ފެނަކައިގެ މުވައްޒަފުން ނަޒާހާތްތެރި ކަމުގެ އިގުރާރުގައި ސޮއި ކުރުމަށް 2019 ވަނަ އަހަރުގެ ތެރޭގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ އެމްޑީޕީ އަހުމަދު ސައީދު. --ފައިލް ފޮޓޯ: މިހާރު
18 އޮކްޓޯބަރ 2023 - 11:32
ދައުލަތުގެ ޔުޓިލިޓީ ކުންފުނި ފެނަކަ ކޯޕަރޭޝަނުގެ މަސައްކަތްތައް އެތައް ގުނައެއް ބޮޑު އަގުގައި ކުރުވައި، ކޮރަޕްޝަން ހިންގަމުންދާ ކަމަށް ކުރެވޭ ތުހުމަތުތަކުގެ ދިފާއުގައި ސަޕްލަޔަރުން ގޯސްކޮށް، އެކަމުގައި ސަޕްލަޔަރުންގެ އޮތް ބައިވެރިވުން ވެސް ތަހުގީގު ކުރަން ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ގޮވާލައްވައިފި އެވެ.
އެ މެމްބަރުން އެ ކަމަށް ގޮވައިލެއްވިއިރު، ފެނަކައިން އެކި ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 2.8 ބިލިއަން ރުފިޔާ އަށް އަރާފައިވާކަން މިދިޔަ އޭޕްރީލް މަހު ވެސް އޮތީ އެނގިފަ އެވެ. މިހާރު އެ އަދަދު އެ އަށް ވުރެ ވެސް ބޮޑަށްވަނީ އިތުރުވެފައި ކަމަށް ވެ އެވެ.
ފެނަކައިން ކުދި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސް ކުރުމަށާއި މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމުގެ އިތުރުން ދަރަނިތައް އަދާކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވައިލަން ގޮވާލައި މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަ ދެއްކެވި އިދިކޮޅު މެމްބަރުން ވަނީ ހާއްސަކޮށް ފެނަކަ އަށް ސީރިއަސް ތުހުމަތުތަކެއް ކުރައްވައިފަ އެވެ.
ފެނަކައިގެ އެކި މަސައްކަތްތައް ކުރުވައި އެތައް މިލިއަން ރުފިޔާއެއް ކުންފުނިތަކަށް ނުދެއްކުމުގެ އިތުރުން، އެ ކުންފުންޏާ ގުޅޭ 71.9 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ ތަފާތު 31 މައްސަލަ އޭސީސީގައި އެބައޮތް ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު ހަސަން ލަތީފު ވިދާޅުވި އެވެ.
ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ، ފެނަކައިން ހިންގާފައިވާ ބައެއް ޕްރޮޖެކްޓުތަކަށް މާކެޓަށް ވުރެ ބޮޑު އަގުގައި ފައިސާ ދީފައިވާ ކަމުގެ ތުހުމަތު ކުރެވޭ ކަމަށެވެ.
"...ބަލަންޖެހޭ އަސްލު އަގުގައި ތޯ ޕްރޮޖެކްޓުތަކަށް ބިލް ކޮށްފައި ހުރީ،" އިލްޔާސް ވިދާޅުވި އެވެ.
އެ ކަންކަން އޮޑިޓާ ޖެނެރަލާއި ތަހުގީގީ އިދާރާތަކުން ބަލަން އޭނާ ގޮވައިލެއްވި އެވެ.
ފެނަކައިގެ ދިފާއުގައި ވާހަކަ ދައްކަވަމުން ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ، އެ ބިލްތަކަށް ފައިސާ ނުލިބިގެން ކުންފުނީގެ އާމްދަނީ އަށް ވެސް އަސަރު ކޮށްފައިވާ ކަމަށެވެ.
މިނިމަމް ވޭޖު ތައާރަފު ކުރުމުން ފެނަކައިގެ މުވައްޒަފުންގެ މުސާރަ އަށް ކުރާ ހޭދަ ވެސް އެތައް ގުނައެއް އިތުރުވެފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، އެމްޑީޕީ ވެރިކަމާ ހަވާލުވި އިރު، ފެނަކައިގެ ދަރަނީގެ ގޮތުގައި 1.183 ބިލިއަން ރުފިޔާ އޮތް ކަން އޮޑިޓް ރިޕޯޓުން އެނގެން އޮތް ކަމަށެވެ.
މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ
ފެނަކައިގެ ދަރަނި 2.8 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް ބުނާ އިރު، އެއީ ކޮން ގޮތަކަށް ހޯދި އަދަދެއް ތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ.
"އަޅުގަނޑުމެން ފެނަކައިގެ ދަރަނީގެ ވާހަކަ ދައްކާ އިރު، ފެނަކައިން އިތުރު ކުރި އެސެޓުގެ ވާހަކައެއް އަޅުގަނޑުމެނެއް ނުދައްކާ. އެ ދަރަންޏާ ނުބައްދަލަށް ފެނަކަ އިން މި ވަނީ ރައުސުލްމާލު އިތުރު ކޮށްފައި،" އެތައް ސަތޭކަ ޖަނަރޭޓަރު ކޭބަލް ނެޓްވާކު ފެނަކަ އިން ގާއިމުކޮށްދީފައިވާ ކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވި އެވެ.
ނިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) ވިދާޅުވީ އުސޫލުން ބޭރުން ފެނަކައިން އެތައް ސަތޭކަ މީހުންނަށް ވަޒީފާ ދީފައިވާ ކަމަށް ތުހުމަތުކުރެވޭ އިރު، އޭގެ ތެރެއިން ގިނަ ވަޒީފާތައް ނިސްބަތްވަނީ އަތޮޅު ތެރެއަށް ކަމަށެވެ.
"އަޅުގަނޑު ހަމަ ސެލިއުޓުކުރަން ސައީދު [ފެނަކަ އެމްޑީ] އަށް އެކަމަށްޓަކައި. އެއީ ރަށްރަށަށް މި ކަހަލަ ފުރުސަތުތަކެއް ލިބިގެން ދިޔައީމާ،" ފެނަކައިގެ ވެރިންނަށް އެކަނި ތުހުމަތުތައް އަމާޒުކުރުން ކުށްވެރި ކުރައްވައި އޭނާ ވިދާޅުވި އެވެ.
މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ
މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވީ ދައުލަތުގެ އެއްވެސް ކުންފުންޏެއް އަދި އިދާރާއެއްގެ ތެރޭގައި ވެސް ސަޕްލަޔަރުން ނޫނީ ކޮންޓްރެކްޓަރުންގެ ހިއްސާ އެއް ނެތި ކޮރަޕްޝަން ނުހިންގޭނެ ކަމަށެވެ.
"ދެހާސް އަށްސަތޭކަ މިލިއަން ރުފިޔާ ސަޕްލަޔަރުންނަށް ދޭންޖެހޭ ކަމަށް ވަންޏާ، މަތި މައްޗަށް އެއްޗެއްހި ސަޕްލައި ކުރަމުން އެ ފަރާތްތަކުން ދިޔައީ ކިހިނެއްތޯ އޮޑިޓު ކުރަން އެބަ ޖެހޭ،" ޝަރީފް ވިދާޅުވި އެވެ.
ސަޕްލަޔަރުން މުދަލާއި ހިދުމަތްތައް ފޯރުކޮށްދީފައި އޮތީ ހަމަ އަގުގައި ތޯ ބަލައި، އެކަމުގައި ގޯހެއް އުޅޭ ނަމަ އެ ފަރާތްތަކަށް ވެސް ފިޔަވަޅު އަޅައި ދައުވާ ކުރަން އޭނާ ގޮވާލެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެނަކަ މަހުޖަނުން
20 October 2023
ހީވާކަހަލަ މިއީ ރޭވިގޮތާ ހިލާފައް ވީކަމެކޭ!! ބަލަ ތި ލިބުނު %39 އަކީ އެވައްކަމުގެ ޖަރީމާގެ ފައިދާ ނަގަމުން ދެވޭތީ ލިބުނު %20 މީހުންގެ ވޯޓުތަކާއެކު ލިބުނުވަރެކޭ! ޖަރީމާ ހިންގަނީ އެބޭނުމުގައި އައްޔަނުކޮއްފަ ތިބި ބަޔަކު އެކުވެގެން ކުރާކަމެކޭ!
ސަގަރު
19 October 2023
އުޅޭނެ ކޮލަމާފުށި މީހެ އިބޫގެ ބޯއިއެއް ކިޔާމީހެއް ސައްވީސް ގަޑިއިރު ސައީދުގޮވާގެން އިންނާނީ ބުރެޑްމެޓާގަ ޖަރީމާ ހިންގަން
އަހަންމަޑޭ
19 October 2023
ކީއްކުރާނީ. ވޯޓުހޯދަން ދައުލަތުގެ ފައިސާއިން ގަތްގަނޑުގެ ލަގާ ތި ފެންނަނީ. ވައްކަންކުރަނީ އަންބޮނޑީގަ ޕެޓީކޭޝްވެސް ބާއްވައިގެން ފޫގަޅައިގެން. ދެރަވާނެކަމެއްނެތް، ރޯނެކަމެއްނެތް.
އަހުމަދުބިންސުލައިމާން
19 October 2023
އިބޫ އަށް ވޯޓް ނުލިބުމުގެ އެންމެ ބޮޑު ޒިންމާ ނަގަން ޖެހޭ އެކަކީ ފެނަކަ ސައީދު. ބަޖަޓަށް ބެލުމަށް ނެތި ކުދި ރަށްތަކަށް އެތައް ހާސް މުވައްޒަފުންނަށް ވަޒީފާދީ މަސައްކަތެއް ނެތި ރަށު ތެރޭ އުޅޭތަން ފެނުނީމާ އާއްމުންނަށް ވާނުވާ ނޭގި ތިބޭނެ ކަމަށް ހީކުރީ. ޒުވާން ޖީލު ލައްވާ އުފެއްދުންތެރި މަސައްކަތެއް ކުރުވަންވީމާ ތާކުންތާކު ނުޖެހޭ ވަޒީފާ އުފައްދާ އެންމެފަހުން މަހައްގޮސް އުޅުން މޮޅު ކެޔޮޅުންވެސް ގެނަސް ރަށު އިންޖީނުގެތަކުގައި ކުރާނެ މަސައްކަތެއް ނެތި.
އަހުމްދޭ
19 October 2023
ތިކަން ނިމޭއިރު ގޯސްވާނީ އާންމު ރައްޔިތުން. ވެރިން ގޯސްކޮށް ކުރި އެއްކަމެއްވެސް ނޯންނާނެ.
އޮނަރަބްލް އަފީފު ދީދީ
19 October 2023
އައްޑޫސިޓީ މަރަދޫ ދާއިރާގެ މެންބަރަކަށް އިންނަވާ މާލޭ ޝަރީފު އެދައްކަވަނީ މާލޭ ބޮޑުމީހާގެ ކުންފުނިން ފެނަކަ ކޯޕަރޭޝަނަށް ގަންނަ Valvoline ބްރޭންޑްގެ ލުބްރިކަންޓްސް ގެ ވާހަކަ ކަމަށް ވެދާނެ. # ދައުލަތާއި ރައްޔަތް ޙިއްސާވާކުންފުނިން އެތެރެކުރާ ކާސްޓްރޯލް ބްރޭންޑް ތެލަށްވުރެން ތިން 4 ގުނަ އަގުބޮޑުކޮށް އެމްޑީޕީގެ މަޖިލިސް މެންބަރެއްގެ މަސްލަޙަތުއޮތް އާއިލީ ވިޔަފާރިކުންފުންޏަކުން އެތެރެކުރާ އަޑީތެޔޮ ފެނަކައަށްގަތުމަކީ މަވޯޓާބުނާގޮތަށް ބޮޑުމައްސަލައެއް.
ނަސޭހަތް.
19 October 2023
ބިލްކޮށް ފައިސާ ދައްކާއިރު އަޑީ ތެޔޮ ލިބޭކަން ނުވަތަ ނޫންކަން ބެލޭނެ އިންތިޒާމެއްވެސް ފެނަކައިގައި ނެތް ކަން އަފީފު އަށް ނޭގޭނަމަ އެވާހަކަވެސް ބުނެލީ.
އަލިއްޓެ
18 October 2023
މިކަންވެސް މި އަޅުވާލީ ކުރީ ސަަރުކާރުގެ ބޮލުގައި. ސަހަރޯ ހީވޭ.. 05 އަހަރު ހިންގުނު ޖަރީމާތައް މަދީތަ
ކޮރަލް
18 October 2023
މަސައްކަތް ކުރާ ފަރާތް ތަކަށް ސަރުކާރު ބައެއް ބޮޑެތި ޕްރޮޖެކްޓް ތަކުން ލިބެނީ 15 ވަރަކަށް ޕަސެންޓް ފައިދާ އެވެ. 35 ޕަސެންޓް މަސައްކަތް ދޭ ބޯޑް ނޫނީ ބަޔަކަށް ދޭން ޖެހެ އެވެ. 50 ޕަސެންޓް މަސައްކަތައް ކުރާ ލޭބަރުންނާ ތަކެތި ގަތުމަށް އެބަ ހަރަދު ވެއެވެ. 35 ޕަސެންޓް ކުރިއަށް ދޭން ޖެހެ އެވެ. ދެން މަސައްކަތް ނިންމާ އިރު ފައިސާ ނުލިބި ގިނަ ދުވަސް ބައެއް ކުންފުނި ތައް ބަނގުރޫޓް ވަނީ އެވެ.
ާއުނިމާ
18 October 2023
އާސަންދަވެސް ރިފޯމު ކުރަންޖެހޭ ! ޓޮޕް މެނޭޖުމަންޓް ބަދަލުނުވެ އާސަންދަ އިސްލާހުނުވާނެ ! ރައްޔިތުންގެ ފައިސާއިން ސިއްޚީ ޚިދުމަތަޢް ޚަރަދުވާ އެތައް ބިލިޔަން ރުފިޔާ މިއަށްވުރެ ރަނގަޅަށް މެނޭޖުކުރެވެންޖެހޭ، ހާދަ ފައިސާއެކޭ މިޚަރަދުކުރަނީ
ޙަގީގަތަށް ރުޖޫއު ވަމާ
18 October 2023
ކުންފުނިތަކުގެ ލީޑަޝިޕަށް (ބޯޑް، ސީއީއޯ އަދި އެގްޒެކެޓިވްސް) އަށް ސިޔާސީ ޕާޓީ ތަކުގެ މީހުން ލުން ހުއްޓާލައިގެން މިކަން ވާނީ. އެހެން ނޫނީ ޖަވާބުދާރީ އެއް ނުކުރެވޭނެ. މިހާރު މި ރާއްޖޭގައި ސިޔާސީ ފަރާތެއްގެ ނުފޫޒެއްނެތި ކޮލިޓީ މީހުން ކުރިއަރަން ޖާގަ ދީގެން ވާނީ.