ދުނިޔެ

ރައީސް ބައިޑެން އާއި ދެ ވަޒީރަކަށް ދައުވާކޮށްފި

އެމެރިކާގެ ރައީސް ބައިޑެން: އެމަނިކުފާނުގެ އިތުރު ދެ ވަޒީރަކަށް، އެމެރިކާގެ ފެޑެރަލް ކޯޓުގައި ވަނީ ދައުވާކޮށްފައި

15 ނޮވެމްބަރ 2023 - 13:31

2 comments

އިޒްރޭލު ސިފައިން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމުތަކުގައި ބައިވެރިވާ ކަމުގެ ތުހުމަތުގައި، އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި އިތުރު ދެ ވަޒީރަކަށް، އެމެރިކާގެ ފެޑެރަލް ކޯޓުގައި ދައުވާކޮށްފި އެވެ.

ފަލަސްތީނުގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަލަސްތީނުގެ ޖަމިއްޔާތަކުގެ ފަރާތުން، މި މައްސަލަ ކޯޓަށް ހުށަހެޅީ އެމެރިކާގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ސެންޓަ ފޯ ކޮންސްޓިޓިއުޝަނަލް ރައިޓްސް (ސީސީއާރް) އިންނެވެ. ސީސީއާރް އިން ކުރި މި ދައުވާގައި ބައިޑެންގެ އިތުރުން ހިމެނެނީ އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން އާއި އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޯސްޓިން އެވެ.

އެ ދައުވާގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލު ސިފައިން ހިންގާ ގަތުލުއާންމުތައް ހުއްޓުވުމަށް އެމެރިކާގެ ސަރުކާރުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރުމުގެ އިތުރުން، އިޒްރޭލުން ހިންގާ ޖަރީމާތަކުގައި ވެސް އެމެރިކާ ސަރުކާރު ބައިވެރިވާ ކަމަށެވެ. އަދި އެ ކަމުގެ ބާވަތުން އެކަމުގައި ޒިންމާ ނަންގަވަންޖެހޭނީ އެ ތިން ބޭފުޅުން ކަމަށް ވެސް އެ ދައުވާގައިވެ އެވެ.

"އިޒްރޭލުން ހިންގާ ގަތުލުއާންމުތަކުން، ޣައްޒާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން ރައްކާތެރި ކުރުމުގައި އެ ތިން މީހުން ނާކާމިޔާބުވީ އެކަންޏެއް ނޫން. އޭގެ އިތުރުން އެއްވެސް ހިފެހެއްޓުމެއް ޝަރުތެއް ނެތި އިޒްރޭލަށް ދެމުންދާ އަސްކަރީ އަދި ޑިޕްލޮމެޓިކް މަދަދާ އެކު، އެ ތިން މީހުން ވެސް ވަނީ، އިޒްރޭލުގެ އެ ޖަރީމާތަކާއިގެން ކުރިއަށް ދިއުމަށް އެހީތެރިވެދީފައި،" ސީސީއާރްގެ ދައުވާގައިވެ އެވެ.

އެ ދައުވާގައި ބުނެފައިވާ ގޮތުން، އެމެރިކާ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި އެމެރިކާގައި އަމަލު ކުރަމުން އަންނަ ގާނޫނުތަކަށް ބަލާއިރު، ޣައްޒާގައި މިހާރު އިޒްރޭލު ސިފައިން ހިންގާ ގަތުލުއާންމުތައް ހުއްޓުވުމަށް މަސައްކަތް ކުރުމަކީ، ބައިނަލްއަގުވާމީ ގާނޫނުތަކުން ބައިޑެން އާއި ބްލިންކެން އަދި އޯސްޓިން އަށް ލާޒިމުކުރާ ކަމެކެވެ.

އެހެން ނަމަވެސް ގާނޫނީ އެ ޒިންމާ އަދާކުރެއްވުމުގައި ބަދަލުގައި އެ ތިން ބޭފުޅުން ވެސް ގެންދަވަނީ އިޒްރޭލުގެ ގަތުލުއާންމުތަކަށް ހިތްވަރު ދެއްވައި އެކަމުގައި ނުސީދާކޮށް ބައިވެރިވަމުން ކަމަށް އެ ދައުވާގައިވެ އެވެ.

ސީސީއާރްގެ ދައުވާގައި ބުނެފައިވާ ގޮތުން ހުސްވި އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން، އެނެމް ދުވަހެއް ވެސް މެދުކަނޑާނުލައި އިޒްރޭލު ސިފައިން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި، މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް 25000 ޓަނުގެ ގޮވާތަކެތި ބޭނުންކޮށްފި އެވެ. އެއީ ގާތްގަނޑަކަށް ދެ ނިއުކްލިއާ ބޮމުގެ ބާރުމިނާ އެއްވަރުގެ މިންވަރެކެވެ.

ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލު ސިފައިން ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި، މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.

އިޒްރޭލުން ޣައްޒާގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ 39 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 11500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 29300 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޒަޚަމްވި މީހުންގެ 70 އިންސައްތަ އަށް ވުރެ މަތީ ނިސްބަތަކީ އަންހެނުންނާއި ކުޑަކުދިންނެވެ. ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 3600 އަށް ވުރެ މަތިވެފަ އެވެ.

އިޒްރޭލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ހުޅަނގު އައްސޭރީގެ ޒުވާނުން ހަރަކާތްތެރިވާން ފެށުމުން، އިޒްރޭލު ސިފައިން ހުޅަނގު އައްސޭރި އަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ 190 އަށް ވުރެ ގިނަ މީހުން ޝަހީދުވެ އިތުރު 2570 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. އަދި 2400 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްގެން ޖަލަށް ގެންގޮސްފަ އެވެ.

2 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްޑޫޅް +

16 November 2023

އެމެރިކާ އަކީ ވަޒީރުން އުޅޭ ރަށެއް ނޫން. އެރަށުގަ ވަޒީރު ފެންވަރުގެ މީހުންނަކީ ސެކެއްޓެރީން. އިގިރޭސިވިލާތުގަ ވަޒީރުން އުޅޭ އެކަމަކު އެއީ ކެބިނެޓު ފެންވަރުގެ ބައެއް ނޫން. ކެބިނެޓުގައި ހިމެނޭ ވަޒީރު ފެންވަރުގެ އިގިރޭސީންނަކީ، ކީރިތި މަހާރަދުންގެ ދައުލަތުގެ ސެކެއްޓެރިން. ކަލޭމެންނާ ހިލާފަށް އެންމެ ބާރުގަދަ ރަށްރަށުގެ އެންމެ ބާރުގަދަ ވެރީންނަކީ ސެކެޓެރީ ފެންވަރުގެ މުވައްޒިފުން. ކަލޭމެން ތެރޭގަ، ސެކެޓެރީ ފެންވަރުގެ މީހުންނަކީ ގަޑިޖައްސާ މުޓިޔާއިން.

The name is already taken The name is available. Register?

ޙަމް78

15 November 2023

އަމައްޔާއި!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454