ބަޔަކު މާސް ބާނަނީ: މަސް ރޭހެއް ކެންސަލްކުރި މައްސަލާގައި ބަދަލު ހޯދަން ކޯޓަށް ހުށަހެޅި މައްސަލަ ވަނީ ނާކާމިޔާބުވެފައި
14 ފެބުރުއަރީ 2024 - 13:11
ލ. ފޮނަދޫގައި ބާއްވަން ނިންމި މަސް ރޭހެއް ކެންސަލްކުރި މައްސަލާގައި ބަދަލު ހޯދަން ދައުވާ ކުރުމުން ބަދަލު ދޭންޖެހޭ ސަބަބެއް ނެތް ކަމަށް ކޯޓުން ހުކުމްކޮށްފި އެވެ.
ފޮނަދޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީން މިދިޔަ އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް މަސްރޭހެއް ބާއްވަން ނިންމި ނަމަވެސް އެ މަސް ރޭހަށް ފުރައިގެން ދިޔަ ފަހުން މަސް ރޭސް ކެންސަލްކުރި މައްސަލާގައި އެ ކޮމިޓީއާ ދެކޮޅަށް ދައުވާކުރީ އެ ރޭހުގައި ބައިވެރިވާން އުޅުނު ޓީމެއްގެ އިސް މީހެކެވެ.
އެ މީހާ ދައުވާކުރީ ލޯންޗު ކުއްޔަށް ހިފުމަށާއި ތެޔޮ އެޅުމަށާއި އެހެނިހެން ސާމާނު ގަތުމަށް ހަރަދުކުރި 3،200ރ. ހޯދުމަށެވެ. އެކަމަކު، އަންހެނުންގެ ކޮމިޓީން ބުނެފައިވަނީ މަސްރޭސް ކެންސަލްކުރީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.
ފޮނަދޫ ކޯޓުން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމުގައި ވަނީ މަސް ރޭހުގެ ގަވާއިދުގައި މޫސުން ގޯސްވުމުގެ ސަބަބުން މަސް ރޭސް ކެންސަލްކުރާ ނަމަ އަމަލު ކުރަންޖެހޭ ގޮތެއް ބަޔާން ކޮށްފައި ނެތް ކަމަށެވެ. އިންސާނުންގެ ބާރު ނުހިނގާ ގުދުރަތީ ކަންކަމާ ގުޅިގެން ލިބޭ ގެއްލުންތަކަށް ޒިންމާވާން ނުޖެހުމަކީ ދުނިޔޭގެ ހުރިހާ ނިޒާމުތަކެއްގައި ބަލައިގެންފައިވާ އުސޫލެއް ކަމަށް ހުކުމުގައި ވެ އެވެ. އެހެންވެ، އަންހެނުންގެ ކޮމިޓީން އަމަލުކުރީ ގަވާއިދާ ހިލާފަށް އަދި ޒިންމާދާރުކަން ކުޑަކޮށް ކަމަށް ނިންމެން ނެތް ކަމަށް ހުކުމުގައި ބުންޏެވެ.
އެހެންވެ، އެ މައްސަލާގައި ގެއްލުމުގެ ބަދަލު ނަގައިދެވެން ނެތް ކަމަށް ހުކުމުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާކަނިމާ
14 February 2024
ރާކަނިމަސް ކެވިއްޖެއެއްނު؟
އަދުރޭސް
14 February 2024
ހައްހައްހައްހައްހާ. ކަލޯ ދެން މަދަނީ ކޯޓަށް މައްސަލަ ހުޑަހަޅާ. އެތަނުން ކާމިޔާބު ނުވެއްޖެއްޔާ ސުޕްރީމް ކޯޓަޑްވެސް ދާތި. އެތަނުން ކާމިޔާބު ނުވެއްޖެއްޔާ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާ. އެތަނުން ނުވެއްޖެއްޔާ ކުއްލި މައްސަލައެއްގެ ގޮތުގަ މަޖިލީހަށް ހުށަހަޅާ. ކޮންމެގޮތެއް ހަދާފަވެސް ތި ލާރިކޮޅު ހޯދަންވާނެ.
އަލިރޯދި
14 February 2024
ލާމު އަތޮޅު މީހުންނަކީ ހަމަ ލެޖެންޑުން، އޮންނާނެ ކާޅު ގެންދިޔަ މައްސަލައެއްވެސް. ނިކަން ލާރިއާ ހެދި ފޯރި ހުންނަ ބައެއް އުޅޭ ރަށެއް. ލާމުން ލާރި ވިއްޔާ ދޯ