ސިނަމާލެ ބްރިޖުގެ މައި ދޮރޯށީގައި ދަބަރު ފޮޅި، މާލޭގެ މޫނުމަތި ހަޑިވެފައި.-- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
29 ޖެނުއަރީ 2024 - 12:17
ރާއްޖެ އާއި ޗައިނާގެ އެކުވެރި ގުޅުން ރަމްޒު ކޮށްދޭ ބިނާ، ސިނަމާލެ ބްރިޖުގެ މެއިންޓެނަންސްގެ މަސައްކަތް އިތުރު ތިން އަހަރަށް ހިލޭ އެހީގެ ދަށުން ކޮށްދޭން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ރޭ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވިދާޅުވީ ސިނަމާލެ ބްރިޖުގެ މަސައްކަތް 2018 ވަނަ އަހަރު ނިންމުމަށް ފަހު، ބްރިޖު ހެދި ކުންފުނިން ދެ އަހަރު ވަންދެން އެ ތަނުގެ މެއިންޓެނަންސްގެ ކަންކަން ވަރަށް ރަނގަޅަށް ބެލެހެއްޓި ކަމަށެވެ.
ނަމަވެސް، އޭގެ ފަހުން ކޮންޓްރެކްޓް އާ ނުކުރެވި މެއިންޓެނަންސްގެ ކަންކަން ރަނގަޅަށް ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭގެ ފަހުން ކުނި ކަހައި ސާފުކުރުން ފިޔަވައި މެއިންޓެނަންސްގެ މާ ބޮޑު ކަމެއް ނުހިނގާ،" މުއްތަލިބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ބްރިޖުގެ މެއިންޓެނަންސް އަކީ ވަރަށް މުހިންމު ކަމެކެވެ. ބްރިޖުގެ އެކްސްޕޭންޝަން ޖޮއިންޓުތައް ވެސް ބަރާބަރަށް ސާފުކުރަން ޖެހޭނެ ކަމަށާއި އެކަމަކު އެކަން ވެސް މިދިޔަ އަހަރުތަކުގެ ތެރޭގައި ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޗައިނާ ސަރުކާރުން އަނެއްކާ ވެސް އެއްބަސްވެފައި އެބައޮތް އިތުރު ތިން އަހަރަށް ހިލޭ އެހީގެ ދަށުން އެކަން ކޮށްދެއްވަން. ކޮންޓްރެކްޓާ ވެސް އައިޑެންޓިފައި ކޮށްފައި، ކޮންޓްރެކްޓާ ވެސް ހޮވައިފައި އޮތީ އަދި ސޮއިނުކޮށް،" އޭނާ ވިދާޅުވި އެވެ.
ސިނަމާލެ ބްރިޖުގެ މައި ދޮރޯށީގައި ދަބަރު ފޮޅި، މާލޭގެ މޫނުމަތި ހަޑިވެފައި.-- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
މުއްތަލިބް ވިދާޅުވި ގޮތުގައި، ޗައިނާ ސަރުކާރުން އެގޮތަށް އެއްބަސްވިޔަސް ކޮންޓްރެކްޓަރާ ސޮއިނުކޮށް އޮންނަތާ މިހާރު ވަރަށް ގިނަ ދުވަސް ވަނީ ވެފަ އެވެ. ކަމާ ބެހޭ އިދާރާތަކުން ލިބެން ޖެހޭ ހުއްދަތައް ލިބުނުހާ އަވަހަކަށް އެ އެއްބަސްވުމުގައި މި ސަރުކާރުން ސޮއިކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިނަމާލެ ބްރިޖު މެއިންޓެނަންސް މަސައްކަތުގެ އެއްބަސްވުމުގެ މުއްދަތު ޗައިނާގެ ސީސީސީސީ ކުންފުންޏާއެކު އިތުރުކުރުމަށް ސަރުކާރުން ނިންމައި އޭގެ އަމަލީ މަސައްކަތް ފެށި ކަމަށް ކުރީގެ ސަރުކާރުން މިދިޔަ އަހަރު ކުރީކޮޅުގައި ބުނެފައިވެ އެވެ. ނަމަވެސް، އޭގެ ފަހުން އެ މަސައްކަތުގެ އެއްވެސް އަޕްޑޭޓެއް ނުދެ އެވެ.
ބްރިޖަށް އަރާއިރު ހުންނަ ގިޑިގެ ވަރަށް ބޮޑަށް ހަލާކުވެފައި ވާތީ ސްޓެލްކޯއާ ހަވާލުކޮށްގެން ވެސް މިދިޔަ އަހަރު ފަހުކޮޅުގައި ވަނީ އެތަން މަރާމާތުކޮށްފަ އެވެ.
މިހާތަނަށް ރާއްޖޭގައި ހިންގި އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ސިނަމާލެ ބްރިޖަށް ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރު ލޯނެއްގެ ގޮތުގައި ޗައިނާ އިން ދިން އިރު، ދިވެހި ސަރުކާރުން ވަނީ 12 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަކަރިމޭން
30 January 2024
ތިވެސް ލިބޭނީ ޗައިނާ ކުންފުންޏަކަށް. ދިވެހިންނަކަށް ފުރުސަތެއް ނޯންނާނެ. ސަތޭކައެއްހާމީހުން އެތެރެކޮށް 3 އަހަރުތިބޭނެ. ގިޑިގެއަކީ ބޭކާރުއެއްޗެއް. ދާއިމަށް ޚަރަދުކުރަންޖެހޭނެ އެއްޗެއް. ނައްޓާލަންވީ.
ޕިކްސް
29 January 2024
މިކަހަލަ ބޮޑެތި އެސެޓްތަކާ މެދު ފަރުވާ ކުޑަކުރާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރެވެން އެބަޖެހޭ.
އަބްޑޫޅް +
29 January 2024
ހޫނ ރަގަޅު. އިންޑިޔާގެ ބަޖާޖު ކުރޮޅި ދުއްވާ ބުރިޖު ކޮބާ؟
ސަލީމު އިދުރީސް
29 January 2024
ގަމާރީހަމަ ބުރިޖުތަކަކީ ތިގޮތައް ހިލޭބެހެއްޓޭނެ އެއްޗެއްނޫން ބުރިޖުތައް ހަދާފަ ހުންނަނީ ތަތުކުރާއަދައް ބަލައި ތިފަދަ ކަންތައް ކުރާވަރައް ފައިސާނަގާގޮތައް ބަލައިގެން!
ބސބސ
29 January 2024
ސާބަހޭ..5 އަހަރު އަތްނުލައި އޮތްތަން.
ހަމައެހެން
29 January 2024
ޗައިނާ އާއި ޖަޕާން އަކީ އަބަދުވެސް އެދުމެއްނެތި ހެޔޮ ވެދުމާއިގެން މި ގައުމަށް ތަރައްގީ ގެެނެސްދޭ ދެ ގައުމު
ވާން
29 January 2024
ހަމަ އެކަނި ޖަޕާން. ކޮން ޗައިނާއެއް؟