ރިޕޯޓް / ރައްޔިތުންގެ މަޖިލިސް

ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރުން: ރަނގަޅު ފޯމިއުލާއެއް ނެތް!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ: ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރަން ހުށަހެޅި ބިލާ މެދު ހިޔާލު ތަފާތުވުންތައް ވަނީ ބޮޑުވެފައި --- ފޮޓޯ/މިހާރު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އެކުލެވޭ ގޮތް ބަދަލު ކުރުމަކީ ގާނޫނު އަސާސީއަށް 15 އަހަރުވީއިރު ކޮޅެއްގައި ނުޖެހުނު ބޮޑު މައްސަލަ އެކެވެ. ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބެވުމުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމަށް ހުޅުވިފައި އޮތް ދޮރު ބަންދު ކުރުމުގެ ވާހަކަ ދެކެވުނަސް އެކަމަށް އަމަލީ ސިފައެއް މިހާތަނަކަށް ނާދެ އެވެ. ކޮންމެ ބަޔަކަށް ވެސް އެކަން މައްސަލައަކަށް ވަނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ތިބެންޖެހޭ ހިސާބުންނެވެ.

ޖޭއެސްސީ ބަދަލު ކުރުމުގެ ވައުދާއެކު އައި މި ސަރުކާރުން ވެސް، ޖޭއެސްސީ ބަދަލު ކުރުމުގެ މަސައްކަތް ފަށައިގަތީ ވެރިކަމުގެ ދައުރު ނިމުމަކާ ގާތަށް ގޮސްފައި ވަނިކޮށެވެ. ޖޭއެސްސީ އެކުލެވޭ ގޮތަށް ބަދަލު ގެނައުމުގެ ބިލް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު ވެސް، އެ ބިލާ މެދު ހިޔާލު ތަފާތުވުން ބޮޑެވެ. ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިބެގެން ނުވާނެ ކަމަށް ގިނަ ބަޔަކަށް އެއްބަސްވެވުނަސް، ބަދަލު ގެންނަންވީ ގޮތާ މެދު ހިޔާލު ތަފާތުވުން ބޮޑެވެ.

ޖޭއެސްސީއާ މެދު ކުރިން އޮތް އެންމެ ބޮޑު ޝަކުވާއަކީ އެ ކޮމިޝަންގެ އަގުލަބިއްޔަތު ސިޔާސީ ބޭފުޅުންގެ އަތުގައި އޮތުމެވެ. އެ ކޮމިޝަންގައި މިހާރު ޖުމްލަ 10 މެމްބަރުން ތިއްބަވާ އެ ކޮމިޝަންގެ މެމްބަރުންގެ ތެރެއިން 6 މެމްބަރުންނަކީ ސީދާ ގޮތުން ރައްޔިތުންގެ މަޖިލީހާއި ސަރުކާރުން އައްޔަން ކުރާ މެމްބަރުންނެވެ. އެއީ މަޖިލީހުގެ ރައީސާއި މަޖިލީހުގެ މެމްބަރަކާއި ރައީސްގެ މެމްބަރާއި ބަންޑާރަ ނައިބާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެމްބަރެވެ.

ނަމަވެސް ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލްގައި ހުށަހަޅާފައިވަނީ އެ ކޮމިޝަންގެ މެމްބަރުންގެ އަދަދު 7 އަށް ތިރިކޮށް، ތިން މަރުހަލާގެ ކޯޓުތަކުން ތިން ފަނޑިޔާރުންނާއި ބަންޑާރަ ނައިބާއި މަޖިލީހުގެ މެމްބަރަކާއި ވަކީލުންގެ ތެރެއިން މެމްބަރަކާއި އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެމްބަރަކު އިންނަވާ ގޮތަށެވެ. މާނައަކީ މިގޮތަށް ފާސްކޮށްފިނަމަ ސިޔާސީ ގިނަ މަގާމުތައް ޖޭއެސްސީގައި އޭރުން ނުތިބޭނެ އެވެ. ނަމަވެސް މި ހުށަހެޅުން ވެސް މަޖިލީހުގެ ގިނަ މެމްބަރުންނަކަށް ކަމަކު ނުދިޔަ އެވެ.

ރައީސާއި މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ރަސްމިއްޔާތެއްގައި --- ފޮޓޯ/މިހާރު

ބައެއް މެމްބަރުންގެ ކަންބޮޑުވުމަކަށްވީ ފަނޑިޔާރުންނާ މެދު ފާރަވެރިވާ ކޮމިޝަނެއްގައި ފަނޑިޔާރުން ތިބޭ ގޮތަށް އޮތުމެވެ. އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ފަނޑިޔާރުން ތިބެގެން ޖޭއެސްސީގެ މަސައްކަތްތައް ރަނގަޅަކަށް ނުހިނގާނެ އެވެ.

"އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ ރާއްޖޭގެ ހާލަތު އޮތްގޮތުންނާ ވެސް އެކު، ފަނޑިޔާރު ގެތަކުގައި ތިއްބެވި ފަނޑިޔާރުންނަށް އެ ބޭފުޅުން ކުރާ މަސައްކަތަށް ފާރަވެރިވެވިދާނެ ކަމަކަށް." ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެ ކޮމިޝަންގައި ތިބެން ޖެހޭނީ ރިޓަޔާޑް ފަނޑިޔާރުންނާއި އާންމުންގެ ތެރެއިން ހޮވާ މެމްބަރުންނެވެ. އަދި ދައުލަތުގެ އަނެއް ދެ ބާރުގެ ތެރެއިން ބަންޑާރަ ނައިބާއި މަޖިލީހުގެ މެމްބަރަކު ވެސް ކޮމިޝަންގައި އިންނަވައިގެން ނުވާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ދައުލަތް ތަމްސީލުވާކަށް ނުޖެހޭ ޖުޑީޝަލް ސާވިސް ކޮމިޝަންގައި ދައުލަތުގެ މަގާމުގައި ތިއްބެވި ބޭފުޅުން އެ ކޮމިޝަންގައި ތިއްބަވައިގެނެއް. ދައުލަތަކީ ރައްޔިތުން ވެސް މެ. އެހެންވީމަ ރައްޔިތުން ތިބީމާ ދައުލަތް އެ ތަމްސީލު ކުރެވެނީ." ހަސަން ވިދާޅުވި އެވެ.

ނަމަވެސް އަނެއް ބައި ބޭފުޅުން ދެކޭ ގޮތުގައި ބަންޑާރަ ނައިބާއި މަޖިލީހުގެ މެމްބަރަކު ޖޭއެސްސީގައި އިންނެވުމުގެ ބަދަލުގައި ޔުނިވާސިޓީތަކުގައި ގާނޫނު ކިޔަވައިދޭ ލެކްޗަރައިންގެ ތެރެއިން ބަޔަކާއި އެހެން ފަންނީ ދާއިރާތަކުގެ ތެރެއިން ބަޔަކު ޖޭއެސްސީގައި ބޭތިއްބުމެވެ.

"އެހެންވީމަ މައްސަލަ މި ނިކުންނަނީ. އެ މީހުންނަށް ކިޔަވައިިދޭ ލެކްޗަރައަކު ފޮނުވައިދޭށޭ ފަނޑިޔާރުން މި އައްޔަންކުރާ ކޮމެޓީއަށް." ޕީޕީއެމަށް ނިސްބަތްވާ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

އަނެއް ބައި ބޭފުޅުން ދެކޭ ގޮތުގައި ޖޭއެސްސީގައި އެކުލެވެންވީ ޝަރުއީ ދާއިރާ އާއި ފަނޑިޔާރުން ތަމްސީލު ކުރެވޭ ގޮތަށެވެ. އެހެންވެ، އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެ ކޮމިޝަން އެކުލަވާލުމުގެ ބާރު ދޭންވީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ބައިވެރިވުމެއް ނޯންނާނެ ގޮތަށް ހަމައެކަނި ސުޕްރީމް ކޯޓަށެވެ.

"މިއީ ދިވެހިރާއްޖެއަށް ދިމާވެގެން މި އުޅޭ މައްސަލައަކީ އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރު ފަނޑިޔާރު ގެއަށް އެ ބާރު ދޭންވީ މުތުގަލަށް. ފަނޑިޔާރު ގެއިން އެކަންކަން ކުރަންވީ. ފަނޑިޔާރު ގޭގެ ތެރޭގައި ހިނގާ ކަންކަން ހައްލު ކުރުމަށްޓަކައި ގާނޫނުތަކާއި ގާނޫނު އަސާސީއާ އެއްގޮތަށް އެތަންތަން މޮނީޓާ ކުރާނެ ގޮތާއި އޯވަ ސީ ކުރެވޭނެ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެންނަންވީ." ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވި އެވެ.

މާނައަކީ ޖޭއެސްސީ އެކުލެވިފައި އޮންނަންވީ ގޮތުގެ ރަނގަޅު ފޯމިއުލާއަކީ ކޮބައިކަމެއް އެއްވެސް ބަޔަކަށް ނުދެއްކެ އެވެ. އެހެންވެ، މިހާ ހިޔާލު ތަފާތުވުން ބޮޑު ބިލެއްގެ މަސައްކަތް މަޖިލީހުގެ ދައުރު އަންނަ އަހަރުގެ ކުރީކޮޅު ނިމުމުގެ ކުރިން ނިންމޭނެ ކަމާ މެދު ވެސް ސުވާލު އުފެދެ އެވެ.

އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ރައީސް އަދި ޖޭއެސްސީގެ ރައީސް --- ފޮޓޯ/މިހާރު

ޖޭއެސްސީގެ ގެ ކުރީގެ މެމްބަރަކު ވިދާޅުވި ގޮތުގައި ފަނޑިޔާރުންނާއި ގާނޫނީ ދާއިރާގެ ބޭފުޅުން އެކަނި ތިއްބަވާ ގޮތަށް ޖޭއެސްސީ ބަދަލު ކުރުމަކީ ނުބައި ނަތީޖާތަކެއް ނިކުންނާނެ ކަމެކެވެ. އޭގެ ސަބަބުން ފަނޑިޔާރުންގެ ކަންކަމަށް އެކަށީގެންވާ ގޮތެއްގައި ފާރަވެރިނުވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފަނޑިޔާރުން އަމިއްލައަށް ފަނޑިޔާރުން ރެގިއުލޭޓްކުރާ ގޮތަށް ޖޭއެސްސީ ބަދަލު ކުރުމަކީ ހަދާނެ އެންމެ ބޮޑު ގޯސް. ރާއްޖޭގައި އަމިއްލައަށް ރެގިއުލޭޓްކުރާ އެހެން ދާއިރާތައް ހުއްޓަސް، އެތަންތަނާ ވަރަށް ތަފާތު މަސައްކަތެއް ކުރާ ބައެއް ފަނޑިޔާރުންނަކީ." އޭނާ ވިދާޅުވި އެވެ.

އޭނާ ވެސް އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ޖޭއެސްސީގައި މަޖިލީހުގެ މެމްބަރަކު ހުންނަވާކަށް ނުޖެހެ އެވެ. ނަމަވެސް ބަންޑާރަ ނައިބު ޖޭއެސްސީގައި އިންނެވުމަކީ މައްސަލައެއް ކަމަށް އޭނާ ދެކެވަޑައެއް ނުގަންނަވަ އެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ ބަންޑާރަ ނައިބަކީ ދައުލަތުގެ ގާނޫނީ ކަންކަމާއި ބެހޭ އިސް ފަރާތަށްވުމުގެ އިތުރުން ޝަރުއީ ދާއިރާގެ އިދާރާ ހިންގުމާއި ކުރިއެރުމަށްޓަކައި ވެސް ދައުލަތުގެ އެހެން ބާރުތަކުގެ ބައިވެރިވުން ޖޭއެސްސީގައި އޮތުން މުހިންމު ވާތީ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރިޓަޔާޑް ފަނޑިޔާރުންނާއި ޔުނިވާސިޓީތަކުގެ ލެކްޗަރާއިން ޖޭއެސްސީއަށް އައްޔަން ކުރުމަކީ ވެސް ރާއްޖޭގެ ކަންކަން އޮތްގޮތަށް ބަލާއިރު ކުރެވޭނެ ކަމެއް ނޫނެވެ.

"ރިޓަޔާޑް ފަނޑިޔާރުންނަށް ބަލާއިރު 90 ޕަސެންޓަކީ ސިއްހީ ހާލަތު ހުރިގޮތުން ރިޓަޔާވެފައި ތިއްބެވި ބޭފުޅުން. އެހެންވީމަ މިވަރުގެ ކަމަކަށް ދޭންޖެހޭ ވަގުތެއް އެ ބޭފުޅުންނަކަށް ނުދެވިދާނެ. ދެން ތިއްބެވީ ސުލޫކީ ކޮންމެވެސް މައްސަލައެއް އައިމަ ރިޓަޔާވެ ވަޑައިގަތް ބޭފުޅުން." އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ބޭފުޅުން އެއްކޮށް އެއްފަރާތް ކުރުމަށްފަހު ތައުލީމީ ދާއިރާގެ ތެރެއިން ބޭފުޅުން ޖޭއެސްސީއަށް އައްޔަންކުރާ ގޮތަށް ހަދައިފިނަމަ، ތައުލީމީ ދާއިރާގެ ތެރެއިން ސިޔާސީ ނުފޫޒު ވަނުމުގެ ފުރުސަތު އޮންނާނެ އެވެ.

"ޔުނިވާސިޓީއެއްގެ ލެކްޗަރާއެއް ނުވަތަ ފެކަލްޓީއެއްގެ ޑީންއަކު ޖޭއެސްސީއަށް އައްޔަންކުރާ ގޮތަށް ހަދައިފިއްޔާ ވާނެ ގޮތަކީ އެ މަގާމަށް ޔުނިވާސިޓީތަކުން މީހުން ނަގާއިރު ވެސް އެކަމަށް ބަލައިގެން މީހުން ނަގަން ޖެހޭނީ. ޖުޑިޝަރީގެ ކޮންޓްރޯލް ނަގަން ބޭނުންވާ މީހުން އޭރުން އެކަންކަމަށް ނުފޫޒު ފޯރުވާނެ." އޭނާ ވިދާޅުވި އެވެ.

ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލު ކުރުމުގެ ވާހަކަ އެތައް ދުވަހެއް ވަންދެން ދެކެވުނަސް، އެ ބަދަލު ގެންނަންވީ ގޮތުގެ އެންމެ ރަނގަޅު އަދި ރާއްޖެއާ ގުޅޭނެ ފޯމިއުލާއެއް މިހާތަނަކަށް ހޯދިފައެއް އެވެ. އެހެންވީއިރު، މި މަސައްކަތް މިފަހަރު ވެސް ކާމިޔާބު ވެދާނެތޯ އެއީ އުފެދޭ ސުވާލެކެވެ.

9 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަހުމަދުއާ

19 October 2023

ޢިންސާނުންވީމަ ކޮންމެވެސް ފިކުރެއްގެ ބަޔަކު އަބަދުވެސްތިތާ ތިބޭނީ މިނިވަންވާނެ އެއްވެސް ގޮތެއް ނެތް. ޜަނގަޅުގޮތަކީ ޖޭއެސްސީ މެމްބަރުން ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވުން

The name is already taken The name is available. Register?

މުހުސާނު މުހުތިޒް

18 October 2023

ހަގީގީ މައްސަލައަކީ ކޮންޕޯނެންޓު ނުވަތަ ފޯމިއުލާއެއް ނޫން، ހަގީގީ މައްސަލައަކީ މީހުންގެ ތެދުވެރިކަމާއި އިހުލާސްތެރިކަމެއް ނެތުން

The name is already taken The name is available. Register?

ޖޫންސު

18 October 2023

ރާއްޖޭގެ ޤާނޫނުތައް އޮންނަން މިޖެހެނީ ޝަރީޢާގެ މިންގަޑު ތެރޭގައި ، ޤާނޫނު އަސާސީގައި އެކަން ސާފުކޮށް އެބައޮތް، އެކަމު ޖޭއެސްސީއާއި ސްޕްރީމްކޯޓުގައިވެސް އެބަހުރި ޝަރީޢަތުގައި އޮތް އެއްޗަކަށް އެއްގޮތަކަށްވެސް ބަަލަން ބޭނުންނުވާ ސީނަކުން ފެށޭ ފަނޑިޔާރެއް

The name is already taken The name is available. Register?

ބަރުލަމާންގެ ހިޔަޅު

18 October 2023

ރިޔާސީ ނިޒާމެއްގަ ތިކަމަށް ފޯމިޔުލާއެއް ނުހޯދޭނެ. ބަލާބަ ބަރުލާމާނީ ގައުމުތައް ތީގެ ފޯމިޔުލާ ފެންނާނެ. އެއީ ސިޔާސީ ނުވެ މިނިވަން ވެގެން ވަކި ފަރާތަކަށް ނުޖެހި ހުންނަ ހެޑް އޮފްސްޓޭޓް ރައީސުލްޖުމްހޫރިއްޔާ (ސިންގަޕޫރު) ރަސްގެފާނު (ނޯވޭ ޑަޗް) ގަވަރނަރ ޖެނެރަލް (އޮސްޓްރޭލިޔާ ކެނެޑާ ނިއުޒިލެންޑް) ޖުޑިޝަރީއަށް މީހުން ލާ ވަކިކޮށް އިންސާފް ގާއިމު ކުރާނެ...

The name is already taken The name is available. Register?

މުހައްމާކަލޯ

18 October 2023

ތިކަމަށް އޮތް ހައްލަކީ ޖޭއެސްސީ އުވާލައި ފަޑިޔާރުންގެ ކަންކަން ބެލެހެއްޓުން ސްޕރީމް ކޯޓާއި ހަވާލުކުރުން. އެއީ ޑީޖީއޭގެ ތެރެއިން ވިޔަސް. ސަރުކާރުގެ ކަންކަން ހިގާ ނުހިގާ ގޮތް ބަލާނީ ރައީސުލްޖުމްހޫރިއްޔާ. މަޖްލިސް ބަލާނީ މަޖިލީހުގެ ރައީސް. ޝަރުއީ ދާއިރާ ބަލާނީ ސ.ކ. ދިވެހިންނަށް ވެގެންއުޅޭ ގޮތަކީ އެއްބަޔަކު އަނެއްބަޔަކަށް ފާރަވެރިވުމުގެ ބަދަލުގައި ހަސަދަވެރި ވެވެނީ. އެހެންވީމާ އެއްވެސް ކަމެއް އިސްލާހު ނުވެގެން މިއުޅެނީ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

18 October 2023

ޖޭއެސްސީއަށް ކަޑައަޅުއްވާ 7 މެންބަރުންގެ ތެރެއިން ތިން މަރުހަލާގެ ކޯޓުތަކުން ތިން ފަނޑިޔާރުންނާއި ބަންޑާރަ ނައިބާއި މަޖިލީހުގެ މެމްބަރަކާއި ވަކީލުންގެ ތެރެއިން މެމްބަރަކާއި އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެމްބަރަކު އިންނަވާގޮތަށް ކަޑައަޅުއްވާއިރު މީގެތެރެއިން 3 މެންބަރަކީ (ބަންޑާރަ ނައިބް، މަޖިލިސް މެންބަރު އަދި އާންމުންގެ ފަރާތުން ކުރިމަތިލާ މީހުންގެތެރެއިން މަޖިލީހުން ކަޑައަޅާ މީހާ) ސިޔާސީ ފަރާތް ތަކުގެ ނުފޫޒު އޮންނާނެ 3 މީހުން.

The name is already taken The name is available. Register?

ކުޑަވަކީލު

18 October 2023

މިކަން ކޮންމެސް ގޮތަކަށް ކޮޅެއްގަ ޖައްސަންޖެހޭ ލަސްނުކޮށް. މިހާރުވެސް ސިވިލް ކޯޓަށް އިއުލާންކޮށް އެ ރެޑީވަނީ ދައުރު ނިންމާފަ ދަމުން ބޮޓެއް ވައްދާފަ ދާން. ގުޅިފަ ތިބި ވަކީލުންނާ އޭޖީގެ ގާތް މީހުން އެކަމަށް ޝޯޓްލިސްޓްވެފަ އެތިބީ. މިކަންކަމަށް ނިމުމެއް އަންނަންޖެހޭ. ޝަރުއީ ދާއިރާ މިނިވަންކުރުމުގެ މަސައްކަތް އިހުލާސްތެރިކަމާއެކު އެއްވެސް ބަޔަކު ކުރަންބޭނުންވާ ތަނެއް އަމަލުން ނުފެނޭ ގައިމުވެސް. މުއިއްޒުވެސް މިކަން ކުރަންޏާ ކުރަންވީ ހުވާކުރުމާއެކީ

The name is already taken The name is available. Register?

އެނެލިސްޓް

18 October 2023

ރިޓަޔަރޑް ފަނޑިޔާރުން ތިބުން ރަނގަޅު. ލެކްޗަރަރއިންގެ އިޝޫއަކަށް ދިމާވާނީ ހުރި މަގާމުގެ ގޮތުން އަންނަނަމަ، އެމަގާމަށް އައުމަށް އަންނަ ނުފޫޒު. ރިޓަޔަރޑް ފަނޑިޔާރުންގެ ތެރެއިންވެސް އަންނަންޖެހޭނީ އެމީހުން ތެރެއިން އިންތިހާބުކުރާ މީހެއް އަދި ސުލޫކުނުވަނީސް ވަކިވި މީހުން. ލެކްޗަރަރއިން ތެރެއިންވެސް އިންތިހާބުކުރެވޭ މީހެއް. އޭރުން ނުފޫޒު ކުޑަކުރެވޭނީ. މަޖިލީހާއި ސަރުކާރުގެ ދައުރު ދުއްވާލަންޖެހޭ. މިކަން އެބަޖެހޭ އަވަހަށްކުރަން

The name is already taken The name is available. Register?

ޢަލީއާ

19 October 2023

ޜިޓަޔަރކުރާ ފަނޑިޔާރުން އެބައުޅެ ސިޔާސީ މަސައްކަތުގައި އެހެންވީމައި އެއީ ވަކި ރަނގަޅުބައެއްނޫން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454