ރިޕޯޓް / މާލެ ސިޓީ ކައުންސިލް

ޔަގީންކަން ދިނަސް ކޯޅުމެއް ނެތި ހިދުމަތް ދެވިދާނެތަ؟

ލާމަރުކަޒީ ނިޒާމުގައި މާލޭ ސިޓީ ކައުންސިލުން ފެނުނީ ސަރުކާރާއި އެ ކައުންސިލްގެ ކޯޅުމެވެ. ކައުންސިލްގެ ޕްލޭންތައް ތަންފީޒުކުރަން ހުރަސްއެޅުމުން، ހިދުމަތް ހުއްޓުނު ތަނެވެ. މާޒީ އަލުން އިޔާދަނުވާނެތޯ އެއީ އުފެދޭ ސުވާލެކެވެ.

މާލޭގެ އާ މޭޔަރު ހުވާކުރަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، އަދި މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

މަގާމުގެ ހުވާކުރައްވައި ދެއްކެވި ވާހަކައިގައި މާލޭގެ އާ މޭޔަރު އާދަމް އާޒިމް ލާމަރުކަޒީ ނިޒާމު ސިފަ ކުރެއްވީ "ފެން ދޭނެ މީހެއް ހުރިއްޔާ ހެދޭނެ ގަހެއް"ގެ ގޮތުގަ އެވެ. މައި ސަރުކާރު މަދަދާއި އެއްބާރުލުން ލިބިގެން ނޫނީ ނުހިންގޭނެ ނިޒާމެއްގެ ގޮތުގަ އެވެ.

މިކަން މާލޭ ސިޓީ ކައުންސިލްގެ މާޒީން ވެސް އޮތީ ރައްޔިތުން ތަޖުރިބާކުރަން ޖެހިފަ އެވެ. އޭރެއްގައި އޮންނަ ސަރުކާރަކާ އިދިކޮޅު ޕާޓީއަކަށް ކައުންސިލްގެ މެޖޯރިޓީ ލިބިއްޖެ ނަމަ ލާމަރުކަޒީ ނިޒާމެއް ނުހިންގެ އެވެ. ސަރުކާރާއި ކައުންސިލް ކޯޅުމެއްގައި ތާށިވެ ދޭން ޖެހޭ ހިދުމަތް އޮންނަނީ ހުއްޓިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި އިރު އެމަނިކުފާނަށް ވެސް ކުރައްވަން ޖެހިވަޑައިގަތީ އެ ތަޖުރިބާ އެވެ. އެ ފިއްތުންތައް ކައުންސިލަށް ކުރިމަތިވި އެމްޑީޕީގެ ވެރިކަމުގައި، މިހާރުގެ މޭޔަރު އާޒިމް ހުންނެވީ މާލޭގެ ރައްޔިތުންނާ ވެސް ސީދާ ގުޅުން ހުރި މަޝްރޫއުތައް ހިންގެވި އެމްޓީސީސީގެ އިސްވެރިއަކަށެވެ.

ކައުންސިލްގެ ގިނަ ޒިންމާތަކެއް އަދާކުރައްވަން ޖެހިވަޑައިގަންނަވާ މޭޔަރުގެ މަގާމަށް ވަޑައިގެން، ތަކުރާރުކޮށް އެދިވަޑައިގަތީ ސަރުކާރުގެ އެއްބާރުލުމަށެވެ. މާލޭގެ ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް އެ ނޫން ގޮތަކަށް ފުއްދެވެން ނޯންނާނެ ކަން އެނގިވަޑައިގަންނަވާތީ އެވެ.

މާލޭގެ ސިޓީ ކައުންސިލްގައިއޭނާއެކު މިހާރު ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ އެންމެ މެމްބަރެކެވެ. ސާފު އަޣުލަބިއްޔަތު އޮތީ ސަރުކާރަށެވެ.

އިދިކޮޅު އެމްޑީޕީ އާއި ސަރުކާރު ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ވާދަވެރި ބައި އިލެކްޝަނުގައި، ސަރުކާރުގެ ފިކުރަށް ވޯޓު ދިނުމަށް ރައީސް މުއިއްޒު ތަކުރާރުކޮށް އެދިވަޑައިގަތީ، އެމަނިކުފާނުގެ މޭޔަރު ކަމުގައި ކުރިމަތިވެވަޑައިގަތް ގޮންޖެހުންތަކުން މިސާލު ދައްކަވަ އެވެ.

ރައީސް ވިދާޅުވެފައި ވަނީ، މާލޭގެ ތަރައްގީއަށް ވެސް ހުރަސް ނޭޅޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރެވޭނީ އެ ފިކުރަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކު މާލޭގެ މޭޔަރަކަށް އިންތިހާބުވެގެންނެވެ.

މާލޭގެ ރައްޔިތުންގެ ނިންމުމާ އެކު އަނެއްކާވެސް މިއޮތީ ލާމަރުކަޒީ ނިޒާމުގެ އާ އިމްތިހާނެކެވެ. މަޝްރޫއުތަކަށް ހުރަހަކަށް ނުވާނޭ ކަމުގެ ޔަގީން އާ މޭޔަރު ދެއްވާއިރު، ސިޔާސަތުތަކަށް ތާއީދު ކުރެވިދާނެ ހެއްޔެވެ؟ ނޫނީ، ސިޔާސީ ހަލަބޮލިކަމުގައި މާލޭ ރައްޔިތުން އަނެއްކާވެސް ތާށިވާނީ ހެއްޔެވެ؟

އެންމެ ބޮޑު ސިޔާސަތާ ދެކޮޅު!

ހުވާކުރެއްވުމުގެ ޖަލްސާގައި ވެސް ފެނުނީ ބޯހިޔާވަހިކަމުގެ ސިޔާސަތުގައި މުޅިން ދެ ވިސްނުމެއް ސަރުކާރާއި އާ މޭޔަރު ދެއްކެވި ތަނެވެ. ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ސަރުކާރަށް އެންމެ މުހިއްމު މަޝްރޫއަކީ 30،000 މީހުންގެ އާބާދީއަކަށް ތަރައްގީކުރާ ފުށިދިއްގަރެވެ. އެކަމަކު، މާލޭގެ އާ މޭޔަރަށް މުހިއްމުވަނީ އޭނާ ނިސްބަތްވެވަޑައިގަތް އެމްޑީޕީގެ ސަރުކާރުގައި ފެށި ބޯހިޔާވަހިކަމުގެ ސިޔާސަތު ތަންފީޒުކޮށް ނިންމުމެވެ.

އެންމެ ބޮޑު މައްސަލައާ ހަމައިން ވެސް ފެންނަން މިއޮތީ ދެ ކަފިވެފައިވާ މިސްރާބެކެވެ!

އެމްޑީޕީގެ ވެރިކަމުގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ދެއްކި ހައްލަކީ ހުޅުމާލެ ތިނަކާއި ގުޅީފަޅާއި ގިރާވަޅު ފަޅެވެ. އެ ތަންތަނުން ގޯތި ވެސް ދޫކުރި އެވެ. ވެރިކަން ނިމުނުއިރު ވައުދުވެފައި އޮތީ އުތުރުތިލަފަޅު ހިއްކައިގެން ދަފްތަރުގައި ޖެހިފައި ތިބި މީހުންނަށް ގޯތި ދޭށެވެ.

އެކަމަކު ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު އެ ވިސްނުން ދޫކޮށްލެއްވީ އެވެ. ސަރުކާރުގެ ވިސްނުމަކީ އުތުރުތިލަފަޅު ދޫކޮށްލައި މާލޭއިން ފުރައިގެން ވާދޫ ކަނޑު ހުރަސްކޮށް ދަތުރުކުރާއިރު، 16 ކިލޯމީޓަރު ދުރުގައި އޮންނަ ފުށިދިއްގަރު ފަޅު ހިއްކައިގެން އެތަނުގައި މީހުން އާބާދުކުރުމެވެ.

ކުރިއަށް އޮތް 20 އަހަރަށް ޕްލޭންކޮށް، ރަސްމާލެ އުފަން ކުރުވައި، އެތަން ތަރައްގީ ކުރެވިއްޖެ ނަމަ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އެއްކޮށް ހައްލުވެގެން ދާނެ ކަމަށް ރައީސް ގަބޫލުކުރައްވަ އެވެ.

"ގިރާވަރުފަޅާއި، ގުޅިފަޅާއި، ހުޅުމާލެ، މި ތަންތަނާ އެކީގައި، މި ފުށިދިއްގަރު ފަޅުގައި މި ހިއްކޭ ބިން ހިކިގެން ދިޔުމުން، މާލޭގެ ރައްޔިތުންނަށް، ޒަމާންތަކެއް ވަންދެން ހައްލުނުވެ އޮތް ގެދޮރުގެ މައްސަލައަށް ތާއަބަދަށް އިރާދަކުރެއްވިއްޔާ، ދާއިމަށް އެ މައްސަލަ ހައްލުވެގެންދާނެ،" ފުށިދިއްގަރު ފަޅު ހިއްކުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވެފައިވެ އެވެ.

ނަމަވެސް އާ މޭޔަރު އާޒިމަށް ފުށިދިއްގަރަކީ "އޮޕްޝަން" އެއް ނޫނެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި މާލޭ ރައްޔިތުން އޭނާ އިންތިހާބުކުރީ ވެސް އެހެންވެ އެވެ. މާލެ ރައްޔިތުން ރަސްމާލެ ދާން ނޭދޭތީ އެވެ. އިންތިހާބުގެ ކުރިން ވެސް އަދި ފަހުން ވެސް އާޒިމް ތަކުރާރު ކުރައްވާ ވާހަކައަކީ އެއީ އެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒާއި އާ މޭޔަރު އާދަމް އާޒިމް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަސްލަމް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

"އުތުރު ތިލަފަޅުގައި ގަސް ހެއްދުން، ނޫނިއްޔާ އެގްރިކަލްޗަރަލް ޕްރޮޖެކްޓެއް އައިސްފިއްޔާ އެދެން، އެ ޕްރޮޖެކްޓް ކުރިއަށް ގެންގޮސްދެއްވަން ފުށިދިއްގަރު ފަޅަށް. ރައްޔިތުންނަށް ފަސޭހައިން ދަތުރުކުރެވޭ ގޮތް ހެދިދާނޭ. ފުށިދިއްގަރު ފަޅުގަ ތިބުނާ އެގްރިކަލްޗަރަލް މަސައްކަތް ކޮށްގެން ތިބުނާ އެއްޗެހި މާލެއަށް ވެސް ގެނެވިދާނެ، އެހެންތަނަކަށް ވެސް ގެންދެވިދާނެ. އެއީ ކޮންމެ ދުވަހަކު ކުރަންޖެހޭ ކަމެއް ނޫން،" މާލޭގެ ބިންވެރިންގެ ސައްލާގައި ވާހަކަދައްކަވަމުން އާޒިމް ހޮނިހިރު ދުވަހު ވިދާޅުވެފައިވެ އެވެ.

ހުވާކުރެއްވުމަށް ރައީސްގެ އަރިހުން ވެސް އޭނާ އެދިވަޑައިގަތީ އެކަމަށެވެ. މާލޭ ރައްޔިތުން އެދޭ ގޮތަށް ބްރިޖަކުން ނޫނީ ނުދެވޭނެ ތަނެއްގައި މާލޭ ރައްޔިތުން އާބާދު ނުކުރުމަށެވެ. އެމްޑީޕީގެ ވިސްނުމާ އެއްގޮތަށް އެކަން ކުރިއަށް ގެންދެވުމަށެވެ.

"މާލޭ ރައްޔިތުން އެދެނީ ބްރިޖަކުން ގުޅިފައިވާ އަވަށްތަތަކުން ދެވޭ ގޮތް ފަހިވާން. އެ މީހުން އެދެނީ ހުޅުމާލެ ފޭސް ތިނަކާއި ގުޅީފަޅާއި ގިރާވަރުފަޅާއި އުތުރުތިލަފަޅަށް އަމާޒުވި އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ އެއްގޮތަށް ކަން ވެގެން ދާން. ބްރިޖުން ގުޅާލެވޭ މި ތަންތަނުގައި ބޯހިޔާވަހިކަމުގެ ހަޔާތެއް ފަށަން،" އާޒިމް އެދިވަޑައިގަތެވެ.

"އަޅުގަނޑަށް ވިސްނޭ ގޮތުގައި އެންމެ އަވަސް ތަރައްގީ ކުރެވޭނީ އަދި އެތަނެއްގައި އުޅެވޭނީ ވެސް ބްރިޖަކުން ގުޅާލެވޭ ހިސާބުގައި ހުރި ތަންތަން. ދިމާވެފައިވާ މި ހައްސާސް މައްސަލައަށް އަވަސް ހައްލެއް ހޯދައިދެވެން އޮތް މަގަކީ އެއީ،"

މޭޔަރާއި ކައުންސިލަރުން ހުވާ ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އާޒިމަށް ރައީސްގެ ރައްދު ސާފެވެ؛ ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރުފަޅާއި އުތުރުތިލަފަޅު އެއްކޮށްގެން ވެސް މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުވާކަށް ނެތެވެ. ދުރު ރާސްތާއަށް، ދެމެހެއްޓެނިވި ތަރައްގީއަކަށް އޮތް ހައްލަކީ ރަސްމާލެ އެވެ. މާލެ އާއި ރަސްމާލެއާ ގުޅައިލާ ރައްޔިތުންގެ އޮތް އެންމެ ކަންބޮޑުވުމަށް ވެސް ހައްލު ގެނެސްދެއްވާނެ އެވެ.

"ވަރަށް ގާބިލް ކުންފުނިތަކާ އެކު އަޅުގަނޑުމެން މިހާރު ވާނީ މަޝްވަރާ ފަށާފައި، މުޅި ދުނިޔޭގައި ވެސް ފުރަތަމަ ފަހަރަށް ގާއިމްކުރެވޭ އަންޑަވޯޓާ ޓަނަލް، މާލެއިން ރަސްމާލެއަށް އިރާދަކުރެއްވިއްޔާ ގުޅުވާލުމުގެ މަސައްކަތް،" ވާދަވެރިންގެ އެންމެ ބޮޑު ފާޑުކިޔުމުގެ ހައްލު ރައީސް ދެއްވެވި އެވެ.

"އަޅުގަނޑުމެން ކުރާނީ ދެކޮޅުޖެހޭ މަސައްކަތް. އިރާދަކުރެއްވިއްޔާ، ލިންކް އެޅިފައި އޮންނަ، ގުޅިފައިވާ ތަންތަނުގައި، މާލެ ސަރަޙައްދުގައިވެސް މީހުން ދިރިއުޅޭނެ."

"ސިޔާސީ ކުޅިސަމާސާ"އަކަށް ޖާގައެއް ނެތް!

ނުސީދާކޮށް އާޒިމަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ، އެމްޑީޕީން ފެށި "ފޭރާން ހެޔޮ ނޫން ސިޔާސަތު"ގެ ބަދަލުގައި އެމަނިކުފާނު ދައްކަވަނީ މައްސަލަ ހައްލުވާނެ، ހެޔޮވަރު ސިޔާސަތެއް ކަމެވެ.

އާޒިމްގެ ކޮންމެ ވާހަކައަކަށް ރައްދު ދެއްވައި ރައީސް ދެއްކެވި ވާހަކަފުޅުން ސާފުވަނީ އެމަނިކުފާނުގެ ތަރައްގީގެ ވިސްނުމަށް ހިޔަނި އެޅެން ނޭދޭ ކަމެވެ. އެމަނިކުފާނަށް ކުރިމަތިވި ހިތި ތަޖުރިބާ އިއާދަވާން ނޭދޭ ކަމެވެ.

"އަޅުގަނޑު މޭޔަރަކަށް ހުރި އިރުގައި، އަޅުގަނޑު ހުވާކުރިއިރުގައި، އޭގެ ކުރީގެ މޭޔަރު ޝިފާ ހުންނެވިއިރުގައި، ފެށިފައި އޮތް މަޝްރޫއެއް އޮތް، މަގުހެދުމުގެ މަޝްރޫއެއް. ގާތްގަނޑަކަށް 400 މިލިއަން ރުފިޔާ ބަޖެޓުގައި ވެސް އޮތް. އަޅުގަނޑުމެން ބެލީ އެ މަސައްކަތް ކުރިއަށް ގެންދަން. އެހެން ނަމަވެސް، ކުރިއަށްދިޔުމުގެ ފުރުޞަތެއް އެއްގޮތަކަށްވެސް ނުލިބުނު. ވަކި ހިސާބަކުން ޕްރޮޖެކްޓް މަޝްރޫއު އަތުލެއްވީ. އަތުލީމާ މަސައްކަތެއް ނުކުރެވުނު،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ މަސައްކަތް ކުރިއަށް ގެންދަވަން ބޭނުންފުޅު ވަނީ ކައުންސިލް މެދުވެރިކޮށް ކަމަށެވެ. މާލެއަށް ހުރި ރައީސްގެ ގިނަ މަޝްރޫއުތަކަކީ ސިޓީ ކައުންސިލްގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ކަންކަމަށްވާއިރު، ރައީސްގެ ޕްލޭނަކީ މި މަޝްރޫއުތައް ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ކައުންސިލުން ކުރުމެވެ. މޭޔަރު ކަމުގައި އެމަނިކުފާނަށް ނުކުރެވުނު ކަންކަން ކައުންސިލަށް މަގުފަހިކޮށްދިނުމެވެ.

އޭގެ ތެރޭގައި އާޒިމްގެ މެނިފެސްޓޯގައި ހިމެނޭ މަސްމާރުކޭޓު މަސައްކަތާއި ވެހިކަލް މަދުކުރުމާއި، ޕާކިން ބިލްޑިންތަކާއި ޕާކުތައް އެޅުމާއި ގަރާޖުތަކާއި، ގުދަންތަކާއި ވޯކްޝޯޕް ފަދަ މަޝްރޫއުތައް ހިމެނެ އެވެ. ރައީސް ފާހަގަކުރެއްވީ މިފަދަ ގިނަ މަޝްރޫއުތަކަކީ އެމަނިކުފާނުގެ މޭޔަރު ކަމުގައި ކުރައްވަން މަސައްކަތް ކުރެއްވި ނަމަވެސް ފުރުސަތު ނުދެއްވި ކަންކަން ކަމަށެވެ.

"މިކަން ކުރަން ވެސް މިވަނީ ސަރުކާރުން ދޭންޖެހޭ ހުރިހާ އެއްބާރުލުން ދީގެން، އެކަން ކުރެވޭގޮތް ފަހިވެފައި. އަޅުގަނޑު ޔަގީންކުރަނީ، ކައުންސިލުން މި މަސައްކަތްވެސް ބާރުމިނުގައި ކުރިއަށް ގެންދާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒާއި އާ މޭޔަރު އާދަމް އާޒިމް ސަލާމް ކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ރައީސް ވިދާޅުވީ، ތަރައްގީގެ އެއްވެސް ޕްލޭނަކަށް ސިޔާސީ ހިޔަނި އެޅި، ރައްޔިތުންނަށް އޭގެ ގެއްލުން ވާން އެދިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެ ފުރުސަތު ވެސ ނުދެއްވާނެ ކަމަށެވެ. ސިޔާސީ ފިކުރު ތަފާތުވިޔަސް ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން ކޮށްދިނުމަށް ސިޓީ ކައުންސިލާ ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަމެވެ.

"އަޅުގަނޑުމެންނާ ރައްޔިތުން ހަވާލުކުރީ އަމާނާތެއް، ޒިންމާއެއް، މަސްއޫލިއްޔަތެއް. މިއަށް ސިޔާސީ ކުޅިސަމާސާ ވެއްދުމަކީ، ރައްޔިތުން މަގުމަތިވާނެ ކަމެއް. އެ ފުރުސަތެއް އަޅުގަނޑެއް ނުދޭނަން. ރައްޔިތުންނަށް ބޭނުންވަނީ، އުފާފާގަތިކަން ގެނެސްދޭން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވެސް މޭޔަރު ވެސް ދެއްވީ ގުޅިގެން އެކުގައި ރައްޔިތުންނަށް ބޭނުންވާ ކަންކަމަށް މަސައްކަތް ކޮށްދޭނެ ކަމުގެ ޔަގީންކަމެވެ. މާޒީގައި ރައީސަށް ކުރެވުނު ހިތި ތަޖުރިބާގެ އަލީގައި ކަންކަން ރަނގަޅުކޮށްދެއްވާނެ ކަމުގެ ފެހި ސިގްނަލެވެ.

32 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 20%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސިތުނާ މުހައްމަދު

24 January 2024

އަޅުގަނޑު އެސްޓީއޯގަ އާޒިމްއާ އެކު މަސައްކަތް ކުރިން. ހައުސިންގަ މުއިއްޒްއާ އެކު މަސައްކަތް ކުރިން. މުއިއްޒް އޭރު އެއްބާރަލުން ދިން ޝިފާ މޭޔަރއަށްވެސް. ނަމަވެސް އާޒިމް ދެއްކި ވާހަކައިން އިނގޭ އެއީ އެއްބާރަލުން ދޭނެ މީހެއް ނޫންކަން.

The name is already taken The name is available. Register?

ސިތުނާނާ

24 January 2024

ދެން ފިތުނަ ނުއުފައްދަމާ.

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

23 January 2024

ކޯޅުމަކީ ޑިމޮކުރަސީގެ އެންމެ މުހިއްމު އެއް އަސާސް.

The name is already taken The name is available. Register?

ހަޑިގިއްލާ

23 January 2024

ލިޔުންތެރިޔާ ބޮޑަށް ފާހަގަ ކޮށްފައި އޮތީ އޭރުގެ ސަރުކާރުން މޭޔަމުއިއްޒު ކައުންސިލަޢް ކުރެއްވި އުނދަގޫ! މުއިއްޒަށް ކުރެވުނު ހިތިތަޖުރިބާގެ ވާހަކަ! ނަމަވެސް ހަޤީގަތަކީ އޭރުއޮތް އެމްޑީޕީގެ ސަރުކާރަކީ ޤާނޫނީގޮތުން ކައުންސިލް ތަކަށް ބާތުދެއްވި ސަރުކާރު! ކައުންސިލްތަކަށް ބޮޑު ބަޖެޓާއެކު މާލީ ބާރުވެރިކަން ދެއްވާ، ސަރުކާރުން ދެމުންދިޔަ އެތައް ޚިދުމަތެެއް ކައުންސިލްތަކަށް ދޫކޮށްލެއްވި ސަރުކާރު! މުއިއްޒު ކުރިހާވެސް ކަމަކީ ވެރިކަމަށް އަންނަން މަގުކޮށުން.

The name is already taken The name is available. Register?

އަފްރާސިޔާބު

23 January 2024

ދޫކޮށްލީ މުއިއްޒަށް ނުވާނެ ކަން ރައްޔިތުންނަށް ދައްކަން ސަރުކާރު ބޭނުންވާތީ. އެހެންވީމާ މިއަދު ސަރުކާރުން ދޫކޮށްލި ކަންތައް އަލުން ސަރުކާރަށް އެނެގީ މުއިއްޒަށް ވާނޭ ކަން ރައްޔިތުންނަށް ދައްކަން ބޭނުންވާތީ.

The name is already taken The name is available. Register?

ސޯލިހެއްނޫން ސޮހޮލެއް

23 January 2024

ކައުންސިލްތަކައް ދެއްވި ބާރުތަކުގެ ތެރެއިން ދެއްތޯ ގާތް މީހުނައް ގޯތި ބަހާލުން މިނިސްޓްރީގެ ދަށައް ގެންދިޔައީވެސް. މާލެގެ އަމީނީމަގު ޕަކަޅާ ކޮއްލަން މިނިސްޓްރީގެ ބާރުގެ ދަށައް ގެންދިޔައީވެސް. ނޭނގޭކަންވެސް ނޭނގެނީ ހަމަ.

The name is already taken The name is available. Register?

ސަމްޕަތް

23 January 2024

ދިވެހީންގެ ނިންމުން. މާލޭ މީހުން ބޭނުންވަނީ ކޯޅޭކަށް ނޫންތަ؟ ދެން ކިހިނެއް ހަދާނީ؟

The name is already taken The name is available. Register?

ކޯޅޭނެ ޔަގީން

23 January 2024

ރަސްމާލެ ހަދާ ފްލެޓްދީފިއްޔާ މާލޭގެ ކުލި ކުޑަވާނެ. އެއީ އާޒިމްމެނަށް ކެއްކުރެވޭނެވަރުގެ ކަމެއް ނޫން. ކުރެވުނު ޖެއްސުމެއް ކުރާނެ އެކަން ވިޔަ ނުދޭން

The name is already taken The name is available. Register?

އަފްރާސިޔާބު

23 January 2024

ރަސްމާލެއަކީ އާޒިމުއާ ބެހޭ ތަބެއްވެސްނޫން. ރަސްމާލެޔޭ ތިކިޔަނީވެސް އަދި ކަނޑަށް. ފަސް އަހަރު ފަހުން އަންނަ ސަރުކާރަކަށް ބޮޑު ބޮލު ރިހުމެއް.

The name is already taken The name is available. Register?

މުހައްމަދު އަލީ.

23 January 2024

އާޒިމް އަކީ ވަރަށް ނުބައި މީހެއް. އެއްވެސް ވަރަކަށް އޭނަ ބޭނުމެއް ނުވާނެ މިސަރުކާރުން ރައްޔިތުންގެ ހައްގުގައި އެއްވެސް ކަމެއް ކުރާކަށް.

The name is already taken The name is available. Register?

މަސަލާމް

23 January 2024

މާލޭގެ މީހުން ކޮންމެ ފަހަރަކު ހަދާ އެންމެ ބޮޑުގޯސް އަނެއް ޕާޓީ މީހަކު ހޮވުން.

The name is already taken The name is available. Register?

ގޯހެކޭ

24 January 2024

އެއް ޕާޓީއެއްގެ މީހުން ތިބުމަކީވެސް އެބަ ގޯހަކަށްވޭ ބައެއް ފަހަރު. ރަގަޅު ގޮތަކީ ޕާޓީ ނޫން މީހަކު ހުރުން. އެކަމު އެކަން އެއީ ދެން މިގައުމުގަ ނުވާނެ ކަމެއް.

The name is already taken The name is available. Register?

ޖީހާން މުހައްމަދު

23 January 2024

އާދަމް އާޒިމްގެ ގޮތެއް ނޭނގެ. ހަމަ ގައިމުވެސް ޑރ.މުޢިއްޒް އެއްބާރަލުން ދޭނެ.

The name is already taken The name is available. Register?

އަފްރާސިޔާބު

23 January 2024

އާދަމް އާޒިމަށް އޮތީ އެނިމަލް ވެލްފެއަރ އަންގާ ގޮތެއްގެ މަތިން ބުޅާ ބެލެހެއްޓުމާއި މާލޭގެ ކުނިނެގުން. އެނޫން ކަމެއް އޭނާއަށް ދޫކޮށްލެވޭ ކަށް ނެތް.

The name is already taken The name is available. Register?

ބަޑިތަކުރު

23 January 2024

ދުނބުރިޔެއް ކިތަންމެ ވަރަކަށް ދޮންކުރިޔަސް އަނބަކަށް ނުވާނެއެވެ. ލާމަރުކަޒީ ނިޒާމު ކިތަންމެ މޮޅުކުރަން ވާހަކަ ދެއްކިޔަސް އެއިރެއްގައި އޮންނަ ސަރުކާރަކަށް އަޣުލަބިއްޔަތު ނުލިބިއްޖެނަމަ އެތާކުން އެންމެ އެދެވޭ ނަތީޖާއެއް ނުނެރެވޭނެއެވެ. ސަރުކާރުން އެކަމަށް ގާބިލު އެންމެ މީހަކު އައްޔަންކޮށްގެން އެތަންތަން ހިންގީމާ ސަރުކާރުން ބޭނުންވާ ނަތީޖާނެރެވޭނެއެވެ. އަޣުލަބިއްޔަތު ލިބުނީމާ ވެސް ބޮޑުވަރަކަށްވާނީ އެވަރެވެ. އެއާއެކު ޚަރަދު އެތައް ގުނައެއް އިތުރުވެއެ

The name is already taken The name is available. Register?

ރާމިހް

23 January 2024

ކުރިންވެސް މުއިއްޒްއަށް އެއްބާރަލުން ނުދިނީ ސަރުކާރުން. ނަމަވެސް މުއިއްޒް ދޭނެ އެއްބާރަލުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454