އެމްޑީޕީ ދޫކުރައްވައި ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެންނެވި ބައެއް މެންބަރުން: މި ބަދަލާ އެކު އެންޓި-ޑިފެކްޝަން ގާނޫނު އަލުން ގެނައުމުގެ މަސައްކަތް ވަނީ ފަށާފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
31 ޑިސެމްބަރ 2023 - 07:45
އެމްޑީޕީއިން ރައްޔިތުންގެ މަޖިލީހުގެ ދެ ގޮނޑިއެއްގެ ބައި-އިލެކްޝަން ކާމިޔާބު ކުރަން މުޅި ދައުލަތް އެ ދިމާއަށް އަރި އަޅުވައިލިއެވެ. އެތައް ސަތޭކަ މިލިއަން ރުފިޔާއެއް އިންތިހާބުގައި ދައުލަތުން ހަރަދުކޮށް، އެ ދެ ގޮނޑި ކާމިޔާބު ވެސް ކުރިއެވެ. އެކަމަކު، އެމްޑީޕީގެ "ރަން ގޮނޑި" ކަމަށް ބުނާ ކޮމަންޑޫ ދާއިރާ އަދި ގުރައިދޫ ދާއިރާގެ ގޮނޑި ކުޑަހިނދުކޮޅެއް ތެރޭގައި މިއަދު އެ ޕާޓީއަށް ވަނީ ބީވެފައެވެ.
މިއީ މި ރިޕޯޓްގައި ލިޔާ މައުޟޫއު ހުޅުވޭ ހިސާބެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވާ ޕާޓީ ދޫކޮށް، އެހެން ޕާޓީތަކަށް ބަދަލުވުމަކީ މިހާރު ރާއްޖޭގެ ސިޔާސީ މައިދާނުގައި އާންމު ކަމަކަށް ވަނީ ވެފައެވެ. އެކަމުގެ ސަބަބުން ގާނޫނު ހަދާ ބާރު ކަމަށްވާ މަޖިލީހާ މެދު ރައްޔިތުންގެ އޮތް އިތުބާރު ގެއްލި، މުޅި ނިޒާމާ މެދު ވެސް އުފެދޭ ސުވާލުތަކާއި ޝަކުވާތައް ގިނައެވެ.
ގުރައިދޫ އަދި ކޮމަންޑޫ ދާއިރާގެ ގޮނޑިއާ އެކު މާލޭގެ މާފަންނު ދެކުނު ދާއިރާގެ ގޮނޑި ވެސް އެމްޑީޕީއަށް މި ފަހުން ވަނީ ގެއްލިފައެވެ. އެ ދާއިރާގެ މެންބަރު އާދަމް އަލީ (އާދަންކޮ) އަކީ ސިޔާސީ ގޮތުން މަގުބޫލު ބޭފުޅެއް ނޫނެވެ. އޭނާއަށް މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެވުނު ހަމައެކަނި ސަބަބަކީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމާއި އެ އިންތިހާބު އައިިއިރު މާލޭގައި އެމްޑީޕީއަށް އޮތް ތާއިދެވެ. ނަމަވެސް، މިއަދު އޭނާއަކީ މިހާރު ވެރިކަމުގައި އޮތް ޕީއެންސީގެ މެންބަރެކެވެ.
"އަޅުގަނޑު ވޯޓްލާ ދާއިރާގެ މެންބަރަށް ވޯޓު ދިނީ އާދަމް އަލީ [މާފަންނު ދެކުނު ދާއިރާގެ މެންބަރު] ވެގެންނެއް ނޫން، އެމްޑީޕީ ޓިކެޓްގައި ވާދަކުރި ކެންޑިޑޭޓް ވެގެން. ޕާޓީ ބަދަލުކުރުމާ އެކު، އަޅުގަނޑުގެ ވޯޓު މިހާރު ހައްގެއް ނުވާނެ،" މާފަންނު ދެކުނު ދާއިރާގެ ރައްޔިތެއް ކަމަށްވާ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ވިދާޅުވި އެވެ.
"ޕާޓީން ވަކިވާން ވާނީ ގޮނޑި ދޫކޮއްލާފައި. ރީތި ގޮތަކީ މަޖިލިސް ގޮނޑިން އިސްތިއުފާ ދިނުން."
ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ކޮންޓްރޯލް ކުރާ އެމްޑީޕީގެ 13 މެންބަރަކު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ ސަރުކާރު ހިންގާ މައި ޕާޓީ، ކޮންގްރެސް ޕާޓީ (ޕީއެންސީ)އާ ގުޅިވަޑައިގެންފައެވެ. މަޖިލީހަށް ހޮވިވަޑައިގެންނެވި ފިކުރާ ދިމާ އިދިކޮޅު ޕާޓީގެ ފިކުރަށް ކުއްލި ގޮތަކަށް މެންބަރުން އެނބުރުމުން ފާޑުކިޔުމާއި ތުހުމަތުތައް އަމާޒުވެފައިވާއިރު، ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލެން ޖެހޭނެ ކަމުގެ ބަހުސް އަނެއްކާވެސް ގަދަވެފައިވަނީ މިހެންވެއެވެ.
އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރު އިކްރާމް ހަސަން ގަބޫލު ކުރައްވާ ގޮތުގައި މެންބަރުން ކުއްލިއަކަށް ޕާޓީ ބަދަލުކުރުމުގެ ފަހަތުގައި އޮތީ ދެ ސަބަބެކެވެ. އޭނާ ވިދާޅުވީ ކުއްލިއަކަށް މުޅި ފިކުރު ދޫކޮށްލައި އެހެން ޕާޓީއަކާ މެންބަރުން ގުޅެނީ މާލީ މަންފާތަކެއް ވެސް ހިމެނޭތީ ކަމަށާއި އެ މެންބަރުންނަށް ރައްޔިތުންގެ ބަލައިގަތުމާއި ތާއިދު ލިބޭނެ މަސައްކަތްތަކެއް ވެސް ދައުރު ނިމިގެންދާއިރު ކުރެވިފައި ނުވާތީ ކަމަށެވެ. އެހެންކަމުން، މުސްތަގުބަލަށް އެހެން ގޮތެއް ހޯދުމުގެ ނިޔަތުގައި މެންބަރުން ޕާޓީ ބަދަލުކުރަނީ ކަމަށް އިކްރާމް ގަބޫލުކުރައްވައެވެ.
"ބޮޑަށް މި ގުޅޭ މެންބަރުންނަކީ މި ދައުރުގައި އެހާ ރަނގަޅު، ރައްޔިތުންނާ ގާތް އަދި ރައްޔިތުންގެ ބަލައިގަތުން އޮންނަ ކަހަލަ މަސައްކަތްތަކެއް ނުކުރެވިފައިވާ މެންބަރުން ބޮޑަށް މީގެ ތެރޭގައި މި ތިބީ. ވަގުތީ މާލީ މަންފާއެއް އަދި ދައުރު ނިމުމުން މި ސަރުކާރުގަ ދާއިމީ، މަހަކު ކޮންމެ ވެސް އެއްޗެއް ލިބޭނެ ކަހަލަ އިންތިޒާމެއް ހަމަޖެހިގެން މަޝްވަރާ ކުރެވިފައިވާ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ،" އިކްރާމް ވިދާޅުވިއެވެ.
"ރައްޔިތުންނާ ގާތުން މަސައްކަތް ކުރެވިފައި އޮތް ނަމަ، މިގޮތަށް ގޮނޑި ވިއްކާލައިގެން އުޅޭކަށް ނުޖެހޭނެ."
ޕާޓީ ބަދަލުކުރެއްވި މެންބަރު އާދަމް އަލީއާ ކޮންގްރެސް ޕާޓީގެ އިސް ބޭފުޅުން ސަލާމް ކުރައްވަނީ - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
އިކްރާމް ވިދާޅުވީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށް، އެ ޕާޓީގެ ތާއިދާ އެކު މަޖިލީހަށް ހޮވުމުން ފްލޯ ކްރޮސް ކުރުން ނުވަތަ ޕާޓީ ބަދަލު ކުރުމަކީ އުސޫލެއްގެ ގޮތުން ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެ ފުރުސަތު އެގޮތަށް ހުޅުވިފައި އޮތުމަކީ ވެސް ބަދަލު ކުރަން ޖެހޭ ކަމެއް ކަމަށް އިކްރާމް ގަބޫލު ކުރައްވައެވެ.
"ހަރުދަނާ ޕާޓީ ނިޒާމެއް އޮންނަ ގައުމެއްގައި ފްލޯ ކްރޮސް ކުރެވިގެން ދިޔުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.
ޕާޓީ ބަދަލުކުރުމުގެ މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިދިނުމަށް 2017 ވަނަ އަހަރު ސަރުކާރުގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދުނެވެ. އެ އަޑުއެހުމުގައި އޭރުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް މުހިންމު ވާހަކަތަކެއް ދައްކަވާފައިވެއެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ވަކި ސިޔާސީ ފިކުރަކަށް ނުވަތަ ޕާޓީއަކަށް ތާއީދުކޮށް، އެ ފިކުރު ޕްރޮމޯޓް ކުރާނެެ ކަމުގެ ޔަގީންކަން ދީގެން މަޖިލިސް އިންތިޚާބުގައި ވާދަކޮށް، މެމްބަރުކަން ލިބުމުން ޕާޓީ ބަދަލުކުރުން (ފްލޯ ކްރޮސް ކުރުން) އަކީ އެ މެމްބަރުން އެ މަގާމުތަކަށް ހޮވި ރައްޔިތުންނަށް ވެފައިވާ ސޯޝަލް ކޮންޓްރެކްޓާ މެމްބަރުން ހިލާފުވުމެވެ.
އެގޮތަށް މެމްބަރުން އަމަލު ކުރުމަކީ ވޯޓު ދިން ރައްޔިތުންގެ ހައްގުތައް ގެއްލި އަދި މެމްބަރުންގެ އަމިއްލަ މަސްލަހަތު އިސްކޮށް، ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫ އަރާފާނެ ކަމެއް ކަމަށް އަނިލް ވިދާޅުވިއެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ މެމްބަރުންނަށް ބޭނުން ކޮންމެ ވަގުތަކު ޕާޓީ ބަދަލުކުރެވޭ ނަމަ އެއީ އެހެން ފަރާތްތަކެއްގެ ނުފޫޒު މެމްބަރުންނަށް ފޯރުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ވުމެވެ.
އަނިލް ވިދާޅުވި ގޮތުގައި ވޯޓު ދިން ރައްޔިތުންގެ ފިކުރާ ހިލާފަށް، މެމްބަރުންނަށް ޕާޓީ ބަދަލުކުރެވޭ ނަމަ އެއީ ގާނޫނު އަސާސީގެ މަގްސަދާ ހިލާފު ކަމެކެވެ. ސަބަބަކީ ބާރުތައް ފެށިގެން އަންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށާއި އެ ބާރުތައް ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށް ގާނޫނު އަސާސީގައި ބުނެފައި އޮތުމެވެ. އެކަމަކު ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ޝަރުތުތަކުގެ ތެރޭގައި ސިޔާސީ ޕާޓީގެ ވާހަކައެއް ނާދެ އެވެ.
މެމްބަރުން ޕާޓީ ބަދަލުކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް އެހެން ބައެއް ގައުމުތަކުގައި ގާނޫނުގައި ލިޔެފައި ހުރެއެވެ. އޭގެ މިސާލަކީ އިންޑިއާ އާއި ސިންގަޕޫރާއި ބަންގްލަދޭޝް އަދި އިނގިރޭސިވިލާތެވެ.
އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޭރުގެ ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ އަތުގައި އޮއްވައި 12 މެންބަރަކު ކުއްލި ގޮތަކަށް ޕާޓީން ވަކިވެވަޑައިގެންނެވުމާ އެކު، ފްލޯ ކްރޮސް ކުރުމުން ގޮނޑި ގެއްލޭ ގޮތް ހެދުމަށް ގިނަ މަސައްކަތްތަކެއްކޮށް އެންޓި-ޑިފެކްޝަން ގާނޫނުގެ ނަމުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ހެދިއެވެ. ނަމަވެސް އެ ގާނޫނު ފާސްކޮށްފައި ވަނީ މަޖިލީހުގެ ކޯރަމް ނެތް ވަގުތެއްގައި ކަމަށް ބުނެ އެ ގާނޫނު ބާތިލް ކުރަން އޭރުގެ އިދިކޮޅު ލީޑަރު އަދި އެންމެ ފަހުން ވެރިކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްވެ ހުންނަވައި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވިއެވެ.
މައްސަލާގައި ސުޕްރީމް ކޯޓުން ކަނޑައެޅީ މެންބަރުން ސިޔާސީ ޕާޓީ ބަދަލު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމާއި ފްލޯ ކްރޮސް ކުރުން ހުއްޓުވަން ރާއްޖެއަށް ގާނޫނެއް ބޭނުންވާ ކަމަށެވެ. އެހެންވެ، ކޯރަމް ނެތީސް ގާނޫނު ފާސްކޮށްފައި އޮތަސް އެއީ އިންތިހާއަށް ބޭނުންތެރި ޒަރޫރީ ގާނޫނަކަށް ވާތީ، އެ ގާނޫނު ސައްހަ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުން ކަނޑައަޅާފައިވެއެވެ.
އެ ހުކުމްގައި ބުނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި މަޖިލީހަށް ކުރިމަތިލާ ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީގެ ފިކުރާއި އައިޑިއޮލޮޖީ ތަމްސީލް ކުރާ މެނިފެސްޓޯއެއް އެ މެންބަރުން ނިސްބަތްވާ ދާއިރާގެ ރައްޔިތުންނަށް ހުށަހަޅައި، އެ ރައްޔިތުންގެ ތާއިދާ އެކު އިންތިހާބުވުމަށް ފަހު، ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުގައި ޖެހި ރައްޔިތުންނަށް އެ މެންބަރުން ވެފައިވާ އަހުދާ ހިލާފަށް އަދި އެ މެންބަރުން އިންތިހާބު ކުރި ދާއިރާގެ ރައްޔިތުންގެ މަސްލަހަތުގެ މައްޗަށް ފަރުދީ އަދި ޒާތީ މަސްލަހަތު އިސްކޮށް އެ މެންބަރުން ޕާޓީ ބަދަލު ކުރުމަކީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށެވެ.
"..އެއީ ސިޔާސީ ގޮތުންނާއި މާލީ ގޮތުން ނުފޫޒު ގަދަ ބަޔަކު ބޭނުންވާ ގޮތަކަށް މަޖިލީހުގެ އަގުލަބިއްޔަތު ބައްޓަންކޮށް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އެ ބައިމީހުންގެ ޒާތީ އަދި ސިޔާސީ މަސްލަހަތު ހާސިލް ކުރުމަށް މަގުފަހިވެގެން ހިނގައިދާނެ ކަމެއް. އެއީ ރައްޔިތުންގެ ސިޔާދަތަށް ކަނޑައެޅިގެން ހުރި ނުރައްކަލެއް،" ސުޕްރީމް ކޯޓުގެ 2018 ވަނަ އަހަރުގެ ހުކުމްގައި ބުނެފައިވެއެވެ.
ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލުކުރާން ވާނީ، ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން، އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެނެއް ނުވާނެ ކަމަށެވެ. އަދި އިންތިހާބުވީ ދާއިރާތައް ތަމްސީލުކުރުމުގައި މުޅި ގައުމާއި ހުރިހާ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިއާޔަތްކުރާންވާނެ ކަމަށް އެ މާއްދާގައިވެއެވެ.
އޭރު ގޮނޑީގެ މައްސަލަ ޖެހުނު ބައެއް މެންބަރު ސުޕްރީމް ކޯޓު ބޭރުގައި - ފޮޓޯ: މިހާރު
ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނީ މެންބަރުން ޕާޓީ ބަދަލުކުރަން ފުރުސަތު އޮތުމަކީ ދައުލަތުގެ އެންމެ މުހިންމު އެއް ރުކުން ކަމަށްވާ ހަގީގީ ބާރުވެރިންނަކީ ރައްޔިތުން ކަމުގެ މަގުސަދު ގެއްލި، ދިވެހި ދައުލަތުގެ އަސާސީ މަސްލަހަތާއި ވުޖޫދާއި އާންމު މަސްލަހަތަށް އިޔާދަނުކުރެވޭނެ ފަދަ ގެއްލުމާއި ނުރައްކާ ކުރިމަތިވާނެ ކަމެއް ކަމަށެވެ.
އޭރު ޕީޕީއެމް ދޫކޮށް އިދިކޮޅާ ގުޅުނު 12 މެންބަރުންގެ ގޮނޑި އެކަން ހިނގި އިރު، އެންޓި-ޑިފެކްޝަން ގާނޫނެއް ނެތުމުގެ ސަބަބުން ނުގެއްލެއެވެ. ސުޕްރީމް ކޯޓުގެ ހުކުމަކުން އެފަދަ ގާނޫނެއް ހެދުމަށް ލާޒިމް ކުރުމާ އެކު އެކަން އެގޮތަށް ޕީޕީއެމުން ކުރި ނަމަވެސް، ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް 2018ގެ ރިޔާސީ އިންތިހާބު ނާކާމިޔާބުވުމާ އެކު، އިންތިގާލީ މަރުހަލާގައި އެމްޑީޕީގެ މެމްބަރުންގެ ތާއީދާ ވެސް އެކު، ގާނޫނު އުވާލަން އެ އަހަރުގެ ނޮވެމްބަރު 1 ގައި އެ މަޖިލީހުން ފާސްކުރިއެވެ. އޭރު ޕީޕީއެމްގެ ގިނަ މެމްބަރުން ބޭނުންވީ އެ ގާނޫނު ދަމަހައްޓާށެވެ.
އުވާލި އެންޓި-ޑިފެކްޝަން ގާނޫނުގައި ހުރި ބައެއް މުހިންމު މާއްދާތައް:
- ގާނޫނު ފާސްކޮށްފައި އޮތީ އެ ގާނޫނު ވުޖޫދުކުރި ދުވަހަށް ވުރެ ކުރިން ހިނގާފައިވާ ކަންކަމުގެ މައްޗަށް ވެސް ތަންފީޒު ކުރެވޭ ގޮތަށް. އެގޮތުން ވަކި ތާރީހެއް ގާނޫނުގައި ލިޔެފައިވޭ
- ގާނޫނުގެ ތިން ވަނަ މާއްދާގައި ވަނީ މީލާދީން 13 ޖުލައި 2017 ވަނަ ދުވަހުން ފެށިގެން މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެންބަރަކަށް މެދުވެރިވެއްޖެނަމަ، އެ ގާނޫނު ހިނގާނެ ކަމަށް
- މެންބަރުން ވަކިވާނެ އޮތީ ތިން ހާލަތެއް؛ އެއީ، މަޖިލީހުގެ ދައުރުގެ ތެރޭގައި އެ މެންބަރަކު ޕާޓީން ވަކިކުރުމާއި އަމިއްލައަށް ވަކިވުމާއި އެހެން ޕާޓީއަކާ ގުޅުން
- ގާނޫނުގެ މަގުސަދު ކަމަށް ބުނެފައިވަނީ އިންތިހާބުކުރާ މެންބަރުން ރައްޔިތުންނަށް ޖަވާބުދާރީކުރުވުމާއި އިންތިހާބުކުރި ސިޔާސީ ފިކުރުގައި ދެމިތިބޭ ބައެއްކަން ކަށަވަރުކުރުމާއި ރައްޔިތުންގެ މަޖިލީހަކީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އަދި އާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން ލިބިގެންވާ ތަނަކަށް ހެދުން.
އެމްޑީޕީން އޭރު އެންޓި ޑިފެކްޝަން ގާނޫނާ ދެކޮޅުވި ސަބަބެއް ކަމަށް ބުނީ، އެއީ ވަކި މެމްބަރުންތަކަކަށް އަމާޒުކޮށް އެ މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ނުބައި ނިޔަތެއް އޮވެގެން ހެދި ގާނޫނަކަށް ވާތީ ކަމަށެވެ. ނަމަވެސް، އޭރު ދެކޮޅު ހެދި ގާނޫނު އަލުން ގެނައުމުގެ މަޝްވަރާތައް މިހާރު އެމްޑީޕީގެ މަޖިލިސް މެންބަރުން ވަނީ ފަށައިފައެވެ.
"އަޅުގަނޑުމެންގެ ވިސްނުމުގައި ނެތް ކަމެއް ނޫން [އެންޓި ޑިފެކްޝަން ގާނޫނަކީ]... މުސްތަގުބަލުގައި މަޖިލިސް އިސްލާހު ކުރުމަށް ކުރާ މަސައްކަތެއް ގޮތުގައި ރައްޓެހި ޕާޓިތަކާ އެކީ ގުޅިގެން އެ މަޝްވަރާތައް ކުރަމުން އެބަދަން،" އެމްޑީޕީއަށް ނިސްބަތްވާ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް އިއްޔެ ވިދާޅުވިއެވެ.
މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލެޖިސްލޭޓިވް އެޖެންޑާގައި 200 ބިލުގެ ތެރޭގައި ގާނޫނުއަސާސީއަށް ގެންނަ އެއް އިސްލާހެއް ގޮތުގައި ބަޔާންކޮށްފައި ވެސް އޮތް ކަމެކެވެ. ނަމަވެސް ފަސް އަހަރުގެ ދައުރު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާލެއްވީ މަޖިލިހަށް އެ ބިލް ނުފޮނުއްވައެވެ. އެމްޑީޕީއިން ބޮޑު މެޖޯރިޓީއެއް ހޯދި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ނެރުނު "އެޖެންޑާ19" މެނިފެސްޓޯގައި ވެސް ފުރިހަމަ އެންޓި-ޑިފެކްޝަން ގާނޫނެއް ގެނައުށް ހިމަނާފައިވެއެވެ.
"ރައްޔިތުން ވަކި ޓިކެޓެއްގައި މީހަކު އިންތިހާބު ކުރީމާ ދެން އެމީހާ ރައްޔިތުންނަށް ގޮން ޖަހައި އެހެން ސިޔާސީ ފިކުރަކަށް ބަދަލު ކުރުމަކީ އެއްގޮތަކަށް ވެސް އެއީކީ އިންސާފުވެރި ގޮތެއް ކަމުގައި އެކަކު ވެސް ނުދެކޭނެ،" މަޖިލިސް އިންތިހާބަށް ފަހު، އެމްޑީޕީގެ އޭރުގެ ރައީސް އަދި 19 ވަނަ މަޖިލީހުގެ ރައީސްކަން ކުރެއްވި މުހައްމަދު ނަޝީދު ވިދާޅުވެފައިވެއެވެ.
ނަމަވެސް، އެ ވިސްނުންފުޅާ ހިލާފަށް، 19 ވަނަ މަޖިލީހުގެ ދައުރު ނިމެން ގާތްވެފައިވަނިކޮށް ނަޝީދު ވަނީ އިންތިހާބުވެވަޑައިގެންނެވި އެމްޑީޕީ ދޫކުރައްވައި، ދަ ޑިމޮކްރެޓްސް ޕާޓީއާ ގުޅިވަޑައިގެންފައެވެ. ވަގުތާއި ހާލަތާ އެކު ނަޝީދުގެ ސިޔާސީ ވިސްނުންފުޅު ވެސް އެނބުރުނީއެވެ.
އެންޓި-ޑިފެކްޝަން ގާނޫނެއް ނުގެނެސް، އެމްޑީޕީއަށް ލިބިފައި އޮތް ސުޕަ މެޖޯރިޓީ އިތުރަށް ބޮޑު ކުރަން މެންބަރުން ގެނައުމަށް ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް މަސައްކަތް ކުރިއެވެ. "ދަ ޑިމޮކްރެޓްސް" އުފައްދަން އެމްޑީޕީއިން 13 މެންބަރަކު ވަކިވެވަޑައިގަތުމުން ވެސް އެ ގާނޫނު އަލުން ގެންނަން ނޫޅެ، އެމްޑީޕީއިން އިސްކަން ދިނީ އެހެން ޕާޓީތަކުން މެންބަރުން ގެންނާށެވެ.
ދެވަނަ ދައުރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ރިޔާސީ ކެމްޕެއިން ތެރޭގައި ނިލަންދޫ ދާއިރާގެ އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އެމްޑީޕީއަށް ސޮއި ކުރެއްވިއެވެ. އަދި އޭގެ ކުރިން ޖުމްހޫރީ ޕާޓީގައި ހުންނެވި އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު ވެސް އެމްޑީޕީއާ ގުޅިވަޑައިގެންނެވިއެވެ. ނަމަވެސް އެމްޑީޕީގެ ސަރުކާރު ބަލިވެ، ކޮންގްރެސް ޕާޓީ ވެރިކަމަށް އައުމުން ޕާޓީ ބަދަލުކުރި މެންބަރުންގެ ތެރޭގައި މި ދެ މެންބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.
ފަސް އަހަރުގެ އާރާއި ބާރު ލިބިފައި އޮތް އިރު އެމްޑީޕީގެ ދެވަނަ ސަރުކާރުގައި ވެސް މައްސަލަ ހައްލު ކުރަން މަސައްކަތްކޮށްފައިވާ ތަނެއް ނުފެނެއެވެ. ބޮޑަށް ބެލީ އެހެން ޕާޓީތަކުން މެމްބަރުން ގެނެވެން އޮތް ނަމަ، އޭގެ ބޭނުން އެންމެ މައްޗަށް ހިފާށެވެ. އޭރު ފްލޯ ކްރޮސިން ނުވަތަ އެންޓި ޑިފެކްޝަން ގާނޫނެއް ވެސް އެމްޑީޕީއަށް މުހިމެއް ނުވިއެވެ. ސަރުކާރުގައި އޮންނައިރު، ކޮންމެ ޕާޓީއަކަށް ވެސް މުހިންމު ވަނީ މެންބަރުންތަކެއް ގެނެސްގެން ވެސް ސިޔާސީ ބާރުވެރިކަން ދަމަހައްޓާށެވެ. އެހެންވެ، މިކަމުގައި އިހުލާސްތެރިކަމެއް އޮތްކަމާ މެދު ސުވާލު އުފެދެއެވެ.
މި ރިޕޯޓަށް "މިހާރު"އާ ވާހަކަ ދައްކަވަމުން މި ފަހުން ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެންނެވި އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު ވިދާޅުވީ ބާރުގައި ނުވަތަ ސަރުކާރުގައި އެއިރަކު އޮންނަ ޕާޓީއަކުން ފްލޯ ކްރޮސިން ހުއްޓުވަން ގާނޫނެއް ބާއްވަން ބޭނުން ނުވާ ކަމަށެވެ. މީގެ ކުރިން ވެސް އެ ގާނޫނު ގެނެސްފައިވަނިކޮށް، އެމްޑީޕީން އެ އުވާލުމުން އެނގެނީ މިކަމަކީ އެއިރަކު ސިޔާސީ ގޮތުން މަންފާވާ ގޮތަކަށް ކުރާ ކަމެއް ކަން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަބަދުވެސް މަޖިލީހުގެ މެޖޯރިޓީ ނޯންނަ މީހުން މި ބޭނުން ވަނީ މި ކަހަލަ ގާނޫނެއް ގެންނަން، މެޖޯރިޓީ އޮންނަ ބަޔަކު ބޭނުމެއް ނުވޭ. އެމްޑީޕީއަށް ވެސް ވީ އެހެން. ވަރަށް ބޮޑު ސިޔާސީ ކަމެއް ފްލޯ ކްރޮސިން ގާނޫނަކީ،" އަލީ ހަމީދު ވިދާޅުވިއެވެ.
އޭނާ ގަބޫލު ކުރައްވާ ގޮތުގައި އިންތިހާބުވުމަށް ފަހު ވެސް ޕާޓީ ބަދަލު ކުރުމުގެ ފުރުސަތު މެންބަރުންނަށް އޮންނަން ޖެހޭނެއެވެ. ސަަބަބެއް ކަމަށް އޭނާ ވިދާޅުވީ ގާނޫނުތަކުގައި ބަޔާންކޮށްފައިވަނީ ޕާޓީއަކުން ހޮވުނަސް މެންބަރުގެ ޒާތީ ވިސްނުން ހުންނަން ޖެހޭނީ ރައްޔިތުންގެ މަސްލަތުގައި ކަމަށާއި އެކަމުގައި ޕާޓީގެ ވާހަކައެއް ނާންނަ ކަމަށެވެ. އަދި މެންބަރުން މަޖިލީހުގައި ދޭ ވޯޓު ވެސް އޮންނަނީ ސީދާ ރައްޔިތުންގެ ހެވާއި ލާބައަށް ކުރަން ޖެހޭ ކަމެއް ގޮތަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެން އަލީ ހަމީދު އޭނާގެ ފޯމް ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހަވާލު ކުރައްވަނީ - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
"ހަމައެކަނި ފްލޯ ކްރޮސިން ގާނޫނެއް ގެނައުމުގެ ބަދަލުގައި މުޅި މަޖިލީހުގެ މެންބަރުންނާ ގުޅޭ ގޮތުން އޮންނަ ގާނޫނުތައް ބަދަލު ގެންނަން ޖެހޭނެ. ކުރިމަތިލާއިރު ވެސް އެ ބަދަލުތައް އަންނަން ޖެހޭނެ. އޭރަށް ކަން ނޭނގޭ ދެމެހެއްޓެނެވި ގޮތެއްގައި މިކަން ކުރިއަށް ދާނީ،" އަލީ ހަމީދު ވިދާޅުވިއެވެ.
ޕާޓީ ބަދަލުކުރުމުގެ ފުރުސަތު މަޖިލިސް މެންބަރުންނަށް ލިބެންވާނެ ކަމަށް އަލީ ހަމީދު ގަބޫލުކުރައްވާ އަނެއް ސަބަބަކީ އޭނާ ކުރިމަތިލެއްވީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ނަމަވެސް، ހަމައެކަނި ވޯޓު ދިނީ އެ ޕާޓީ ނުވަތަ އެމްޑީޕީ މެންބަރުން ނޫން ކަމަށް ވާތީއެވެ. އޭނާ ވިދާޅުވީ ސިއްރު އިންތިހާބެއްގައި އޭނާ ހޮވީ ޖުމްލަ ރައްޔިތުން އޭނާ އިންތިހާބު ކުރަން ބޭނުންވެ، އެ ރައްޔިތުން ވޯޓު ދީގެން ކަމަށެވެ.
"ޕާޓީއެއްގެ ޓިކެޓްގައި ކުރިމަތިލާ މީހަކަށް ހަމައެކަނި އެ ޕާޓީއެއްގެ މެންބަރުންގެ ވޯޓު ލިބޭ ނަމަ ނުވެސް ހޮވޭނެ ގިނަ ފަހަރަށް. ވަކި ޕާޓީއަކަށް މެޖޯރިޓީ އޮންނަ ދާއިރާތައް ވަރަށް މަދުވާނެ. އެހެންވީމާ ޖުމްލަ އާންމު ރައްޔިތުންގެ ވޯޓު ވެސް ލިބިގެން މި ހޮވެނީ. އެހެންވީމަ އޭނާއަކީ ހަމައެކަނި އެމްޑީޕީގެ ނުވަތަ ޖުމްހޫރީ ޕާޓީގެ ސަޕޯޓަރުން ހޮވި މީހެކޭ ނުބުނެވޭނެ،" މެންބަރު ވިދާޅުވިއެވެ.
"އަނެއްކޮޅުން މެންބަރުން މަސައްކަތް ކުރަން ޖެހެނީ ހަމައެކަނި ޕާޓީއަކަށް ނޫން. ޕާޓީއަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ނުވެސް އޮވޭ ގާނޫނުއަސާސީގަ. ގާނޫނުއަސާސީ އޮންނަ ގޮތުން ޕާޓީއެއް ނުދަނޭ މެންބަރުން ހޮވުމަށްފަހު."
އަލީ ހަމީދު ވިދާޅުވީ ސަރުކާރު ބަދަލުވުމުން، ވެރިކަން ކުރާ ޕާޓީއަށް އަބަދުވެސް އެހެން ޕާޓީތަކުގެ އާންމު މެންބަރުން ވެސް ބަދަލުވާ ކަމަށާއި އެއީ ސިޔާސީ ގޮތުން އަންނަ ބަދަލު ކަމަށެވެ. އަދި އެ ބަދަލަށް ފުރުސަތު އޮންނަން ވާނެ ކަމަށް އޭނާ ގަބޫލު ކުރައްވައެވެ. ރައީސްއަކު ވެސް އިންތިހާބު ކުރަނީ ރާއްޖޭގެ މެޖޯރިޓީ ރައްޔިތުންގެ ވޯޓުން ކަމަށްވާއިރު، ވެރިކަން ބަދަލުވުމުން މިފަދަ ސިޔާސީ ބަދަލުތައް އަންނަނީ ގައުމުގެ ހަމަޖެހުމާއި ކުރިއެރުން އޮތީ އެގޮތަށް ކަމަށް އާންމު މެންބަރުން އަދި މަޖިލިސް މެންބަރުންނަށް ވެސް ގަބޫލު ކުރާތީ ކަމަށް ހަމީދު ވިދާޅުވިއެވެ.
ޕާޓީ ބަދަލު ކުރެއްވީ ގައުމުގެ ހަމަޖެހުމާއި ކުރިއެރުން އެގޮތަށް އޮތުމުން ކަމަށް ވިދާޅުވެ، އެ މެންބަރުންނަށް ފައިސާގެ ތުހުމަތުތައް އަލީ ހަމީދު ދޮގު ކުރެއްވިއެވެ. އަލީ ހަމީދުގެ އިތުރުން ޕާޓީ ބަދަލު ކުރެއްވި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވެސް އޭނާގެ އެ ނިންމެވުން ދިފާއު ކުރައްވައެވެ.
"ގައުމު ހަލަބޮލިކަމަށް ވައްޓާކަށް ބޭނުމެއް ނޫން. ގައުމުގެ މަސަލަސްކަމާއި އަމާންކަން އޮވެގެން ނޫނީ ގައުމެއް ހަމަނުޖެހޭނެ. ފާގަތި މުސްތަގްބަލެއް ހޯދޭނީ ގައުމުގެ ސުލްހަ މަސަލަސްކަން ގާއިމްކޮށްގެން. އެކަން ގެއްލުނީމާ ރައްޔިތުންނަށް ބިކަކަން އިހުސާސް ވާނީ. އެކަން ރައްޔިތުންނަށް ދޭކަށް އަޅުގަނޑުމެން [13 މެންބަރުން] ބޭނުމެއް ނުވޭ،" ޝަރީފް ވިދާޅުވިއެވެ.
ނަމަވެސް، 18 ވަނަ މަޖިލީހުގައި އެންޓި-ޑިފެކްޝަން ގާނޫނުގައި ފާސްކުރިއިރު އެއީ ވަކި ބަޔަކަށް ޓާގެޓްކޮށް ފާސްކުރާ ގާނޫނެއް ކަމަށް ބުނެ އެމްޑީޕީއިން އެކަމާ ދެކޮޅު ހަދަމުންދިޔަ ޝަރީފް އެ ގާނޫނަށް ތާއިދު ކުރެއްވިއެވެ. އޭރު އޭނާއަކީ އެމްޑީޕީގެ މެންބަރެއް ވެސްމެއެވެ.
"އެއް ޕާޓީއަކުން ހޮވުނު މެމްބަރަކު އަނެއް ޕާޓީއަކާ ގުޅިވަޑައިގަންނަވަނީ ގޮނޑި ދޫކުރައްވާފައި. އަލުން އެ ގޮނޑި ބޭނުން ނަމަ އެ މެމްބަރަކަށް ޖެހޭނީ އިންތިހާބުގައި އަލުން ކުރިމަތިލާން،" އޭރު ޝަރީފް ވިދާޅުވެފައިވެއެވެ.
އެކަމަކު، ވަގުތާއި ހާލަތާ އެކު ޝަރީފްގެ ސިޔާސީ ވިސްނުން މިއަދު ތަފާތެވެ.
ރައްޔިތުންގެ މަޖިލިސް މިހާރު ހިނގާ ގޮތް އިސްލާހު ކުރުމަށް ގޮވާލައްވަމުން ގެންދަވާ އެއް ބޭފުޅަކީ "ދަ ޑިމޮކްރެޓްސް" ޕާޓީއިން އެންމެ ފަހުގެ ރިޔާސީ އިންތިހާބަށް ރަނިންމޭޓްގެ ގޮތުގައި ވާދަކުރެއްވި ހުސެއިން އަމްރެވެ. "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އަމްރު ވިދާޅުވީ ވަކި ޕާޓީއަކުން މީހަކު ނެރެ، އެމީހާ މަޖިލީހަށް ގެންދަން ރައްޔިތުންތަކެއް ވޯޓު ދީފައިވަނިކޮށް އެ ވިސްނުމާ ހިލާފަށް މެންބަރަށް އަމިއްލަ ވިސްނުމެއްގައި ޕާޓީ ބަދަލު ކުރެވިގެން ނުވާނެ ކަމަށެވެ.
އަމްރު: އޭނާ ވިދާޅުވީ މެންބަރުން ޕާޓީ ބަދަލު ކުރުން ހުއްޓުވަން ނިޒާމަށް ފުރިހަމަ ހައްލެއް ލިބޭނެ އިންތިޒާމްތަކެއް ހަމަޖައްސަން ޖެހޭ ކަމަށް - ފޮޓޯ: ނިޝާން އަލީ / މިހާރު
އަމްރު ވިދާޅުވީ ޕާޓީ ބަދަލުކުރަން އެގޮތަށް ނިޒާމްގެ ތެރެއިން ޖާގަ އޮތުމަކީ ރަނގަޅު ގޮތް ކަމަށް ނުވާތީ، އެކަން ބަންދުކޮށް ގާނޫނެއް ގެނައުމަކީ މުހިންމު ކަމެއް ކަމަށެވެ. ވަރަށް އާދައިގެ ކަމަކަށް ހަދައި ރައްޔިތުންގެ ގާތު އަހާލުމެއް ވެސް ނެތި ތިން ހަތަރު ފަހަރަށް ޕާޓީ ބަދަލު ކުރާއިރު، އެއީ ހުއްޓުވަން ޖެހޭ ކަމެއް ކަމަށް އޭނާ ގަބޫލު ކުރައްވައެވެ.
"މިސާލަކަށް އަޅުގަނޑު މި ދަންނަވަނީ، އަޅުގަނޑުމެން ޑިމޮކްރެޓުން ވެސް ނުކުތީތާ އޭރު މަޖިލީހުގައި ތިއްބެވި މެންބަރުން. އަސްލުގައި އެ ފުރުސަތު ނެތް ނަމަ އިސްތިއުފާ ދީފައި މަޖިލީހުން ނުކުމެ އަލުން ޕާޓީ ހަދައިގެން އަލުންތާ ވަންނަން ޖެހޭނީ. އެކަން އޮންނަން ވާނީ އެހެން އަސްލުގައި." އަމްރު ވިދާޅުވިއެވެ.
"މި މައްސަލަ އުފެދެނީ، މި ކޮރަޕްޝަނާއި ރިޝްވަތުގެ ތުހުމަތުތައް މި ކުރެވެނީ އެ ނިޒާމް އެގޮތަށް ހުޅުވިފައި އޮތީމާ. އެކަން ބަންދުވީމަ އެ ހައްލުވީ ހުރިހާ ކަމެއް ވެސް. އެ މެންބަރަކަށް ގަބޫލު ކުރެވުނީ ޕާޓީ ބަދަލުކުރަންވިއްޔޭ އޭރަށް ހަމަ އެ ބަދަލު ކުރަންވީ، އެގޮތަށް ވަރަށް ހުޅުވިފައި މިހާރު މިއޮތީ."
އަމްރު ވިދާޅުވި ގޮތުގައި އާންމު މެންބަރުންނަށް ޕާޓީ ބަދަލު ކުރަން ފުރުސަތު އޮތަސް މަޖިލިސް މެންބަރުންނަށް އެ ފުރުސަތު އޮވެގެން ނުވާނެއެވެ. އާންމު މެންބަރުންނަކީ ޖަވާބުދާރީވާން ޖެހޭ ބައެއް އަދި ޕާޓީ ބަދަލުކުރާއިރު ވަކި ބައެއް ކައިރީ އަހަން ޖެހޭ ބައެއް ވެސް ނޫން ކަމަށާއި އެމީހުންނަކީ ވަކި ބަޔަކު ޒިންމާއެއް ހަވާލުކޮށްފައިވާ ބައެއް ވެސް ނޫން ކަމަށް އަމްރު ވިދާޅުވިއެވެ. އަމްރު ވިދާޅުވީ އެހެންކަމުން އާންމު މެންބަރުންނާއި މަޖިލީހުގެ މެންބަރަކާ ވަރަށް ތަފާތުވާނެ ކަމަށާއި ޕާޓީ ބަދަލުކުރުމަކީ މަޖިލިސް މެންބަރުންނަށް އަމިއްލަ އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށެވެ.
"މިސާލަކަށް ވޯޓު ދިނީ ވަކި ޕާޓީއެއްގެ މީހުން މަޖިލީހަށް ދާން. އޭގެ ފަހުން ދާއިރާގައި ތިބި ރައްޔިތުން މި ބަދަލުވީ އަނެއް ޕާޓީއަށް. އެހެންވެއްޖެ ކަމަށްވާ ނަމަ، މަޖިލިސް މެންބަރުން އިސްތިއުފާ ދީފައި ނުކުމެއްޖެ ކަަމަށްވާ ނަމަ އެ ޕާޓީއަށް ގޮސް ތިބި އާންމު މެންބަރުން އަނެއްކާވެސް އޭނާ އިންތިހާބު ކުރާނެތާ އެ ޕާޓީގެ ނަމުގައި. އެހެންވީމަ އެއަކީ މައްސަލައެއް ނޫން،" އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ ފްލޯ ކްރޮސިން ހުއްޓުވަން ގާނޫނެއް ގެންނަ ނަމަ، އެކަން ކުރަން ޖެހޭނީ މުޅި ނިޒާމަށް އެއްކޮށް ހައްލެއް އަންނަ ގޮތަށް ހަރުދަނާކަމާއި ރޭވުންތެރިކަމާ އެކު ކަމަށާއި އެ ބަޔަކަށް އެ މައްސަލައެއް ދިމާވީމަ ވަގުތީ ގޮތުން ކަން ހައްލުކޮށްލަން އުޅޭ އުސޫލުން ކުރާ ނަމަ، މުޅި ނިޒާމަށް ހައްލެއް ނާންނާނެ ކަމަށެވެ. 18 ވަނަ ރައްޔިތުންގެ މަޖިލީހުން އެންޓި-ޑިފެކްޝަން ގާނޫނެއް ގެނައީ އަމްރު ވިދާޅުވި ގޮތަށެވެ.
"އޭރަށް އަބަދުވެސް އިތުރު މައްސަލަތައް އޭގެ ތެރެއިން ނުކުންނާނީ،" އަމްރު ވިދާޅުވިއެވެ.
މަޖިލިސް މެންބަރު އިކްރާމް: ގާނޫނެއް ގެންނައިރު ވަރަށް ބޮޑަށް މަޝްވަރާކޮށް ނޭދެވޭ އަސަރު ނާންނާނެ ގޮތްތައް ބަލަން ޖެހޭ ކަމަށް ވިދާޅުވި
މި ރިޕޯޓަށް ކުރިން ވާހަކަ ދެއްކެވި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ވެސް ފާހަގަކުރެއްވީ ގާނޫނެއް ގެންނަ ނަމަ، ވިސްނަންޖެހޭ މުހިންމު ނުކުތާއެކެވެ. އޭނާ ވިދާޅުވީ މެންބަރުންނަކީ ރައްޔިތުންގެ ހައްގުގައި އެމީހުންގެ މަންފާއަށް ވަކާލާތު ކުރާނެ ކަމުގެ އުއްމީދުގައި ރައްޔިތުން ހޮވާ ބައެއް ކަމަށާއި އެންޓި-ޑިފެކްޝަން ގާނޫނެއް ގެނެސްފި ނަމަ، މެންބަރުން ޕާޓީގެ ލީޑަޝިޕްގެ ދަށުވުން ގާތް ކަމަށެވެ.
"އޭރަށް ރައްޔިތުންގެ ހައްގުގައި މަސައްކަތް ނުކުރެވި ކޮންމެ ވެސް ވަރަކަށް ފިތޭ ތަން ވެސް އެބަ އާދޭ. އެހެންވީމަ ވަރަށް ގިނަ ގޮތްގޮތަށް ވިސްނައި މަޝްވަރާ ކުރެވިގެން މެނުވީ އެކަހަލަ ގާނޫނެއް ވުޖޫދަށް ގެނައުމަކީ އޭގެ ނޭދެވޭ އަސަރު ނިޒާމް ހަމަޖެހިފައި މި އޮންނަ ގޮތަށް އައިސްދާނެ ކަމެއް،" އިކްރާމް ވިދާޅުވިއެވެ.
ކުރީގެ މަޖިލީހުގައި ގޮނޑީގެ މައްސަލަގަނޑަކަށްވި 12 މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އޭރުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ ކޮންމެ މީހަކު ވެސް އެމީހަކަށް ފެނުމުން ޕާޓީ ބަދަލު ކުރާނެ ކަމަށާއި ރާއްޖޭގެ ސިޔާސީ މަސްރަހު އޮތީ އެކަމަށް ފައްކާވެފައި ކަމަށެވެ. އެކަމަށް މިހާރު ފާޑުކިޔާ މީހާ ވެސް އޭނާއާ ޖެހުމުން އެކަން ކުރާނެ ކަމަށާއި ތަފާތީ ވަގުތާއި ހާލަތު ކަމަށް ވިދާޅުވިއެވެ.
"ހައްލަކީ އެންޓި ޑިފެކްޝަން ގާނޫނެއް އޮތުން،" އަމީތު ގަބޫލުކުރައްވާ ހަމައަކީ މިއީއެވެ.
އެހެން ބައެއް ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި މެންބަރުންގެ ރީ-ކޯލް ވޯޓެއް ނެގުމުގެ ފުރުސަތު ގާނޫނުއަސާސީގެ ތެރެއިން ރައްޔިތުންނަށް ދިނުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. މެންބަރުންގެ ރީ-ކޯލް ވޯޓަކީ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި އޮންނަ ފުރުސަތެކެވެ. މިއީ ދައުރުގެ މެދު ތެރެއިން މެންބަރުންނަށް ތާއިދު އޮތްތޯ ނުވަތަ ނޫންތޯ ބެލުމަށް އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި ނަގާ ވޯޓެކެވެ. ރާއްޖޭގެ ގާނޫނީ ނިޒާމް އޮތް ގޮތުން އިންތިހާބުވުމަށް ފަހު، ދައުރު ފުރިހަމަވަންދެން ވަކި ނުކުރެވޭނެ ބައެއްގެ ގޮތުގައި ތިބީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެކަންޏެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ފާރިސް މައުމޫން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ޖަވާބުދާރީކުރުވަނުވި، ރައްޔިތުންގެ އިތުބާރު އޮތް ތަނަކަށް ހަދަން ޖެހޭ ކަމަށެވެ. އެ ތަން ޖަވާބުދާރީކުރުވުމަކީ ރައްޔިތުންގެ ޒިންމާއެއް ކަމަށާއި އެހެންކަމުން އެކަން ކުރުމުގެ ގާނޫނީ ބާރު ރައްޔިތުންނަށް އޮންނަން ޖެހޭ ކަމަށެވެ.
"..ގާނޫނުއަސާސީ އިސްލާހު ކޮށްދެއްވާށޭ މަޖިލީސް މެންބަރުން ރީކޯލް ވޯޓަކަށް ކުރިމަތިލާން ޖެހިދާނެ ހާލަތުތައް ބަޔާންކޮށް. އޭގެ މާނައަކީ ދައުރުގެ މެދުތެރެއިން ވެސް އެ މެންބަރެއްގެ ހިދުމަތް ރައްޔިތުން އެދޭ ފެންވަރެއްގައި ނުހިފެހެއްޓިޖެ ނަމަ، އެ މެމްބަރެއްގެ އިތުބާރު ނެތް ކަމުގެ ޕެޓިޝަނެއް، ނޫނީ އެ މެންބަރަކު ބަދަލު ކުރަން ރައްޔިތުންނަށް ހުށައެޅޭނެ. އަދި ވަކި އިންސައްތައެއް ލިބިއްޖެ ނަމަ އެ މެންބަރެއްގެ ގޮނޑި ހުސްވެ އަލުން ބައި އިލެކްޝަނަކަށް ދާން ޖެހޭ ގޮތަށް އިސްލާހު ކުރަން ޖެހޭ،" ފާރިސް ވިދާޅުވިއެވެ.
ފާރިސް ގަބޫލުކުރައްވާ ގޮތުގައި މަޖިލިސް މެންބަރުންނަކީ ވަކި ޕާޓީއެއްގެ މުށު ތެރޭގައި ތިބޭ ބަޔަކަށް ވެގެން ނުވާނެއެވެ. ޕާޓީއަކުން އެ ޕާޓީއެއްގެ އުސޫލުތަކާއި ހަމަތައް ދޫކޮށް އެހެން ދިމާލަކަށްދާ ނަމަ، އިޖުތިޖާޖު ކުރުމުގެ ގޮތުން ޕާޓީއިން ވަކިވުމުގެ ފުރުސަތު އޮތުން ގޯސް ނޫން ކަމަށް އޭނާ ގަބޫލުކުރައްވައެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ދިއްގަރު ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނަވައި، ފާރިސް އޭރު ވެރިކަމުގައި އޮތް ޕީޕީއެމްއިން ވަކިވެވަޑައިގެންނެވީ އެފަދަ ހާލަތެއް މެދުވެރިވެގެން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އެ ހާލަތުގައި ވެސް ޕާޓީ ބަދަލުކޮށްފި ނަމަ، ރީކޯލް ވޯޓަކަށް ދާންޖެހޭނެ ގޮތަށް ގާނޫނުއަސާސީގައި ލިޔަން ޖެހޭނެ ކަމަށް ފާރިސް ވިދާޅުވިއެވެ. އެ މެންބަރަކު ދެން އެ ގޮނޑީގައި އިންނާތީ ނުވަތަ ނޫންތޯ ކަނޑައަޅަންވާނީ ރައްޔިތުން ކަމަށް ފާރިސް ގަބޫލުކުރައްވައެވެ.
ރީކޯލް ގާނޫނެއް ގެނައުމަށް ކެމްޕެއިން ކުރެއްވި ގާނޫނީ ވަކީލް ހަމްޒާ ހަލީލު ވިދާޅުވީ ރީކޯލް ގާނޫނެއްގެ ސަބަބުން މަޖިލީހުގެ ދައުރެއްގެ މެދު ތެރެއިން ވެސް މެންބަރުންނާ މެދު ރައްޔިތުންގެ އޮންނަ ކަންބޮޑުވުންތަކަށް އެ މެންބަރަކު ޖަވާބުދާރީކުރުވުމުގެ ފުރުސަތު ލިބޭނެއެވެ. މިހާރު އޮންނަ ގޮތުން، މެންބަރަކު އިންތިހާބުވުމަށް ފަހު ރައްޔިތުންނަށް އެ މެންބަރަކު ޖަވާބުދާރީކުރުވޭނެ ގޮތެއް ނޯވެއެވެ. ރައްޔިތުންނާ ގުޅުމެއް ނެތި، ރައްޔިތުންގެ ރޫހާ ހިލާފަށް މަސައްކަތް ކުރި ނަމަވެސް، އެ މެންބަރަކާ މެދު ރައްޔިތުންނަށް ބުނެވޭނެ ބަހެއް ނޯވެއެވެ.
ނަމަވެސް، ރީކޯލް ގާނޫނެއް ގެނައުމަކީ މިހާތަނަށް އެއްވެސް ސިޔާސީ ޕާޓީއަކުން ތާއިދުކޮށްފައި އޮތް ކަމެއް ނޫނެވެ. ހަމްޒާ ހަލީލު ޑްރާފްޓްކޮށް މަޖިލީހަށް ހުށަހަޅަން މަސައްކަތް ކުރެއްވި ބިލް ވެސް ސްޕޮންސާކޮށް މަޖިލީހަށް ހުށަހަޅުއްވައިދޭނެ މެންބަރަކު ނުވިއެވެ. އެހެންވެ، މިހާރު އޮތް ހާލަތަކީ އެ މެންބަރަކު ބޭނުންވީމަ ޕާޓީ ވެސް ބަދަލުކުރަންވީއެވެ. އެކަމުގައި ރައްޔިތުންނަށް ކިޔޭނެ ބަހެއް ނޯވެއެވެ.
ނަވާރަ ވަނަ މަޖިލީހުގެ ދައުރު ހަމަވެ 20 ވަނަ މަޖިލިސް އިންތިހާބު ކުރުމުގެ މަރުހަލާއާ މިހާ ކައިރިވެފައިވާއިރު، އޭގެ ކުރިއަށް އެންޓި-ޑިފެކްޝަން ގާނޫނެއް ގެނުމަކީ ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި މުހިންމު ކަމެކެވެ. މިވަގުތު އެމްޑީޕީ މެންބަރުންނަށް އެކަން ކުރެވޭ ވަރަށް މެޖޯރިޓީ ވެސް އޮތްއިރު، އެއިރަކު ސިޔާސީ މަންފާ އެންމެ ބޮޑު ގޮތަކަށް ގޮނޑި ބަދަލު ކުރުމުގެ ކުޅިގަނޑު ބޭއްވުމުގެ ބަދަލުގައި މިކަމުގައި ސިއްކަ ޖަހަން މިއީ އެންމެ ރަނގަޅު ފުރުސަތެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ މެދު ރައްޔިތުންގެ މެދުގައި އޮންނަ ތުހުމަތާއި ނުތަނަވަސްކަން ދުރުކޮށް، ގަނެ ވިއްކޭ ބައެއްގެ ގޮތުގައި މެންބަރުން ލޭބަލްވެ، އެ ތުހުމަތުން ނެއްޓެން ވެސް ފުރިހަމަ އެންޓި-ޑިފެކްޝަން ގާނޫނަކީ ރާއްޖޭގެ ގާނޫނީ ނިޒާމަށް އިންތިހާއަށް މުހިންމު ގާނޫނެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޑުވާ
07 January 2024
ފުރަތަމަ ހަދަންވީ ޤާނޫނަކީ ޕާރޓީ ޓިކެޓްގަ މަޖިލީހަށް ވާދަކުރުން ހުއްޓުވަން. ރައްޔިތުން ރިޔާސީ ނިޒާމަކަށް ބަސް ބުނެފަ އޮއްވަ ކޮން މެޖޯރިޓީ މައިނޯރިޓީ ޕާރޓީއެއްތަ?
ފެންނަގޮތްސް
01 January 2024
ތިޔަ ޤާނޫނު ގެނެވިގެން ނުވާނެ. އޭރުން ޕާޓީގެ ލީޑަރޝިޕްގެ އަޅަކަށް އެ މެމްބަރު ވާނީ. ރައްޔިތުންގެ ޚާދިމަކަށް ނުވާނެ. ތިކަން ހުއްޓުވަން އޮތް އެންމެ ރަނގަޅު ހައްލަކީ މެމްބަރު ބޭނުންނަމަ، ޕާޓިން ވަކިވުމުގެ ފުރުސަތު އޮތުމާއި، ނަމަވެސް ދައުރު ނިމެންދެން އެހެން ޕާޓީއަކާ ނުގުޅެވޭގޮތަށް އޮތުމެވެ. އޭރުން މެމްބަރު އަޅަކަށް ނުވާނެ އެވެ. އަދި މެމްބަރަށް ރިޝްވަތުދީގެން ގަންނާކަށްވެސް ނުކެރޭނެއެވެ. ވޯޓަކަށް ގަނެފާނެއެވެ.އިންތިހާބުގެ ހަރަދުވެސް ސަލާމަތްވާނެއެވެ.
ކަންކިރާ
31 December 2023
އެމްޑީޕީން މިހާރު ތި ގާނޫނު ފާސްކޮށްފައި، 20 ވަނަ މަޖިލީހުގައި މެޖޯރިޓީ ނުލިބިތިއްބާ މެމްބަރުންކޮޅެއް އެމްޑީޕީއާ ގުޅެން ބޭނުންވީމާ އަނެއްކާވެސް ތި ގާނޫނު އުވާލާނީތޯ.. އަމިއްލަ އެދުން ނޫން ކަމެއް ނެތް.
ކްލިނިކް+ގޯތި
31 December 2023
ރޮޒޭ ކެއީ ޕާޓީ ބަދަލް ނުކޮށް.. ހައްހައްހާ ވަޓް އެންޓި ޑިފެކްޝަން؟
ބަރުލަމާނީ ހިޔަޅު
31 December 2023
މައްދިވެހިނޭ. މިސާލަކަށް އެމްޑިޕީގެ ތެރޭ ކޮރަޕްޝަން ހިނގާތީ އެތަނުން ނިކުތީ ވަރަށް ތެދުވެރި އިންޓަގްރިޓީގެ ބޭފުޅުން ކޮޅެއް. ސަރުކާރުގެ ފަޅި ދޫކޮށްލާފައި. ރޮޒޭނާމެން ޕާޓީ ބަދަލްނުކޮށް ކޮރަޕްޝަނުން ކައިގެން ތިބީ. ތިޔަ ގާނޫނެއް ގެނެސްގެން އިތުރަށް ނުބައި ވާނީ. ރަގަޅު ވާން އޮތް މަގު ވެސް ބަންދުވީ. ހައްލަކީ ނިޒާމް ބަދަލް ކުރުން. ބަރުލަމާނީ ނިޒާމަށް ބަދަލްކޮށް މިނިވަން ޖުޑިޝަރީޔާ އޭސީސީ ގާއިމްކުރުން ދުނިޔޭގެ އެހެނިހެން ޑިމޮކްރަސީގައި އޮންނަ ގޮތަށް..
ބަރުލަމާނީ ހިޔަޅު
31 December 2023
ރިޔާސީ ނިޒާމް ވަނީ ފޭލް ވެފައި. އޭގައި ގައުމު ވަނީ ހަލާކު ވެފައި...
އަލީމު
31 December 2023
ނިޒާމުގެ މައްސަލަ އެއްނޫން. މީހުންގެ ސިކުޑީގެ މައްސަލައެކޭ ބުނެވޭނީ. ކޮންމެ ނިޒާމެއްގެނައިކަމުގައި ވިޔަސް އޭތިހަލާކުކޮށްލަން ވަރައްފަސޭހަވާނެ: އިންސާނުން ހަދާ ކޮންމެ އެއްޗަކީ ވެސް އެކަހަލަ އެއްޗެއް ވިއްޔާ!
ޔޫޓޫ
31 December 2023
މައުމޫން ޢަންނި ޥަހީދު ޔާނު ޢިބޫ ނުދަންނަ ކަމެއް ކާކުގެ އީޖާދީ މުނާފިގު ދޮގު ފިކުރެއްބާ
އިހްސާސް
31 December 2023
ތިޔައެއް ތިބުނާ ގޮތަށް ހަދައިފިއްޔާ މިރާއްޖޭގައި ހާދަހާވާ ގިނައިން މަޖިލީހުގެ ބައި އިލެކްޝަން އޮންނާނެއޭދޯ..
ހާއިން
31 December 2023
ތި ގާނޫނު އަނބުރާ ގެންނަން ތިއުޅެނީ އެއްވެސް މިހާރު އޮތް ހަމައެކަނި ބާރުވެސް ގެއްލޭތަން ފެންނާތީ
ކަލާމު
31 December 2023
މާ ގަދަ ދައްކާފަ ބާރުގެ ބޭނުން ނަހަމަ ގޮތުގަ ހިފަން އުޅެންޏާ ވާނީ ތިހެން. ބާރު ގެއްލޭނީ