27 ނޮވެމްބަރ 2023 - 13:46
ޔަމަންގެ އަދަން ކަނޑުއޮޅި ކައިރިން ދަތުރުކުރި މުދާ އުފުލާ އާގުބޯޓެއް، ކަނޑުފޭރޭ ބަޔަކު އިއްޔެ އަތުލައިގެންފި އެވެ.
ހަތިޔާރު އަޅައިގެން ތިބި ކަނޑުފޭރޭ ބަޔަކު އިއްޔެ އަތުލައިގަތީ، ޒޮޑިއަކް މެރިޓައިމް ކިޔާ ކުންފުންޏަކުން ދުއްވާ ސެންޓްރަލް ޕާކް ކިޔާ ބިޔަ ބޯޓެކެވެ. ޒޮޑިއަކް މެރިޓައިމް އަކީ އިޒްރޭލުގެ ބިލިއަނަރެއް ކަމަށްވާ އެޔާލް އޯފަރްގެ ޒޮޑިއެކް ގުރޫޕްގެ ފަރާތުން އިނގިރޭސި ވިލާތުގެ ލަންޑަންގައި ރަޖިސްޓްރީކޮށްގެން ހިންގާ، އާގުބޯޓު ދުއްވާ ކުންފުންޏެކެވެ.
ސެންޓްރަލް ޕާކް އަތުލައިގަތީ ކޮން ބައެއްކަން މިހާތަނަށް ކަށަވަރު ނުވިޔަސް، މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހިނގާފައިވާ އެފަދަ ހާދިސާތަކަށް ބަލާއިރު، އެ ބޯޓު އަތުލައިގަތީ ޔަމަންގެ ހޫތީ ހަނގުރާމަވެރިން ކަމަށް ބެލެވެ އެވެ. މިމަހުގެ މެދުތެރޭގައި ވެސް، ހޫތީ ހަނގުރާމަވެރިން ވަނީ، އިޒްރޭލުން މިހާރު ޣައްޒާގައި ކުރަމުންދާ ހަނގުރާމަ އަށް ބަދަލު ހިފުމުގެ ގޮތުން ކަމަށް ބުނެ، އިޒްރޭލުގެ ވިޔަފާރިވެރިއެއްގެ ބޯޓެއް ރަހީނުކޮށްގެން ޔަމަންގެ ބަނދަރަށް ގެންގޮސްފަ އެވެ.
ޒޮޑިއެކް މެރިޓައިމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ކަނޑުފޭރޭ މީހުން އަތުލައިގަތް ބޯޓުގައި 22 ފަޅުވެރިން އެބަތިއްބެވެ. ތުރުކީ ވިލާތުގެ ކެޕްޓަނެއްގެ ބެލުމުގެ ދަށުން ދުއްވަމުން ދިޔަ އެ ބޯޓުގައި ރަޝިޔާ، ވިއެޓްނާމް، ބަލްގޭރިއާ، އިންޑިއާ، ޖޯޖިއާ އަދި ފިލިޕީންސް މީހުން ވެސް އެބަތިއްބެވެ. ކަނޑުފޭރޭ މީހުންގެ ކޮންޓްރޯލްގެ ދަށުގައި އޮތް އެ ބޯޓަށް ބަރުކޮށްފައި ހުރީ ފޮސްފޮރިކް އެސިޑް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ޔަމަންގެ ކަނޑުގެ ސަރަހައްދުގައި ކަނޑުފޭރޭ މީހުންގެ ހަރަކާތްތައް ފުޅާވަމުން މިދަނީ، މިހާރު އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގައި އިޒްރޭލަށް މަދަދު ފޯރުވުމުގެ ގޮތުން އެމެރިކާގެ މަނަވަރުތަކެއް ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ދަނޑިވަޅެއްގަ އެވެ. މިހާދިސާއާ ބެހޭ ގޮތުން އެމެރިކާގެ ދިފާއީ ވުޒާރާ އިން ބުނެފައިވަނީ، ސެންޓްރަލް ޕާކް އަތުލައިގަތީ ކޮން ގައުމެއްގެ ބައެއްކަން އަދި އެކަމުގައި އަމަލީ ގޮތުން ބައިވެރިވަނީ ކިތައް މީހުންކަން ވެސް ނޭނގޭ ކަމަށެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ އިން ބުނެފައިވަނީ ރަހީނުކުރެވުނު ބޯޓު ފެންނަ ހިސާބުގައި އެމެރިކާގެ މަނަވަރުތައް ހަރަކާތްތެރިވަމުން ދާ ކަމަށާއި، އެ ބޯޓުގެ ހަރަކާތްތައް ބަލަމުން އަންނަ ކަމަށެވެ.
އިޒްރޭލުގެ ބިލިއަނަރެއްގެ އާގުބޯޓެއް ރަހީނުކުރެވުނު އިރު، އިޒްރޭލުގެ އެހެން ބިލިއަނަރެއްގެ އާގުބޯޓަކަށް، މިދިޔަ ހުކުރު ދުވަހު ވަނީ ޑްރޯން ހަމަލާތަކެއް ވެސް ދީފަ އެވެ. އެއީ ކޮން ބައެއްގެ ޑްރޯނެއް ކަން މުޅިން ކަށަވަރު ނުވިޔަސް، ބޮޑަށް ބެލެވެނީ އެއީ އީރާންގެ ޑްރޯންތަކަކުން ދިން ހަމަލާތަކެއް ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
28 November 2023
އެމެރީކާ ނޫނަސް ޖަރުމަން ފުރާންޒު އިނގިރޭސި ވީލާތުގަވެސް އެބަހުރި އިރާނުގެ ގިފިލިތަކައް ފާރެލެވޭހާ ކުޅުދާނަކަން! ހިފަހައްޓާ ކޮންމެ ބޯޓެއް ފަހަތުގަ އެމެރި ސިފައިން ނެތައް ޓޯމޮހޯކު ކުރޫޒު މިއިލެއް ފޯނުވާ ކޮމްމެތާކުއޮތް އުޅުނދެވެސް އެމެރިކާ ސިފައިނައް ފައްތާލެވިދާނެ! އަރަބި ހަނގުރާމަތަކުގަ ބޭނުންކުރި އެމެރިކާގެ އެންމެ މިސައިލެއްވެސް އަމާޒައް ވާސިލުވުމުގެ ކުރިން ވައްޓާނުލެވޭ ތިއިރާނު ހިފަންވެއްޖެނަމަ ފަސޭހަކަމާއެކު ހިފާނެ
ޒަމީރު
27 November 2023
މި ކަހަލަ ހުރިހާ މަނަވަރެއް ހިފަހައްޓާފައި އަސީރުވެފަ ތިބި ހުރިހާ މުސްލިމުން މިނިވަން ކުރަންވީ
މުހައްމަދު ތަކުރުފާނު.
27 November 2023
އެމެރިކާގެ ސައިޒް ތިއޮތީ ފެންނަން. އިރާނު ނޫނީ ހޫތީންގެ ބޮއްކުރައެއް އެސަރަހައްދުގަ އޮތަސް އެމެރިކާގެ މަނަވަރުތައް އެތިބެނީ ރަޖާލައިގެން ހުމާ. އިރާނުގެ ޓެކްނޮލޮޖީ މޮޅީ. މުޅި ސަރަހައްދުން މުވާސަލާތީ ގުޅުންތައް ދުއްވާލުމައްފަހު ބޯޓު ހިފަހައްޓަނީ. އެމެރިކާގެ އެއްވެސް މަނަވަރަކަށް ފަހަތުން އަންނާކަށް ނުކެރޭ. މިކަމުން ވެސް އެނގެނީ މުސްލިމުން މަސައްކަތްކުރާނަމަ ދުނިޔޭގެ ސުޕަރޕަވަރަށް މުސްލިމުން ވާނެކަން.
ލެއްގިކޮމިޝަނަރ
27 November 2023
އާއެކޭ އިރާނުގެ ޓެކްނޮލޮޖީ މޮޅުކަމުން އިރާނުގެ މީހުންވެސް އެތިބެނީ ވާނުވާނެންގިފަ. މިޔޮއްފަދަ 21ވަނަ ގަރުނުގަ އެއުޅެނީ މިސޭލެއް ކޮމާޝަލް ފުލައިޓެއް ވަކިނުވެގެން. އެންމެ މީހެއްގެ ފުރާނައިގެ ބަދަލު ހިފާލަން ހަދައިގެން ކުށެއްނެތް 170 ވަރަކަށް މީހުން މަރާލީމަ ތިޓެކްނޮޅޮޖީގެ މޮޅުކަން އެބައިގޭ. އިރާނަކީ އެއްވެސްކަމެއް ކުރަންނުކެރޭ އަނގައިން ހިފަހައްޓާބައެއް.
ފީނާ ކޮމިސަނަރު.
28 November 2023
ލެއްގިކޮމިސަނަރު އިރާނަށް ތިއަ މަލާމަތްކުރަނީ އެމެރިކާއިން އޮޅިގެން ކިތައް ފަސެންޖަރު ލައިނަށް ހަމަލާދީ ވައްޓާލާފަ އޮތްތޯ ބަލާބަލަ. އިރާގުން އެމީހުން ހޯދި ދުނިޔެ ފަނާކުރާ ހަތިއާރުތައް ވީތަނެއް އެގޭމީހަކު ދެކުން މީހަކު ނެތް. މީގެ ހަފްތާއެއްކުރިން ޔަހޫދީ ނިބުރަވެރިން ގައްޒާގެ އްޝިފާ ހޮސްޕިޓަލަށް ވަދެގަތީ އެތާގަ ފަލަސްތީނުގެ މުޖާހިދުން އެބަތިއްބޭ ކިއާފަ. އެމީހުންނަށް އެ މަޢުލޫމާތު ދިނީ އެމެރިކާގެ ޖާސޫސީ އިދާރާއިން. އެތަނުން ފެނުނީ ތިއަކަހަލަ މީހުން