ޚަބަރު

ކުރީ ސަރުކާރުން ހެދި ސާވޭ: ދިރާސީ އަހަރު ބަދަލުކުރީ ގިނަ މީހުން ބޭނުންވި ގޮތާ ދެކޮޅަށް!

ސްކޫލަށް ކުދިން ގެންދަނީ: ސާވޭގައި ބައިވެރިވީ 21،786 އަންހެންނުންގެ ތެރެއިން 71.24 ޕަސެންޓް އަންހެނުން ބޭނުންވާ ކަމަށް ނިންމާފައި ވަނީ ޖެނުއަރީގައި ދިރާސީ އަހަރު ފަށަން.-- ފޮޓޯ: މިހާރު

ދިރާސީ އަހަރު ފަށާ ދުވަސްވަރު ބަދަލުކުރަން ކުރީގެ ސަރުކާރުން ހެދި ދިރާސާގައި 30،000 މީހުން ބައިވެރިވި ކަމަށާއި ބަދަލު ގެނައީ އެ ދިރާސާގައި ބައިވެރިވި ގިނަ މީހުން ވެސް ބޭނުންވި ގޮތާ ދެކޮޅަށް ކަމަށް، އާ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އިއްޔެ ވިދާޅުވެއްޖެ އެވެ.

ކޮވިޑާ ގުޅިގެން ދިރާސީ އަހަރުގެ ކިޔެވުމަށް އައި ލޮޅުންތަކާ އެކު، ކުރީގެ ސަރުކާރުން ނިންމީ ދަރިވަރުންގެ ކިޔެވުން ދޮޅު އަހަރަށް ދެންމުމަށްފަހު ދިރާސީ އާ އަހަރު ފަށާ ދުވަސްވަރު ބަދަލުކުރާށެވެ. އެ ނިންމުން ދާއިމީކޮށް، 2021 ވަނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރު ފަށަނީ އޮގަސްޓް މަހުން ފެށިގެންނެވެ.

އެ ބަދަލާ މެދު ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން، އޭރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ދިރާސީ އާ އަހަރު ބަދަލުކުރީ ވަރަށް ގިނަ ބައެއްގެ މަޝްވަރާއަށްފަހު ކަމަށާއި އެކަމަށް ގިނަ ބަޔަކު ތާއީދުކުރި ކަމަށް ވިދާޅުވި އެވެ.

އެކަމަކު، ޝަފީއު މަގާމާ ހަވާލުވެވަޑައިގެން ވެސް ވިދާޅުވީ، ދިރާސީ އަހަރު ބަދަލުކުރީ އެކަށީގެންވާ ދިރާސާއެއް ނުކޮށް ކަމަށެވެ.

އެކަމުގެ ތަފްސީލު ދެއްވަމުން، މިނިސްޓަރު "މިހާރު" އަށް އިއްޔެ ވިދާޅުވީ ދިރާސީ އަހަރު ބަދަލުކުރަން އޭރު ނިންމި ނިންމުމަކީ ރައްޔިތުންގެ އިހުސާސްތަކާ ދެކޮޅަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު، "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެކަމުގެ މައުލޫމާތު އެންމެ ރަނގަޅަަށް ލިބިވަޑައިގެންނެވި ނަމަ ދިރާސީ އަހަރަށް ބަދަލު ނުގެންނަވާނެ ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.

"މި މައުލޫމާތެއް ނެތް ކެބިނެޓަށް ގޮސްފައެއް. މި މައުލޫމާތު ރައީސަށް ލިބިވަޑައިގެން ކަމަށްވާ ނަމަ، ރައީސް މި ބަދަލު ގެންނަވާނެ ކަމަކަށް އަޅުގަނޑަކަށެއް ގަބޫލެއް ނުކުރެވޭ. ރައްޔިތުންގެ މުޅި ވިންދާއި ރޫހު އޮތީ ހަމަ ކުރިން އޮތް ގޮތަށް ބާއްވަން. ޖެނުއަރީގައި ފައްޓާ ގޮތަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިރާސީ އަހަރު ބަދަލުކުރުމަށް ކުރިން ހެދި ދިރާސާގައި 30،091 މީހުން ބައިވެރިވި ކަމަށެވެ. އޭގެ ތެރެއިން 20،000 އަށްވުރެ މީހުން ތާއިދުކޮށްފައިވަނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ޖެނުއަރީގައި ދިރާސީ އަހަރު ފެށުމަށެވެ.

"މި ޑޭޓާތަކުގައި އެބަހުރި 10 ކެޓަގަރީއެއް. ހުރިހާ ކެޓަގަރީއެއް ގޮތަށް މި ހުރީ ޖެނުއަރީގައި ބޭއްވުމަށް [ދިރާސީ އަހަރު ފެށުމަށް]. 30،091 މީހުންގެ ރެސްޕޮންސް އެއަށް ދީފައި ވާއިރު 20،445 ރައްޔިތުން ވިދާޅުވެފައި ވަނީ ޖެނުއަރީގައި ބޭއްވުމަށް. ބެލެނިވެރިން، ދަރިވަރުން، ޓީޗަރުން ކެޓަގަރީގެ ހުރިހާ ކެޓަގަރީއެއްގައި ވެސް، ހުރިހާ ކެޓަގަރީއެއް އިނގޭތޯ، ބުނެފައި މި ވަނީ ޖެނުއަރީގައި ބެއްވުމަށޭ ބޭނުންވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

"ދަރިވަރުންގެ ހުރިހާ ކަމެއް ބަލަހައްޓައި، ދަރިވަރުންގެ ބެލެނިވެރިކަމުގެ ޒިންމާ އެންމެ ބޮޑަށް ބަލަހައްޓަމުން ގެންދަނީ އަންހެން ބޭފުޅުން، އެ ބޭފުޅުންގެ އިހުސާސް ހުރީ ކިހިނަކުންތޯ ބަލާލާއިރު ސާވޭގައި ބައިވެރިވީ 21،786 އަންހެން ބޭފުޅުންގެ ތެރެއިން 15،820 އެއީ 71.24 ޕަސެންޓް އަންހެން ބޭފުޅުން ވެސް ބޭނުންވާ ކަމަށް ނިންމާފައި ވަނީ ބޭނުންވަނީ ޖެނުއަރީގައި ކަމަށް."

ރިޕޯޓު ފޮތާއެކު، ދަރިވަރުންތަކެއް ބެލެނިވެރިންނާއެކު ސްކޫލުން ނުކުމެގެން ދަނީ.-- ފޮޓޯ: މިހާރު

މިނިސްޓްރީން ކުރިން ބުނީ ދިރާސީ އަހަރު ފަށާ ދުވަހަށް ބަދަލު ގެނައީ ތައުލީމީ ދާއިރާގެ ގުޅުން ހުރި އަދި ދަރިވަރުންގެ ކަންތައްތަކާ ގުޅުން ހުރި ހުރިހާ އެންމެންގެ ބައިވެރިވުމާއެކު ކަމަށެވެ.

އެ މަޝްވަރާތައް ކުރި މީހުންގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ މީހުން ވެސް އެ ބަދަލަށް ތާއިދުކުރާ ކަމަށާއި އެކަމާ ގުޅިގެން ހެދި ސާވޭގައި ބައިވެރިވި ހުރިހާ މީހުން އެކަމަށް ތާއީދު ކޮށްފައި ވާ ކަމަށް އޭރު މިނިސްޓްރީގެ ބޭފުޅުން ދިޔައީ ބުނަމުންނެވެ.

ދިރާސީ އަހަރު ބަދަލުކުރުން، ގުޅެނީ ރިސޯޓު މުވައްޒަފުންނަކާ ނޫން!

އެޑިއުކޭޝަން މިނިސްޓްރީން ދިރާސީ އަހަރު ފެށުން އޮގަސްޓަށް ބަދަލުކުރި އެއް ސަބަބެއް ކަމަށް އޭރު ދެއްކީ، ޑިސެމްބަރު މަހަކީ، ޓޫރިޒަމްގައި އެންމެ ބުރަ ދުވަސްވަރަށް ވެފައި، އެ ދާއިރާގައި މަސައްކަތް ކުރާ ގިނަ ބަޔަކަށް އެ ދުވަސްވަރު ޗުއްޓީ ނުލިބުން ކަމަށް އާންމުންގެ ގިނަ ބަޔަކު ގަބޫލު ކުރި އެވެ.

ނަމަވެސް މިހާރުގެ މިނިސްޓަރު ވިދާޅުވީ އެ ބަދަލަކީ ރިސޯޓު މުވައްޒަފުންނަށް ޗުއްޓީ ދިނުމަށް ގެނައި ބަދަލެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

މި ސަރުކާރުން ދިރާސީ އަހަރު ބަދަލުކުރަން ނިންމި ނިންމުމުގައި ރައްޔިތުން އެކަމަށް ބޭނުންވެފައި ވުމުގެ އިތުރުން އެއާ ގުޅިފައި ހުރި ވަރަށް ބޮޑެތި އެހެން ކަންތައްތަކެއް ހުރިކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އޭގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި ވިދާޅުވީ ސަރުކާރުން ސްކޫލުތަކަށްދޭ ބަޖެޓު ހުސްވާ މައްސަލަ އެވެ.

"ރާއްޖޭގެ ފައިނޭންޝަލް އިޔާ އަކީ ޖެނުއަރީން ޑިސެމްބަރަށް. ދައުލަތުގެ ބަޖެޓު މި މެނޭޖް ކުރަމުންދާ ގޮތް އެންގިލައްވާނެ. އޮގަސްޓު މަހުގައި ސްކޫލުތައް ފެށޭއިރު އަނެއްކާ ދުވަސްކޮޅެއް ފަހުން މި އަންނަނީ ފިނޭންސް މިނިސްޓްރީގެ ބަޖެޓް ސާކިއުލާ،" މިނިސްޓަރު ވިދާޅުވި އެވެ.

"ސްކޫލުތައް ފެށޭއިރަށް މި އަންގަނީ ހަރަދު ނުކުރައްޗޭ، ބަޖެޓް މެނޭޖް ކުރުމަށްޓަކައި. މިއީ ދައުލަތުގެ އެންމެ ބޮޑު ޕަބްލިކް އެޑްމިނިސްޓްރޭޝަން ނިޒާމު. ދައުލަތުގެ އެންމެ މުހިންމު މަސައްކަތް، ކިޔަވައިދިނުން ފެއްޓިގެން ދެ ހަފްތާ ނުވަނީސް ހަރަދު ކުޑަކުރާށޭ ބުނީމާ، މުޅި ތައުލީމީ ނިޒާމަށް، ދަރިވަރުންނަށް އޭގެ ކޮންޓެކްސްޓް އެބަ އާދޭ."

އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު، "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ތައުލީމީ އަހަރާއި ފައިނޭންޝަލް އަހަރު އެއްގޮތްކުރުމުން ތައުލީމީ ނިޒާމު މެނޭޖް ކުރެވި، އޭގެ ހެވާއި ލާބަ މުޅި ތައުލީމީ ދާއިރާއަށް ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮންމެ ފަސް އަހަރަކުން ބަދަލުވާ ވެރިކަމުގައި ދިރާސީ އަހަރު ބަދަލު ނުކުރެވޭ ގޮތަށް ހެދުމަށް ތައުލީމާ ބެހޭ ގާނޫނަށް ބަދަލުތަކެއް ގެންވާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

32 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 10%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބާސިރު

10 January 2024

ހޮޅަގު ގަދަވިއްސާރާގަ ކުދިން ގޮވާގެން ކޮޓަރިތެރޭގަ ބޭރައް ނުނިކުމެވި އޮވެ ޗުއްޓީ ނިންމާލުންތޯ މޮޅީ ނޫނީ އެކުދިން ގޮވާގެ ގޮޑުދަށުގައި މޫދުގައި މަޖާކޮއްލުންތޯ މޮޅީ ކޮބާތޯ ރަގަޅު ގޮތަކީ

The name is already taken The name is available. Register?

ކާސިމު

10 January 2024

ޑިސެމްބަރުގައި މިރާއްޖެއަށް ކޮޅިގަނޑެއްވެސް ނުފެނޭ. މިއިީ އަހަރެމެން ނޫޅޭ ގައުމެއްވިއްޔާ.

The name is already taken The name is available. Register?

ޢަނީ މާ

10 January 2024

ތި ސާވޭ މިހާރު ނަގައިފިއްޔާވެސް ހަމަ ގިނަ މީހުން މިބަދަލާމެދުވެސް ދެކޮޅު ހަދާނެ!

The name is already taken The name is available. Register?

ދައްދަ

10 January 2024

ކިހާދެރަކަމެއް. އަޅެ ބަޔަކު ކުރި ކަމެއްކުރީ ބަލިމަޑުކަމެއް ފެތުރިގެން އެންމެން ގޭ ބަންދުވެގެން ތިބެން ޖެހިގެން ކުދިންގެ ކިޔެވުން އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ނުގެންދެވިގެން ކުދިންގެ ކިޔެވުމުން ދުވަސްތަކެއް ގެއްލޭތީ. މިހާރު މިއުޅޭ މީހުން މިއުޅެނީ ގަސްތުގައި ކުދިންގެ ކިޔެވުމުން ދުވަސްތަކެއް ގެއްލުވާލަން. ބަލަ ރަނގަޅު ޗުއްޓީއެއް ނުލިބެ ކިހިނެއްތަ އެކުދިން ދެއަހަރުގެ ކިޔެވުން ސިކުނޑިއަށް އަޅާނީ. ހެޔޮނުވާނެ ކުދިންގެ މުސްތަގުބަލް ހަލާކުކޮށްލަން

The name is already taken The name is available. Register?

ލަތީފާ

10 January 2024

މިހާރު ތިޔަކަން ތިޔަ ކުރަނީ ވަރަށް ވަރަށް ބައިވަރު ބެލެނެވެރިން އަދި ޓީޗަރުން ކައިރިން އަހާ މަޝްވަރާއަށް ފަހުތޯ؟ ހަމަ އަހާލީ! ލޮލް

The name is already taken The name is available. Register?

ތުނޑުހަސަނު

10 January 2024

މިފަހަރު ބަދަލުތައް ގެންނަމުންދަނީ ކިހާވަރަކަށް ދިރާސާކޮށްފައިބާވައެވެ. ކިޔެވުން ފަށާފައި ދެތިންމަހެއްނުވެ ޗުއްޓީއަކަށްދާގޮތަށް އޮތުމުން ކުދިން ކިޔެވުމުގެ ތެރެއަށް ވަދެވޭއިރަށް މެދުކެނޑުމެއް އައުމަކީ ކިޔެވުމަށް ނޭދެވޭ އަސަރެއް ކުރާނެކަމެއްކަމަށް ބައެއް މީހުން ދެކެއެވެ. އަނެއްކޮޅުން ގިނަ މީހުން ބޭނުންވަނީ އަވަސް އަވަހަކަށްކުރު ޗުއްޓީ ލިބުމަށްވުރެ އަހަރަކު ދެފަހަރަކު ދިގުކޮށް ޗުއްޓީ ލިބުމަށެވެ.

The name is already taken The name is available. Register?

ކުޑަދޮންބެގެކިރޮޅޭ

10 January 2024

ސިޔާސީ އެކޮޅުމިކޮޅު ދެބައިމެދުން ހިޔާލު ދެގޮތްވުން ފެންނާނެ. އެކަމަކު ހަގީގަތަކީ އެކަޑަމިކު އަހަރު ކުރިން ބަދަލުކޮށްލީ ތައުލީމުދިނުމާއި ގުޅޭއެއްވެސް ދާއިރާއަކަށް، ދަރިވަރުން އަދި ބެލެނިވެރިންނަށް އުދަގުލަކަށް ފަސޭއަކަށް ބަލާފަކާއެއްނޫން. ކްރިސަމަސް ނިއުޔާ މެނޭޖު ނުވާކަމަށްބުނެ ރިސޯޓު އޯނަރުންގެ ބޭނުމަކަށް ކުރިކަމެއް. ވަރަށް ވަކަ އަމިއްލަ ފައިދާއަކަށް ކުރިކަމެއް! މިނޫން އެހެން ފައިދާއެއް އެބައޮތްބާ. އޭރުގެ މިނިސްޓަރު ކައިރިން އަހާބަލަ ދޮގެއްތޯ.

The name is already taken The name is available. Register?

ހިސާބު

10 January 2024

ސިޔާސީ ކޯޅުމާއި ވައުދު ތަކުގެ ތެރޭގައި ތައުލީމީ ދާއިރާ ބަނދެވިފަ، ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު މިކަންކަމާ ކުޅެން ހަދައިގެން ގެއްލުންވާނީ އަހަރެމެންގެ ޅަ ދަރީންނަށް. އަދި އެކަމުގެ ތަކުލީފް އުފުލަން ތިބޭނީ ބެލެނިވެރިންނާއި، މުދައްރިސުން. ދިރާސީ އަހަރަކާއި އަޅައިގެނެގެން އުޅުމަށްވުރެ ވަސީލަތްތައް ތަރައްގީ ކުރުމާއި، މުޅި ތައުލީމީ ނިޒާމްގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކުރުން މާ އައުލާކަން ބޮޑު.

The name is already taken The name is available. Register?

ކަތީބުމުތީ

10 January 2024

ސްކޫލްތަކުގެ ބަޖެޓް ޑިސްޕާރސް ކުރުމަށް ތަފާތު ގޮތެއް ފިނޭންސް މިނިސްޓަރަށް ގެންގުޅެވިދާނެ. ތިޔަ ދައްކްނީ ސަރުކާރުގެ އެއް މުއައްސަސާއާއި އަނެއް މުއައްސަސަަގެ ކޯޑިނޭޝަން ރަގަޅު ކޮށްގެން ކޮށްލެވެން އޮތް ކަމެއްގެ ވާހަކަ. ޑިސެމްބަރު ބޮޑު ޗުއްޓިއަކީ އެއަރލައިންތަކާ ރިސޯޓް ހޮޓެލް ގެސްޓްހަުއސްވެ އެންމެ ޕީކް އަދި އަގު ބޮޑު ދުވަސްވަރު. ދެން އަނެއްކާ ކުދިްނހެ ކިޔެވިން ކުރުގަޅުވާލްފަ ތިޔަ ކަން ކުރުމުގެ މުހިންމު ކަމެއް ނެޔް.

The name is already taken The name is available. Register?

ވޯލް

10 January 2024

ޖުލައި / އޮގަސްޓް އަށް ބޮޑު ޗުއްޓީ ދިނުމުގައި މައްސަލައެއް ނެތް. އަދި އެކަމުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ޗުއްޓީ ލިބުމާއި އާއިލާއާއެކު ޗުއްޓި ހޭދަކޮށްލަން ލިބޭނެ. ހަމަ އެކަނި ރިސޯޓްއެއް ނޫން އެދާއިރާއާ ގުޅުން ހުރި ހުރިހަ ވިޔަފާރިތަކެއް ވަރަަށް ބިޒީވާނެ ޑިސެމްބަރުގައި. މި ނިންމުން ކަމުނުދަނީ ދައުލތިގައި މަސައްލަތް ކުރާ މުވައްޒަފުންނަށް އެމީހުން ޗުއްޓީއަށް ދާންވީމަ ދަނީ މުއައްސަސާ ހިނގިޔަ ނުހިނގިޔަސް..

The name is already taken The name is available. Register?

ޝަފީ001

10 January 2024

ފިނޭންސް މިނިސްޓްރީން ނުނެރޭ އޮގަސްޓު މަހު ސާކިއުލަރ އެއް ޚަރަދު ކުޑަކުރަން. ކޮންމެ ގޮތަކަށް ފައިނޭންޝަލް އަހަރު އޮތަސް އެކަޑެމިކް އަހަރު މެނޭޖްކުރެވޭނެ. ހަމައެކަނި ރާވާލަން ޖެހޭނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454