ޝާހްރުކް ހާން އާއި އޭނާގެ އަންހެނުން ގޯރީ ހާން.
18 ފެބުރުއަރީ 2024 - 06:26
ބޮލީވުޑްގެ ސުޕަސްޓާރު، ޝާހްރުކް ހާންގެ އަންހެނުން އަދި ފިލްމު ޕްރޮޑިއުސަރު ގޯރީ ހާން ބޮންބޭގައި ރެސްޓޯރެންޓެއް ހުޅުވައިފި އެވެ.
އިންޓީރިއާ ޑިޒައިނިންގައި ވެސް ފާހަގަކޮށްލެވޭ މީހެއް ކަމަށްވާ ގޯރީގެ މި ރެސްޓޯރެންޓް ހުޅުވީ މި މަހު ނުވައެއްގަ އެވެ. ނަމަވެސް، މި ރެސްޓޯރެންޓް ހުޅުވުމަށް ހާއްސަކުރި ހަފުލާ ބޭއްވީ މިދިޔަ ބުދަ ދުވަހު އެވެ. އެ ހަފުލާގައި ބޮލީވުޑްގެ މަޝްހޫރު އެތައް ސެލެބްރިޓީންނެއް ބައިވެރިވި އެވެ.
އޭނާ އިންޓީރިއާ ޑިޒައިން ހެދި މި ރެސްޓޯރެންޓްގެ ނަމަކީ "ޓޯރީ" އެވެ. އަދި މިތަން ހާއްސަކޮށްފައި ވަނީ އޭޝިއާގެ ކެއުންތަކަށެވެ.
ވޯގް އިންޑިއާ އިން ދިން އިންޓަވިއުއެއްގައި ގޯރީ ބުނީ މިއީ ދިރިއުޅުމުގައި ތަފާތު ކަމެއް ތަޖުރިބާކުރުމަށް އޭނާ ފެށި މަސައްކަތެއް ކަމަށެވެ. އަދި މި ރެސްޓޯރެންޓް ހުޅުވީ އިތުރު ދެ މީހަކާ އެކު ޕާޓްނާޝިޕް ހަދައިގެން ކަމަށް ވެސް ގޯރީ ބުންޏެވެ.
"މި ރެސްޓޯރެންޓްގެ މެނޫއިން އަހަންނަށް އެންމެ ކަމުދަނީ ހުރިހާ ވައްތަރެއްގެ ސޫޝީއެއް، ހާއްސަކޮށް ޑާޓީ ޓޯރީ ސޫޝީ. ދެން ބްލެކް ކޮޑް އާއި ގްރީން ތައި ކަރީ، ޗިކަން ސްލައިޑާ އަދި ޑެސާޓަކަށް ޓްރެސް ލެޗެސް އާއި ޗޫރޯސް،" ގޯރީ ބުންޏެވެ.
އަމިއްލަ ރެސްޓޯރެންޓެއް ހުޅުވުމުގެ ކުރިން ގޯރީ ވަނީ ބޮންބޭގެ އެހެން ބައެއް ރެސްޓޯރެންޓްތަކުގެ އިންޓީރިއާ ޑިޒައިނިންގެ މަސައްކަތް ވެސް ކޮށްފަ އެވެ. އޭނާ އަމިއްލަ އަށް ޑިޒައިންކޮށްފައިވާ ފަރުނީޗަރު ވިއްކާ ފިހާރައެއް ވެސް ބޮންބޭގައި ހުރެ އެވެ.
ފެޝަން ޑިޒައިނިންގައި ވެސް އުޅޭ ގޯރީ ވަނީ 2017 ވަނަ އަހަރު އޭނާގެ އަމިއްލަ ޑިޒައިން ސްޓޫޑިއޯ ވެސް ހުޅުވައިފަ އެވެ.
އެ ހުރިހާ މަސައްކަތަކާ އެކު، އޭނާ އާއި ފިރިމީހާ ޝާހު ގުޅިގެން އަންނަނީ އެ ދެމަފިރިންގެ އަމިއްލަ ފިލްމު ޕްރޮޑަކްޝަން ހައުސް "ރެޑް ޗިލީސް އެންޓަޓެއިންމަންޓް" ވެސް ހިންގަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy