13 ނޮވެމްބަރ 2023 - 13:57
ފަލަސްތީނުގެ ހަމާސް ޖަމާއަތް ނައްތައިލުމުގެ ނަމުގައި، ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލު ސިފައިން ކުރަމުންދާ ހަނގުރާމަ، ފަލަސްތީނުން ބޭރުވެ މުޅި އެ ސަރަހައްދަށް ފެތުރިދާނެ ކަމަށް ބެލެވޭތީ، އީރާން އޮތީ އެކަމަށް ފުރިހަމަ އަށް ތައްޔާރުވެގެން ކަމަށް އެ ގައުމުން މިއަދު ބުނެފި އެވެ.
އީރާންގެ ޖައްވީ ލަޝްކަރުގެ ކޮމާންޑަރު، ބްރިގޭޑިއާ ޖެނެރަލް އަމީރު އަލީ ހާޖީޒާދާ މިއަދު ވިދާޅުވި ގޮތުގައި ޣައްޒާގައި މިހާރު ކުރަމުންދާ ހަނގުރާމައިގައި އިޒްރޭލުގެ އެއްވެސް ކޮންޓްރޯލެއް ނެތެވެ. އެހެންކަމުން އެ ހަނގުރާމަ ފަލަސްތީނުން ބޭރުވެ ލުބްނާނާއި ސީރިޔާ އަށް ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
އަދި އެ ހަނގުރާމަ ހިނގަނީ އީރާނާ މާ ދުރު ނޫން ސަރަހައްދެއްގައި ކަމަށްވާތީ، އީރާންގެ ހަތިޔާރު އެޅި ލަޝްކަރުތައް މިހާރު ވެސް އޮތީ ފުރިހަމަ ތައްޔާރީ ހާލަތުގައި ކަމަށް ކޮމާންޑަރު ވިދާޅުވި އެވެ.
"ހަނގުރާމަ މިހާރު ވެސް ކުރިއަށް ވުރެ ފުޅާވެއްޖެ. ލެބަނާން ވެސް މިހާރު ބައިވެރިވެއްޖެ. މި ކޯޅުމުގެ ބޮޑުމިން މިހާރަށް ވުރެ ވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެއް. އެހެން ވިޔަސް، އީރާން މިހާރު ވެސް އޮތީ ކޮންމެ ފަދަ ހާލަތަކަށް ވެސް ފުރިހަމަ އަށް ތައްޔާރުވެގެން،" ޖެނެރަލް އަމީރު އަލީ ހާޖީޒާދާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތައް މެޑިޓޭރޭނިއަން ކަނޑުގެ އިރުމަތީ ސަރަހައްދަށާއި ރަތް ކަނޑުގެ ސަރަހައްދަށް ޖަމާކުރިޔަސް އެކަމާ އީރާން ޖެހިލުމެއް ނުވެ އެވެ. އަދި އެމެރިކާއަކީ އެއްވެސް އިރެއްގައި އީރާނަށް ހުރި ބިރެއް ނޫން ކަމަށާއި އީރާނަކީ އެ ސަރަހައްދުގެ އެންމެ ބޮޑު ބާރުކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އީރާންގެ ޚާރިޖީ ވަޒީރު ހުސައިން އާމިރް އަބްދުﷲޔާން ވެސް މިދިޔަ ހަފުތާގައި ވިދާޅުވެފައިވަނީ ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމެރިކާ އިން އީރާނަށް އަންގާފައިވާ ކަމަށެވެ. އެހެން ނަމަވެސް، ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ހިންގާ ގަތުލު އާންމުތަކަށް އެމެރިކާ އިން ތާއީދުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖެނެރަލް އަމީރު އަލީ ހާޖީޒާދާ ވިދާޅުވި ގޮތުގައި އިޒްރޭލަކީ ފަލަސްތީނުގެ ކުޑަކުދިން މެރުމުގެ ހުތުރު ތާރީޚެއް އޮތް ދައުލަތެކެވެ. އަދި މިހާރު ޣައްޒާގެ ކުޑަކުދިން މަރަމުންދާ މައްސަލަ މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެކަން ފޮރުވަން އިޒްރޭލުން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލު ސިފައިން ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި، މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.
އިޒްރޭލުން ޣައްޒާގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ 38 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 11300 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 28000 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 5000 އަށް ވުރެ ގިނަ ކުޑަކުދިންނާއި 3100 އަށް ވުރެ ގިނަ އަންހެނުން ހިމެނޭ އިރު، ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 3000 އަށް ވުރެ މަތިވެފަ އެވެ.
އިޒްރޭލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ހުޅަނގު އައްސޭރީގެ ޒުވާނުން ހަރަކާތްތެރިވާން ފެށުމުން، އިޒްރޭލު ސިފައިން ހުޅަނގު އައްސޭރި އަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ 186 އަށް ވުރެ ގިނަ މީހުން ޝަހީދުވެ އިތުރު 2500 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. އަދި 2400 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްގެން ޖަލަށް ގެންގޮސްފަ އެވެ.
އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 1700 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 7200 އަށް ވުރެ މަތިވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންގެ 350 މީހަކާއި ފުލުހުންގެ 69 މީހަކު ވެސް ހިމެނެ އެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހާލު ސީރިއަސްވެފައިވާ 220 އަށް ވުރެ ގިނަ މީހުން ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ތެރެއިން ހައްޔަރުކޮށްފައިވާ 242 މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޒޫގާ
25 November 2023
މީ އެއްވެސް ހިތްވަރެއް ނެތް، މީހާގަނޑެއް، ތިހެންބުނި އިޒްރޭލު ގަބުރުސްތާނަކަށް ހަދާލާނަމޭ، ޢަރަބިންނަކީ ވަރަށް
ލެއްގިކޮމިޝަނަރ
16 November 2023
އިރާނަކީ ތިހެންފޮނި އަނގަތެޅުމުން ހިފަހައްޓާބައެއް. އަސްލު އެއްވެސްކަމެއް ވާބައެއްނޫން. އެމެރިކާއިން ބޭނުންއިރަކު އިރާނުގެ ކޮމާންޑަރުން އެބަމަރާލާ. އިރާނުން އަމާޒަށް ފެންފުޅިއެއްވެސް ހޫރާލާން ނޭންގޭ.
ނަން ބުނާކަށް ބޭނުމެއް ނުވޭ
16 November 2023
ހެހެހެ... ތީ އެއްވެސް ކަމެއްވާ ބައެއް ނޫން... ތީހަމަ ޕަބްލިކް ހައްދާލަން މުސްލިމުން ރުއްސަން ކުޅޭ ޑްރާމާ... އެހެން ނޫންނަމަކާ ޣައްޒާ ފުނޑާލާ ނަސްލެއް ނައްތާލާ ތަން ބަލާކަށް ނުތިބޭނެ.
ނަން ނުކިޔާ މީހާ.
16 November 2023
އިރާނު އެކަނި ނިކުމެގެން ހަންކެނޑޭނީ. އެހެންވެ އިޒްރޭލަށް އެމީހުން ހަމަލާނުދީ އެތިބީ. އެކަމަކު އިރާނަށް ނުވަތަ އިރާނުގެ މަސްލަހަތަކަށް އެމެރިކާ އޮޅިގެން ހަމަލާއެއް ދިނަސް އެމެރިކާ ނޯށުން ރޮއްވާލާނެ. ފެންނާނެ ގާސިމު ސުލައިމާނީ ޝަހީދުކޮށްލީމަ އިރާނުން އިރާގުގަ އޮތް އެމެރިކާގެ ބޭހެއް ގޮއްވާލީމަ ވެސް އެމެރިކާ އަށް ރައްދުގަ ނުކެރުން ކިނބިއްސެއް އަޅަންވެސް. ތާރީހު ބަލާފަ އެއްޗެކޭ ކިއާބަލަ.
ސަލީމު އިދުރީސް
14 November 2023
ތިއީ އިޒުރޭލު ބޭނުން ވާނެގޮތް! އެމެރިކާޔާ ނެޓޯޔާ ހަތިއާރުގެ ގޮތުން ކުރިމަތި ލެވޭފަދަ ގައުމެއް އަދިނެއް! އިރާނުއެކަނި އަރަބި ދުނިއެ މިހާރު އޮތް ހާލަތުގަ ތިފަދަ ހަނގުރާމަޔެއް ކޮއްފިއާ އިތުރައް ނިކަމެތިވެ އިރާނާ އިރާގުގެ ބިންތައްވެސް އިޒުރޭލުގެ ބާރުގެ ދަށައް ދިއުމަކީ ވަރައް އެކަށީގެން ވާކަމެއް!
ވަގަންޔާހޫ
14 November 2023
މިފަހަރު ޒަޔަނިސްޓުން ފޮހެލަންވާނެ
އަލްމޯރޮން
13 November 2023
މެދު އިރުމަތީގަ ތިޔަ ގޮތަށް އަގަ ގަދަ ކުރި ލީޑަރުން މިހާރު މާޒީވެ ގޮސްފި.
ފެންފުޅި.
14 November 2023
އިރާނު މިހާރު އެގޮތަށް އެމެރިކާ އާއި ދެކޮޅަށް ގަދަބަސް ބުނާތާ 40 އެތައް އަހަރެއް. އެމެރިކާ އާއި އިރާނާ ދެމެދު ވަރަށްގިނަ ކޯޅުންތައް ހިނގާފަ އެބަހުރި. އެއިން ކޮންމެ ފަހަރަކުވެސް ކުރިހޯދާފަ އޮތީ އިރާނު. ތެދެއް ސައްދާމު ކަހަލަ ގައްޒާފީ ކަހަލަ ބައެއް ސުންނީ ވެރިން މިހާރު ނެތިގެން ހިނގައްޖެ. އެކަމަކު އެމީހުންގެ ދިރުން އަދިވެސް ނެތިގެން ނުދޭ.
ސަންތިމަރިޔަނބު.
13 November 2023
ސާބަސް އިރާނުގެ ލީޑަރޝިޕަށް. އެމެރިކާގެ މަނަވަރުތަކާއި ސަބުމެރިންތައް ފޮނުވީ ވެސް އިރާނު ބިރުގަންނަވަން. އެކަމަކުވެސް އިރާނު ނުސިހުން. އަސްލު އިރާނުގެ ގުދުސް ފޯސް އެއީ މަހުދީ އިމާމުގެ އިންތިޒާރުގަ އޮންނަ ފޯހެއް. އިރާނު މިހާރު އެވަނީ އެކަމަށް ރެޑީވެފަ.
ހަކީމީ
13 November 2023
ސާބަހޭ ކޮމާންޑަރު. އަރަބިކިޔާ ގައުމުތަކުން ވަގުތުން ހަމަލާ ހުއްޓާލަށޭ ގޮވުމުގެ ބަދަލު ގައި ހިތްވަރެއްހުރިއްޔާ ނިކަން ވަގުތުން ތެޔޮއިސްކުރުތައް ބަންދުކޮށްލަބަލަ! ލޯކުރިމަތީ ގަތުލުއާއްމު ހިންގާއިރު އެވެރިންގެ ޒިންމާއެއް ނެތީބާއޭ ހިތަށްއަރާ.
ކާއްޑަ
13 November 2023
ޝުކުރިއްޔާ އިރާނުގެ ވެރިން.