ޔަމަންގެ ކޯސްޓް ގާޑާއި ހޫތީން ގުޅިގެން ކަނޑުގެ ސަރަހައްދު ބަލަހައްޓަނީ: އެމެރިކާއިން ބުނާ ގޮތުގައި އީރާނުން ހޫތީންނަށް ފޮނުވި މިސައިލްގެ ބައިތަކެއް ވަނީ އަތުލައިގެންފައި. -- ފޮޓޯ: އޭއެފްޕީ
17 ޖެނުއަރީ 2024 - 05:53
ރަތްކަނޑުގައި އުޅަނދުތަކަށް ހަމަލާދޭ ހޫތީ ހަނގުރާމަވެރިންނަށް އީރާނުން ފޮނުވި މިސައިލްގެ ބައިތަކެއް ހުރި ބޯޓެއް އަރަބި ކަނޑުން އަތުލައިގެންފައިވާ ކަމަށް އެމެރިކާއިން އިއްޔެ ބުނެފި އެވެ.
މިއީ ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން މިދިޔަ އަހަރު ހަމަލާ ދޭން ފެށުމުން އެކަމުގެ ރައްދެއްގެ ގޮތުން ރަތްކަނޑުގައި ހޫތީން ހަމަލާދޭން ފެށި ފަހުން އެމެރިކާއިން ހިންގި މިފަދަ ފުރަތަމަ އޮޕަރޭޝަނެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އެކްސްގައި އާންމުކުރި ބަޔާނެއްގައި ބުނީ އެމެރިކާގެ ނޭވީ ސީލް އިން ހިންގި އޮޕަރޭޝަންގައި އުޅަނދު އަތުލައިގަތީ ބުރާސްފަތި ދުވަހު ސޯމާލިއާ ބޭރުން އެއްވެސް ގައުމަކަށް ނިސްބަތްވާ ނުވާ ކަނޑުގެ ސަރަހައްދުން ކަމަށެވެ. އަތުލައިގަތް ބޯޓުގައި އީރާނުގައި އުފައްދާ ބެލަސްޓިކް މިސައިލާއި ކްރޫޒް މިސައިލްގެ ބައިތައް ހުރި ކަަމަށް ބަޔާނުގައިވެ އެވެ.
ނޭވީ ސީލްގެ ދެ މީހަކު ކަނޑަށް ގެއްލިފައިވާ ކަމަށް މީގެ ކުރިން ރިޕޯޓްކޮށްފައި ވާއިރު މިއީ މި އޮޕަރޭޝަންގައި ގެއްލުނު ދެ މީހުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. މި ދެ މީހުން ހޯދަން ވަރަށް ބޮޑު އޮޕަރޭޝަނެއް ކުރިއަށްދާ ކަމަށް ސެންޓްރަލް ކޮމާންޑުގެ ވެރިޔާ މައިކެލް ކުރީލާ ވިދާޅުވި އެވެ.
"މިއީ ހޫތީން އުޅަނދުތަކަށް ހަމަލާދޭން ފެށި ފަހުން، އީރާނުން ހޫތީންނަށް ފޮނުވި އެޑްވާންސްޑް ކޮންވެންޝަނަލް ވެޕަން [އޭސީޑަބްލިޔު] އަތުލައިގަނެވުނު ފުރަތަމަ ފަހަރު،" ސެންޓްކޮމްގެ ބަޔާނުގައިވެ އެވެ.
އަތުލައިގަތް ތަކެތީގެ ތެރޭގައި ހިމެނޭ އެއްޗެހި ބޭނުންކޮށްގެން ހަދާފައިވާ ހަތިޔާރު، ހަނގުރާމައާ އެއްވެސް ގުޅުމެއް ނެތް ކާގޯ އުޅަނދުތަކަށް ބިރު ދައްކައި ގެއްލުން ދިނުމަށް ބޭނުންކުރާ ކަމުގެ ހެކި މިހާތަނަށް ލިބިފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ހަތިޔާރު އުފުލީ ސޯމާލިއާ ސަރަހައްދުގައި ބޭނުންކުރާ އިހުގެ ކަނޑު އުޅަނދު ކަމަށްވާ "ދޯ" އެއްގައި ކަމަށާއި އޭގައި 14 މީހަކު ތިބި ކަމަށް އެމެރިކާއިން ބުންޏެވެ. ދޯ އަކީ ރިޔާނެގި ދޯންޏެއް ގޮތަށް އޮންނަ އުޅަނދެކެވެ.
ދޯގައި ތިބި މީހުންނަކީ ކޮން ބައެއްކަން ދެނެގަތުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި އެ އުޅަނދަކީ ރައްކާތެރި އެއްޗަކަށް ނުވާތީ ފައްތާލާފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. --އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓެރޭސްސް
18 January 2024
އުސާމާބިންލާދިން 7 ފަހަރު މެރިމީހުން ތިއެމެރިކާ މީހުންނަކީ. ކާކު އެމީޙުންގެ ވާހަކަތައް ގަބޫލު ކުިރާނީ
އެދުރު1
17 January 2024
ނޭވީ ސީލްގެ ދެ މީހުން ގެއްލުނީމަ ފޯކަސް އަނބުރާލަންވެގެން އެނބުރި ގޭސްގަޑެއް
ކަންޒުކަހަނބު.
17 January 2024
ތިއައީ ބޮޑު ދޮގެއް. ހޫސީންގެ ފުރިހަމަ ބާރުގެދަށުގައި ޔަމަނުގެ ބަނދަރުތައް އެބަހުރި. ހޫސީންނަށް ބޭނުންވާ ހަތިއާރާއި އޭގެ ބައިތައް ގެންދަނީ ބޮއްކުރައެއްގައެއް ނޫން. އިރާނުގެ އަސްކަރީ މަނަވަރުތަކުގަ. އޭގެ މަނަވަރެއްގެ ވައިދަށުން ވެސް އެމެރިކާގެ މަނަވަރަކަށް ނުދެވޭނެ. ދެ ދުނިޔެ ދައްކާލާނެ.
މާހިރު
17 January 2024
ޣައްޒާގެ ރައްޔިތުން މެރުމަށް އެމެރިކާ އާއި ޔޫރަޕްގެ ބައެއް ޤައުމުތަކުން ފާޅުގައި އިޒްރާއީލަށް ހަތިޔާރު ދެމުންދާއިރު ޣައްޒާގެ ރައްޔިތުންގެ ހިމާޔަތުގައި މަސައްކަތްކުރާ ބަޔަކަށް ހަތިޔާރު ފޯރުކޮށްދިނުން މާ އައުލާކަން ބޮޑެވެ. މިފަދަ ކަންކަންކަމުން އެނގިގެންދަނީ މިހާރުވެސް ދުނިޔޭގައި އޮތީހަމަ ޖަންގަލީގެ އުސޫލުކަމެވެ. އެމެރިކާގެ އަސްކަރީބާރުވެރިކަން ބޭނުންކޮށް އެންމެންގެ ލޯކުރިމަތީގައި އެގެންދަނީ އެންމެ ބޮޑު ޓެރަރިސްޓް ޖަމާޢަތް ހިމާޔަތް ކުރަމުންނެވެ.
ސަންތޯ
17 January 2024
އެމެރިކާނުން ކަނޑުފޭރެނީ. ހޫތީން ހަމަލާދެނީ. ދެން ނޭނގެ މިވާގޮތެއް
އެމެރިކާ
17 January 2024
މީ ނުވާނެ ތެދަކަށް.... އެމެރިކާ އަކީ ދޮގުވިއްކައިގެން އުޅޭ ބައެއް
ފޫހި
17 January 2024
މި އެމެރިކާއާއި އިޒްރޭލުން އަދި ޔޫރަޕުން ދުނިޔޭގެ ކޮންމެތަނަކަށް ގޮސް ކޮންމެ ޖަރީމާއެއް ހިންގުން އޯކޭ. މިއީ ކޮން އުޞޫލެއް. އެހެން ގައުމަކުން ކޮށްފިނަމަ މި މީޙުން ނުކުމެ އަދަބުދޭ. އެމެރިކާއަށް ނިކަމެތިކަން މިންވަރުކުރައްވާށި