30 އޮކްޓޯބަރ 2023 - 08:14
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ ގަރާރު ކުރިއަށް ގެންދަން މިއަދަށް ތާވަލުކުރި ޖަލްސާ ވެސް މަޖިލިހުގެ އިދާރާ އިން ކެންސަލް ކޮށްފި އެވެ.
މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން އެމްޑީޕީގެ 49 މެމްބަރަކު ސޮއިކުރައްވައި ހުށަހަޅުއްވާފައިވާ އިތުބާރު ނެތްކަމުގެ ގަރާރުގެ 14 ދުވަހުގެ ނޯޓިސް ހަމަވެ، އެ ގަރާރު ހުށަހަޅަން އިއްޔެ ވެސް ޖަލްސާއެއް ތާވަލުކުރި އެވެ.
އެކަމަކު އިއްޔެގެ ޖަލްސާ އެކޭ އެއް ގޮތަށް، އީވާ މިއަދު ވެސް ސަލާން ފޮނުއްވާފައިވާތީ، އެ ޖަލްސާގެ ވެސް ބޭއްވެން ނެތް ކަމަށް މަޖިލީހުގެ އިދާރާ އިން ވަނީ މެމްބަރުންނަށް އަންގައިފަ އެވެ.
އެނގިފައިވާ ގޮތުގައި މިދިޔަ ހަފުތާ އިން ފެށިގެން ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ ޓެސްޓު ހެއްދެވި އިރު، އީވާ ވަނީ ޑެންގީ އަށް ޕޮޒިޓިވް ވެފަ އެވެ.
މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސެވެ. މަޖިލީހުގެ ނައިބު ރައީސް ވަޑައިނުގަންނަވާ ހާލަތެއްގައި ވާނެ ގޮތެއް ގަވާއިދުގައި ސާފުކޮށް ބުނެފައެއް ނެތެވެ.
އެކަމަކު، އީވާ އާލާސްކަންފުޅާ އުޅުއްވާ ކަމަށް އެމްޑީޕީގެ މެމްބަރުން ގަބޫލެއް ނުކުރައްވަ އެވެ. އެ ބޭފުޅުން ވިދާޅުވަނީ ނަޝީދުގެ ގަރާރު ކުރިއަށް ނުގެންދަން އީވާ ރިޔާސަތަށް "ފިއްލެވީ" ކަމަށެވެ.
އީވާ ވަޑައިނުގަތަސް، ނަޝީދުގެ ގަރާރު ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުކުރާތީ، އެކަން ކޮށްދޭން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން އެދުނަސް، މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް މަޖިލީހުގެ ގަވާއިދުގައި ސާފުކޮށް ބުނާތީ، މަޖިލީހުގެ އިދާރާ އިން ވަނީ އީވާ ވަޑައިނުގެން ނަޝީދުގެ ގަރާރު ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައިފަ އެވެ.
އެއާ އެކު، އެ ނިންމުން ބަދަލުކުރަން އެމްޑީޕީން އިއްޔެ ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ.
އެ ދުސްތޫރީ މައްސަލާގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ދެ ކަމަކަށެވެ. އެއީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާ އަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާ އަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮ ށްދިނުމަށެވެ.
ދެ ވަނަ ކަމަކަށް އެދުނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށް ފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް މާނަ ކޮށްދިނުމަށެވެ.
އެމްޑީޕީގެ ގާނޫނީ ޓީމުން ގަބޫލުކުރާ ގޮތުގައި، މަޖިލިހުގެ އަމީންއާންމުގެ ނިންމުން ގާނޫނުއަސާސީގެ 82 ވަނަ މާއްދާ އާއި މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއާ ހިލާފެވެ.
އެ ޓީމުން އިއްޔެ ބުނި ގޮތުގައި މަޖިލީހުގެ ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތެއްގައި ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތްތައް މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ވަނީ ބަޔާން ކޮށްފަ އެވެ. އެއީ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުންނެވެ. އެ އުސޫލުގެ ދަށުން ނަޝީދުގެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް އެމްޑީޕީގެ ގާނޫނީ ޓީމުން ގަބޫލުކުރެ އެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރުގެ ގަރާރާ މެދު ގޮތެއް ނުނިންމައި، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުވާ ކުރެއްވުން ވެސް ކުރިއަށް ގެންދެވިދާނެ ކަމަކަށް އެމްޑީޕީގެ ގާނޫނީ ޓީމުން ނުދެކެ އެވެ.
އެމްޑީޕީން ހުށަހެޅި މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ގޮތެއް ނުނިންމާ ކަން ވަނީ އެނގިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާއްސަ
31 October 2023
ސުޕްރީމް ލީޑަރ އަދި ފޮލޮވަރސް ހާދަ ބިރުންނޭ މި އުޅެނީ. ސިޔާސީ ގޮތުން ތަސައްރަފް ނުފުދޭކަން މިއިން ދައްކައިދެނީ. އެކަމަކު ވަރަށް ޑިމޮކްރެޓިކް އުސޫލުން ކަންކަން ކުރަން ބޭނުންވާ ބައެއް މީ. ސަޗް އަ ޝޭމް ޓު ދިސް ސޮސައިޓީ އެންޑް ކަންޓްރީ. ބޭކާރު މީހުން މަޖިލީހަށް ހޮވުން ހުއްޓުވަން ވެއްޖެ.
ބޮޑުމީހާ
30 October 2023
ތިހެން މަގާމުގައި ބަގުޑި ބައްދައިގެން ކިތައް ދުވަހު ތިބެވިދާނެބާ؟
މާހިރު
30 October 2023
ޑިމޮކްރެޓުންނޭ ކިޔައިގެން އުޅޭބަޔަކު މަޖިލިސް ރިޔާސަތު ހިސޯރުކުރަން އުޅޭގޮތް ލަދެއް ނުގަނޭތޯއެވެ. ތިކަންކަމުން ދިވެހިރައްޔިތުންގެ ކުރިމަތީގައި ކަލާމެންގެ އަގު އިތުރަށްވެއްޓުން ނޫންކަމެއް ނުވާނެއެވެ. މިހާރުވެސް ކަލޭމެންނަކީ ދިވެހިންގެ ކުރިމަތީގައި އަގެއްހުރިބައެއްނޫންކަން ހަނދާންކުރުން ރަނގަޅެވެ. ހުޅަނގުގެ ޑިމޮކްރަސީ މިރާއްޖޭއަކަށް ބޭނުމެއް ނުވެއެވެ.
ފަޤީރުކޮއި
30 October 2023
މިހެންވެގެންނޭ އަހަރެމެން މިގޮވަނީ މަހު މުސާރަ ނުދޭށޭ. ޖަލްސާ އެލަވަންސް ދޭށޭ. ނޫނީ ހާޞިރުނުވާ ދުވަހަށް މުސާރައާއި ޢިނާޔަތް ނުދޭށޭ. ޙާޟިރީ ކަރުސާސް ރީތިވާނި އޭޜުންނޭ
ވާޥާ
30 October 2023
ކެނެރީގޭ 2 މީހުން އުޅޭ ގޮތަ ވަރަށް ހަޑިދޯ!
ޙަބީބު.
30 October 2023
ރަނގަޅު ބަލިވެއުޅޭ ދުވަސްކޮޅު މީހުން ތެރެޔައް ނުނިކުންނަން ޑޮކްޓަރުންވެސް ލަފާދެނީ ހުވާކުރައްވާދުވަހު ޖުމުހޫރީ މައިދާނައް ވަޑައިގެންނަވާ އޭގެފަހުގަ ނަޝީދުގެ ވޯޓު ނެގޭނީ އެމްޑީޕީ ބޭނުންހާ ގޮތެއް ވަކިނުހެދޭނެ ބޭރުގެ ވަފުދުތަކަކާ ދުނިޔެއައް އެދުވަހު ފެންނާނެ އެމްޑީޕީ ހަޑިކޮން އުޅޭނަމަ އެސިފަ ވީމާ ބަސްއަހައިގެން ސައިޒުގަ އެދުވަހުން ތިބޭތި
ފްރައިޑޭ
30 October 2023
ސިވިލްސަރވިސް މުވައްޒަފުންނާ އަދި ދައުލަތުގެ އެހެން ވަޒީފާ ތަކުގައި އުޅޭ ފަރާތްތަކަށް ޗުއްޓީ ދިނުމުގައި އުސޫލެއް އޮވޭ. މަޖްލިހުގައި ވެސް އެފަދަ އުސޫލެއް ހަދަން ޖެހޭ.
ޚަދީޖާ އަޙްމަދު
30 October 2023
ޑެންގޫ އެންމެ ގިނަވެގެން 7 ދުވަހުން ރަނގަޅުވާނެ. އެހެންވީމާ އިވާ އަށް ޖެހިފައިވާ ޑެންގޫ އެންމެ ލަސްވެގެން ވެސަ އަންނަ ހަފްތާގައި ރަނގަޅުވާނެ . ދެން އަނެއްކާ ކޮން ބަހަނާއެއް ބާ ދައްކާނީ .
ޅަކުރި
31 October 2023
ދެން ވާނީ ޕީރިއަޑު އޭރުން އަނެއްކާ ލިބޭނެ 7 ދުވަސް
ކޮމެންޓޭ1
30 October 2023
މީނަވެސް މީ މައުމން 30 އަހަރު ދިގޭ ކިޔާފަ އުޅުން މީހެއް މިހާރު މަޖުލީހުގެ ގޮނޑި ބަނގުޑި ލައި އުޅޭތާ ކިތައް އަހަރުބާ. މަޖިލީހުން ނުކުތަސް މުސާރަ ޔާ ބެންކޮކުންނާ ޔޫރަޕުން ބޭސް ފަރުވާ ލިބޭގޮތަށް އަމިއްލައަށް ގާނޫނު ހަދައިފި.
ކޮރަލް
30 October 2023
މަޖްލިސް ހުއްޓިފަ އެވެ. އެންމެ ދުވަހަކަށް މަޖްލިސް ހުއްޓުނަސް ލައްކައިން ހަރަދު ވާނެ އެވެ. އީވާ ވެސް 15 އަހަރު ވީ އިރު ދާއިރާ އަށް ކޮށްދެނު ކަމެއްނެތެވެ. 5 އަހަރުން އެއްފަހަރު ހުރިހާ ގެއަކަށް ވަދެލަ އެވެ.