30 ޖެނުއަރީ 2024 - 07:13
ލަންޑަން (ޖެނުއަރީ 30) - ސްޕޭނުގެ މީޑިއާތަކުން، އޭނާ އާ ބެހޭގޮތުން ފެތުރި ފޭކް ޚަބަރުތަކާ ގުޅިގެން އާސެނަލްގެ ކޯޗު މިކަލް އާޓެޓާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ އެވެ.
އޭނާ ނިސްބަތްވާ ސްޕޭނުގެ ބައެއް މީޑީއާތަކުން ވަނީ، ބާސާގެ ކޯޗަކަށް ވާން އާޓެޓާ ބޭނުންވާ ކަމަށް ބުނެ ރިޕޯޓްކޮށްފަ އެވެ. އެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އާޓެޓާ ވަނީ އޭނާގެ ވަރަށް ގާތް ރަހުމަތްތެރިންގެ ގާތު ބާސާގެ ކޯޗަކަން ވާން ފުރުސަތު ލިބިއްޖެނަމަ އެ ފުރުސަތު ބޭނުން ކުރާނެ ކަމަށް ބުނެފަ އެވެ. ބާސާގެ މިހާރުގެ ކޯޗު ޒަވީ ހެނާންޑޭޒް ވަނީ މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލަން ނިންމައިފަ އެވެ.
ކުރިން ބާސާގެ ޔޫތު ޓީމަށް ކުޅުނު އާޓެޓާ ވަނީ އޭނާއާ ބާސާއާ ގުޅުވައި ސްޕޭނުގެ މީޑިއާތަކުން ފެތުރި ޚަބަރުތައް ދޮގުކޮށްފަ އެވެ. އޭނާ ބުނީ އެ ޚަބަރުތަކުގެ ސަބަބުން އޭނާ ދެރަ ވެސް ވާ ކަމަށެވެ.
"އެއީ މުޅިން ހަގީގަތާ ހިލާފު ވާހަކައެއް. އެ ފަތުރާ ވާހަކަތަކާ މެދު އަހަރެން ވަރަށް ދެރަވަން،" އާޓެޓާ ބުންޏެވެ.
""އަހަރެން މިހާރު މިހުރީ އެންމެ ރަނގަޅު ތަނުގައި [ޓީމުގައި] (އަހަންނަށް) އެންމެ ރަނގަޅު މީހުންނާ އެކީގައި. މި ފުޓްބޯޅަ ކްލަބާއި މުވައްޒަފުންނާ ކުޅުންތެރިންނާ އެކު ވަރަށް ރީތި ދަތުރެއްގައި އަހަރެން ކުރިއަށް މިގެންދަނީ. އަދިވެސް ކުރަން ހުރި ގިނަ ކަންތައްތަކެއް އެބަހުރި."
ސްޕޭނުގެ މީޑިއާތަކުން އެ ޚަބަރުތައް ފަތުރަން ޖެހުނު ގޮތެއް އޭނާ އަށް ނޭނގޭ ކަމަށް އާޓެޓާ ބުންޏެވެ.
"އަހަރެންނަށް ޤަބޫލެއް ނުކުރެވުނު،. އެއީ ކޮންތާނަކުން ކީއްވެގެން (އެ މީޑިއާތަކިުން) ފަތުރާ ވާހަކަތަކެއް ކަމެއް ވެސް އަހަންނަކަށް ނޭނގުނު،" އެ ޚަބަރުތަކާ ހެދި އޭނާ ރުޅި އައީ ކީއްވެގެންތޯ ސުވާލު ކުރުމުން އާޓެޓާ ބުންޏެވެ.
"ވަކިން ހާއްސަކޮށް އަމިއްލަ ކަންކަމުގެ ވާހަކަ ދައްކާއިރު ވަރަށް ބޮޑަށް ސަމާލުވާންޖެހޭ. ދެވަނަ ކަމަކަށް އެފަދަ ޚަބަރެއް އަޑުއަހަން މީހަކަށް ހައްގު ނޫންކަމަށް އަހަރެން ދެކޭތީ. އަހަރެން އަބަދުވެސް ބުނަނީ އެ ވާހަކަތަކާ މުޅިން ޚިލާފަށް އެހެންވެ އަހަރެން ހިތްހަމަނުޖެހުނީ."
ޒަވީ އަށް ފަހު ބާސާގެ ކޯޗަކަށް ވާނެ މީހަކާ މެދު ސްޕޭންގެ މީޑިއާތަކުން ދަނީ އެކި ކޯޗުންނާ ގުޅުވައި ވާހަކަ ފަތުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy