ރިޕޯޓް

ކުއްލި ގޮތަކަށް މަޖިލިހުގެ ޖުމްލަ މެމްބަރުންގެ އަދަދާ ކުޅެން މި އުޅެނީ ރަނގަޅަށް؟

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ނެގި ސިއްރު ވޯޓެއް ގުނުމުގެ މަސައްކަތް ކުރަނީ: މެންބަރުންގެ ޖުމްލަ އަދަދު ބަދަލުކުރާ އިސްލާހާ އެކު ހިޔާލު ތަފާތުވުން ވަނީ އުފެދިފައި - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ އެއާ ގުޅޭ އެތައް ކަމެއް ތަރުތީބުވެގެން އަންނަ ކަމަކަށް ވާއިރު، ދައުރެއްގެ މެދުތެރެއިން ޖުމުލަ އަދަދާ ކުޅެވިދާނެ ހެއްޔެވެ؟ ރައްޔިތުންގެ މަޖިލިހުގެ ގަވައިދަށް ބަދަލު ގެނެސް މެންބަރުންގެ ޖުމްލަ އަދަދާ ކުޅެން ގާނޫނުއަސާސީއާ ފުށުނާރާނެ ހެއްޔެވެ؟

މި މުހިންމު ދެ ސުވާލު އުފެދުނީ ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީ އަށް އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހާ ގުޅިގެންނެވެ. އެ އިސްލާހާ އެކު، މަޖިލީހުގެ މި ދައުރުގެ ޖުމްލަ މެންބަރުންގެ އަދަދު 87 އިން 80 އަށް ދަށްވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ ގާނޫނުއަސާސީގައި ވަކި އަދަދެއް ކަމަށް ކަނޑައަޅާފައި އޮތް ކަމެއް ނޫނެވެ. އޮތީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައިވާ ޖުމްލަ މެންބަރުން ކަނޑައަޅާނެ އުސޫލެވެ. އެ އުސޫލުން މިހާރު ކުރިއަށް ގެންދާ މަޖިލީހުގެ މެންބަރުންގެ ޖުމުލަ އަދަދަކީ 87 އެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅިފައި އޮންނަނީ 71 ވަނަ މާއްދާގައި ބުނާ އުސޫލުން. މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަށް ރިއާޔަތްކޮށް ނިންމާ ނިންމުމުގެ އަދަދު އާންމު ކޮމިޓީން ނިންމާ އަދަދަކަށް ނިންމޭނެ އެއްވެސް ހަމައެއް ނޯންނާނެ،" މިހާރު ހިންގަމުންދާ ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެންބަރުކަން ކުރެއްވި އަދި މިހާރުގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނަނީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން ތިބެން ޖެހޭނެ ކަމަށެވެ. އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީ 5،000 އަށް ވުރެ އިތުރުވާ ނަމަ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެންބަރެއް ހުންނަން ޖެހެ އެވެ.

އެހެންކަމުން، ކޮންމެ މަޖިލީހެއްގެ ޖުމްލަ މެންބަރުންގެ އަދަދު ކަނޑައެޅެނީ މި އިދާރީ ދާއިރާތަކާއި މީހުންގެ އާބާދީ އަށް ބެލުމަށް ފަހު އެވެ. ގާނޫނުއަސާސީގައި ބަޔާންކުރާ މެންބަރުންގެ ޖުމްލަ އަދަދު ގުނާނެ ހަމައަކީ އެއީ އެވެ.

ނަމަވެސް، މެންބަރު ޝިފާއުގެ ހުށަހެޅުން އައީ މަޖިލީހުގައި ބާކީ އޮތް މުއްދަތަށް، މެންބަރުންގެ އަދަދު ވަކި އުސޫލަކުން ގުނާށެވެ. އެއީ އާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މަގާމުތަކާ ހަވާލުވެވަޑައިގަތުމަށް މަޖިލީހުގެ ހަތް މެންބަރަކު އިސްތިއުފާ ދެއްވާފައިވުމާ އެކު، އެ ގޮނޑިތައް ހުސްވެފައި ވާތީ އެވެ.

"މި އިސްލާހު ހުށަހެޅުމުގެ މަގުސަދަކީ ހަތް މެންބަރުން މަޖިލީހުން ވަކިވެއްޖެ، ކުރިއަށް މިއޮތް މުއްދަތަށް އެ ގޮނޑިތަކަށް މެންބަރުން އިންތިހާބު ކުރެވޭކަށް ވެސް ނެތް. އޭގެ ސަބަބުން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔުމުގައި ކޯރަމް ހަމަކުރުމުގައި ދަތިތަކެއް އެބަހުރި،" ޝިފާއު "މިހާރު" އަށް ވިދާޅުވި އެވެ.

"ބައެއް ބިލްތަކަށް ވޯޓަށް އަހަން ކޯރަމް ހަމަ ކުރުމުގައި ވެސް އެބަހުރި ދަތިތަކެއް. އެކަން ހައްލު ކުރުމުގެ މަގުސަދުގައި ގެނައި އިސްލާހެއް މިއީ."

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު ޝިފާއު: މެންބަރުންގެ ޖުމްލަ އަދަދު ބަދަލުކުރާ އިސްލާހާ އެކު ހިޔާލު ތަފާތުވުން ވަނީ އުފެދިފައި - ފޮޓޯ: މަޖިލިސް

މަޖިލީހުން ވަކިވެވަޑައިގަތް މެންބަރުން

- ހުސެއިން މުހައްމަދު ލަތީފް (ފަރެސްމާތޮޑާ ދާއިރާގެ މެންބަރު)

- ނައިބު އަހުމަދު އުޝާމް (ވިލިމާލެ ދާއިރާގެ މެންބަރު)

- މުހައްމަދު ޣައްސާން މައުމޫން (ގުރައިދޫ ދާއިރާގެ މެންބަރު)

- މުހައްމަދު ސައީދު (މާވަށު ދާއިރާގެ މެންބަރު)

- އާދަމް ޝަރީފު (މަޑުއްވަރީ ދާއިރާގެ މެންބަރު)

- އަހުމަދު ޝިޔާމް (ނައިފަރު ދާއިރާގެ މެންބަރު)

- ފަޒުލް ރަޝީދު (ފެލިދޫ ދާއިރާގެ މެންބަރު)

މި ހަތް ދާއިރާ އަށް މަޖިލީހުގެ މި ދައުރުގައި ކުރިއަށް އޮތް މުއްދަތަށް މެންބަރުން އިންތިހާބެއް ނުކުރެވޭނެ އެވެ. އެއީ މަޖިލީހުގެ ކުރިއަށް އޮތް އާންމު އިންތިހާބާ ދެމެދު އޮތީ ހަ މަސް ދުވަސް ނުވަތަ އެ އަށް ވުރެ ކުރު މުއްދަތެއް ކަމުގައި ވާ ނަމަ އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކޮށްގެނެއް ނުވާނެ ކަމަށް ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ބުނާތީ އެވެ.

މަޖިލީހުގެ އާންމު ކޮމިޓީ އަށް ޝިފާއު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ މި ދައުރުގައި ކުރިއަށް އޮތް މުއްދަތަށް މެންބަރުންގެ ޖުމްލަ އަދަދު ކަމަށް ގުނާނީ އެ ވަގުތު މަޖިލީހުގެ މެންބަރު ކަމުގައި ދެމިތިބި މެންބަރުންގެ ޖުމްލަ އަދަދަށެވެ. އެއީ ވަކިވެވަޑައިގެންނެވި ހަތް މެންބަރުން ނުހިމަނައި 80 މެންބަރުންނެވެ. ޝިފާއުގެ އިސްލާހުގައި ހުށަހެޅީ:

- މަޖިލީހުގެ ދައުރު ހަމަވުމުގެ ކުރިން އެއްވެސް ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެ ނަމަ އެ ދާއިރާއެއްގެ ގޮނޑި އަށް މެންބަރަކު އިންތިހާބު ކުރުވެންދެން މެންބަރުންގެ ޖުމްލަ އަދަދު ކަމަށް ބަލާނީ އެ ދާއިރާތައް ނުހިމަނާ.

- މަޖިލީހުގެ ދައުރެއްގައި މެންބަރުންގެ ޖުމްލަ އަދަދަށް ބަދަލެއް އައިސްފި ނަމަ، އެ ބަދަލެއް އެންމެ އަވަހަށް ބާއްވާ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް އިއުލާންކުރަން ޖެހޭނެކަން.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: މެންބަރުންގެ ޖުމްލަ އަދަދު ބަދަލުކުރާ އިސްލާހާ އެކު ހިޔާލު ތަފާތުވުން ވަނީ އުފެދިފައި - ފޮޓޯ: މަޖިލިސް

ޝިފާއު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ނެތް މެންބަރުންތަކެއް ގުނައިގެން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ކަނޑައެޅުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފަށް ކުރެވޭ ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ދާދި ފަހުން ކުރިއަށް ނުގެންދެވިގެން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ހުކުމްގައި ވެސް މަޖިލިސް ހުއްޓޭ ފަދަ ގޮތަކަށް ގާނޫނު މާނަކޮށްގެން ނުވާނެ ކަމަށް ބުނެފައިވާ ކަން ޝިފާއު ފާހަގަކުރެއްވި އެވެ.

"އެގޮތަށް ބަލާއިރު ވެސް 87 މެންބަރުން ކަމަށް ބަލައިގެން މަޖިލީހުގެ ގަވައިދު މާނަ ކުރުން އެއީ ރަނގަޅު ގޮތެއް ނޫން. ހަގީގަތުގައި ވެސް މަޖިލީހުގެ ގަވައިދުގައި ވެސް ގާނޫނުއަސާސީގައި ވެސް ނެތް މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދަކީ ކޮބައި ކަމެއް ސާފުކޮށް ބަޔާންކޮށްފައެއް. އެހެންވެ ފުރަތަމަ ފަހަރަށް މަޖިލީހުގެ ގަވައިދަށް މި ގެނައީ މެންބަރުންގެ އަދަދު ގުނާނެ ގޮތް،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި މަޖިލީހުގެ ޗެމްބަރުގައި ހުންނަ ގޮނޑީގެ އަދަދަކީ މެންބަރުންގެ އަދަދު ކަމަށް ކަނޑައެޅުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް. މަޖިލީހުގެ މެންބަރުންގެ އަދަދަކީ ގާނޫނީ ގޮތުން ތިބި މެންބަރުންގެ އަދަދު. މިސާލަކަށް މެންބަރަކު އިސްތިއުފާ ދީފިއްޔާ އެއީ މެންބަރެއް ނޫން. އިސްތިއުފާ ދިން މެންބަރަކީ އެއީ މެންބަރެއް ކަމަށް ގުނޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެ."

ރައްޔިތުންގެ މަޖިލީހުން ނިންމާ ގިނަ ނިންމުންތައް ފާސްވާނެ ގޮތް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވަނީ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުން ނުވަތަ މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ނަމަވެސް، މަޖިލީހުގެ ޖަލްސާއެއްގެ ގާނޫނީ އަދަދަކީ ނުވަތަ ކޯރަމަކީ މަޖިލީހުގެ މެންބަރުންގެ 25 ޕަސެންޓެވެ. އެހެންކަމުން، މަޖިލީހުގެ ކޯރަމަކީ ވެސް ޖުމްލަ މެންބަރުންގެ އަދަދާ ވަރަށް ބޮޑަށް ގުޅިފައިވާ އަދަދެކެވެ.

ގާނޫނުއަސާސީގައި މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަށް ރިއާޔަތްކޮށް ގޮތް ކަނޑައަޅަން ޖެހޭ މުހިންމު ހަ ކަމެއް ފާހަގަކޮށްފައިވެ އެވެ. އެއީ، މެންބަރުންގެ ޖުމްލަ އަދަދުގެ ވަކި ޕަސެންޓަކުން ފާސްކުރަން ޖެހޭނެ ކަމަށް ލާޒިމްވާ ކަންކަމަށް ވާއިރު، މަޖިލީހަށް ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުން މި ކަންކަން ފާހެއް ނުކުރެވޭނެ އެވެ.

1- ދިވެހިރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވާ ގާނޫނަކުން.

2- މަޖިލީހުގެ އުމުރު އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް އިތުރުކުރުމުގެ ގަރާރެއް ފާސްވާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން.

3- ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަން ވާނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެންބަރުން އެ ވޯޓެއް ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގައި.

4- ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި ހުރި މީހަކު އެ މަގާމުން ވަކިކުރުމަށް ހުށަހަޅާ ގަރާރެއް، މަޖިލީހުން ފާސްވާނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން.

5- ދައުލަތުގެ މާލިއްޔާގައި ރިޒާވްގެ ގޮތުގައި ބަހައްޓައިފައިވާ އެއްވެސް ފައިސާއެއް ނުވަތަ މުދަލެއް ނުވަތަ އެ ނޫން ވެސް އެއްޗެއް ހަރަދު ކުރަން ޖެހެނީ އެކަމަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްކޮށްގެން.

6- ގާނޫނުއަސާސީ އަށް އިސްލާހެއް ގެނެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ގާނޫނަކުން.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ނެގި ސިއްރު ވޯޓެއް ގުނުމުގެ މަސައްކަތް ކުރަނީ: މެންބަރުންގެ ޖުމްލަ އަދަދު ބަދަލުކުރާ އިސްލާހާ އެކު ހިޔާލު ތަފާތުވުން ވަނީ އުފެދިފައި - ފޮޓޯ: މަޖިލިސް

"ގާނޫނުއަސާސީގައި މި އޮންނަނީ ޖުމްލަ އަދަދުގެ އިންސައްތައަކުން ފާސްކުރަން ޖެހޭ ކަންކަމާއި ހާޒިރުވި މެންބަރުންގެ އިންސައްތަ އިން ފާސްކުރަން ޖެހޭ ކަންކަން. މި ދެ ގޮތް ގާނޫނުއަސާސީގައި ސާފުކޮށް ލިޔެފައި މި ވަނީ މަގުސަދެއްގައި. ރޫހަކީ މެންބަރުންގެ ޖުމްލަ އަދަދަށް ރިއާޔަތްކޮށް ބޮޑެތި ކަންކަން ނިންމުން،" ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

"އެ އަޣުލަބިއްޔަތަކީ މަޖިލީހުގެ ކޮންމެ ދައުރެއް ވެސް ފެށޭއިރު އެނގެން އޮންނަ ކަންކަން. އެއީ ޖުމްލަ އަދަދަކީ އިންތިހާބުގެ ކުރިއަށް ފައިނަލްވެ، އިއުލާންކޮށްފައި އޮންނަ އަދަދަކަށްވާތީ."

ގާނޫނީ ވަކީލު ވިދާޅުވި ގޮތުގައި، މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލޭ ހާލަތުގައި ނުވަތަ މެންބަރަކު އިސްތިއުފާ ދޭ ހާލަތުގައި، އެ ގޮނޑިއެއް ހުސްވިޔަސް އެއީ މަޖިލީހުގެ ޖުމްލަ އަދަދަށް ބަދަލު ގެނެސްގެން ވާނެ ކަމެއް ނޫނެވެ. އެހެން ނޫން ނަމަ، އޭގެ ނާޖައިޒު ފައިދާ ނަގައިގެން ގިނަ މެންބަރުންތަކެއް ގޮނޑި ގެއްލުވާލައިގެން ބޮޑެތި ކަންކަން ފާސްކުރުން ފަދަ ކަންކަން ފެނިދާނެ އެވެ.

"ފެނިގެންދިޔަ 18 ވަނަ މަޖިލީހުގައި އެއްފަހަރާ 12 މެންބަރެއްގެ ގޮނޑި ގެއްލުވާލި ތަން. އޭރު މިގޮތަށް މަޖިލީހުގެ ޖުމްލަ އަދަދަށް ބަދަލު ގެނެސް، ރައްޔިތުން އެ މައްޗަށް އަމަލު ކުރަން ޖެހޭ ގާނޫނުތައް ފާސްކޮށް، ހުދުމުހުތާރުކަން ދެއްކުމުގެ ފުރުސަތު އޮތް. ގާނޫނުއަސާސީން މިކަން މިގޮތަށް ލިޔެފައި މިވަނީ މުހިންމު ރޫހެއްގައި މަގުސަދެއް އޮވެގެން ކަމަށް ދެކެން،" އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީގައި މަސައްކަތް ކުރައްވާ ވަކީލަކު ވިދާޅުވީ، ގާނޫނުއަސާސީގައި ސާފުކޮށް ލިޔެފައިވާ މާއްދާއަކަށް މުޅިން އާ މާނަކުރުމެއް މަޖިލީހުގެ ގަވައިދަށް ގެންނަ އިސްލާހަކުން ނުގެނެވޭނެ ކަމަށެވެ. ގާނޫނުއަސާސީ މާނަ ކުރުމުގެ އުސޫލު ސުޕްރީމް ކޯޓުން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲގެ ގޮނޑިއާ މެދު ހުށަހެޅި ދުސްތޫރީ މައްސަލާގައި ކަނޑައަޅާފައިވާ ކަންކަމާއި އެ އުސޫލުގެ ދަށަށް ވެސް ޝިފާއުގެ އިސްލާހު ނުފެތޭ ކަން ވަކީލް ފާހަގަ ކުރެއްވި އެވެ.

ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން ގާނޫނުއަސާސީގެ މާއްދާއެއް މާނަ ކުރާއިރު، އަބަދުވެސް އިސްކަން ދޭން ޖެހޭނީ އެ މާއްދާއެއްގެ އިބާރާތަށެވެ. އެ އަށް ފަހު އެ މާއްދާއެއް ލިޔުނު މަގުސަދަށެވެ. ގާނޫނުއަސާސީ މާނަ ކުރަން ޖެހޭނީ ވަކިވަކި މާއްދާތަކަށް އެކަނި ނުބަލައި، އެކަތިގަނޑެއްގެ ގޮތަށް ކަމަށް ހުކުމްގައިވެ އެވެ.

"އެހެންވީމާ ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ބުނާ ހާލަތްތަކުން ބައެއް ގޮނޑިތައް ހުސްވިޔަސް 71 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ކަމަށް ކަނޑައަޅާފައިވާ އަދަދު، 87 މެންބަރުންގެ އަދަދަށް ބަދަލު އަންނާނެ ގޮތަކަށް ގާނޫނުއަސާސީއަށް މަޖިލީހުގެ ގަވައިދުން މާނަ ކުރުމެއް ނުދެވޭނެ،" ވަކީލް ވިދާޅުވި އެވެ.

މި ރިޕޯޓަށް ވާހަކަ ދެއްކެވި ދެ ވަކީލުންގެ ހިޔާލާ މަޖިލީހުގެ އެހެން މެންބަރަކު ދެކޮޅެވެ.

އޭނާ ވިދާޅުވި ގޮތުގައި ޝިފާއުގެ އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ނުބުނެވޭނެ ކަމަށާއި މަޖިލީހުގައި ނެތް މެންބަރުންތަކެއް ގުނައިގެން ޖުމްލަ އަދަދު ކަނޑައަޅައިގެން ނުވާނެ ކަމަށެވެ. މީގެކުރިން އެގޮތަށް ޖުމްލަ އަދަދު ގުނަމުން އައި ނަމަވެސް، ހަގީގަތުގައި މެންބަރުންގެ އަދަދު ގުނަން ޖެހެނީ އެ ވަގުތަކު މަޖިލީހުގައި ތިބި މެންބަރުންނަށް ބަލައިގެން ކަމަށް އޭނާ ވެސް ގަބޫލުކުރައްވަ އެވެ.

"ނެތީމަ އެ ނެތީ. މިސާލަކަށް ރަތް ކާޑު ދައްކާފައި ދެ މީހުން ބޭލީމާ ދެން ނުކިޔޭނެ އެއީ 11 ކުޅުންތެރިންނެކޭ، އޭރުން ހަމަ ނުވަ މީހުން ކުޅޭނީ. ނުވަ މީހުން ކުޅެނީ ދެން އިތުރަށް އެރުވެން ނެތީނު. ޖުމްލަ ކިތައް މީހުންތޯ ކުޅެން ތިބީ އެހީމަ ނުބުނެވޭނެ ތިބީ 11 މީހުންނެކޭ. އެހެންވީމާ އެ މާނަކުރުން ގާނޫނުއަސާސީއާ ހިލާފެކޭ ނުބުނެވޭނެ،" އެ މެންބަރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އާޒިމް: މެންބަރުންގެ ޖުމްލަ އަދަދު ބަދަލުކުރާ އިސްލާހާ އެކު ހިޔާލު ތަފާތުވުން ވަނީ އުފެދިފައި - ފޮޓޯ: މަޖިލިސް

ޝިފާއުގެ އެ އިސްލާހާ އެކު އެންމެ ހޫނު ވެފައި އޮތް ކަމަކީ ރައީސް އަދި ނައިބު ރައީސް މަގާމުން ވަކިކުރުމަށް މަޖިލީހަށް އޮތް ބާރަށް އަސަރުކޮށް، އެމްޑީޕީ އަށް މުތުލަގު ބާރެއް ލިބޭތީ އެވެ. ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ ގާނޫނުއަސާސީގައިވާ ގޮތުން އެކަމަށް ހުށަހަޅާ ގަރާރު މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވެގެންނެވެ.

ޝިފާއުގެ އިސްލާހު ފާސްވެއްޖެ ނަމަ އެމްޑީޕީގައި މިހާރު އޮތް މެޖޯރިޓީން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރެވޭނެ އެވެ. އެ ހާލަތުގައި މައްސަލަ ފާސްކުރަން ބޭނުންވާނީ 54 މެންބަރުންގެ ވޯޓެވެ. އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގައި މިވަގުތު ތިއްބަވަނީ 56 މެންބަރުންނެވެ.

ޝިފާއުގެ އިސްލާހާ އެކު، އާންމު ކޮމިޓީ އަށް ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު، ހެންވޭރު މެދު ދާއިރާގެ މެންބަރު އަލީ އާޒިމް ވެސް ވަނީ ރައީސާއި ނައިބު ރައީސް ވަކިކުރުމާ ގުޅޭ މަޖިލީހުގެ ގަވައިދުގެ މާއްދާ އަށް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ. އެ އިސްލާހުގެ ދަށުން ރައީސާއި ނައިބު ރައީސް ވަކިކުރުމަށް މަޖިލީހަށް ގަރާރެއް ލިބިއްޖެ ނަމަ، ދެ ދުވަސް ތެރޭގައި ނޯޓިސް ފޮނުވައި، އެ ދުވަހުން ފެށިގެން 14 ދުވަސް ދިނުމަށް ފަހު، މައްސަލަ ކުރިއަށް ގެންދަން ޖަލްސާއެއް ބާއްވަން ޖެހޭނެ އެވެ.

ރައީސާއި ނައިބު ރައީސް ވަކިކުރުމަށް ގަރާރުގައި ކޮށްފައިވާ ކޮންމެ ތުހުމަތެއް ނުވަތަ ދައުވާއަކާ މެދު ވަކިވަކިން ބަހުސް ކުރަން ޖެހޭނެ ކަމަށާއި އޭގެ ތެރެއިން އެންމެ ތުހުމަތެއް ސާބިތުވި ނަމަވެސް، ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މަގާމުން ވަކިވާނެ ކަމަށް އިސްލާހުގައި ވެ އެވެ. މަޖިލީހުން މަގާމުން ވަކިކުރަން ފާސްކުރުމާ އެކު، އިތުރު އިސްތިއުފާނެއް ނެތި އެ ހިނދުން ހިނދަށް މަގާމުން ވަކިވީ ކަމަށް ވެސް އާ އިސްލާހުގައިވެ އެވެ.

ޝިފާއުގެ އިސްލާހުން މެންބަރުންގެ ޖުމްލަ އަދަދު ބަދަލުކޮށް، ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމާ ގުޅޭ މާއްދާ އަށް އާޒިމްގެ އިސްލާހާ އެކު ބަދަލުތަކެއް ގެނަޔަސް، ޝިފާއު ވިދާޅުވާ ގޮތުގައި އެއީ އިއްތިފާގެކެވެ. ސަރުކާރުގެ ބޭފުޅުން ކަންބޮޑުވެގެން އުޅުއްވާ ފަދަ، ރައީސް ނުވަތަ ނައިބު ރައީސް ވަކިކުރުމާ ގުޅޭ އެއްވެސް މަޝްވަރާއެއް، އެއްވެސް މަސައްކަތެއް މިހާތަނަށް އެމްޑީޕީން ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި، މަޖިލީހުގެ ގިނަ މެންބަރުންގެ ރޫހު މިހާރު ހުރި ގޮތަށް ބަލާއިރު ވެސް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަށް ކޮންމެހެން ބަދަލެއް ނުގެނެސް ވެސް ރައީސާއި ނައިބު ރައީސް ވަކިކުރަން ބޭނުންވާ ނަމަ އެކަމަށް ތާއިދު ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ޝިފާއު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު ޝިފާއު: މެންބަރުންގެ ޖުމްލަ އަދަދު ބަދަލުކުރާ އިސްލާހާ އެކު ހިޔާލު ތަފާތުވުން ވަނީ އުފެދިފައި - ފޮޓޯ: މަޖިލިސް

"އަޒުލްކުރުމާ ބެހޭ އިސްލާހުތައް ކޮމިޓީ އަށް ހުށަހަޅާފައި އެ އޮތީ ވެސް ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު. އަޅުގަނޑަށް ހީވަނީ ޑިމޮކްރެޓްސްގެ މެންބަރުންނާއި އެމްޑީޕީގެ މެންބަރުން އެއްވީމާ މިހާރު އެބަ ތިބޭ 69 މެންބަރުން އަޅުގަނޑުމެންނާ އެކު. ދެން އެހެންވީމާ ގަވައިދަށް ބަދަލު ގެނެސްގެން މެންބަރުން ގުނާ އަދަދު ރަނގަޅު ކުރާކަށް ނުޖެހޭ ކަން ނޭނގޭ އަޒުލް ކުރަން ވެއްޖިއްޔާ،" އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ސިއްރު މަޝްވަރާތަކެއް ކުރިއަށް ގެންދާ ކަމަށް އަޑު ފެތުރިފައިވަނިކޮށް ޝިފާއު ވިދާޅުވި އެވެ.

"ދެން އެހެން ނޫނަސް މުޅި މަޖިލީހުގެ ރޫހު އޮތީ ވެސް މި ސަރުކާރު މި ހިނގަނީ ރަނގަޅަށް ނޫން ކަމަށް. އެ ބޭފުޅުންނަށް ނިސްބަތްވާ ހަ ވަރަކަށް މެންބަރުން ނޫން ކަމަށްވާ ނަމަ، ގަބޫލު ކުރޭ ސަރުކާރު ރަނގަޅު ނޫން ކަމަށް."

ޝިފާއު ވިދާޅުވީ ނަޝީދުގެ ރިޔާސަތު ބަދަލުވި ފަހުން، މަޖިލީހުގެ ގަވައިދަށް ވަރަށް ބޮޑެތި އިސްލާހުތައް ގެންނަމުންދާ ކަމަށާއި ސަބަބަކީ ކުރިން އެ އިސްލާހުތައް ގެންނަން ފުރުސަތު ނުލިބުން ކަމަށެވެ. މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކިކުރުމުގެ ގަރާރު ހުށަހެޅުމުން ވެސް ގަވައިދުގައި ހުރި ވަރަށް ބޮޑެތި މައްސަލަތައް ފާހަގަވި ކަމަށާއި އެކަންކަން އިސްލާހު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ޝިފާއުގެ އިސްލާހާއި އާޒިމްގެ އިސްލާހަކީ ވެސް އެގޮތުގެ މަތިން ހުށަހެޅި އެއްޗެއް ކަމަށް ޝިފާއު ވިދާޅުވި އެވެ.

"ރިޔާސަތަށް މި އައި ބަދަލާ އެކު އެ ޖާގަ އަޅުގަނޑުމެންނަށް ލިބުނީމާ ވަރަށް ގިނަ އިސްލާހުތައް ގެނެވިއްޖެ. ދެން މި ދެ އިސްލާހު މާބޮޑަށް ފާހަގަކުރެވިގެން މި އުޅެނީ ސަރުކާރު އެކުލަވާލައްވަން މި އުޅުއްވާ ބޭފުޅުން މާބޮޑަށް ޖެހިލުންވާ އިސްލާހަކަށް މި ދެ އިސްލާހު ވާތީ ކަމަށް ބެލެވެނީ،" ޝިފާއު ވިދާޅުވި އެވެ.

ނަމަވެސް، ޕީޕީއެމް/ޕީއެންސީގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ގަވައިދަކުން ދުސްތޫރު ބަދަލު ކުރަން ހިފުމުން އެނގެނީ ގާނޫނީ ވިސްނުމުގެ ބަލިކަށިކަން ކަމަށެވެ.

ޝިފާއުގެ އިސްލާހާ އެކު، ސިޔާސީ ހޫނު ބަހުސްތަކެއް ފެށިފައިވާއިރު އޭގެ ތެރެއިން ގާނޫނީ ވާހަކަތައް މާ ބޮޑަކަށް ނުދައްކަ އެވެ. ގާނޫނީ ހުދޫދުގެ ތެރެއިން ކުރެވޭނެ ކަމެއްތޯ ނުވަތަ ނޫންތޯ މާ ގިނަ ބަޔަކު ނުވިސްނަ އެވެ. އެކަމަކު، ހަގީގަތަކީ ގާނޫނީ ބަހުސަށް ވެސް މީގެ ތެރެއިން ޖާގަ އޮތް ކަމެވެ.

48 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުޑާދަނު

17 December 2023

ޝިޔާމް އެވިދާޅުވާގޮތުން ނަމަ މިހާރު ރައްޔިތުން މަޖްލީސް ފުރިހަމައެއް ނުވެއެވެ. ސަބަބަކީ އިދާރީ ދާއިރާތަކުން ތިބެންޖެހޭ މެންބަރުން ހަމަނުވާތީއެވެ.

The name is already taken The name is available. Register?

ލޫކީ

17 December 2023

ކޮންމެ އިދާރީ އަތޮޅަކަށް 1 މެމްބަރު އަދި ކޮންމެ ސިޓީ އަކުން 2 މެމްބަރުން ކަނޑައެޅީމަ ފުދޭ.

The name is already taken The name is available. Register?

އުދުހޭ

17 December 2023

ޑރ މުއިއްޒު އަރިހުން އަޅުގަނޑު އެދެން ތިޔަ މައްސަލަ އަޅުގަނޑަކާ ހަވާލުކުރަން. ހުވާލުކުރާ ދުވަހުނޫން އަނެއްދުވަހު ކޮރަޕްޝަނުގެ މައްސަލާގައި ހައްޔަރުކުރާނަން. ސަރުކާރު ތެޔޮކުންފިނުން ތެޔޮ ކްރެޑިޓަށް ނަގައިގެން ސަރުކާރުގެ އަނެއްކުންފުނިކަމުގައިވާ ފެނަކައަށް އަގުބޮޑުކޮށް ތެޔޮ ވިއްކަނީ ކިތަށް މެންބަރުން؟

The name is already taken The name is available. Register?

ތަކުރުބެއްޔާ

17 December 2023

ފުރަތަމަ ރައްޔިތުން 5 އަހަރަށް ވޯޓް ދީފަ މަޖްލިސް އަށް ހޮވާފައި ތިބި ބަޔަކު މަގާމު ދޫކޮށް މިނިސްޓަރުކަމަށް ދާކަށް ނުވެސް ޖެހޭ ދޯ. ދެން ތިމަންނަމެން މިނިސްޓަރުންނަށް ތިއްބަސް ތިމަންނަމެން ލައިގެންނޭ އަދަދު ގުނަން ޖެހޭނީ މީ ވަރަށް ހެއްވާ ވާހަކައެއް. ތި ވީ ގޮތުން ރާއްޖޭގެ ޖުމްލަ އާބާދީ ވެސް ގުނަންވާނީ ނިޔާވެފައި ތިބި މީހުން ލައިގެން.އަދި ނިޔާވެފައި ތިއްބަސް 65 ވާ ކޮންމެ މީހަކަށް އެމީހެއްގެ އާއިލާ އަށް އެލަވަންސް ވެސް ދޭން ވާނެ.

The name is already taken The name is available. Register?

ސާޖިދާ

17 December 2023

ހަމަ ބުއްދިން ވިސްނާލީމަ އެނގޭދޯ ޖުމްލަ މެމްބަރުންނަށް ވާނީ މަޖިލީހުގެ ދަފްތަރުގަ ތިބި މެމްބަރުންގެ ޖުމްލަކަން.. އެއްވެސް ސަބަބަކާ ހެދި ވަކިވެގެން ގޮސް ފައިވާ މެމްބަރުންގެ ގޮނޑިތަކަށް ވޯޓުގަ ބައިވެރިވެވޭނެ ގޮތެއް ނޯންނައިރު ޖުމްލައިގަ ހިމަނާނީ ކޮން އުސޫލަކުން،، އަސްލަމް ކުރިޔަސް މީގަ މައްސަލައެއް އޮތް ކަމަކަށް ނުފެނޭ.

The name is already taken The name is available. Register?

ބުއްދިނެތްހިމާރު

17 December 2023

ހަމަބުއްދި ހުރި ހެނެއް ހިއެއް ނުވޭ. މެންބަރުން ގުނަންޖެހޭނީ ގާނޫނުއަސާސީގައި އޮންނަ ގޮތަށް. ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނާ ހަމައިން 100 ވަނަ މާއްދާގެ ޅ.ގައި އޮތްގޮތަށް.

The name is already taken The name is available. Register?

ފޮނިފޮނިޓައްޕު ކުމާރު

17 December 2023

މަޖުލީސް އުވާލާ. ބޭކާރުތަނެއް.

The name is already taken The name is available. Register?

މޫސަ.

17 December 2023

ރައްޔިތުންގެ ވޯޓަކުން ރައީސް ހޮވީމަ މަޖިލީހުން ރައީސް ބޭރުކުރުމަކީ ވެރިކަމާހެދި ހޭބަލިވުން

The name is already taken The name is available. Register?

ސިހާމު

17 December 2023

ނަސީދު މަޖިލީސް ރައީސް ކަމައް ގެނޭ އަލުން

The name is already taken The name is available. Register?

ސީތާ

17 December 2023

ތިޔަކިޔާ 5 ހާހުގެ ވާހަކަ ހުއްޓާލާކަށްނުވޭތަ؟ މީކީ 90ގެ އަހަރުތަކެއްނޫން. ތިޔަބުނާ 71ވަނަ މާއްދާ އުވާލަންޖެހޭވަގުތު ނުވަތ އިސްލާޙްކުރަންޖެހޭވަގުތު ނުޖެހެނީތޯ؟ މީގެކުރިން އޯލެވެލް 2 ފާސްއޮވެގެން ރަނގަޅުވަޒީފާއެއްލިބޭ. މިހާރު ޑިގްރީ ލެވެލްއަށް މިވަނީ ބަދަލުވެފައި. ޤާނޫނުއަސާސީގައި ޒަމާނެއްގައި އެއްޗެއްލިޔެފައި އޮތުމުގެ މާނައެއްނޫން އަބަދު އެކަމެއް އޮންނަންޖެހޭނީ އެގޮތަށޭ. ޒަމާނާ ޙާލަތާގުޅޭގޮތުން ގެންނަންޖެހޭ ބަދަލުތައް ގެންނަންޖެހޭނެ

The name is already taken The name is available. Register?

ޏިލްސް

17 December 2023

މިހާރު އެބަ ހިތައް އަރާ ނަޝީދަކީ ރަނގަޅު ބޭފުޅެކޭ. ނަޝިދުގެ މަޖްލިސް ރައީސްކަމުގަ އެމްޑީޕީއަށް މި ކުޅިވަރުތައް ނުކުޅެވިގެން ވަކިކުރަން އުޅުނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454