މަރުގެ އަދަބު އިއްވާފައިވާ މީހަކު ސުޕްރީމް ކޯޓުގެ އަޑުއެހުމަކަށް ހާޒިރު ކުރަނީ: މި ސަރުކާރުން ވަނީ މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމަށް ބުނެފައި - ފޮޓޯ: މިހާރު
24 ޑިސެމްބަރ 2023 - 08:36
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަރިހަށް އެ ދުވަހު ވަޑައިގަތީ ޔޫރަޕްގެ 17 ގައުމެއްގެ ސަފީރުންނެވެ. ފަހަރަކު ބޭފުޅަކު އުމަރުގެ އަރިހަށް ވަދެވަޑައިގެން ދެންނެވީ އެންމެ ކަމެއްގެ ވާހަކައެކެވެ. ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރަން ނޫޅުއްވައި އެކަން ހުއްޓާލެއްވުމުގެ އާދޭހެވެ.
ރާއްޖެއަކީ އިސްލާމީ ޝަރީއާގެ މައްޗަށް ހިނގައި، އެއާ ހިލާފުވާ އެއްވެސް ގާނޫނެއް ނުހެދޭ އިސްލާމީ ގައުމެކެވެ. އިސްލާމީ ޝަރީއާ އިން ސާބިތުވެފައިވާ އުގޫބާތުތައް ރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއިން ގާނޫނުލްއުގޫބާތުގައި ވަނީ ކަނޑައަޅައިފަ އެވެ. ގިސާސް ހިފުން [މަރަށް މަރު ހިފުން] އެއީ އެ އިން އެއް އުގޫބާތެވެ.
ގާނޫނުލްއުގޫބާތުގައި އޮތް ގޮތުން ގަސްދުގައި މީހަކު މަރާލައިފި ކަން ސާބިތުވެއްޖެ ނަމަ އެ މީހެއްގެ މައްޗަށް އިއްވަން ޖެހޭނީ މަރުގެ އަދަބެވެ. ގާނޫނުލްއުގޫބާތުގައި ބުނަނީ ގުރުއާނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އިސްލާމީ ޝަރީއަތުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގާނޫނާއި ގުރުއާނުގައި ކަނޑައެޅިފައިވާ އުގޫބާތް އެ މީހެއްގެ މައްޗަށް ކަނޑައަޅަން ވާނެ ކަމަށެވެ. އެ ގާނޫނުގެ ދަށުން މިހާތަނަށް ރާއްޖޭގައި ގިނަ މަރުގެ އަދަބުތަކެއް ވަނީ އިއްވައިފަ އެވެ. ރޯމާ ދުވާލު މާލޭގެ މަގުމަތީ ވަޅި ހަރައި މަރައި އެއްލައިލި އެތައް ބައެއްގެ މަރުގެ މައްސަލަތަކާއި ބޮޑެތި ރޭވުންތަކުގެ ތެރެއިން މަރާލި މީހުންގެ މައްސަލަތަކާއި ފޭރުމާއި ވައްކަމުގެ ތެރެއިން މަރާލި މީހުންގެ މައްސަލަތަކުގައި ގާތިލުންގެ މައްޗަށް ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ.
ޝަރުއީ ހުރިހާ މަރުހަލާއެއް ނިމި، ސުޕްރީމް ކޯޓުން މަރުގެ ހުކުމް އިއްވާފައި ހަތަރު މީހަކު ވެސް އެބަ ތިއްބެވެ. އޭގެ ތެރެއިން ތިން މީހަކަށް މަރުގެ އަދަބު އިއްވާފައި ވަނީ 2016 ވަނަ އަހަރު އެވެ. އަދަބު ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމުން ކަމަށް ގާނޫނުގައި ބުނާއިރު، އެ މީހުންގެ އަދަބަށް ވާ ގޮތެއް ނޭނގި ޖަލުގައި ދުވަސްތައް ހޭދަކުރާތާ އެތައް އަހަރެވެ. ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒެއް ނުކުރެވެ އެވެ.
މީގެ އެތައް އަހަރެއްގެ ކުރިން 1953 ވަނަ އަހަރު ސިހުރުގެ މައްސަލައެއްގައި މަރުގެ އަދަބު ރާއްޖޭގައި ތަންފީޒު ކުރި ފަހުން، މިއީ ރާއްޖޭގައި ހުއްޓިފައި އޮތް ކަމެކެވެ. އޭގެ ސަބަބުތައް ބައިވަރެވެ. އެކަމުގެ ތެރޭގައި އޮތީ އެތައް ފިއްތުމަކާއި ތުހުމަތެވެ. ހާއްސަކޮށް ބައިނަލްއަގްވާމީ އެކި ޖަމާއަތްތަކުގެ ފިއްތުންތަކެވެ.
"އަޅުގަނޑުމެންގެ ސަރުކާރަށް އައި އެންމެ ބޮޑު ޕްރެޝަރަކީ މަރުގެ އަދަބު ފަދަ ކަންތައްތަކާ ހެދި ރާއްޖޭން ބޭރުން އައި ޕްރެޝަރުތައް. ޔޫރަޕިއަން ޔޫނިއަނުންނާއި ހުރިހާ ތާކުން ވެސް އާދޭ ޕްރެޝަރުތައް،" ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ބޭރުގެ އިސް ފަރާތްތަކާ ސަރުކާރުގެ ފަރާތުން މުއާމަލާތް ކުރެއްވުމުގައި އިސްކޮށް އުޅުއްވި ބޭފުޅަކު ނަން ނުޖަހާ ގޮތަށް ވިދާޅުވި އެވެ.
މަރުގެ އަދަބު ތަންފީޒު ކުރުމަށް އެންމެ ގިނަ މަސައްކަތްތަކެއް އަމަލީ ގޮތުން މިހާތަނަށް ކުރި ޔާމީންގެ ސަރުކާރުންނެވެ. އެ ސަރުކާރުގައި ގަވައިދެއް ހަދައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ގޮތް ކަނޑައަޅައި، އެކަމަށް ހާއްސަ ތަނެއް ވެސް ޖަލުގައި ހެދި އެވެ. އެކަމުގައި އިސްކޮށް އުޅުއްވި އޭރުގެ ހޯމް މިނިސްޓަރު އުމަރު ވެސް ވިދާޅުވި ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދާތީ، ވަރަށް ބޮޑެތި ފިއްތުންތަކާ ކުރިމަތިލާން ޖެހުނެވެ.
އުމަރު ނަސީރު: އޭނާ ވިދާޅުވި ގޮތުގައި މަރުގެ ހުކުމް ތަންފީޒު ކުރަން އުޅުމުން އެކި ގޮތްގޮތުން އީޔޫގެ ފިއްތުންތައް ކުރިމަތިވި - ފޮޓޯ: މިހާރު
އުމަރު ވިދާޅުވީ މަރުގެ އަދަބު ރާއްޖޭގައި ތަންފީޒުކޮށްފި ނަމަ، އީޔޫ އިން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށާއި އެކަމުގެ އިންޒާރު ދެމުން ގެންދިޔަ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖެ އަށް ދޭ ސްކޮލަޝިޕްތައް ކަނޑާލުމާއި މަހުގެ ޑިއުޓީ ކަނޑާނުލުން ފަދަ އިންޒާރުތައް އެކި ގޮތްގޮތުން އެކި ފެންވަރުގައި ދެމުންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އީޔޫ އިން އެންމެ ބޮޑަށް ޕްރެޝަރު ކުރީ. އީޔޫގެ ހުރިހާ އެމްބެސެޑަރުން އެއްކޮށް އަޅުގަނޑާ ބައްދަލު ކުރަން އައި. ފަހަރަކު މީހަކު ވަދެ ބުނި މަރުގެ އަދަބާ ދެކޮޅު ކަން. އެ މީހުން ދޭ އެހީ މެދުކަނޑާލާނެ ކަމަށް ވެސް ބުނޭ އެކަން އެގޮތަށް ކޮށްފިއްޔާ. އަޅުގަނޑު ބުނަން އެއީ ކަލޭމެންނާ ބެހޭ މައްސަލައެއް ނޫނޭ،" އުމަރު ވިދާޅުވި އެވެ.
ކުރިން ވެސް ވާހަކަ ދެއްކެވި ޔާމީންގެ ސަރުކާރުގެ އިސް ބޭފުޅާ ވިދާޅުވީ ސިޔާސީ އެކި ކަންކަމުގައި އީޔޫ އަށް މަޝްވަރާ ކުރައްވަން ވަޑައިގަތުމުން ވެސް އީޔޫގެ ޑައިރެކްޓަރާއި ފިޝަރީޒް ޑައިރެކްޓަރާ އޭނާ ބައްދަލުކުރައްވަން އެދޭ ކަމަށެވެ.
"އެއީ އީޔޫގެ ފިޝަރީޒްގެ ކަންތަކަށް ލުޔެއް ދޭނެ ކަމުގެ ޔަގީންކަމެއް މި ދެނީ ސިޔާސީ މިހެން ހުންނަ ކަންކަމުގެ މަޝްވަރާއާ ގުޅުވާފައި. މިހެން ވަރަށް ނުސީދާކޮށް އެ މީހުން ޑިމާންޑްކޮށް، ޕްރެޝަރުތައް ކުރަމުން ދިޔައީ. އީޔޫގެ އާންމު ގޮތެއްގައި ޑިމާންޑްތަކުގެ ގޮތުގައި މި ހުންނަނީ މަރުގެ އަދަބާއި އެެއްޖިންސުން ގުޅުން ހިންގުމާއި ދީނީ މިނިވަންކަން ފަދަ ކަންކަން،" އޭނާ ވިދާޅުވި އެވެ.
"އެ މީހުންނަށް އެނގޭ މަހުގެ ޑިއުޓީ އަކީ ރާއްޖެ އަށް ވަރަށް މުހިންމު އެއްޗެއް ކަން. މަހުގެ އަގު ހިފަހައްޓަން ޑިއުޓީ ކަނޑައިދޭން ސަރުކާރުތަކުން އެދެމުންދާ ކަން. އެފަދަ ކަންކަން ފަހިކޮށްދޭން ނުސީދާ ގޮތުން އަންނަ ޑިމާންޑްތަކަކީ އެއީ އަބަދުވެސް."
ޔާމީންގެ ސަރުކާރުގައި މަރުގެ އަދަބާ ގުޅިގެން ބޭރުން އައި ފިއްތުންތަކާ އެންމެ ބޮޑަށް ކުރިމަތިލައްވަން ޖެހިވަޑައިގަތް އަނެއް ބޭފުޅަކީ އެ ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނެވެ. މި ރިޕޯޓަށް ވާހަކަ ދައްކަވަމުން ދުންޔާ ވިދާޅުވީ ރާއްޖެ އޮތް ހާލަތުގައި މަރުގެ އަދަބު ތަންފީޒު ކުރުމަކީ އޭނާ އަމިއްލަ ހަސިިއްޔަތުން ގަބޫލު ކުރެވޭ ކަމެއް ކަމަށް ނުވި ނަމަވެސް، އެކަމާ ގުޅޭ ގޮތުން ކެބިނެޓުން ވަކި ގޮތެއް ނިންމާފައި އޮތުމުން އެ ސްޓޭންޑް، މަގާމުގައި ހުންނަވައިގެން ދަމަހައްޓަވަމުން ގެންދެވި ކަމަށެވެ.
"ބޭރުގެ ވަރަށް ގިނަ ޕްރެޝަރުތައް އަންނަމުންދިޔައިރު ވެސް ރައީސް ޔާމީންގެ ކެބިނެޓްގެ ނިންމުމަކަށްވާތީވެ އަޅުގަނޑު ދިޔައީ އެ ދިފާއު ކުރަމުން. ބޭރުން އިންޓަނޭޝަނަލީ ވަރަށް ބޮޑު މޫވްމެންޓެއް މިހާރު ހިނގާތާ 2-3 ޑިކޭޑަށްވުރެ ވެސް ގިނަވެދާނެ މުޅި ދުނިޔެ މި ދަނީ މަރުގެ އަދަބު ބޭން ކުރަމުން ނުވަތަ އެ ތަންފީޒު ނުކުރާ ގޮތަށް ހާއްސަކޮށް ޔޫރަޕްގެ ގައުމުތަކުން މި ލީޑް ކުރަނީ. ޔޫކޭ ވެސް އޭގައި އެބަ ހިމެނޭ،" ދުންޔާ ވިދާޅުވި އެވެ.
ދުންޔާ މައުމޫން: ފޮރިން މިނިސްޓަރު ކަމުގައި ހުންނެވިއިރު މަރުގެ އަދަބާ ގުޅޭ ގޮތުން ބޭރުގެ ގިނަ ފިއްތުންތަކާ ކުރިމަތިލައްވަން ޖެހުނު ކަމަށް ވިދާޅުވި - ފޮޓޯ: މިހާރު
ބޭރުގެ ގައުމުތަކުން ފޮރިން މިނިސްޓަރުގެ އަރިހަށް ކުރާ ޒިޔާރަތްތަކުގައި މަރުގެ އަދަބު ރާއްޖޭގައި ތަންފީޒު ކުރާތީ ފާޅުކުރާ ކަންބޮޑުވުންތަކަށް ޖަވާބު ދިނުމުގެ ގޮތުން އަބަދުވެސް ދޭ ޖަވާބަކީ ދުންޔާ ވިދާޅުވި ގޮތުގައި، ބޭރުގެ ބައެއް ގައުމުތަކުގައި މިސާލަކަށް އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި ވެސް އެ އަަދަބު ދެމުން ގެންދާ ކަމެވެ. އަދި ރާއްޖޭގައި ވެސް ބޮޑެތި ކުށްތައް އިތުރުވަމުންދާތީ، ހަރުކަށި އަދަބު ދީގެން ނަމަވެސް އެކަންކަން ހުއްޓުވަން ސަރުކާރުން ބޭނުންވާކަން ކަމަށް ދުންޔާ ވިދާޅުވި އެވެ.
"މަރުގެ ހުކުމް ތަންފީޒު ކުރަން ބޭނުންވާ ގައުމުތަކުން މި ބުނަނީ ބޮޑެތި ކުށްތަކަށް ހާއްސަކޮށް މަރުގެ ކުށްތައް ހުއްޓުވޭނެ ގޮތަކީ މަރުގެ އަދަބުކަން. އެއާ އިދިކޮޅު މީހުން މި ބުނަނީ ރިސާޗް އެބަ ދައްކައޭ ވަކި ހަރުކަށި އަދަބު ހުރެގެން އެ ކުށްތައް މަދެއް ނުވޭ. އެއަށްވުރެ ރަނގަޅު ގޮތަކީ ކުދިން ތަރުބިއްޔަތުކުރުމާއި އިޖުތިމާއީ މައްސަލަތަކާއި ޕްރެވެންޓް ކުރަން ކުރަންޖެހޭ މަސައްކަތްތަކޭ،" ދުންޔާ ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ، އެ ޕްރެޝަރުތަކާއި އިންޒާރުތައް އަންނަން ފެށުމުން ރާއްޖެ އަށް އީޔޫގެ ދަތިކުރުން އަޅައިފި ނަމަ، ލިބިދާނެ ގެއްލުން އޭނާ ވަޒަންކުރި ކަމަށެވެ. އެ ހިސާބު އޭނާ އަށް ދެއްވި ރާއްޖޭގެ އިސް ޑިޕްލޮމެޓަކާ ހަވާލާދެއްވައި ވިދާޅުވީ، އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް ތިން މިލިއަން ޑޮލަރުގެ އެހީ އެކި ގޮތްގޮތުން ރާއްޖެ އަށް ލިބޭ ކަމަށާއި ލިބޭނެ ގެއްލުމަކީ އެ ކަނޑާލުން ކަމަށެވެ. އުމަރު ގަބޫލު ކުރައްވާ ގޮތުގައި އެއީ ރާއްޖެ އަށް މާބޮޑު އެއްޗެއް ނޫނެވެ. އެއީ ގިރާކުރެވޭނެ ޕްރެޝަރެއް ކަމަށް ދެކެވަޑައިގަންނަވަ އެވެ.
ޔާމީންގެ ސަރުކާރާ ހިލާފަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަރުގެ ހުކުމް ތަންފީޒުކުރުމަށް އަމަލީ ގޮތުން ބޮޑު މަސައްކަތެއް ކޮށްފައި ނުވާއިރު ސްޓޭންޑަކީ މަރުގެ ހުކުމް ތަންފީޒު ކުރުން ފަސްކޮށްފައި ބޭއްވުމެވެ. ނަމަވެސް، މިހާރު މި ހިނގާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ މަރުގެ ހުކުމް ތަންފީޒު ކުރާނެ ސަރުކާރެއް ކަމަށް ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި "މިހާރު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވެފަ އެވެ.
މިނިސްޓަރުގެ އެ ވިދާޅުވުމާ އެކު ބޭރުގެ ފިއްތުންތައް ރާއްޖެ އަށް އަނެއްކާވެސް ވަނީ ފޯރަން ފަށައިފަ އެވެ.
އޭނާ އެހެން ވިދާޅުވިތާ 2-3 ދުވަސް ފަހުން، ހިއުމަން ރައިޓްސް ވޮޗްގެ އެސޯސިއޭޓް އޭޝިއާ ޑިރެކްޓަރު ޕެޓްރިޝިއާ ގޮސްމަން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މަރުގެ އަދަބު ތަންފީޒު ކުރަން ދިވެހި ސަރުކާރުން ނިންމި ނިންމުން އަނބުރާ ގެންދަން ޖެހޭ ކަމަށެވެ. އަނިޔާވެރި އަދި ލާއިންސާނީ އަމަލު އުވާލުމަށް ދުނިޔޭގައި ކުރާ މަސައްކަތާ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު އެއްގޮތް ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހިއުމަން ރައިޓްސް ވޮޗަކާ ބެހޭ މައްސަލައެއް ވެސް ނޫން މިއީ. އެ މީހުން މާ ރަނގަޅުވާނެ ފަލަސްތީނު މައްސަލާގައި އުޅުއްނިއްޔާ،" އުމަރު ވިދާޅުވި އެވެ. ނަމަވެސް އެ އަންނަ ޕްރެޝަރުތަކުގެ ކުރިމަތީގައި މި ސަރުކާރަށް ސާބިތުވެ އޮވެވިދާނެ ކަމަކަށް އުމަރު ގަބޫލެއް ނުކުރައްވަ އެވެ.
"މިކަން ކުރެވޭނީ ވަރަށް ވަރުގަދަ ލީޑަރަކަށް،" އުމަރު ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު އަލީ އިހްސާން އާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް: މަރުގެ ހުކުމް ތަންފީޒު ކުރާ ވާހަކައާ އެކު ބޭރުގެ ޖަމިއްޔާއަކުން ވަނީ ކަންބޮޑުވެފައި -
މި ރިޕޯޓަށް ވާހަަކަ ދެއްކެވި ވަކީލަކު ވިދާޅުވި ގޮތުގައި ރާއްޖެ އިން ބޭނުންވެއްޖެ ނަމަ ބޭރުގެ ގައުމުތަކާ އެކު ވެފައި ހުންނަ ބޮޑެތި އެއްބަސްވުންތައް އުވާލައި ގޮންޖަހާފައި އެބަހުރި ކަމަށާއި އެހެންވީމާ ހުކުމެއް ތަންފީޒު ކުރަން އެ ޕްރެޝަރުތަކާ ކުރިމަތިލާން ސަރުކާރަށް ނުކެރެންވީ އެއްވެސް ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.
"ޕްރެޝަރުތަކުގެ ވާހަކަ ދައްކާއިރު ބޭރުގެ ޕްރެޝަރެއް ދީނީ މިނިވަންކަން އޮތަށް ގޮވާލުމަކީ ވެސް. އެކަމަކު އަޅުގަނޑުމެން މުއާހަދާތަކުގައި މި ބައިވެރިވަނީ ވެސް އެ ރިޒަވޭޝަންސްތައް އަޅުގަނޑުމެންގެ ހުރިކަން ބުނެދީގެން. އަޅުގަނޑުމެންނަށް މަޖުބޫރެއް ނުކުރެވޭނެ، އަޅުގަނޑުމެންގެ އުސޫލުތަކަށް އިހުތިރާމް ކުރަން ޖެހޭނެ. ބަޔަކު ޕްރެޝަރު ކުރިޔަސް އަޅުގަނޑުމެން އެ އެންޓަޓައިން ކުރާކަށް ނުޖެހޭ،" ވަކީލް ވިދާޅުވި އެވެ.
ރާއްޖޭން ބޭރުގެ ޕްރެޝަރުތައް އެއް ފަރާތްކޮށް މަރުގެ ހުކުމް ތަންފީޒު ކުރަން ގަދަ ދައްކާލިޔަސް، ރާއްޖޭގެ ޝަރުއީ ދާއިރާގެ އިސް ބޭފުޅަކު ދެކެވަޑައިގަންވާ ގޮތުގައި މަރުގެ އަދަބު ދެން ވެސް ރާއްޖޭގައި ތަންފީޒު ކުރަން ފަސޭހައެއް ނުވާނެ އެވެ. ރާއްޖޭގެ އެތެރެއިން ވެސް އެކަމާ ދެކޮޅު އެތައް ކަމެއް ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެ މުހިންމު ކަމަކީ ޝަރުއީ ދާއިރާ އަށް އިތުބާރު ނެތުން. ފަނޑިޔާރުންނަށް އިތުބާރު ނެތުން. އަޅުގަނޑަކަށް ނެތް އިތުބާރެއް. އެބަ އެނގޭ ބުނަން މިވެނި ގާޒީއަކަށް އިތުބާރު ނުކުރެވޭކަން. ކޮރަޕްޝަނާއި ނުފޫޒުގެ ތެރެއިން އަންނަ ހުކުމެއްގެ ދަށުން މީހެއްގެ މައްޗަށް މަރުގެ އަދަބެއް ދެވެން ހެޔޮ ނުވާނެ،" ކުށްވެރިންނާ ގުޅޭ ގިނަ މަސައްކަތްތަކެއް ކުރައްވާ އެ ބޭފުޅާ ވިދާޅުވި އެވެ.
އެކަން ކުރަން އުޅޭ މީހާ އަށް ވެސް އެކަން ނުކުރެވޭނެ."
އޭނާ ވިދާޅުވި ގޮތުގައި އިސްލާމީ ޝަރީއާ ވެސް ބާރު އަޅަނީ ޝައްކެއް ނެތި އަދަބު ދިނުމަށެވެ. ޝައްކާއި ވަހުމާއި ނުފޫޒު އިންތިހާ އަށް ޝަރުއީ ދާއިރާއަށް އޮތްއިރު، އިސްލާމީ ޝަރީއާއާ އެއްގޮތަށް މަރުގެ އަދަބު ނުދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިސްލާމީ ޝަރީއާއަކީ ހަމައެކަނި ނަތީޖާއެއް ނޫން. އިޖުރާއަތާއި މަރުހަލާ އަކީ ވެސް ވަރަށް ސީރިއަސްކޮށް އިސްލާމީ ޝަރީއަތުގައި ބަލާ އެއްޗެއް. އިޖުރާއަތާއި މަރުހަލާ ވާން ޖެހޭނީ، އިސްލާމީ ޝަރީއާގައިވާ ގޮތަށް ފެއާ އެއްޗަކަށް. އެކަމެއް ރާއްޖޭގެ ޝަރުއީ ދާއިރާގައި ހިތާމާއާ އެކު ނެތް،" އޭނާ ވިދާޅުވި އެވެ.
ދުންޔާ މައުމޫން ވިދާޅުވީ މަރުގެ ހުކުމާ ދެކޮޅަށް ބޭރުގެ ގައުމުތަކުން އެންމެ ބޮޑު ޕްރެޝަރެއް ކުރިމަތިކުރުވާ އެއް ސަބަބަކީ ވެސް އެމީހުން ބުނާ ގޮތުން ރާއްޖޭގެ ޝަރުއީ ނިޒާމް އޮތް ހާލަތެވެ. ނިޒާމްގައި މިނިވަންކަމާއި ނަޒާހަތްތެރިކަން ނެތުމަކީ އެ ގައުމުތަކުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރި ކަމެއް ކަމަށް ދުންޔާ ވިދާޅުވި އެވެ.
"ރާއްޖޭގެ ޝަރުއީ ނިޒާމަކީ އެހާ ނުފޫޒުތަކުން ރައްކާތެރިކުރެވިފައި އޮތް ތަނަކަށް ނުވާއިރު ސިޔާސީ ގޮތުން ނޫނީ އެހެން ވެސް ކަހަލަ ނުފޫޒުތަކެއް އައިސްގެން އެ އަދަބު ލިބެންޖެހޭ މީހާ ނޫން މީހަކަށް އެ އަދަބު ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ގައުމުތަކުގެ ބޭފުޅުން އަޅުގަނޑަށް ދަންނަވަމުން ދިޔައީ، އޭރު އަޅުގަނޑުމެންނަށް ފެނޭ ބަންގްލަދޭޝް ފަދަ ގައުމުތަކުގައި މަރުގެ އަދަބު އިއްވިއިރު ސިޔާސީ އެއް ބޭފުޅަކު ބާރުގައި ހުންނަވައިގެން އިދިކޮޅު ފަރާތްތަކަށް އެބަ ގެންނަވާ މަރުގެ އަދަބު. އެއީ ކަންބޮޑުވުމެއް،" ދުންޔާ ވިދާޅުވި އެވެ.
މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ކުރަން ޖެހޭ ބައިވަރު ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު ކަމަކީ ރާއްޖޭގެ ޝަރުއީ ދާއިރާ ކުރިއެރުވުން ކަން، ކުރިން ވާހަކަ ދެއްކެވި ޔާމީން ސަރުކާރުގެ އިސް ބޭފުޅާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކޯޓުތަކުން ކުއްލި ކުއްލިއަށް ނިންމުންތައް ބަދަލުވެގެންދާ ތަން ފެންނަ ކަމަށާއި އެފަދަ ކަންކަމުން އެއްކިބާވެގެން ނޫނީ އިތުބާރެއް ނުލިބޭނެ ކަމަށެވެ.
މަރުގެ ހުކުމެއް ސުޕްރީމް ކޯޓުން އިއްވި ރެއެއްގައި ފުލުހުން ސަލާމަތީ ކަންކަން ބަލަހައްޓަނީ - ފޮޓޯ: މިހާރު
"ޝަރުއީ ދާއިރާއަށް ވުރެ ވެސް ބޮޑަށް މީހުންގެ ޑިވެލޮޕްމެންޓް މުހިންމު. ޝަރުއީ ދާއިރާ ވަރަށް ބޮޑު ތަން ރަނގަޅުވެގެން ވެސް އައިސްފި. އެކަމަކު ސިސްޓަމަށް ވުރެ ވަކިވަކި މީހުން ވެސް އެބަ ޖެހޭ ތަރައްގީ ވާން. ނުފޫޒުން އެއްކިބާވެ، ހުކުމް ކުރެވޭ މިންވަރަށް އިންސާނާގެ ސިކުނޑި ތަރައްގީވެގެންތާ އޭނާ އަށް ކުރިއަށް ދެވޭނީ،" އޭނާ ވިދާޅުވި އެވެ.
އަމަންއަމާންކަން ވަރަށް ބޮޑަށް ބެލެހެއްޓިގެން ނޫނީ މީހަކު ހެކިބަސް ވެސް ދޭކަށް ބޭނުމެއް ނުވާނެ. އެ ކަހަލަ ބައިވަރު ކަންކަން އެބަހުރި. ފޮރެންސިކް ތަހުލީލުތައް ވެސް ކުރިއަރަން ޖެހޭ. މުޖުތަމައު އެހާ ހިސާބަށް ގޮސްފި ނަމަ، ކުރަން ޖެހޭ ގޮތަށް އޮންނަ ކަމެއް ކަމަށް އަޅުގަނޑަށް ފެންނަނީ މިކަމަކީ."
ނަމަވެސް، މި ވިސްނުމާ ކްރިމިނަލް ކޯޓުގެ ގާޒީ ކަން ކުރިން ކުރެއްވި ބޭފުޅަކު ހިޔާލު ތަފާތެވެ. އޭނާ ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާ އަށް އިތުބާރު އެބަ އޮތެވެ. ސިޔާސީ ކޮންމެވެސް އެއް ބަޔަކަށް އަބަދުވެސް ޝަރުއީ ދާއިރާ ކަމުނުދާނެ ކަމަށް ވިދާޅުވި އެވެ. އަދި ދާއިރާ އަށް އިތުބާރު ނެތް ކަމަށް ބުނެ އިސްލާމީ ޝަރީއާ އާއި ގާނޫނުގައި ބަޔާންކުރާ އަދަބެއް ތަންފީޒުނުކޮށް ތިބުމަކީ، އޭނާ ގަބޫލު ކުރައްވާ ގޮތުގައި ހަމަޖެހޭ ކަމެއް ނޫނެވެ.
"މީހުންގެ އަމަލުތައް އަންނާނެ ގޮތާއި ސިސްޓަމް ކޮރަޕްޓް ވަންޏާ ކޮރަޕްޓްވާނެ ގޮތާއި މިންވަރަކީ މި ހުރިހާ ކަމަކީ އެ ހުކުމް ބާއްވާލެއްވިއިރު ވެސް ހުކުމް ބާއްވާލެއްވި ފަރާތަކަށް އެކަން ދެނެވޮޑިގެންވާނެ. ސިސްޓަމްގެ އިތުބާރު ނެތް ކަމުގެ ވާހަކަ ދައްކާއިރު، ސިސްޓަމަކީ ހަގީގަތުގައި ރައްޔިތުންގެ ރިފްލެކްޝަނެއް. ރައްޔިތުން ވޯޓުލާ ބަޔަކު މަޖިލީހަށް ގޮސްގެން އެ މީހުން އެޕޮއިންޓް ކުރާ ބަޔަކު މަގާމުތަކުގައި މި ތިބެނީ،" އޭނާ ވިދާޅުވި އެވެ.
"މި ހުރިހާ އެއްޗެއް ގުޅިގެން ފެށިގެން އަންނަނީ ރައްޔިތުންނުން. ހުރިހާ ކަމެއްގެ ވެސް އަސްލަކީ ރައްޔިތުން."
އޭނާ ވިދާޅުވި ގޮތުގައި މަރަށް މަރު ހިފުމުގެ އަދަބު ތަންފީޒު ނުކުރެވޭ ވަރުގެ ކަމެއް ޝަރުއީ ދާއިރާ އިން ނުފެނެ އެވެ. މިހާރު މަރުގެ ހުކުމް އިއްވާފައި ތިބި މީހުންގެ މައްސަލަތަކަށް ބަލާއިރު ވެސް އެ ހުކުމާ މެދު ސުވާލު އުފެދޭ އެއްވެސް މައްސަލައެއް ނެތް ކަން ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މަރުގެ މައްސަލަތައް ސާބިތުވެފައި ހުރީ އިއުތިރާފުގެ މައްޗަށް ނޫނީ އިއުތިރާފަށް ބާރު ލިބޭ އެހެން ގިނަ ހެކިތަކެއް ދައުލަތުން ސާބިތުކޮށްދީގެންނެވެ.
އެހެން ނޫނީ، ދައުވާ ލިބޭ މީހާގެ މައްޗަށް އެކަށީގެންވާ ގިނަ، ވަރުގަދަ ހެކިތައް ދައުލަތުން ސާބިތުކޮށްދީގެން ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި މަރުގެ ހުކުމްތައް ތަންފީޒުކުރުމާ ހަމައަށް އަންނަނީ ޝަރުއީ ތިން މަރުހަލާ ކަނޑަތުކޮށް އެތައް ފަނޑިޔާރުންނެއްގެ އަތްމަތިން ކަމަށާއި އެއީ އެ ހުކުމަށް އިތުބާރު ކުރަން އެކަށީގެންވާ މިންވަރެއް ކަމަށެވެ.
"އެހެންވީމާ އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނުފެނޭ ޝަރުއީ ދާއިރާ ގޯސް ކަމަށް ބުނެ މަރުގެ ހުކުމް ތަންފީޒު ނުކުރުމަކީ އޮތް ހުރަހެއް ކަމަކަށް."
ކްރިމިނަލް ކޯޓު: ޝަރުއީ ދާއިރާއަށް އިތުބާރު ނެތް ކަމަށް ބުނެ ހުކުމް ތަންފީޒު ކުރުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް ކުރީގެ ގާޒީއަކު ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
މަރުގެ ހުކުމް ތަންފީޒު ކުރުމާ މެދު ބަހުސެއް އުފެދިފައިވަނިކޮށް، މި ރިޕޯޓަށް ކޮމެންޓް ކުރައްވަމުން ހޯމް ލޭންޑް މިނިސްޓަރު އިހްސާން އަނެއްކާވެސް ޔަގީން ކަން ދެއްވި ސަރުކާރުގެ ސްޓޭންޑް މިކަމުގެ ވަރުގަދަ ކެމެވެ. މިނިސްޓަރު ވިދާޅުވީ މި ސަރުކާރަކީ މަރުގެ އަދަބު ތަންފީޒު ކުރާނެ ސަރުކާރެއް ކަމަށާއި އެކަމަށް ބަދަލެއް ނާންނަ ކަމަށެވެ. އެކަމަކު، މައްސަލާގައި ތަފުސީލްކޮށް ޖަވާބެއް ދެއްވޭނީ ސަރުކާރުގެ މަޝްވަރާތަކަށް ފަހު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މަރުގެ އަދަބު ތަންފީޒު ކުރުމާ ގުޅޭ ގޮތުން މިހާތަނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާއިރު، އުމަރު ގަބޫލު ކުރައްވާ ގޮތުގައި މިކަމުގައި ސަރުކާރުގެ ރަސްމީ ނިންމުމެއް އޮންނަން ޖެހެ އެވެ. ހޯމް މިނިސްޓަރު ހަމައެކަނި ވިދާޅުވާ ވިދާޅުވުމަކުން ނުނިމޭ ކަމަށާއި މިކަމާ އެކު ކުރިމަތިލާން ޖެހޭނެ ކަންކަމަށް ތައްޔާރުވެ، ސާބިތުވެ ތިބެން ޖެހޭނެ ކަމަށް އުމަރު ވިދާޅުވި އެވެ.
ކުރީ ސަރުކާރުގެ އިސް ބޭފުޅާ ވެސް ވިދާޅުވީ މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމަށް ސަރުކާރުން އިއުލާން ކުރުމާއި އެކަން ކުރި ގޮތުން ވަރަށް ބޮޑެތި ފިއްތުންތައް ބޭރުގެ އެކި ފަރާތްތަކުން އަންނާނެ ކަމަށެވެ. އެ ފިއްތުންތަކާ ދެކޮޅަށް މަސައްކަތް ކުރުމަކީ ބޮޑު ގޮންޖެހުމަކަށް ސަރުކާރަށް ކުރި އޮތް ދުވަސްތަކުގައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އުމަރުގެ އޮފީހަށް ފިއްތުންތަކާ އެކު އެމްބެސެޑަރުންގެ ވަފުތައް ވަޑައިގެންނެވި ގޮތަށް އިހުސާންގެ އޮފީހަށް ވެސް މި ފިއްތުންތައް ދާދި އަވަހަށް ފޯރާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލްއަފީފުދީދީ
25 December 2023
އުނދަގުލެއްނުވާނެ. އިންޑިޔާއިން ދީފަހުރި ސާރޗް އެންޑް ރެސްކިޔު ބޯޓްތައް ބޭނުންނުކޮއްވެސް މީހަކަށް މަރުގެ އަދަބު ދެވިދާނެ.
ނަސީމާ ނައީމް
25 December 2023
މަރުގެ ހުކުމް ތަންފީޒުކުރަންޏާ މި ރާއްޖޭގައި މާރާމާރީ ހިންގުން މަދުވެގެންދާނެކަން ކަށަވަރު.
ޖިއާން
25 December 2023
ސަރުކާރަކީ ބޭރުދުނިޔޭގެ ނުފޫޒުން އެއްކިބާވެފަ އިން ސަރުކާރެއްކަން ހާމަވޭ.
ހުޔާާ
25 December 2023
އެންމެ ބޮޑު ގޮންޖެހުމެއް ކުރީ ސަރުކާރުން އައީ މަރުގެ ހުކުމް ތަންފީޒްކުރުމަށް. މިކަން އިރާދަކުރެއްވިއްޔާ ނިންމާނީ މިސަރުކާރުން.
ޒަމީލްް
25 December 2023
ހުރިހާ ގޮންޖެހުންތަކާއެކުވެސް ރައީސް މުއިއްޒު މިކަން ތަންފީޒުކުރަންވާނެ.
އަސްލަމް ވަހީދު
25 December 2023
ދީނުގެ ހުކުމްތައް ރައީސް މުއިޒް ދަމަހައްޓާނެ. ފުރިހަމަ ޔަގީންކަން އެބައޮތް.
ރިފްގާ މުހައްމަދު
25 December 2023
ހަމަ ގައިމުވެސް މި ސަރުކާރުން ދީނީ ކަންކަމަށް އަހައްމިއްޔަތުކަން ދޭނެ. ތޯތޯއެއް ނުވާނެ.
ސުނޭނާ މުހައްމަދު
25 December 2023
ޔަގީން ކަށަވަރު. ހިތްވަރުގަދަ ލީޑަރެއް އެއީ.
ހިއުމަން ކިލާރސް
25 December 2023
ހެއްވާ ކަމަކީ މަރުގެ އަދަބު ދިނުން ހުއްޓުވާން މިގޮވާނަގަނީ ފަލަސްތީނުގެ މައުސޫމް ރައްޔިތުންތަކެއް ރޯމާދުވާލު ކަތިލަމުންދާއިރު އެއީ އިންސާނީ ހައްގު ތަކަށް އަރައިގަތުމެއް ކަމަށް ނުފެންނަ ހިއުމަން ރައިޓްސް ވޮޗަކާ އެމެރިކާއަކާ ޔޫއެން އަކާ ކޮމަންވެލްތެއް. އިންސާނީ ހައްގޭ ކިޔާފަ ތި ބަެިގަނޑު އަނގަހުޅުވިޔަސް ދުވަނީ ނޭފަތަށްނުކުޅަދާނަ ކުނިވަހެއް
ތީރުއައިސާ
25 December 2023
މުނާފިގުން ތޮއްޖެހިފަ އޮތް ދުނިޔެއެއްގަ ފަސޭހައެއްނުވާނެ 5 ނަމާދު ކުރާކަށް ވެސް.