މި އަހަރު ރާއްޖެއިން ހައްޖަށް ދާ އުމުރުން ދުވަސްވީ މީހަކު ފުރުވަން އޭނާގެ އާއިލާއެކު ވެލާނާ އެއާޕޯޓުގައި: ބޮޑެތި ބަލީގައި ތިބި މީހުންނަށް ހާއްސަ ކުރާ ހައްޖުގެ ޖާގަތަކަށް ކުރިމަތިލާން މިހާރު ވަނީ ފުރުސަތު ހުޅުވާލައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
13 ނޮވެމްބަރ 2023 - 10:54
ފުރާނަ އަށް ނުރައްކާވާ ކަހަލަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށް ހާއްސަ ކުރާ ހައްޖުގެ ޖާގަތަކަށް ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އިއްޔެ ހުޅުވާލައިފި އެވެ.
ހައްޖު ކޯޕަރޭޝަނުން ކުރި އިއުލާނެއްގައި ބުނީ އަންނަ އަހަރު މީހުން ހައްޖަށް ގެންދިއުމަށް ލިބޭ ކޯޓާގެ ތެރެއިން ފަސް ޕަސެންޓް، އެ ކުންފުނި މެދުވެރިކޮށް ހައްޖަށް ދިއުމަށް ފައިސާ ދައްކައި ހައްޖު ޖާގައިގެ ލިސްޓަށް އަރާފައިވާ މީހުންގެ ތެރެއިން، ފުރާނަ އަށް ނުރައްކާވާ ކަހަލަ ބޮޑެތި ބަލިތައް ތަހައްމަލުކުރަމުންދާ އަދި ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ މީހުންނަށް ހާއްސަކުރަން ނިންމާފައިވާ ކަމަށެވެ.
އެ ޖާގަތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ މި ހާއްސަ ޖާގަ އަށް އެދޭ ފޯމު އެ ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. އަދި އެ ފޯމާ އެކު އައިޑީކާޑު ކޮޕީ އާއި ޑޮކްޓަރުގެ ލިޔުން ހުށަހަޅަން ޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސައުދި އަރަބިއްޔާ އިން މި އަހަރު (2023 ވަނަ އަހަރު) ރާއްޖެ އަށް 1،000 ހައްޖު ކޯޓާ ދިނެވެ. އޭގެ ތެރެއިން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދީފައިވާ ތިން ކުންފުނިން ކޮންމެ ކުންފުންޏަކަށް 90 ކޯޓާ ދީފައިވެ އެވެ. އަދި އޭގެ ތެރެއިން 600 ކޯޓާ ދިނީ ހައްޖު ކޯޕަރޭޝަނަށެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހައްޖު ކޯޕަރޭޝަނުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު "މިހާރު" އަށް ދިން ތަފާސްހިސާބުތަކުގައިވާ ގޮތުގައި، ސަރުކާރުން ހައްޖާއި އުމްރާ އަށް މީހުން ގެންދިއުމަށް އުފައްދާފައިވާ އެ ކުންފުނި މެދުވެރިކޮށް ހައްޖަށް ދާން ކިއުގައި 3،700 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އަދި އެ މީހުން ދެއްކި ފައިސާގެ އަދަދު 235 މިލިއަން ރުފިޔާ އަށް އަރަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިފަހަރު ކޯޓާދޭއިރު ގްރޫޕްތަކަށް ނުދިނުން ރަނގަޅީ 2023 ހުގަވެސް އެމީހުން. 175000 ރުފިޔާ
14 November 2023
ކޯޓާ ދިން ތިން ގްރޫޕުން ވެސް ރިޝްވަތު ނަގައިގެން ގޮއްސަ ވެސް ކާއެއްޗެއް ނުދީ ބަނޑަށް ތިބީ