ރިޕޯޓް / ރައްޔިތުންގެ މަޖިލިސް

ބޮޑެތި ކުށްތައް ކޮށްފައިވާ މީހުން ކައުންސިލަރުންނަށް ވުމުގެ ދޮރު ހުޅުވިފައި!

މާލޭގައި ކުޑަ ދެ ކުއްޖަކަށް ވަޅިން ހަމަލާ ދީ މަރާލުމާ ގުޅިގެން މަޖީދީ މަގު ރާނބާ ރެސްޓޯރަންޓް ކައިރި ފުލުހުން ބަންދުކޮށްގެން ތަހުގީގު ކުރަނީ. މާރާމާރީ ހިންގުމުގައި ބައިވެރިވޭ މީހުންނަށް ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު އެބައޮތް.- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އިންތިހާބުކުރާ ކައުންސިލަރުންނަކީ ރައްޔިތުންނާ ވީހާ ވެސް ކައިރިން މަސައްކަތް ކުރާ ބަޔެކެވެ. ރައްޔިތުން އިންތިހާބުކުރާ މަގާމުތަކުގެ ތެރެއިން ރައީސުލްޖޫމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ހިލާފަށް ރައްޔިތުންގެ ޝަކުވާތައް އަޑުއަހާނެ ބަޔަކަށް ތިބީ ރަށްރަށުގައި އެ މީހުންނާ އެކު ދިރިއުޅެމުން އަންނަ ކައުންސިލަރުންނެވެ.

އެކަމަކު މިއަދު އަޑު މި އިވެނީ ކައުންސިލަރުންނަށް ބޮޑެތި ކުށްތައް ސާބިތުވެފައި ތިބޭ މީހުން ގެންނަން އުޅޭ ވާހަކަ އެވެ. "ކުށްވެރިން ލީޑަރުންނަށް" ހަދަން އުޅޭ ވާހަކަ އެވެ. ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް ގެނައި އިސްލާހުން މިއީ ހަގީގަތެއް ކަމަށް ވެސް ބެލެވެ އެވެ.

ގާނޫނުގައި ބޮޑެތި ލޯވަޅުތަކެއް، ބައްދަން މަޖުބޫރު!

މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ލޯކަލް ކައުންސިލް އިންތިހާބާ ބެހޭ ގާނޫނު މިހާރު ބައްޓަންކޮށްފައި އޮތް ގޮތުންނަމަ، ބޮޑެތި ކުށްތައް ސާބިތުވެފައި ތިބި މީހުންނަށް ޝަރުތުތަކަކާ އެކު އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. ވައްކަން ކުރުމާއި މާރާމާރީ ހިންގުމާއި މީހުން މެރުން ފަދަ ޖިނާއީ ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންގެ ވާހަކަތައް ބިލުން އޮތީ ކަނޑާލައިފަ އެވެ. އެހެންވެ، އެފަދަ މީހުން ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ފުރުސަތު ބިލުން މިހާރު އޮތީ ލިބިދީފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ކައުންސިލް އިންތިހާބާ ގުޅޭ ގާނޫނަށް ހުށަހެޅި އިސްލާހު މިދިޔަ ބުދަ ދުވަހު ވަނީ ފާސްކޮށްފައި. - ފޮޓޯ: މަޖިލިސް

ހޮޅުދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ މުހައްމަދު (އަލިބެ) ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅުއްވައި، ގައުމީ ސަލާމަތުގެ ކޮމެޓީން ބިލު ފާސްކުރިއިރު، އޮތީ ވަރަށް ބޮޑަށް ކޮށައި މަށައިފަ އެވެ. މަޖިލީހަށް ހުށަހެޅިއިރު ގޯސްކޮށް އޮތް ބިލަށް ބަދަލުތަކެއް ގެނެސްފި އެވެ. އެކަމަކު ޕީޕީއެމް މެމްބަރުންގެ ވޯޓާއެކު ފާސްކުރި ބިލާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ބިލު މިހާރު އޮތް ގޮތުން ރައްޔިތުންގެ ހިތްތަކަށް އިތުރު ބިރުވެރިކަމަކާއި ނުތަނަވަސްކަން ކުރިމަތިވާނެ ކަމަށެވެ.

ފާސްކުރި ބިލުން ފާހަގަވި ބައެއް ކަންކަން

- ދީނުގެ ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރި މީހުންނަށް ވެސް ބައިވެރިވެވޭ

- ރިޝްވަތާއި ހިޔާނާތުގެ ކުށް ކުރާ މީހުންނަށް ބައިވެރިވޭ

- މަސްތުވާތަކެތި ބޭނުންކުރިކަން ސާބިތުވާ މީހުންނަށް ބައިވެރިވެވޭ

- ވައްކަމާއި ފޭރުން ފަދަ ކުށްތައް ކުރިކަން ސާބިތުވާ މީހުންނަށް ބައިވެރިވެވޭ

- މީހުން މެރުމާއި މާރާމާރީ ހިންގިކަން ސާބިތުވާ މީހުންނަށް ބައިވެރިވެވޭ

ބިލު ފާސްވުމާ ގުޅިގެން ހުރިހާ ކައުންސިލަރުންގެ ޝަރުތު އޮންނާނީ އެއް މާއްދާއެއްގަ އެވެ. ލާމަރުކަޒީ ގާނޫނުގައި ކުރިން އޮންނަނީ ސިޓީ ކައުންސިލާއި އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްގެ މެމްބަރުންނަށް ކުރިމަތިލެވޭ ޝަރުތުތައް ވަކިވަކިން ބަޔާންކޮށްފަ އެވެ.

ލާމަރުކަޒީ ގާނޫނުގައި ކުރިން އޮތް ގޮތުން، އިސްލާމް ދީނުގެ ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ މީހުންނަށާއި ކުޑަކުއްޖަކާ މެދު ބަދުއަހުލާގީ އަމަލެއް ހިންގިކަން ނުވަތަ މީހެއްގެ އިއްފަތްތެރިކަން ފޭރިގަތްކަން ޝަރީއަތަށް ސާބިތުވެފައިވާ މީހުންނަށް އިންތިހާބުގައި ވާދަ ކުރުމުގެ ދޮރު އޮތީ ބަންދުކޮށްފަ އެވެ.

އެކަމަކު އަލަށް ފާސްކުރި އިސްލާހުގައިވާ ގޮތުން އިންތިހާބުގައި ވާދަނުކުރެވޭނީ ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގިކަން ނުވަތަ މީހެއްގެ އިއްފަތްތެރިކަން ފޭރިގަތްކަން ޝަރީއަތަށް ސާބިތުވާ މީހުންނަށް އެކަންޏެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެ، އެމީހެއްގެ މައްޗަށް ހުކުމެއްކޮށްފައިވާނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ހަތް އަހަރު ފާއިތުވެފައިވުން ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު ހަތް އަހަރު ފަހުން ފާއިތުވުމުން ކައުންސިލަށް ވާދަކުރެވެ އެވެ.

މި ދެ ކުށް ފިޔަވައި "އެހެން ޖިނާއީ ކުށެއް" ކުރިކަން ޝަރީއަތަށް ސާބިތުވެ، އެމީހެއްގެ މައްޗަށް 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރިނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ތިން އަހަރު ފާއިތުވުން ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކޮށްދެވުނުތާ ތިން އަހަރުވުމުން ކައުންސިލަށް ކުރިމަތިލެވޭނެ އެވެ. އެހެންވެ، ބޮޑެތި ކުށްތައް ކުރާ މީހުންނަށް އިންތިހާބުގައި ވާދަކުރުމުގެ ދޮރު މިވަނީ ހުޅުވިފަ އެވެ. އެއީ ފާސްކުރި ބިލުގައި ކުރިން ހިމެނުނު މުހިންމު އެއް މާއްދާ ނުހިމަނައި ބިލު ފާސްކުރުމާ ގުޅިގެންނެވެ.

"އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތި ބޭނުންކުރިކަމުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ" މީހުންނަށް ވާދަނުކުރެވޭ މާއްދާ އެއް ބިލުން ފެންނާކަށް މިހާރު ނެތެވެ. ފާސްކުރި ބިލުގައި ހަމައެކަނި އޮތީ މަސްތުވާތަކެތީގެ "ވިޔަފާރި ކުރިކަމުގެ ކުށެއް" ސާބިތުވާ މީހުންނަށް އިންތިހާބުގައި ވާދަކުރެވޭނީ ވަކި ޝަރުތުތަކެއް އޮވެގެން ކަމެވެ.

މާރާމާރީއަކާ ގުޅިގެން ފުލުހުން ބަންދުކުރި ސަރަހައްދެއް. - ފޮޓޯ: މިހާރު

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި މިހާރު ހުންނަން ޖެހޭ އިތުރު ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުމާއި، ބޭރު ގައުމެއްގެ ރައްޔިތަކަށްނުވުމާއި، ބޭރު ގައުމުގެ މީހަކު ދިވެހި ރައްޔިތަކަށްވިތާ ފަސް އަހަރު ފާއިތުވުމާއި މުސްލިމަކު ކަމުގައިވުމާއި ސުންނަތް ޖަމާއަތުގެ މީހަކަށްވުމާއި އުމުރުން 18 އަހަރުވުމާއި ބުއްދި ހަމައަށް ހުރި މީހަކަށްވުމާއި ދަރަންޏެއް އޮތްނަމަ، ހުކުމާ އެއްގޮތަށް ދަރަނި އަދާކުރާ މީހަކަށްވުމާއި ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރާ މީހަކަށް ނުވުމެވެ.

ޕީޕީއެމް އާއި އިދިކޮޅު މެމްބަރުންގެ ވިސްނުން ތަފާތު

އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ބޮޑެތި ކުށްތަކުގައި ހިމެނޭ މީހުންނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބޭ އިސްލާހަކީ ވެރިކަން ކުރާ ޕީޕީއެމުން އިންތިހާބުގައި ކުރިމަތިލާން ތިބި މީހުންނަށް އަމާޒު ކޮށްގެން ހުށަހަޅާފައިވާ އިސްލާހެކެވެ. ޕީޕީއެމްގެ ތެރެއިން ގާބިލް، ތައުލީމީ ބަޔަކު ނުނެރެވޭނެކަން އެނގޭތީ މެމްބަރުން ބޭނުންކޮށްގެން ކުރި ކަމެއްގެ ގޮތުގައި އެ ފަރާތްތަކުން ސިފަ ކުރެ އެވެ.

އެކަމަކު، އިދިކޮޅު ފަރާތްތަކުގެ ވާހަކަތަކަށް ރައްދުދީ ޕީޕީއެމްގެ މަޖިލިސް ބައެއް މެމްބަރުން ވިދާޅުވީ ބޮޑެތި ކުށްތައްކޮށްފައި ތިބޭ މީހުން ރަނގަޅުވެގެން މުޖުތަމައުއަށް އަންނަނަމަ، އިތުރު ފުރުސަތުތަކެއް ލިބެން ޖެހޭނެ ކަމަށެވެ. އެއީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމުގައި އެ މެމްބަރުން ގަބޫލުކުރައްވަ އެވެ.

އުނގޫފާރު ދާއިރާގެ ޕީޕީއެމް މެމްބަރު ޖައުފަރު ދާއޫދު ވިދާޅުވީ ކުށްވެރިންނެއް ކަމަކު، އެމީހުންނަށް ވަޒީފާ އަދާކުރަން ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ. އެ ގޮތުން ލޯކަލް ކައުންސިލްގެ އިންތިހާބުތަކުގައި ވެސް މިފަދަ ކުށްވެރިން ވެސް ހުކުމް ތަންފީޒުކޮށް ނިމޭތާ ނުވަތަ މާފު ލިބި ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ކުރިމަތިލެވޭ ގޮތަށް އުސޫލެއް ހަމަޖެހިފައި އޮތުމަކީ މި ގާނޫނަށް އަމަލުކުރަން ފެށީއްސުރެ ފަށައިގެން މިހާތަނަށް ކުރިމަތިވަމުން އައި ބޮޑު ހުރަސްތަކަށް ލިބޭނެ ހައްލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވި ގޮތުގައި ސިޔާސީ މަގާމުތަކަށް ރައްޔިތުންގެ ވޯޓުން އަންނަ ފަރާތްތަކަކީ ކުށްވެރިންނަށް ވެގެން ނުވާނެ އެވެ. ސިޔާސީ މަގާމުތަކަށް އަންނަ މީހުން ވާން ޖެހޭނީ އަބުރާއި އިއްޒަތާއި ޝަރަފް ހުރި މީހުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަށެއްގެ ކައުންސިލެއްގެ ރައީސަކަށް ހުންނަވާ ބޭފުޅަކީ ޑްރަގު މައްސަލާގައި ފަސް އަހަރު ދުވަހުގެ ހުކުމެއް ތަންފީޒުކޮށްފައި ނިކުމެ އެ ގޮނޑީގައި އިނީމާ ދެން އެ ރަށު މީހުން އެމީހާއާ ދިމާއަށް ގޮވާނީ ކީކޭތޯ؟" އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވި ގޮތުގައި ކުށްވެރިން ކައުންސިލަރުންނަށް އިންތިހާބުކުރަން އުޅޭ ނަމަ، އެއީ ތެދު ވާހަކައެކެވެ. އެކަމަކު އެއީ ހުކުމް ތަންފީޒުވެ ނިމިގެން މުޖުތަމައުގައި ރަނގަޅަށް އުޅެމުން އަންނަ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާޒް ވެސް ވިދާޅުވީ ކުދިކުދި ކުށްތައްކޮށްފައި ތިބޭ މީހުން ކައުންސިލަށް ކުރިމަތިލެވޭ ގޮތް ނުވުމަކީ އިންސާފަކަށް ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި އެމީހުންނަށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަން ރިޔާޒްގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރަނީ ކައުންސިލަރުންނެވެ. އެއްވެސް ރަށެއްގެ ކައުންސިލެއްގައި ވައްކަން ނުވަތަ ހިޔާނާތުގެ މައްސަލަތައް ޝަރީއަތަށް ސާބިތުވެފައި ތިބޭ މީހުން ރައްޔިތުންގެ ތިޖޫރިއާ ހަވާލު ކުރާކަށް ބޭނުމެއް ނުވާނެ އެވެ. ރަށުގެ ތަރައްގީއަށް މަސައްކަތް ކުރާ މީހުން ހޮވުމުގެ ހުރިހާ ބާރެއް އޮތީ ރައްޔިތުންގެ އަތްމަތީގަ އެވެ. ކޮންމެއަކަސް ބިލު، ގާނޫނަކަށްވެ އަމަލު ކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާ ހިސާބުންނެވެ. ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރެއްވުމާއެކު އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް އިންތިހާބަށް މި ގާނޫނު ހިނގާނެ އެވެ.

17 ކޮމެންޓް, 57 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 0%
icon angry icon angry 96%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގައުމު

11 February 2017

މިއަދު ގައުމު މިވާ ހާލަތަކީ ގައުމު ބޭނުންވި ގޮތެވެ. ވީމާ، މިއަދު ރައްޔިތުން މިކަމަށް ފާޑު ކިޔުމުގެ ފުރުސަތެއް ނެތެވެ.

The name is already taken The name is available. Register?

ބަކުރު.

10 February 2017

ބައާވާތަކީ ހާދަހާ ސުންޕާކަމެކެވެ. އެކަން ނުކުރަންޖެހޭ ސަބަބުތައް މިހިރަގެން ފެންނަނީއެވެ. މިގައުމަށް ދިމާވެފައިމިޔޮތީ ބައާވާތުގެ ހިއްޗެވެ.

The name is already taken The name is available. Register?

މަންސޫރު

10 February 2017

އެންމެ ބޮޑެތި ކުށްވެރިންނަށް ބޮޑެތި ވަޒީފާތައް ބަހާލަން ފެންނަނީ.

The name is already taken The name is available. Register?

އަލްޖިބްރާ

10 February 2017

ޤައުމު ހިންގަން މުޖްރިމުން ތިބެނީވިއްޔާ ކައުންސެލަރުންނަށްވެސް ތިބޭނީ މުޖްރިމުން ނޫންތަ ؟

The name is already taken The name is available. Register?

ޖައިސަމް

10 February 2017

މުޖުރިމުންނަށް ވާދަ ކުރެވެނީ ހަމައެކަނި ކައުންސިލް އިންތިޚާބުގަ ނޫންކަން ހަނދާން ބަހައްޓަންޖެހޭ.

The name is already taken The name is available. Register?

ދެމާ

10 February 2017

މިއޮތީވާ ސަރުކާރެއްދޯ، ކީތްކުރަނީ ރައީތުން މޫނުގަ ކޮޅުފައިން ޖެހުންނޫން ކަމެއް މިސަރުކާރުން ނުކުރޭ. އެހެނނުންވާނީ ލަނޑަޔާ ވާނީ ލަޑަޔާތާދޯ

The name is already taken The name is available. Register?

އިބިރިހިން ބެއްޔާ

10 February 2017

ލީޑަރުން ޖިނާއީކުށްކުރާ ޕާޓީތަކުން އަދި މެމްބަރުންވެސް މިއިސްލާހަށް ތާއީދުކުރަންޖެހޭ.

The name is already taken The name is available. Register?

GAN Island

10 February 2017

ލިއުންތެރިޔާ ވައްކަން ކުރާމީހުންނާއި މާރާމާރީ ހިންގާމީހުން އަދި މުޖުރިމުންނަށް ''ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ފުރުސަތު'' އޮތްކަމަށް ލިއުންވީ ކީއްވެގެންތޯ ؟؟ .. . . ވަގުންނާއި ޑްރަޤު ޑީލަރުން އަދި މާރާމާރީ ހިންގާމީހުންނަށް ރައްޔިތުންނަށް ދެވޭނެ ހިދުމަތެއްނޯންނާނެ. އެމީހުން ޖަލުގެ ތޭރިތަކުގެ ތެރެއަށް ވެއްދުން އަވަސް ކުރާންޖެހޭ. 2018 އޮތީ ވަރަށް ކާރީގަ. ރައްޔިތުން އެބާރު ހޯދަން އެދުވަހު ވޯޓްދޭންވާނެ

The name is already taken The name is available. Register?

ޖަމލ

10 February 2017

ހަހަހަ ދީނަށްޓަކާ ގައުމަށްޓަކާ އައި މީހުން މިހެދީ ކޯންޗެއް ؟؟ކެކެކެކ ހިނިއާދޭ..މީ މޑޕ ވެރިކަުގެ ކަމެއް ނަމަ ދީނޭ ދީނޭ ކިޔާ މާލެ ކުޑަކުރާނެ

The name is already taken The name is available. Register?

ކްރިމިނަލް

10 February 2017

ކުށެއް ކުރުމުން ކޯޓާ ހަމަޔަށް ދަނީ ކިތައް މީހުންތޯއެވެ. ސާބިތުވަނީ އެތައް މަސައްކަތެއްކޮށް އެތައް ޒަމާނަކުންނެވެ. ޢުމުރުގެ ބޮޑު ބައެއް އެކަމަށް ވޭތުވެދެއެވެ. ނަމަވެސް އަދަބަކަށް ކުރިން އައިސްފައިވަނީ ކުރު މުއްދަތުގެ ހުކުމުތަކެވެ. ދެން ސަލާމަތްވެގެން ކުށް ތަކުރާރުކުރިޔަސް ނުވަތަ އެޔަށްވުރެ ބޮޑު ކުށެއް ކުރިޔަސް އަލުން ކޯޓަށްގޮސް ކުރިން ކުރިހާ މަސައްކަތް ކުރާނެހާ ހިތްވަރެއް ގަޔަކު ނުހުރެއެވެ. މާޔޫސް ވެގެންނެވެ. ބިލުގައިވާ މުއްދަތު ހަމަވެގެން އެމީހާ ސިޔާސީ މަޤާމަށް ކުރިމަތިލާއިރުވެސް ހުންނަނީ ކުށް ކުރުމުގައެވެ. ނަމަވެސް އާއިލާގެ ބޮޑުކަމުން އެ މަޤާމަށް ރަށްރަށުގައި ހޮވެއެވެ. ހުރިހާ ގޮތަކުންވެސް އޮޕްރެސްވެފައެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454