ދުނިޔެ / އަގްސާ ތޫފާން

ނަތަންޔާހޫއާ ގުޅުން ކަނޑާލައިފިން: އުރުދުޣާން

05 ނޮވެމްބަރ 2023 - 12:25

7 comments

އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫއަކީ އެއްވެސް ސިފައެއްގައި މުއާމަލާތުކޮށް މަޝްވަރާ ކުރެވޭ ފަދަ މީހަކަށް ނުވާތީ، ނަތަންޔާހޫއާ އެކުގައި މުއާމަލާތުކުރުން ހުއްޓާލައި އޭނާއާ ގުޅުން ކަނޑާލާފައިވާ ކަމަށް ތުރުކީ ވިލާތުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އިއްޔެ ވިދާޅުވެއްޖެ އެވެ.

ތުރުކީ ބަހުން ވާހަކަދައްކާ ގައުމުތަކުގެ ޖަމިއްޔާ (ތުރުކީ މަޖިލިސް)ގެ ވެރިންގެ ބައްދަލުވުމަށް ފަހު، ކަޒަކިސްތާނުން ތުރުކީ އަށް ވަޑައިގަތުމުގެ ދަތުރުގައި، މަތިންދާބޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް އުރުދުޣާން ވިދާޅުވީ ނަތަންޔާހޫ މިހާރު އެއްފަރާތް ކޮށްލައްވާފައިވާ ކަމަށެވެ. އަދި ޣައްޒާގައި ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އުދުވާނުގެ ޒިންމާ ޝަޚްސީ ގޮތުން އެންމެ ފުރަތަމަ އުފުއްލަވަންޖެހޭނީ ވެސް ނަތަންޔާހޫ ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

"ނަތަންޔާހޫއަކީ އިޒްރޭލުގެ އާންމު ރައްޔިތުން ވެސް މިހާރު ވަރަށް ރުޅި އަންނަ މީހެއް. ރައްޔިތުންގެ މެދުގައި އޭނާ އަށް ކުރިން އޮތް ތާއީދު ވެސް މިހާރު ގެއްލިއްޖެ. ނަތަންޔާހޫ މިހާރު މަސައްކަތް އެ ކުރަނީ، ދީނީ ޝިއާރުތައް ބަހަނާއަކަށް ހަދައިގެން ހިންގާ ގަތުލުއާންމުތަކުން ރައްޔިތުންގެ ތާއީދު އިތުރު ކުރެވޭތޯ،" އުރުދުޣާން ވިދާޅުވި އެވެ.

"އިޒްރޭލުން އަޅާފައި އެވަނީ ވަރަށް ނުބައި ފިޔަވަޅެއް. އެ ފިޔަވަޅު އަޅައިގެން ނަތަންޔާހޫ އެވަނީ އިޒްރޭލުގެ މުސްތަގުބަލު ވެސް ބަނަކޮށްލާފައި. މިހާރު ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން އުނދަގޫ ވާނީ އިޒްރޭލަށް އެކަންޏެއް ނޫން. އިޒްރޭލުން ބޭރަށް ވެސް އެ އުނދަގޫތައް ފޯރަން ފަށާނެ. އެހެންވީމާ މިހާރު ކުރަންޖެހޭ ކަމަކީ، އެ ފިޔަވަޅުން އެނބުރި ފަހަތަށް ގޮސް، މިހާރު އެ ހިންގާ އުދުވާންތައް ހުއްޓައިލުން."

އޭނާ ވިދާޅުވީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ އިމުން ބޭރުވެގެން އޮވެ އިޒްރޭލުން ހިންގާ އުދުވާނީ އަމަލުތައް ހުއްޓުވުމުގައި ބައިނަލްއަގުވާމީ މުޖްތަމައު ނުކުޅެދިފައިވާ ކަމަށެވެ. ފަލަސްތީނުގެ ރައްޔިތުންނާ ކުރިމަތިވަމުން ދާ ގަތުލުއާންމުތަކާ މެދު އަޅައިލުމެއްނެތި ބައިނަލްއަގުވާމީ މުޖްތަމައު އޮތުމަކީ، އިޒްރޭލުގެ އެ އުދުވާންތަކުގައި ބައިވެރިވެ، އިތުރު ކުޑަކުދިން ގަތުލުކުރުމަށް އިޒްރޭލަށް ދެވޭ ހިތްވަރެއް ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.

"މީގެ ކުރިން ވެސް އިޒްރޭލުން ފަލަސްތީނުން ހިންގި ގަތުލުއާންމުތަކުގެ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު، ނުފެންނަ ކަމަށް ހަދައި ލޯ މަރައިލާ ހުޅަނގުގެ ގައުމުތައް، ޣައްޒާއާ މެދު ގެންގުޅޭ ސިޔާސަތުގެ ސުންޕާކަމުގައި ފަނާވެގެން ދާތަން ފެންނާނެ،" އުރުދުޣާން ވިދާޅުވި އެވެ.

"އަހަރެމެން މި ގޮވައިލަނީ އަދުލު އިންސާފު ކޮބައިހޭ؟ ސުލްހަ ރައްކާތެރިކުރުމަށް އުފެއްދި މުއައްސަސާތަކާއި ޖަމިއްޔާތައް ކޮބާ؟ އިންސާނީ ހައްގުތަކުގެ ދިފާއުގައި ނުކުމެ އުޅޭ މީހުންތައް ކޮބާ؟"

އުރުދުޣާން ވިދާޅުވި ގޮތުގައި ތުރުކީ މަޖިލީހުގެ ވެރިންގެ މަހާސިންތާގައި އެންމެ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރީ ހިފާފައިވާ ފަލަސްތީނުގެ ބިންތަކާއި ވަކިން ޚާއްސަކޮށް ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ބެހޭ ގޮތުންނެވެ. އެ އުދުވާނީ އަމަލުތައް ހުއްޓުވައި، ދާއިމީ ސުލްހައަކަށް މަގު ފަހިކުރެވޭނެ ގޮތްތަކާ މެދު އެ މަހާސިންތާގައި މަޝްވަރާ ކުރި ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

"އިޒްރޭލުން މިހާރު އެ ކުރިއަށް ގެންދާ ވަހުޝީ އަމަލުތައް އެ ހިންގަނީ ހަމައެކަނި އިޒްރޭލަށް ލިބިފައިވާ ބާރަށް ބަރޯސާވެގެންނެއް ނޫން. އެ ހުރިހާ ކަމެއް ކުރަމުން އެދަނީ ހުޅަނގުގެ ގައުމުތަކުން ލިބިދޭ މަދަދަށް ބަރޯސާވެގެން. ހުޅަނގުގެ ހުރިހާ ގައުމުތަކެއް، ވަކިން ޚާއްސަކޮށް އެމެރިކާ އެ އޮތީ ސީދާ އިޒްރޭލާ އެކުގައި،" އުރުދުޣާން ވިދާޅުވި އެވެ.

އިޒްރޭލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައަށް ދެކޮޅު ހެދުމުގެ ގޮތުންނާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގު ފަހިކުރުމުގެ ގޮތުން ހަމަލާތައް މެދުކަނޑައިލަން އިޒްރޭލުން ދެކޮޅު ހަދަމުން ދާތީ، ތުރުކީ ވިލާތުން ވަނީ އިޒްރޭލުގައި ހުންނަވާ އެ ގައުމުގެ ސަފީރު، މިދިޔަ ހުކުރު ދުވަހު އަނބުރާ ތުރުކީ އަށް ގެންދަވައިފަ އެވެ. ތުރުކީގެ މި ނިންމުމަށް ފަލަސްތީނުން މަރުހަބާ ކިޔާފައިވާ އިރު، އިޒްރޭލުން ބުނީ ތުރުކީގެ އެ އަމަލަކީ ތުރުކީ ވިލާތުން ހަމާސް ޖަމާއަތަށް ތާއީދުކުރާ ކަމުގެ ހެއްކެއް ކަމަށެވެ.

ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލު ސިފައިން ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި، މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.

އިޒްރޭލުން ޣައްޒާ އަށް މިހާރު ދެމުންދާ އަސްކަރީ ހަމަލާތަކުގައި 30 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 9500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 23000 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 4000 އަށް ވުރެ ގިނަ ކުޑަކުދިންނާއި 2500 އަށް ވުރެ ގިނަ އަންހެނުން ހިމެނޭ އިރު، ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 2000 އަށް ވުރެ މަތިވެފަ އެވެ.

އޮކްޓޫބަރު 7ގައި ހަމާސްއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އިޒްރޭލު ސިފައިންގެ ތެރެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 345 އަށް އަރައިފަ އެވެ. އަދި އޮކްޓޫބަރު 27 ވަނަ ދުވަހު އެއްގަމު ސިފައިން ޣައްޒާ އަށް ވަދެގަތުމަށް ފަހު ކުރަމުންދާ ހަނގުރާމައިގައި، ހަމާސްގެ މުޖާހިދުންގެ ހަމަލާތަކުގައި މަރުވި އިޒްރޭލު ސިފައިންގެ އަދަދު ވަނީ 29 އަށް އަރައިފަ އެވެ.

އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 1600 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 5300 އަށް ވުރެ މަތިވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންގެ 345 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ތެރެއިން ހައްޔަރުކޮށްފައިވާ 239 މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.

7 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 67%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތަކުރުބެއްްޔާ

06 November 2023

ތީހަމަ ޑްރާމާ ރައްޔިތުންނަށް އޮޅުވާލަން.. ބަލަ 70 އަހަރުވީ ފަލަސްތީން މީހުން ތިހާލުގައި އުޅޭ ތާ؟؟؟ އިހްލާސްތެރިނަމަ ފަލަސްތީނަށް މިނިވަންކަން ނުލިބެނީސް ފުރަތަމަ އިސްރާއީލާ ގުޅުން ގާއިމެއް ވެސް ނުކުރާނެ.

The name is already taken The name is available. Register?

ގެދާނޯމޮސް

05 November 2023

އިޒްރޭލުން ބުނީ ތުރުކީގެ އެ އަމަލަކީ ތުރުކީ ވިލާތުން ހަމާސް ޖަމާއަތަށް ތާއީދުކުރާ ކަމުގެ ހެއްކެއް ކަމަށެވެ. މިކަލޭގެ މިހެން ބުނާއިރު އެމެރިކާއިން ޕަލަސްތީނަށް އެހީގެ ކާނާ އެފޮނުވަނީ ހަމާސްމީހުންނަށް ކާންދީގެން އިޒުރޭލުގެ ޔަހޫދީން މަދުކުރާށެވެ .

The name is already taken The name is available. Register?

ޑެބީ

05 November 2023

ކުރީދުވަހު ނޫންތަ ނިއުޔޯކުގަ ދެމީހުން ބައްދަލުކުރީ. މީހަމަ ދީނީ ތާކިހާ އަޅައިގެން އިސްލާމީ އުއްމަތް ހަލާކުކޮށް ފަސާދަކުރަން އުޅޭމީހެއް.

The name is already taken The name is available. Register?

ކިރުސައި.

06 November 2023

ހުރިހާ އެންމެން ވެސް ދީން ބޭނުންކުރަނީ ރައްޔިތުންގެ ލޭ ކައްކުވަން. މަޝްހޫރުވާން. މީހުން ވާވައްދަން. މިކަމުގައި އެއްވެސް ދީނެއް އިސްތިސްނާ ނުވޭ. ރައްޔިތުން މޮޔަވީމަ ވާގޮތް.

The name is already taken The name is available. Register?

މާހިރު

05 November 2023

ގުޅުން ބާއްވަންވާނީ ގުޅުން ބާއްވަންޖެހޭފަދަ ޤައުމުތަކާއެވެ. އިޒްރޭލަކީ އެއްވެސް އިރެއްގައި ގުޅުން ބާއްވަންޖެހޭ ބައެއް ނޫނެވެ. އެމެރިކާ އާއި ހުޅަނގުގެ ޤައުމުތަކުން ގުޅުން ކަނޑާލާ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިއޮތަސް އިރާންވެސްއެއޮތީ އަމިއްލަ ފައިމައްޗަށް ތެދުވެ އެމެރިކާ އާއި އިސްރާއީލް ޖެހިލުންވާފަދަ ބާރެއްގެގޮތުގައެއްނޫންތޯއެވެ. އެހެން ޤައުމުތަކަށް ބަރޯސާވެގެން އުޅޭހާ ހިނދަކު ޖެހޭނީ އެމީހުން ހެއްދިހާގޮތެއް ހެދިގެން ތިބޭށެވެ.

The name is already taken The name is available. Register?

ސީތާ

05 November 2023

ތިވަރުން ތިބޭފުޅުންގެ ޒިންމާ އަދާވެ ނިމުނީތޯ؟ އެތަނުގައި ޝަހީދުވަމުން އެދަނީ ތިބޭފުޅުންގެ ޢާއިލާ މީހުން ނަމަވެސް ހަމަތިހެންތޯ ބުނާނީ. އިސްލާމީ އުންމަތުގެ ވެރީންގެ ބަލިކަށިކަމާއި ފިނޑިކަން ފެނި ހިތަށް ނިކަން އަސަރު ކުރޭ. ޔާﷲ! ދުޝްމަނުންގެ މައްޗަށް އަޅަމެންނަށް ގަދަކަން ދެއްވާނދޭވެ. އާމީން.

The name is already taken The name is available. Register?

ޢަބްދުالله ޖުނައދު

05 November 2023

ގުޅުން ކަނޑާލުމަކުން ނުފުދޭނެ. އިޒްރޭލަށް ތެޔޮ ބަންދުކުރޭ! ސައުދީންނާއި އިޒްރޭލާއި ޔޫއޭއީ އަކީ އެއްވަރުގެ ތިނެތި. މިދުނިޔެއިން ވަސް ވެސް ފޮހެލަން ޖެހޭ ނިރުބަވެރިންގެ މައި ކިއްލާތައް އެއީ. އިސްލާމީ ގައުމުތަކަށް ހުރި ބޮޑު ލަދުހުތުރެއް. ކުރީގައި އުރްދުޣާނަށް ތާއީދުކުރެވުނު މޮޔަ ހީވެއްޖެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454