ގެއްލިގެން ހޯދަމުންދާ ޔޫސުފް --
15 އޮކްޓޯބަރ 2023 - 10:24
އެކަނި މަހަށް ނުކުތް އދ. ދަނގެތި ޔޫސުފް އިބްރާހިމް (ޔޫސުބެ) ހޯދަން ބޮޑު އޮޕަރޭޝަނެއް ހިންގަމުން އަންނަ ކަމަށާއި އަދިވެސް އޭނާ ނުފެންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
އުމުރުން 68 އަހަރުގެ ޔޫސުބެ ކުޑަ ދޯންޏެއްގައި މަހަށް ނުކުތީ އިއްޔެ ފަތިހުގެ ވަގުތެއްގަ އެވެ. އޭނާގެ ޚަބަރެއް ނުވެގެން ސިފައިންނަށް ރިޕޯޓްކުރީ އިއްޔެގެ ހެނދުނު 11:40 ހާއިރު އެވެ.
އެމްއެންޑީއެފުން ބުނީ ޔޫސުބެ އިންޖީނުލީ ކުޑަ ދޯންޏެއްގައި މަސްވެރިކަމަށް ނުކުތީ އދ. އޮރިމަސް ފަޅުގެ އިރުމަތީ ފަރާތަށް ކަމަށެވެ. އަދި އދ. ރަންވެލީގެ އުތުރު ކަނޑުއޮޅިން އެ ދޯނި ދަނިކޮށް އިއްޔެގެ ހެނދުނު 9:00 އާއި 9:30 އާ ދެމެދުގެ ވަގުތެއްގައި ބަޔަކަށް ފެނުނު ކަމަށް ސިފައިން ބުންޏެވެ.
އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވީ ޔޫސުބެ ހޯދުމުގެ މަސައްކަތް ކުރަން ސާޗް އޮޕަރޭޝަން ފުޅާކޮށްފައިވާ ކަމަށެވެ.
އެކަމަށްޓަކައި ޑޯނިއާ ވެސް ފުރާފައިވާ ކަމަށާއި ޔޫސުބެ ގެއްލުނު ކަމަަށް ލަފާ ކުރެވޭ ސަރަހައްދުގައި ރިސޯޓުތަކާއި ޑައިވަރުން ގުޅިގެން ފީނަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ކޯސްޓްގާޑާއި އެހެނިހެން އުޅަނދުތަކެއް ވެސް ކަނޑުމަތިން އޭނާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ ހާދިސާ އާ ގުޅޭ ގޮތުން ދަނގެތި ކައުންސިލްގެ ރައީސް މުއާވިއަތު ރަޝީދު ވިދާޅުވީ ޔޫސުބެ ހޯދަން އެމްއެންޑީއެފްގެ 10 ޑައިވަރުންނާއި އެ ރަށުން 12 ޑައިވަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ދަނގެއްޗަކީ ރާއްޖޭގައި އެންމެ ޑައިވަރުން ގިނަ އެއް ރަށެވެ.
ޔޫސުބެ ގެއްލުނު ސަރަހައްދުގެ ބޮޑު ބައެއް އިއްޔެ ވެސް ބަލާފައިވާ ކަމަށާއި ނަމަވެސް ޔޫސުބެ ފެނިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު ހެނދުނު 7:00 އިން ފެށިގެން އަނެއްކާވެސް ކައިރި ރިސޯޓުތަކުގެ އެހީއާ އެކު، ޔޫސުބެ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މުއާވިއަތު ވިދާޅުވި އެވެ.
"ސާދަ ޑައިވަރެއް އެއްފަހަރާ އެރިގެން އޭނާ ހޯދުމުގެ މަސައްކަތް އެބަ ކުރަން. އެމްއެންޑީއެފްގެ ބޭފުޅުންނާ އެކު ވެސް ވަރަށް ބާރަށް އެ މަސައްކަތް ކުރިޔަށް އެބަދޭ،" އޭނާ ވިދާޅުވި އެވެ.
ޔޫސުބެ ގެއްލުނުއިރު ލައިގެން ހުރީ ރަތްކުލައިގެ ޓީޝާޓެއް ކަމަށް އެމްއެންޑީއެފް ކޯސްޓް ގާޑުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފީފީ
15 October 2023
ކޮބާ ރާއްޖޭގައި ތިބި ކަނޑު ބަލަހައްޓާ އިންޑިއާ ސިފައިން؟
އަޑެ
17 October 2023
އިންޑިޔާ ސިފައިން ސެޕްޓެންބަރު 30 ގަ ފުރާފި. ސުކުރިއްޔާ މުއިއްޒު.
އަސޭލ
15 October 2023
ޑައިވް ކޮއްގެން ކަންޑު އަޑިން ހޯދުމުގެ ބަދަލުގައި ފުރަތަމަ ވައިގެ މަގުން ހޯދާބަލާބަލަ.
ރާގުނާތު
15 October 2023
ދޯނި ފެނިފަވޭބާ ؟؟ ދޯނި. ކިހިނެތް މިވެނި ހިސާބެކޭ ބުނަނީ. ވެދާނެ އެއްނު ކައިރި ރަށެއްގެ ހިކިފަސްތާވެސް؟
އިޙްސާސް..
15 October 2023
ގެއްލުނީ މިވެނި ހިސާބަކުންކަން އެނގެނީ ކިހިނެއް؟ މިލިޓަރީ ރާޑަރަށް އެއިންޖިނު ދޯނި އަރާފަވޭތޯ؟ މީގެ އެތައް އަހަރެއް ކުރިން އަހަރެންގެ ކާފަ ރިޔަލު ދޯންޏެއްގަ އެކަނި މަހަށް ގޮސް އެނބުރި ނައިސްގެން ކޯސްޓް ގާޑަށް ގުޅިން. އެމީހުން އަވަސް އެހީތެރިކަމެއް ފޯރުކޮށެއް ހަޤީގަތުގައި ނުދޭ. އަހަރެމެން އަމިއްލައަށް އިންޖިނުދޯންޏެއްގައި ކަނޑަށް ނިކުމެ ކާފަ ހޯދީ.
ސިމާ
16 October 2023
އާއްމުކޮށް ފޯނު ގެނޮގުޅޭނެ ހެން ހީވަނީ، އެހެންވީމަ ފޯނުން ލޮކޭޓް ކުރުމަކީ މިޒަމާނުގަ ޕޮލިސް އަށް އުނދަގޫ ކަމަކަށް ނުވާނެ