ރައީސް ޑރ. މުހައްމަދު މުއިއްޒު، ގދ، ތިނަދޫއަށް ވަޑައިގަތުމުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައި.-- ފޮޓޯ: ރައީސް އޮފީސް
20 ފެބުރުއަރީ 2024 - 23:11
ސަރުކާރުގައި ފައިސާ ހުރެ، މަސްވެރިންނަށް ގަސްދުގައި ފައިސާ ނުދީ ސަރުކާރުން ނުތިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ގދ. ތިނަދޫ ރައްޔިތުންނާ ބައްދަލުކުރައްވަން މި ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ މަސް ކިރުމަށް ފަހު، މިފްކޯ އިން ފައިސާ ދޫކުރުން ލަސްވެ، ކޫއްޑޫގައި މުޒާހަރާ ކުރަމުންދާ މައްސަލައާ ގުޅިގެން ވެސް ވާހަކަފުޅު ދައްކަވައިފަ އެވެ.
ކުއްޑޫގައި މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މަސްވެރިން މުޒާހަރާ ކުރަމުން ދަނީ ސަރުކާރުން އެ މީހުންނަށް ދޭންޖެހޭ 300 މިލިއަނެއްހާ ރުފިޔާ ނުދީ އޮތުމުންނެވެ.
ކުރިއަށް އޮތް ރޯދަމަހުގެ ކުރިން އެ މީހުންނަށް ދޭން ޖެހޭ ފައިސާ ދޭނެ ކަމަށް ސަރުކާރުން ބުނުމުން ވެސް ކޫއްޑޫގައި މުޒާހަރާ ކުރަމުންދާތީ، އެކަމާ ގުޅިގެން ރައީސް މުއިއްޒު މިރޭ ވިދާޅުވީ، އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، މަސްވެރިކަމުގެ ދާއިރާ ވެސް ވެއްޓިފައި އޮތީ ފުން އަނދަވަޅަކަށް ކަމަށާއި މަސްވެރިންނަށް ދޭން ޖެހޭ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ނުދީ ހުރި ކަމަށެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން މިހާތަނަށް 442 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށާއި އިތުރަށް ދެވެން އޮތް ވަރަކުން ވެސް އެ ފައިސާ ދެމުން އަންނަ ކަމަށެވެ.
މަސްވެރިންނަށް ފައިސާ ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅަކީ ރާއްޖޭގެ އިގްތިސާދު ވެސް އަޑިއަޅާލާފައިވާ ދަނޑިވަޅެއް ނަމަވެސް އިގްތިސާދު ކޮޅަށް ޖެހުމަށް ކުރާ މަސައްކަތާ އެކު އެ ފައިސާ ވެސް ދޫކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
އިރާދަކުރެއްވިއްޔާ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވެސް ދެމުންދާނީ. މިކަމުގައި އަޅުގަނޑު އެދެނީ މަސްވެރިން ވެސް އެކަން ގަބޫލުކުރެއްވުމަށް. އެއްވެސް ހާލަތެއްގައި އަޅުގަނޑުމެންގެ އަތުގައި ދެވެން ހުރި ފައިސާ ގަސްދުގައި ނުދީ އުޅެނީއެއް ނޫން - ރައީސް
ރައީސް މުއިއްޒު ވަނީ ކޫއްޑޫގައި މިހާރު ކުރަމުންދާ މުޒާހަރާގެ ތެރެއިން ކަރަންޓު ކަނޑާލުމުގެ އިންޒާރު ދިނުން ކަހަލަ ކަންކަން ސޯޝަލް މީޑިއާގައި މަސްވެރިން ކުރަމުންދާތީ އެކަން އެގޮތަށް ނުކުރުމަށް ވެސް އެދިވަޑައިގެންފަ އެވެ. ތަންތަނަށް ގެއްލުން ދިނުމުން އޭގެ ގެއްލުން ވެސް ވާނީ ރައްޔިތުންނަށް ކަމަށް ވިދާޅުވެ ރައީސް ވަނީ މަޝްވަރާ ކޮށްގެން އެކަމަށް އަލި މަގެއް ހޯދަން އެދިވަޑައިގެންފަ އެވެ.
"މި ކަމުގައި އަޅުގަނޑު އެދެނީ މަސްވެރިންގެ ކިބައިން ވެސް މިކަން ގަބޫލު ކުރެއްވުމަށް. އެއްވެސް ވަރަކަށް އަޅުގަނޑުމެންގެ އަތުގައި ދެން ހުރި ފައިސާ ހުރެ ގަސްދުގައި ނުދީއެއް ނުތިބޭނަން. އެއީކީއެއް އަޅުގަނޑު ކަން ކުރާނެ ގޮތެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ކޫއްޑޫގައި މަސްވެރިން މިހާރު ކުރާ އިހުތިޖާޖު އެ މަނިކުފާނަށް ގަބޫލުފުޅު ކުރެއްވެ އެވެ. އެކަމަކު، އެކަން އެ ގޮތަށް ކޮށްގެން މުޅި ގައުމަށް މާ ބޮޑު ކުރިއެރުމެއް ނުލިބޭ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑު އެދެނީ އިތުރަށް އަނެއްކާ ވެސް މަޝްވަރާ ކުރައްވަން. އަޅުގަނޑު ވެސް މި ހުރީ ތައްޔާރަށް އަޅުގަނޑާ ބައްދަލުކުރަން ބޭނުންފުޅިއްޔާ. އަޅުގަނޑު ވެސް މި ހުރީ މިރޭ ވިޔަސް މާދަން ވިޔަސް މަޝްވަރާ ކުރަން ތައްޔާރަށް. އެހެންވީމާ މަޝްވަރާ ކުރެވިގެން، ވާހަކަ ދެއްކެވިގެން ރިވެތި އުސޫލުން ކަންކަން ކުރީމާ ކަންކަން ވާނީ،" ރައީސް ވިދާޅުވި އެވެ.
މިހާރު ދޫނުކޮށް ހުރި 300 މިލިއަނެއްހާ ރުފިޔާގެ ތެރެއިން 100 މިލިއަން ރުފިޔާ މި މަހުގެ 26 ގެ ކުރިން ދޭން ސަރުކާރުން އެއްބަސްވުމުން ވެސް ކޫއްޑޫގައި މުޒާހަރާކުރާ ހުއްޓާކަށް އެ މީހުން ބޭނުމެއް ނުވެ އެވެ. މަސްވެރިން ވަނީ އެމީހުން ބޭނުންވަނީ ވަގުތުން ފައިސާ ލިބެން ކަމަށް ބުނެފަ އެވެ. އެ މައްސަލާގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވެސް ވަނީ މަސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. އަދި މިފްކޯގެ އިސްވެރިން މިހާރު ވެސް ކޫއްޑޫގައި ގެންދަވަނީ މަޝްވަރާ ކުރައްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮގެއް
22 February 2024
ޗައިނާއިންދިން މިލިޔަން މިލިޔަން ޑޮލަރު ތިޔޮއްގެން ތަޅާލަނީ ކެމްޕޭނަށް
MySuperGreenDOTcom
22 February 2024
މިމައްސަލައިގާ އިތުރުވަގުތުކޮޅެއް ސަރުކާރަށްދިނުމަކީ އެންމެ އެދެވިގެންވާގޮތްކަމަށް ދެކެން، ނިމިދިޔަސަރުކާރުގައި އެއްވެސްކަމެއް އެކަށީގެންވާގޮތެއްގައި މެނޭޖުކުރެވިފައިނެތްކަން އެންމެންވެސްގަބޫލުކުރަމު އެހެންނުންތޯ؟ ހަމައެޔާއެކު މިވީހާދުވަހު މަސްވެރިން އުޅޭހާލުވެސް އަޅުގަނޑު ވަރަށްގާތުން އެބަދެކެން، ފިހާރަތަކަށް ދަރާވިކިފަ، ދިރިއުޅުމުގެ ޒަރޫރީކަންކަން ނުކުރެވި، މަރާމާތުކުރަން ތަންތަނަށްލާ ފޯނުފަދަ އެއްޗެހި ފައިސާނެތިގެން އަނބުރާނުގެންދެވި!
ބޮޑުރިޔާ
22 February 2024
ސަރުކާރުގައި ފައިސާ ނެތްނަމަ ތިޔަފަށާ ބިޔަ މަސްރޫއު ތަކެއްނުފަށާނެ މަށައް މީގެން ސިފަވަނީ ދެގޮތް އެއްގޮތަކީ ފައިސާހުރެ އެހެންކަންކަމަށް ހަރަދުކުރުން އަނެއްގޮތަކީ އަސްލުގައިވެސް ފައިސާ ނެތުން އެކަމަކު މަޖިލީހަށް ރަށްށުގެ މީހުންގެ ލޮލުގައި އަނދުން އެޅުވުން މިދެގޮތް
ކަރާސީނު
21 February 2024
ސަރުކާރުގައި ފައިސާ ހުރި މިންވަރު އެނގިގެންދާނީ މަޖިލިސް އިންތިޚާބަށް ނިކުންނަ 'ސަރުކާރަށް ނިސްބަތްވާ' ކެންޑިޑޭޓުންގެ ކަަޅުދަބަސް ތަކުން.
އަހާ
21 February 2024
ފައިސާ ހުރީމަތާ ސިޔާސީ އެތައް ވަޒީފާއެއް ތިޔަދިނީ. 200 ވަރަކަށް ނައިބުން، 100 ވަރަކަށް ސްޓޭޓްމިނިސްޓަރުން، 60 ވަރަކަށް މިނިސްޓްރުންގެ ފެންވަރު. އަދި ނުވިތާކަށް އެތައް ކޯޑިނޭޓަރުންނާއި، އެކިއެކި ނަންނަންކިޔާ ސިޔާސީމީހުން. ގާނޫނު އަސާސީގެ 115 ވަނަ މާއްދާއޭކިޔާ ގައުމަށްނުކުޅަދާނަ ވަރަށް ސިޔާސީމީހުން އައްޔަނު ކުރީމާއޭތި ބަލައެއްނުގަނެވޭ. ހަމައެއް އޮންނަންވާނެ. ޕީއެސްއެމުން އެބަހުރި ފައިސާނުލިބި 1 އަހަރުވީބިލް. މިއީ އިންސާފުތޯ؟؟؟
އަލިދީ
21 February 2024
އިގްތިސާދު އަޑި އަޅާފައޭ ފައިސާ ހުރިނަމަ ދޭނަމޭ ކިޔަމުން ބޮޑުވަފުދެއް ގޮވައިގެން އައްޑޫ އަށް ގޮސް 800 މިލިއަން ޑޮލަރު ގެ ބްރިޖެއް އަދި ތިނަދޫ ގައި 600 މިލިއަން ޑޮލަރުގެ އެއަރޕޯޓެއް އަޅާ ވާހަކަ ދައްކާތީ ފައިސާނެތް ކަމަށް ގަބޫލު ކުރަން މަސްވެރިންނަށް ވެސް އުދަގޫ ވެގެން އުޅެނީ. އަރަބި މަހްޖަނުން އުޅޭ ގޮތަށް އުޅެމުން ފައިސާ ނެތޭ ބުންޏަސް އެކަކު ވެސް އެވާހަކަ ގަބޫލެއް ނުކުރާނެ.
އަސްލަމް ވަހީދު
21 February 2024
ހީވޭ ކަމެއްހެން. މުއިއްޒްމެންގެ ހުންނާނެ އިހްލާސްތެރިކަން.
މާހިދް
21 February 2024
މިހާރުވެސް މިގައުމުގެ ދަރަނި އެބަހުރި 150 ބިލިއަން އާ ކައިރި ކުރާވަރަށް. ހަމަ އެކަނި ކުންފުނިތަކުން މީހުންނަށް ދޭންޖެހޭ 9 ބިލިއަން ރުފިޔާ އެބަހުރި. މީގެ ކުރިން މިގައުމުގަ ވެރިކަން ކޮށްފަ ދިޔަ މީހާއަކީ މީހުންގައިން ލޭބޯ މީހެއްތޯ އެބަޖެހޭ ބަލަން
މުޖާހިދް
21 February 2024
ވަރަށް ފަސޭހަވާނެ ލާރިދޭން އިބުރާހިމާ ހެދިހެން ހެދީމަ. އެއްމިއެއް ނުބަލާ ފައިސާ ޗާޕްކޮށްފަ 5 އަހަރު ނިންމާލީމަ. އެކަމަކު އެއީ ގައުމަށް ހެޔޮއެދޭނެ ބަޔަކު ކުރާނެ ކަމެއްނޫން
ދާއިން
21 February 2024
ސިޔާސީ މަގާމުތަކަށް މީހުން ނެގުންވެސް ވަނީ ހުއްޓާލާފަ، އަދި މުއިއްޒު ބުނި އަދަދަށް ސިޔާސީ މުއްޒަފުން ނަގާނުނިމޭ.. ނަމަވެސް އެކަންކަން އެއިނީ ހުއްޓާލާފަ. އެއީ ގައުމު އިގްތިސާދު ވައްޓާލާފަ އޮތް ދަތި ހާލުން ސަލާމަތް ކުރަން