބައްސާމްއައުޓް ބައްސާމް އައުޓް.
މިސްޓަރ
13 October 2023
ސުޒޭން ހީކުރަނީ އަހަރެމެންނަކީ މޮޔައިން ކަމަށްތަށް؟ ތިޓީމްގަ ތިބި ކުޅުންތެރިންނަކީ 100 އަށް ވުރެ ގިނަ އިންޓަނޭޟަނަލް މެޗް ކުޅެފަ ތިބިބައެއް! އަނެއްކާ ކުޅުނީ ބަނގުލަދޭޟްއާ ދެކޮޅަށް! ސުޓުރައިކަރަށް ގޯލު ހުރިތަނެއްވެސްނޭގޭ، ވާވާވާ އިނަފް އިޒް އިނަފް ކަލޭމެން އިސްތިއުފާދީ.
ޑޮކްޓަރު
13 October 2023
އޮޕަރޭޝަން ކާމިޔާބު، އެކަމަކު ބަލިމީހާ މަރުވެެއްޖެ.
ޞައްޓު
13 October 2023
ފުރަތަމަ ކަމަކީ ބައްސާމް އަންގައިގެން މެޗު ކުޅުނު ގަޑީ އެނާގެ ސަޕޯޓު ދައްކަން ބެނާ ދެމުން. ދެވަނަ ކަމަކީ ސުޒޭނުވެސް ބެވީ ބައްސާމު އަންގައިގެން ނޫސްވެެރިންނާއި ސޭވް އެފްއޭއެމްއަށް ބެވުން.ދިވެހިން ވަރަށް ރަނގަޅަށް ސުޒޭނު ދަނޭ. ދުވަހަކު ތިމަންނާގެ ކުށެއް ނުފެންނާނެ