ޖަޕާން ސަރުކާރުގެ ސްކޮލަޝިޕް ނިންމި ދަރިވަރުންނާއެކު ސަފީރު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ޖޭޑީއެސް
16 އޮކްޓޯބަރ 2023 - 11:28
ޖަޕާނު ސަރުކާރު ހިލޭ އެހީގެ ދަށުން ދޭ "ދަ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސަސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް" (ޖޭޑީއެސް) އިން ކިޔެވުން ފުރިހަމަ ކުރި ތިން ދަރިވަރުން، ރާއްޖޭގައި ހުންނަވާ ޖަޕާނުގެ ސަފީރު ޓަކޭޗީ މިޑޯރީއާ ބައްދަލުކޮށްފި އެވެ.
އެއީ މި އަހަރު އެ ސްކޮލާޝިޕް ފުރިހަމަކޮށް، ރާއްޖެ އަށް އައި ފަސް ދަރިވަރުންގެ ތެރޭގައި ހިމެނޭ ދަރިވަރުންނެވެ. އެ ސްކޮލަޝިޕުގެ ދަށުން މާސްޓާސް ފުރިހަމަކޮށް އެނބުރި އައި ދަރިވަރުންނަކީ ފޮރިން މިނިސްޓްރީ އާއި އެންވަޔަރްމެންޓް މިނިސްޓްރީ އާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އަދި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގައި މަސައްކަތް ކުރާ މީހުންނެވެ.
އެ ސްކޮލާޝިޕް ދެނީ ސިވިލް ސާވިސް އާއި މިނިވަން މުއައްސަސާތަކުގެ ދާއިމީ މުވައްޒަފުންނާއި ކޯޓުތަކާއި ކޯޓުތަކާއި ގުޅުން ހުރި އިދާރާތަކުގެ ދާއިމީ މުވައްޒަފުންނަށެވެ. ސްކޮލާޝިޕްގެ އަމާޒަކީ ސަރުކާރުގެ އިދާރީ ހިންގުމަށް ބޭނުންވާ އިންސާނީ ވަސީލަތް އިތުރަށް ހަރުދަނާކޮށް، އެހީތެރިވެދިނުމުގެ ގޮތުން އެކި އިދާރާތަކުގެ މުވައްޒަފުންނަށް މާސްޓާސް ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދީ، އެއީ ގައުމުގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީގެ ޕްލޭންތައް އެކުލަވާލުމުގައި ފުރިހަމައަށް ބައިވެރިވާ، ގައުމީ ތަރައްގީގައި އިސްދައުރެއް އަދާކުރާނެ ބަޔަކަށް ހެދުމެވެ.
ސްކޮލާޝިޕުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާއިރު އަންނަ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ސްކޮލާޝިޕަށް ހުށަހެޅޭނެ އެވެ. ސްކޮލާޝިޕާއި ގުޅޭ އިތުރު މައުލޫމާތު ޖޭޑީއެސްގެ ވެބްސައިޓުން ލިބޭނެ އެވެ.
ވެބްސައިޓް ލިންކު: https://jds-scholarship.org/country/maldives/index.html
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ނަޢީމް
17 October 2023
ސަފީރުގެ ދަރިއެއްތަ އޭނދީ އިސްތަށިން ގުޅިފަ