އިޒްރޭލުން ގާޒާ އަށް ދިން ހަމަލާގައި ބަޔަކު އަލިފާން ގަނޑެއް ނިއްވަނީ.
12 ނޮވެމްބަރ 2023 - 13:37
އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ އުދުވާނީ ހަމަލާތައް ވަގުތުން ހުއްޓާލައި، ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ފަހިކޮށްދިނުމަށް އަރަބި-އިސްލާމީ ވެރިން އިއްޔެ ގޮވާލައްވައިފި އެވެ.
ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒްގައި އިއްޔެ ބޭއްވި، ޖޮއިންޓް އަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓްގައި ބައިވެރިވެވަޑައިގެންނެވި، އިސްލާމީ ގައުމުތަކުގެ ހުރިހާ ވެރިން ވެސް ގޮވައިލެއްވީ ޣައްޒާއާ ދެކޮޅަށް އިޒްރޭލުން ކުރަމުންދާ ހަނގުރާމަ، އެއްވެސް ޝަރުތެއް ނެތި ވަގުތުން ހުއްޓައިލުމަށެވެ. މި ސަމިޓްގައި އަރަބި-އިސްލާމީ ބައެއް ގައުމުތަކުގެ އެންމެ އިސް ވެރިންނާއި ބައެއް ގައުމުތަކުގެ ޚާރިޖީ ވަޒީރުން ބައިވެރިވެވަޑައިގަތެވެ.
އޭގެ އިތުރުން އަރަބި ލީގްގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު އަބުލް ޣައިތު އާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކްރެޓަރީ ޖެނެރަލް ހުސައިން އިބްރާހީމް ތާހާ އާއި ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އޭޖެންސީ ފޯރ ޕަލެސްޓައިން ރެފިއުޖީސް އިން ނިއާ އީސްޓް (އުންރުވާ)ގެ ކޮމިޝަނާ ޖެނެރަލް ފިލިޕް ލަޒަރީނީ ވެސް ބައިވެރިވެވަޑައިގަތެވެ.
"މިހާރުން މިހާރަށް އަޅަންވީ ފިޔަވަޅަކީ ހަމަލާ ދިނުން ހުއްޓައިލުން. އަދި އިޒްރޭލުން ޣައްޒާ ހިސޯރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ޒަޔަނިސްޓުން މިހާރުން މިހާރަށް ޣައްޒާ އިން ނުކުތުން. އަދި ޒަޔަނިސްޓުންގެ އިސްތިއުމާރީ ދައުލަތާ އެކު ވިޔަފާރި ކުރުމާއި އެކި ކަންކަމުގައި އެއްބާރުލުން ހުއްޓާލައި، އިޒްރޭލުގެ އުފެއްދުންތައް ބޮއިކޮޓް ކުރުން،" އީރާންގެ ރައީސް އިބްރާހީމް ރައީސީ ވިދާޅުވި އެވެ.
ތަޖިކިސްތާނުގެ ރައީސް އިމާމް އަލީ ރަހްމާން ގޮވައިލެއްވީ އިޒްރޭލުގެ ހަމަލާތައް ވަގުތުން ހުއްޓާލައި ސުލްހައިގެ މަޝްވަރާގެ މޭޒު ދޮށަށް އައުމަށެވެ. އަދި އިރުމަތީ ގުދުސަކީ ވެރިރަށުގެ ގޮތުގައި އޮންނަ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމުގެ މަޝްވަރާތައް ވަގުތުން ފެށުމަށް ވެސް އޭނާ ގޮވައިލެއްވި އެވެ.
"ޣައްޒާގެ ރައްޔިތުންނަށް މިހާރުން މިހާރަށް އިންސާނީ އެހީތެރިކަން ބޭނުންވޭ. ޣައްޒާގެ ރައްޔިތުންނަށް ބޭނުންވަނީ ހަމަލާތައް ވަގުތުން ހުއްޓައިލުން. އެއްގަމު މަގުން ޣައްޒާ އަށް ދެމުންދާ ހަމަލާތައް ހުއްޓާލައި، ޣައްޒާގެ ހިސާރު ނިމުމަކަށް ގެންނަން އިޒްރޭލަށް މަޖުބޫރު ކުރަންވެއްޖެ. އަދި އެއްވެސް ޝަރުތެއް ނެތި، އިންސާނީ އެހީތެރިކަމުގެ ސާމާނު ޣައްޒާ އަށް ވެއްދޭނެ ގޮތެއް ހަމަޖައްސަން ޖެހޭ،" ޕާކިސްތާނުގެ ރައީސް އާރިފް އަލްވީ ވިދާޅުވި އެވެ.
ލީބިޔާގެ ވެރިކަން ކުރާ މަޖިލީހުގެ ރައީސް މުހައްމަދުލް މަންފީ ވިދާޅުވި ގޮތުގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ އުދުވާންތައް ހުއްޓައިލުމަށް، ސިޔާސީ ގޮތުން އިޒްރޭލަށް ފިއްތުންތައް ކުރުމަކީ އިސްލާމީ ގައުމުތަކުން ކުރަންޖެހޭނެ ކަމެކެވެ.
"އަހަރެމެން މިތިބީ ހަގީގީ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައި. އިސްތިއުމާރީ ދައުލަތުން ފަށާފައިވާ ޖަރީމާތައް އެ ގޮތުގައި ކުރިއަށް ގެންދިޔަނުދީ ހުއްޓުވުމަކީ، އަހަރެމެންގެ ރައްޔިތުންނާއި އިންސާނީ ދަރިފަސްކޮޅުގެ ތާރީޚަށްޓަކައި އަހަރެމެންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެއް،" ލީބިޔާގެ ވެރިކަން ކުރާ މަޖިލީހުގެ ރައީސް މުހައްމަދުލް މަންފީ ވިދާޅުވި އެވެ.
އޭގެ އިތުރުން ކުވައިތުގެ ވަލީ އަހުދު މިޝްއަލް އަލްއަހްމަދު އައްސަބާހް ވެސް ވިދާޅުވީ އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ޣައްޒާގައި ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް، ބައިނަލްއަގުވާމީ މުޖްތަމައުން ވަކިން ޚާއްސަކޮށް އދ.ގެ ސަލާމަތީ މަޖިލީހުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އިންސާނީ އެހީތެރިކަމުގެ ސާމާނު ޣައްޒާގެ ރައްޔިތުންނަށް ފަސޭހައިން ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖައްސައި، ޣައްޒާގެ ރައްޔިތުން އެމީހުންގެ ބިމުން ބޭރުކުރުމުގެ އަމަލުތައް ހުއްޓުވަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލު ސިފައިން ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި، މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.
އިޒްރޭލުން ޣައްޒާގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ 37 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 11200 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 27800 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 5000 އަށް ވުރެ ގިނަ ކުޑަކުދިންނާއި 3020 އަށް ވުރެ ގިނަ އަންހެނުން ހިމެނޭ އިރު، ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 3000 އަށް ވުރެ މަތިވެފަ އެވެ.
އިޒްރޭލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ހުޅަނގު އައްސޭރީގެ ޒުވާނުން ހަރަކާތްތެރިވާން ފެށުމުން، އިޒްރޭލު ސިފައިން ހުޅަނގު އައްސޭރި އަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ 185 އަށް ވުރެ ގިނަ މީހުން ޝަހީދުވެ އިތުރު 2500 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.
އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 1700 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 7200 އަށް ވުރެ މަތިވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންގެ 348 މީހަކާއި ފުލުހުންގެ 69 މީހަކު ވެސް ހިމެނެ އެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހާލު ސީރިއަސްވެފައިވާ 210 އަށް ވުރެ ގިނަ މީހުން ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ތެރެއިން ހައްޔަރުކޮށްފައިވާ 242 މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
13 November 2023
އެހެންވެގެންދޯ ކަލޯމެން މުތަނައްސިރު އަރަބީން ކަލޭމެންގެ ގައުމުގަ އެމެރިކާގެ މިލިޓަރީބޭސް ހަދައިގެން ތިތިބެނީ! ރައްޔިތުންގެ ފައިސާއިން މުޅިއުމުރުގަ ކިންގޑަމް ހަދައިގެން ރައްޔިތުންގެ ފައިސާ ކައިގެން ވެރިކަމުގައަބަދު ތިބެވޭނެ ކަމަށް އެމެރިކާގެ ތައްޕާހުގަ!
ކައުންސެލަރު.
12 November 2023
ކޮންހާ ވާހަކައެއް. ކަލޯމެންނަށް ހަލާކުހުރި. ކަލޯމެންނަށް ހަލާކުހުރި. މުސްލިމް އަޚުންތަކެއްގެ ނަސްލު މުޅިން ބިމުން ފޮހެލާއިރު ބަލަހައްޓައިގެން ތިބެނީ އަދިވެސް. ކަލޭމެން އިސްރާއީލު ކުށްވެރިކޮށް މިހާތަނަށް ވީފައިދާއެއް ދައްކަބަލަ. ވިއްޔާ ވީކަމަކީ އިސްރާއީލުގެ ދައްޖާލު ބައެއް އަންހެނުންނާ އިނުން. ކަލޭމެންނަށް ހަލާކުހުރި
ނުރަބޯ
12 November 2023
ބޮޑު ޝައިތާނު (އެމެރިކާ) އެބުނަކީ ކުރިޔަށް ގެންދާށޭ ކުރިޔަށް ގެންދާށޭ ތިމަންމެން ހުރިހާ ގޮތަކުން އެހީވާނަމޭ. ކަން މިހެން އޮއްވާ ހަނގުރާމަ ހުއްޓާލަން ޔަހޫދީން ހިތައްވެސް ނާރާނެނޫންތޯ……؟
ހަސަނު
12 November 2023
އައްދިއްޔޯއި... މިހާރު އިޒްރޭލު ހުންނާނެ ދެފައިދަނޑިއަށް ީސހ ލެވިފަ ބިރުން.. އަރަބި އިސްލާން ގައުމުތަކުން ގޮސް ހެސް ކިޔާފަ ކައިގެން ރަށަށް ހިނގައްޖެ...
ނޭނގޭކަމެއްތަ
12 November 2023
ކޮންހާ ބޭކާރު ވާހަކައެއްތަ ތި ދައްކަނީ؟ ވަގުތުން ހުއްޓާލަންޖެހޭކަން ނޭނގޭ މީހަކު މި ދުނިޔެއަކު މިހާރު ނެތް. ބަޔަކު ބުނެގެން ހުއްޓާލާނެނަމަ މިހާރު އޮންނާނީ ހުއްޓާލާފަ. ބޮޑު ކަމެއް ކުރަން ނުކުރެންޏާ އަނގަނުހުޅުވާ ތިބޭނަމަ މިހާރުވެސް ތިޔަ ތިބި ފިނޑިކަންމަތީ.
ޖަމަލުފޮޑި
12 November 2023
އަހަރެމެންގޯތީ އެންމެން އިޒްރޭލް ކުއްވެރިކޮށްފީން
ސަމްތި
12 November 2023
ތިޔައީ ހުސް ޓޮއިލެޓް ޕޭޕާރސް